ރިޕޯޓް

ކުނި އެންދުމުގެ މަޝްރޫއުތަކަށް ބިލިއަނުން، ނަތީޖާއަކީ ކޮބާ؟

ރަށެއްގެ ކުނި ކޮށި ފުރިފައި: ކުނީގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތަކުގައި ހިމެނޭ ކުނި އަންދައިގެން ކަރަންޓު އުފެއްދުމުގެ ޕްރޮޖެކްޓުތަކާ މެދު ކަންބޮޑުވުން ވަނީ އުފެދިފައި.

އަލީ ޝަމީމް މުހައްމަދު (ސަންބޯ) އޭނާގެ ރަށް ނ. ކުޑަފަރީ ގުނަނީ ކުންޏާ މެދު މީހުން ހޭލުންތެރި މަދު ރަށްރަށުގެ ތެރޭގަ އެވެ. ޝަމީމް ކަންބޮޑުވަނީ ރަށު މީހުން ފަރުވާތެރިކަމާ އެކު ޑަސްބިންތަކަށް އަޅާ ކުންޏަށް ދެން ވެގެންދާ ގޮތާ މެދު އެވެ.

ކުޑަފަރީ ހިމެނޭ ގޮތަށް އުތުރުގެ ހަތަރު އަތޮޅެއްގެ 46 ރަށުގެ ކުނި މެނޭޖުކުރަން ސަރުކާރުން ހިންގި މަޝްރޫއު، ޝަމީމަށް ފެންނަ ފެނުމުގައި، އޮތީ ފެއިލްވެފަ އެވެ. އެކަމަކު އޭނާ އެކަމާ ހިތާމަކޮށްކޮށް ހުއްޓާ، ސަރުކާރުން އަދި އެހެން ސަރަހައްދުތަކެއްގައި އެފަދަ އިތުރު ދެ މަޝްރޫއުއެއް ފަށައިފި އެވެ. އެއީ ރަށްރަށުން ސަރަހައްދީ މަރުކަޒަކަށް ކުނި އުފުލައި އިންސިނެރޭޓަރެއްގައި އަންދައިގެން ކަރަންޓު އުފެއްދުން ހިމެނޭ މަޝްރޫއުތަކެކެވެ. ކުޑަފަރީ އޮތް ސަރަހައްދުގެ ކުނި ރ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވަންދޫގައި އެންދުމުގެ މަޝްރޫއުއަކީ އެފަދަ ފުރަތަމަ ޕްރޮޖެކްޓެވެ. މިހާރު ފަށައިގެން އުޅެނީ ޖުމްލަ 3.4 ބިލިއަން ރުފިޔާގެ ދެ މަޝްރޫއު އެވެ. އެއީ މާލެ ސަރަހައްދާއި މެދުތެރޭ އަތޮޅުތަކުގެ ކުނި ތިލަފުށީގައި މެނޭޖުކުރަން ހިންގާ 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ)ގެ ބިޔަ ޕްރޮޖެކްޓަކާއި ދެކުނުގެ ރަށްރަށުގެ ކުންޏަށް އައްޑޫގައި ހިންގާ 29.6 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ)ގެ ޕްރޮޖެކްޓެކެވެ.

ތިލަފުށީގެ ވޭސްޓް ޓު އެނާޖީ ފެސިލިޓީ އަށާއި އައްޑޫގެ މަޝްރޫއު އަށް ލޯނާއި ސަރުކާރުގެ ފައިސާ އިން ކުރާ އިންވެސްޓްމެންޓް އެކަނި ވެސް އެތައް ބިލިއަން ރުފިޔާ އަރަ އެވެ.

ކުންޏާއި ތިމާވެށީ މައްސަލަތަކުގައި ކަންބޮޑުވުން ފާޅުކުރާ، ކުޑަފަރީގެ ކުރީގެ އިކޮނޮމިކްސް ޓީޗަރު ޝަމީމަށް ވަންދޫ މަޝްރޫއުން ފެންނަނީ ފައިދާގެ ބަދަލުގައި ގެއްލުމެވެ. ނާކާމިޔާބީ އެވެ. އޭނާ ދެކޭ ގޮތުގައި އާ މަޝްރޫއުތަކުގައި ވެސް ތަކުރާރުވާނީ އެ ތަޖުރިބާ އެވެ.

