ކ. ތުލުސްދޫ: އެ ރަށަށް ފުރަތަމަ ދިޔަ ދެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ
07 ނޮވެމްބަރ 2020 - 12:40
ކޮވިޑް-19ގެ ސަބަބުން ކ. ތުލުސްދޫގެ ވެސް ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު މިއަދު އެ ރަށް ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ތުލުސްދޫން މިއަދު ވަނީ އެ ރަށަށް ފުރަތަމަ އައި ދެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފަ އެވެ.
ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ގިނަ ގެސްޓްހައުސްތަކެއް ހުންނަ އެ ރަށުގައި ތިން ތަނަކަށް ހުއްދަ ދީފައިވި ނަމަވެސް ޓޫރިސްޓުން އަދި އައީ އެންމެ ގެސްޓްހައުސް އަކަށެވެ.
ގިނަ ދުވަސްތަކަށް ފަހު ރަށަށް ޒިިޔާރަތް ކުރި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ރަށުގައި ކުޑަ ހަފުލާއެއް ވެސް ވަނީ ބާއްވާފަ އެވެ.
ތުލުސްދޫ ކައުންސިލް މެމްބަރު މުހައްމަދު ޝަހީމް ވިދާޅުވީ ރަށުގެ ގިނަ ޒުވާނުންގެ ދިރިއުޅުން ގުޅިފައިވަނީ ގެސްޓްހައުސްގެ ވިޔަފާރިއާ ކަމަށާއި އެހެންވެ، އެ ތަންތަން ބަންދުކޮށްފައި ހުރުމުން އެ މީހުންގެ ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. ގެސްޓްހައުސްގެ ވިޔަފާރި އަލުން ފެށުމަކީ އެންމެންނަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިސްޓުން ގޮވައިގެން ރާޅާ އަޅަން ގޮސް، މޫދަށް ގޮސް ހަދާނީ ޒުވާނުން. އެހެންވެ، މަސައްކަތެއް ނެތިފައި އެހެން ތިބެން ޖެހުމުން، ގޯސް އަތަކަށް އެ މީހުން އަޅާފާނެ ކަމުގެ ބިރު އަޅުގަނޑުމެންނަށް އޮތް،" ޝަހީމް ވިދާޅުވި އެވެ.
"އެހެންވެ، އަލުން ގެސްޓްހައުސްތައް ހުޅުވުމަކީ އަޅުގަނޑުމެންނަށް ލިބުނު ހިތްހަމަ ޖެހުމެއް."
ޓޫރިސްޓުން އައުމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާ އެއްގޮތަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މިހާރު އާއްމުންނަށް ބޭރަށް ނިކުމެވޭނީ މާސްކް އަޅައިގެންނެވެ.
ތުލުސްދޫގެ އިތުރުން ގިނަ ރަށްތަކެއްގައި މިހާރު އަންނަނީ ގެސްޓްހައުސްތައް ހުޅުވައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔަމުންނެވެ. އެކަމަކު ޒިިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެ، ވިޔަފާރިތަކަށް ކުރިއެރުމެއް އަންނާނީ ޑިސެމްބަރުމަހުގެ ތެރޭގައި ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުން
07 November 2020
މަރުޚަބާ ކިޔަން ހުރިހާފަރާތްތަކަށްވެސް
ރިނބުދޫ
07 November 2020
ހިދުމަތް ރަނގަޅުކޮއްލަ ދީ.
ބާކީބައި
07 November 2020
ހުޅުވި ގެސްޓްހައުސްތަކުގެ ނަންތަން ކީއްވެ ނެތީ؟
ޓޫރިސްޓުމީހާ
07 November 2020
ޓޫރިސްޓުންގެ ފޮޓޯގެ ކަނަކަށް އަރުވާފައި ރަށު ވެރިން މެދަށް އަރާފައި ބޮޑު ފޮޓޯ ޝޫޓެއް ޖެއްސީމަ ދެން ވަރަށް ހުތުރު. މީ ސެލްފް ޕްރޮމޯޓިންގ އެއްޗެއްނު. ޓޫރިސްޓުން ދިގު ދަތުރެއް ކޮށްފައި އައިސް އަދި ރަށު މީހުންގެ ފޮޓޯ ޝޫޓުގައި ބައިވެރިވާން ނުޖެހޭ ގޮތަކަށް މަރުހަބާ ކިޔެން ވާނެ.
ސްޓީރިއޯ
07 November 2020
ޒުވާނުންވިއްޔާ ގަސް ހައްދައިގެން ނޫނީ މަސްވެރިކަންކޮށްގެން އުޅެން ނޭނގޭނީތަ؟ ވަކި ކަހަލަ ވިސްނުމެކޭ ޒުވާނުންގެ ހުންނަނީ ކިއީމަ އެގޮތަށް އެމީހުންގެ ވިސްނުން އެނބުރޭނީ. ދިވެހިންގެ ތެރޭގައި ބައެއް މަސައްކަތް އެއީ ހަޑި ނުވަތަ ކުރަން އެދެވިގެންނުވާ މަސައްކަތްތަކެއް ކަމަށް އިހުއްސުރެ ހަރުލާފައި އޮންނަނީ އެހެން ހުންނަ ބޯދާ ގޮތްދޫނުކުރާ ވިސްނުންތަކުގެ ސަބަބުން. އެންމެން ކިޔަވައިގެން އޮފީހެއްގެ މޭޒުދޮށުގަ ތިބޭނެ ކަމަށް ވިސްނައިދިނުމަކީ ގޯހެއް.