"އެހާ ބޮޑެތި އަދަދުގެ ލޯނު ނަގައިގެން، މިހާރު ދުނިޔެ އިން ދޫކޮށްލަމުން އަންނަ ޓެކްނޮލޮޖީއަކަށް ރާއްޖެ ދިޔުމުގެ އެއްވެސް ފައިދާއެއް އަހަންނަކަށް ނުފެނޭ،" ފަނާވާ ކުނީގެ ބޭނުންތެރިކަން ސާބިތުކޮށްދިނުމުގެ ޝައުގުވެރިކަމުގައި ކުޑަފަރީ ކުނި ކޮށީގައި ކާދު ހަދައިގެން ތަރުކާރީ ހައްދާފައިވާ ޝަމީމް ބުންޏެވެ.

"ކަނޑައެޅިގެން ފެއިލްވާނެކަން އެނގޭ ކަމެއް އެ ކުރަނީ."

ތިމާވެށީގެ ހިމާޔަތަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭގޮތުގައި މި މަޝްރޫއުތަކަކީ ގެއްލުންހުރި، މާލީ ގޮތުން ދެކޮޅުޖެއްސެން ނެތް، ގައުމު އިތުރަށް ދަރަނިވެރިކުރާނެ ޕްރޮޖެކްޓްތަކެކެވެ. އަދި ކުނި އުފެދޭ މިންވަރު މަދުކޮށް، ކުނި އަލުން ބޭނުންކުރުން އިތުރުކުރަން އިސްކަންދޭން ޖެހިފައި އޮއްވާ، ވޭސްޓް ޓު އެނާޖީ މަޝްރޫއުތަކެއް ހިންގުމުން މިސްރާބު އެ ހިފެނީ ހައްތަހާ ކުނި ގިނަކުރުމާ ދިމާލަށް ކަމަށް އެ މީހުން ބުނެ އެވެ. އިންސިނެރޭޓަރުގައި ކުނި އެންދުމަކީ ރާއްޖޭގައި މިހާރު ހަދާ ގޮތަށް ހާމަ އަށް ކުނި އެންދުމަށް ވުރެ ރަނގަޅު ގޮތެކެވެ. އެކަމަކު މި މަޝްރޫއުތަކާ ދެކޮޅު މާހިރުންގެ ގޮވާލުމަކީ ކުނިން ކަރަންޓު އުފައްދަން ސަރުކާރުން މި ހޭދަކުރާ ފައިސާ އިން، މިއަށް ވުރެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމެވެ.

ކަންބޮޑުވުން ފާޅުކުރާ އެއް ބަޔަކީ ގްލޯބަލް އެލަޔަންސް ފޯ އިންސިނެރޭޓާ އޮލްޓާނެޓިވްސް (ގާޔާ) އެވެ. އެ ޖަމާއަތުގެ ކްލައިމެޓް އެންޑް ކްލީން އެނާޖީ ކެމްޕެއިން އެސޯސިއޭޓް، ޔޯބެލް ނޮވިއަން ޕުޓްރާ ވިދާޅުވި ގޮތުގައި މިފަދަ މަޝްރޫއުތަކުގެ އެއް މައްސަލައަކީ އިންސިނެރޭޝަންގެ ސިއްހީ އަދި ތިމާވެށީގެ ނުރައްކާތަކާއި ރައްކާތެރިކަން ކަށަވަރުކުރެވޭ ފަދަ ހަރުދަނާ މިންގަނޑުތަކެއް އަދި ބެލުމެއް ގިނަ ގައުމުތަކުގައި ނޯންނަ ކަމެވެ. އަނެއް މައްސަލައަކީ ގަދަ ހޫނުން އަނދާ ކުނި އިންސިނެރޭޓަރުތަކަށް އަބަދުވެސް ލިބިލިބި ހުންނަން ޖެހޭތީ ނުކުންނަ ނަތީޖާތަކެވެ. އެއީ ކުނި މަދުކުރަން ހުރަސް އެޅުން، ރީސައިކަލްކުރެވޭލެއް މަދުވުން އަދި ކުނި ނުލިބިއްޖެ ނަމަ އިންސިނެރޭޓަރު ފެއިލްވުމެވެ.

"މިއީ އާއްމު ގޮތެއްގައި ގައުމުތަކުގެ ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ނުވަތަ ދަރަނިވެރިކުރުވާ މަޝްރޫއުތަކެއް. އިންސިނެރޭޓަރުތަކެއް ބަހައްޓަން އިންވެސްޓްކުރުމަކީ ގޯސް ވިސްނުމެއް. އޭގެ ބަދަލުގައި ކާދު ހެދުމާއި ރީސައިކްލިން އަށް ކުރާ ހޭދަ އިތުރުކުރުމުގެ ފައިދާ އިގްތިސޯދީ ގޮތުން ވެސް މާ ބޮޑު،" ޔޯބެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޭސްޓް ޓު އެނާޖީއަކީ އިއާދަކުރަނިވި ހަކަތައޭ ބުންޏަސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. މިފަދަ މަޝްރޫއުތައް ނުހިންގާ، ކުނި މަދުކުރުމުގެ ފިޔަވަޅުތަކަކަށް އިންވެސްޓްމެންޓް ބޮޑުކުރުމުން ސިއްހަތާއި ތިމާވެށި ރައްކާތެރިވުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޚަރަދު ކުޑަވެފައި ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މާ ގިނަ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް ޔޮބެލް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއް ކަމަށްވާ އައިޝާ ނިޔާޒު ވިދާޅުވި ގޮތުގައި ވޭސްޓް ޓު އެނާޖީ އަށް ދިޔަ ޔޫރަޕާއި އެމެރިކާގެ ބައެއް ސިޓީތަކާއި އޭޝިއާގެ ބައެއް ގައުމުތަކުން އެކަން ދޫކޮށްލަން މަސައްކަތްކުރަމުންދާ ތަޖުރިބާ އިން ރާއްޖެ އިބުރަތް ހާސިލްކުރަން ޖެހެ އެވެ.

"އެހެން ގައުމުތަކުން މި ފިލާވަޅު ދަސްވެގެން ސާކިއުލާ އިކޮނޮމީ މޮޑެލް އަށާއި ޒީރޯ ވޭސްޓަށް ދާން މަސައްކަތް ފަށާފައި އޮއްވާ އަހަރެމެން ކީއްކުރަން އެކަން ތަކުރާރުކުރަން މި އުޅެނީ؟ އަހަރެމެން އެ ގޯސްތައް ނަހަދާ، ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން މާ ފައިދާ ބޮޑު ގޮތަކަށް މިކަން ކުރެވެން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ވަންދޫގައި ކުނިން ހަކަތަ އުފައްދަން ފެށިކަން މިދިޔަ އަހަރުގެ ޖުލައި 22ގައި އިއުލާނުކުރައްވަމުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން އެކަން ސިފަކުރެއްވީ ތާރީޚީ ދުވަހެއްގެ ގޮތުގަ އެވެ.

"ކުންޏަކީ ފައިސާ ލިބޭ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރި ވައުދު ފުދެން ފެށުނީ އެވެ،" މިނިސްޓަރު ޓްވީޓްކުރެއްވި އެވެ.

އެކަމަކު ސަރުކާރުގެ މެނިފެސްޓޯގައި އޮތް ކުނިން ނަފާ ހޯދުމުގެ ވައުދު މިފަދަ މަޝްރޫއުތަކުން ފުއްދޭ ކަމަކަށް، ކުނި މަދުކުރަން މަސައްކަތްކުރާ ޖަމްއިއްޔާ ޒީރޯ ވޭސްޓް މޯލްޑިވްސްގެ ކޯ ފައުންޑާ އަފްރާހު އިސްމާއީލް ދެކެވަޑައެއް ނުގަންނަވަ އެވެ.

ސަރުކާރު "އައިސް ކަން ކުރާ ގޮތުން ކުނިން ނަފާ މި ލިބެނީ ގައުމުން ބޭރުގެ ކޮންމެވެސް ބަޔަކަށް. އަހަރެމެން އެ މީހުންނަށް ފައިސާ މި ދެނީ އަހަރެމެންގެ ކުނި އަންދަން،" އަފްރާހު ވިދާޅުވި އެވެ.

"އިންސިނެރޭޝަން ޕްލާންޓް ހިންގަން ބޭނުންވާ ވަރަށް ކުނި ފޯރު ނުކޮށްދެވިއްޖެއްޔާ އެ ގެއްލުން ފޫބައްދަން ވެސް އަހަރެމެން ލާރި ދޭނީ. އަދި އެ މީހުން އަހަރެމެންނަށް ވިއްކާ ކަރަންޓަށް ވެސް ހަމަ ލާރި މި ދެނީ. އެހެންވީމާ ހުރިހާ ކޮޅަކުން އަހަރެމެންނަށް މި ވަނީ ގެއްލުން. އަސްލު ފުރަތަމަ ހިއެއް ނުކުރަން މިހާ ފުން އަނދަވަޅަކަށޭ މިކަންތައް ވާނީ. އެކަމަކު ހީކުރި ވަރަށް ވުރެ ވެސް މާ ގޯސް."

ޔޯބެލް ވިދާޅުވީ ރާއްޖެ ފަދަ ބިން ކުޑަ ޖަޒީރާ ގައުމެއްގައި ގިނަ އަދަދަކަށް ކުނި ޖަމާވެފައި ހުރެ މެނޭޖުކުރުމުގެ ގޮންޖެހުން ބޮޑުވާނެ ކަމާއި ރީސައިކްލިން ހިންގަން ވެސް އުނދަގޫވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ވޭސްޓް ޓު އެނާޖީ މަޝްރޫއުތަކެއް ހިންގުމަކީ، ޔޯބެލް ސިފަކުރެއްވި ގޮތުގައި، ހާލަތު އިތުރަށް ގޯސްކުރުމެވެ. އެހެންކަމުން އޭނާ ލަފާދެއްވީ އެންމެ ފުރަތަމަ ވެސް، ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ސިޔާސަތު ވަރަށް ހަރުދަނާ ގޮތުގައި ތަންފީޒުކޮށް، އޯގެނިކް ކުނި ހެޔޮ ގޮތުގައި ބޭނުންކުރުމަށް ވަރުގަދަ އަށް އިންވެސްޓްކުރުމަށެވެ.

"އޭރުން، ކުނި ކޮށްޓަށް ދާ ކުނީގެ އެންމެ މަދުވެގެން ވެސް 80 ޕަސެންޓަށް ހައްލު ހޯދުނީ. އޭރުން އެ ލިބުނީ ދެން ބާކީ ހުންނަ ބާވަތްތަކުގެ ކުނި މަދުކުރާށާއި މެނޭޖުކުރާނެ ގޮތްތައް ހޯދާނެ ވަގުތު،" ޔޯބެލް ވިދާޅުވި އެވެ.

އަފްރާހު ވިދާޅުވީ މި މަޝްރޫއުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނީ ޒުވާން ޖީލަށް ކަމަށް ވާތީ މިއީ މިހާރު ތިބި ސިޔާސަތު ކަނޑައަޅާ މީހުންނަށް އަމިއްލަ އަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޒުވާނުން ބޭނުންވާނީ ކުނި މަދުކުރުމުގެ ހައްލުތަކަކަށް އިންވެސްޓްކުރާށެވެ.

"މި ބުނަނީ އެއްގޮތަކަށް ވެސް ކުނި ނާންދާ ވާނެއެކޭ ނޫން. އެކަމަކު ކުނި މެނޭޖުކުރުމުގެ މައިގަނޑު ގޮތަކަށް އިންސިނެރޭޝަން ޕްރޮޖެކްޓުތަކެއް ހިންގުމަކީ މިހާރުގެ ޒުވާނުންނާއި އަހަރެމެންގެ ދަރިންނާއި ކުރިއަށް ހުރި ޖީލުތަކުގެ މަސްލަހަތާއި ސަލާމަތަށް ބަލާ އިރު ނަގައިގެން ވާނެ ރިސްކެއް ނޫން،" އަފްރާހު ވިދާޅުވި އެވެ.

މިއީ އެންމެ ފީޒިބަލް ގޮތް: މިނިސްޓްރީ

އެންވަޔަރްމެންޓް މިނިސްޓްރީން ބުނިގޮތުގައި ކުނި އަންދައިގެން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތައް ރާވާފައި ހުރީ ރީސައިކަލްކުރުމާއި އޯގެނިކް ކުނި އަލުން ބޭނުންކުރުން ވެސް ހިމެނޭ ގޮތަށެވެ. ޕްލޭންގައި އޮތް ގޮތުން، ގޭގެ އާއި ކުނި ކޮށިތަކުގައި ކުނީގެ ބައިތައް ވަކިކުރާނެ އެވެ. ފަނާވާ ކުނި ކާދަށް ބަދަލުކުރުމާއި އެނެރޮބިކް ޑައިޖެސްޝަން (ބެކްޓީރިއާ ބޭނުންކޮށްގެން ނައްތާލުން) ރަށްރަށުގައި ކުރިއަށް ގެންދާނެ އެވެ. އަދި ރީސައިކަލްކުރެވޭ ކުނި ވިއްކައި އެކްސްޕޯޓްކުރާނެ އެވެ.

ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގައި މިނިސްޓްރީގައި ކުރިންސުރެ އިސްކޮށް އުޅުއްވަނީ އެ ތަނުގެ ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމެންޓްގެ ޑިރެކްޓަ ޖެނެރަލް އަހުމަދު މުރުތަޟާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންދައިގެން ކުނި ނައްތާލާ މަޝްރޫއުތަކެއް ހިންގަން ނިންމީ ރާއްޖެ ކަހަލަ ބިން ކުޑަ ގައުމެއްގައި ދިގު މުއްދަތަށް ކުނި ބަހައްޓަން ޖާގަ ނަގައިގެން ނުތިބެވޭނެތީ އެވެ. މުރުތަޟާ ވިދާޅުވީ މިއީ ކޮންމެހެން ކުނިން ހަކަތަ އުފައްދަން ހިންގާ މަޝްރޫއުތަކެއް ނޫން ކަމަށެވެ. ކަރަންޓު އުފައްދާ ގޮތަށް ޕްރޮޖެކްޓުތައް ރޭވީ، އޭނާ ވިދާޅުވި ގޮތުގައި، އިންސިނެރޭޓަރުތަކުގައި ކުނި އަންދާ އިރު އުފެދޭ ވަރުގަދަ ހޫނު އިސްރާފުވިޔަ ނުދޭށެވެ.

"އިންސިނެރޭޝަންއަކީ ރާއްޖެ އަށް އެންމެ ފީޒިބަލް ޓެކްނޮލޮޖީ. އެ ނޫން ގޮތަކަށް [ކުނި މެނޭޖު] ކުރެވޭ ތަނެއް އަދިއެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" މުރުތަޟާ ވިދާޅުވި އެވެ.

"ރަށްރަށުގައި އޯގެނިކް ވޭސްޓް ބަޔޮލޮޖިކަލް ޓްރީޓްމެންޓެއްގެ ދަށުން ކޮމްޕޯސްޓް ނުވަތަ ކުރާ ކަމެއް ކޮށްފައި ދެން ހުރި ބައި ގެންދާނީ. އޭގެ ތެރޭގައި އެބަ ހިމެނޭ ކޮންމެހެން އަންދަން ޖެހޭ ކުނިތަކެއް. އަޅުގަނޑުމެން އަންދާނީ އެ ކުނިތައް."

އެކަމަކު މި މަޝްރޫއުތައް ހިންގަނީ، މުރުތަޟާ ވިދާޅުވީ، އޯގެނިކް (ގުދުރަތީ ގޮތުން ފަނާވެގެންދާ) ކުނި ވެސް "އަންދަން ޖެހިއްޖެއްޔާ އެންދޭ ގޮތަށް" ކަމަށެވެ. އެއީ ތެތްކޮށް ހުންނަ ކުނި ހިއްކައިގެން އެންދުމެވެ. ތިލަފުށި މަޝްރޫއު ރާވާފައި އޮތީ ވެސް މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ގުޅިފަޅުގައި އުފެދޭ އޯގެނިކް ކުނި ވެސް އަންދާ ގޮތަށެވެ. އެ މަޝްރޫއުގައި ހިމެނޭ ސަރަހައްދުގެ ކުނީގެ 70 ޕަސެންޓަކީ އޯގެނިކް ކުންޏެވެ. ވަންދޫ މަޝްރޫއުގެ 65 ޕަސެންޓަކީ އޯގެނިކް ކުންޏެކެވެ. އެ އެއްޗެހީގެ ބޭނުން ނުހިފުމަކީ ޝަމީމަށް ބަލައިގަނެވޭ ކަމެއް ނޫނެވެ.

"ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އެ ދަނީ ގައުމުގެ އުފެއްދުންތެރިކަމުގެ ތެރެއިން އުފެއްދިފައި ހުރި އެއްޗެހި. އެ ހުރިހާ އެއްޗެހި އިންސިނެރޭޓަރެއްގައި އަންދާކަށް ނުވާނެ. ފަސޭހަ އިން ކާދު ހެދޭ ގޮތް ހަމަޖައްސައި މި 60-70 ޕަސެންޓް ކާދަށް ބަދަލުކުރެވޭ ނަމަ ނަތީޖާ މާ ބޮޑަށް ވެސް ރަނގަޅުވާނެ،" ޝަމީމް ބުންޏެވެ.

މުރުތަޟާ ވިދާޅުވި ގޮތުގައި ގްރޭޓާ މާލެ ސަރަހައްދުގެ އޯގެނިކް ކުނި އަންދާ ގޮތަށް ނިންމީ އެހާ ބައިވަރު ކުނި އެނެރޮބިކް ޑައިޖެސްޝަނުން ނައްތާލަން ބަހައްޓަން ތިލަފުށިން ބިން ލިބެން ނެތުމުންނެވެ.

ބޮޑު ދެ ކަމެއް އެކުއެކުގައި ވެދާނެތަ؟

އިންސިނެރޭޝަން މަޝްރޫއުތައް ހިންގުމަކީ ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެވޭ އެއް ސަބަބަކީ 2023ގެ ނިޔަލަށް ސިންގަލް ޔޫޒް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ސަރުކާރުން ނިންމާފައި އޮތުމެވެ. ޔޯބެލް ވިދާޅުވީ އެ ސިޔާސަތާ އެކުއެކީގައި، ރައްކާތެރިކަމާ އެކު ކުނި އެންދުމުގެ މަޝްރޫއުތަކެއް ކާމިޔާބުކުރާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރި ގޮތުގައި ކުނި އަންދަން އިންސިނެރޭޓަރުގައި މަތީ ދަރަޖައަކަށް ހޫނުމިން ހުންނަން ޖެހޭތީ އާއި އެކަން ހާސިލްކުރެވޭނީ ގިނަ އަދަދަކަށް ޕްލާސްޓިކް (އަންދަން ރައްކާތެރި ބާވަތްތަކުގެ) ހުރެގެން ކަމަށް ވާތީ އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުން މި މަޝްރޫއުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނާ ވާހަކަ މުރުތަޟާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ފީޒިބިލިޓީ ސްޓަޑީގައި "މާ ބޮޑަކަށް" ޕްލާސްޓިކް ކުންޏަށް ބަލާފައި ނުވާނެ ކަމަށެވެ. އެކަމަކު ޕްލާސްޓިކް މަދު ނަމަ ރައްކާތެރި މިންވަރަށް ހޫނުމިން ނެތުމާއި އަޅި ގިނަވާނެކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

ވޭސްޓް ޓު އެނާޖީގެ ނާކާމިޔާބީގެ މިސާލު އަފްރާހު ނަންގަވަނީ ދުނިޔޭގެ އެންމެ ބޮޑެތި އިންސިނެރޭޓަރުތައް ހުރި ކުޑަ ގައުމު ސިންގަޕޫރުންނެވެ. އެ ގައުމުން މިހާރު ވަނީ ސިޔާސަތު ބަދަލުކޮށް ޒީރޯ ވޭސްޓް މާސްޓަ ޕްލޭނަކަށް ގޮސްފަ އެވެ. ރާއްޖެއެކޭ އެއްގޮތަށް، ކުނި ކޮށި ހަދާނެ ބިން ނެތިގެން ވޭސްޓް ޓު އެނާޖީ އޮޕަރޭޝަންތަކުގައި ކުނި އަންދަން ފެށި ސިންގަޕޫރުގައި އަޅި ބަހައްޓަން ހުރި ޖާގަ އަހަރުތަކަކުން ފުރިފައިވާ އިރު އިތުރު އިންސިނެރޭޝަން ޕްލާންޓްތަކެއް އަޅާނެ ބިން ހޯދުން ވެސް ވަނީ ދަތިވެފަ އެވެ.

"ދުރު ވިސްނުމަކުން ވިސްނާފައި ކުނި މަދުކުރުމުގެ ސިޔާސަތެއް ނެތީމަ އަހަރެމެންނަށް ވެސް ވާނީ ހަމަ ސިންގަޕޫރަށް ވީ ގޮތަށް. އެ މީހުން ހެދި ގޯހަށް ވިސްނާފައި އަހަރެމެންގެ ސިޔާސަތު ބަދަލު ނުކުރަނީ ކީއްވެ؟ ފައިސާ އެ ހުރީ ލިބިފައި. އެ ފައިސާ ހޭދަކުރާ ގޮތް ބަދަލު ނުކުރަންވީ ކީއްވެ؟" އަފްރާހު ސުވާލުކުރެއްވި އެވެ.

ގްރޭޓާ މާލޭ އެންވަޔަރްމެންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި ހިންގާ މަޝްރޫއުގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ތިލަފުށީގައި އަޅައި ހިންގަން ބޭރުގެ ކުންފުންޏަކާ 15 އަހަރަށް ހަވާލުކުރުމުގެ ފަހު މަރުހަލާ ދަނީ ހިނގަމުންނެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނިގޮތުގައި ތިލަފުށީގެ ވޭސްޓް ޓު އެނާޖީ މަޝްރޫއު އަށް ފަސް ފަރާތަކުން ވަނީ ބިޑް ހުށަހަޅައިފަ އެވެ. އެއީ ޗައިނާ، ސްޕެއިން، ޖަޕާން އަދި ސައުތު ކޮރެއާގެ ކުންފުނިތަކެވެ. ބިޑްތައް މި މަހު އިވެލުއޭޓްކޮށް، ހަވާލުކުރާނެ ބަޔަކު ކަނޑައަޅައި ނިމޭނެ ކަމަށް މުރުތަޟާ ލަފާކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއު ފަރުމާކޮށްފައި ވަނީ ޕްލާންޓް ހިންގައިގެން ލިބޭ ފައިސާ ސަރުކާރުގެ ގްރީން ފަންޑަށް ޖަމާކޮށް އެއިން އޮޕަރޭޓަރަށް ފައިސާ ދައްކާ ގޮތަށެވެ.

ތިލަފުށީގައި ދުވާލަކު 500 ޓަނުގެ ކުނި އެންދޭ ޕްލާންޓަކުން އުފައްދާ 8.5 މެގަވޮޓް ކަރަންޓުން އެ ފެސިލިޓީ ހިންގަން ބޭނުންކޮށްފައި ބާކީވާ އަށް މެގޮވޮޓް މާލޭގެ ސެންޓްރަލް ގްރިޑަށް ގުޅާލަން (ތިލަ-މާލެ ބްރިޖު އެޅުމުން ދެ ރަށް އޮންނާނީ ގުޅިފައި) ވަނީ ނިންމައިފަ އެވެ. ޕްރޮޖެކްޓުގެ ފައިނޭންޝަލް އެނަލިސިސް ރިޕޯޓު ބުނާ ގޮތުން މި މަޝްރޫއު އަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނީ ސްޓެލްކޯ އަށް ގަންނަން ސަރުކާރުން އެއްބަސްވެފައިވާ ކަރަންޓުންނެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވިއްކާ އަޅިންނާއި ރީސައިކްލިން އަށް ވިއްކާ ބާވަތްތަކުން ވެސް އާމްދަނީ ހޯދަން ވަނީ ރާވައިފަ އެވެ. އަދި ޕްލާންޓަށް ކުނި ފޯރުކޮށްދޭ ވެމްކޯ އަށް ރިސޯޓުތަކުގެ ކުނިން ފީއެއް ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ރިޕޯޓު ބުނެ އެވެ.

ތިލަފުށީގެ ވޭސްޓް ޓު އެނާޖީ މަޝްރޫއުގެ ފައިނޭންޝަލް އެނަލިސިސް ރިޕޯޓުގައި އާމްދަނީ އާއި ޚަރަދު ލަފާކޮށްފައިވާ ގޮތް

އެކަމަކު މަޝްރޫއުގެ ކޭޝް ފްލޯ ޕްރޮޖެކްޝަންތައް ދައްކާ ގޮތުން ފުރަތަމަ 10 އަހަރުގެ (2025-2035) އޮޕަރޭޝަނާއި މެއިންޓެނެންސް ޚަރަދުތައް އާމްދަނީން ފޫނުބެއްދޭނެތީ، މަދުވާ ބައި ގްރީން ފަންޑުންނާއި ދައުލަތުގެ ބަޖެޓުން ހަމަޖައްސާނެ އެވެ. އެއީ ފުރަތަމަކޮޅު އަހަރަކު 4.4 މިލިއަން ޑޮލަރު (67.8 މިލިއަން ރުފިޔާ) އެވެ. އެ އަދަދު 2029އިން ފެށިގެން އެއަށް ވުރެ ކުޑަވެ އެވެ. އެކަމަކު މިއީ ސަރުކާރުން އޮޕަރޭޓަރަށް އަހަރަކު ދައްކާ 10 ވަރަކަށް މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ އިތުރަށް ޚަރަދުކުރާނެ ފައިސާ އެވެ.

ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓްތަކާ ދެކޮޅުހަދަނީ ކީއްވެ؟

އިންސިނެރޭޝަން ނޫން ގޮތްތައް ހޯދަން ވަކާލާތުކުރައްވާ ޔޯބެލް ވިދާޅުވި ގޮތުގައި މިފަދަ މަޝްރޫއުތަކުގައި ވިހަ މާއްދާތަކުގެ ކިތަންމެ ކުޑަ މިންވަރެއް ބޭރުވިޔަސް ނުރައްކާ ބޮޑެވެ. އޭނާ ވިދާޅުވީ އިންސާނުން ކައި އުޅޭ މަސްމަހާއި ޖަނަވާރުގެ ސަރުބީގައި އެ މާއްދާތައް އަށަގަނެ، މީހުން އެ އެއްޗެހި ކެއުމުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ.

"އެކަމަކު މިއީ ރޯގާ ޖެހޭ ގޮތަށް އެއް ރެއިން ވާ ކަހަލަ ކަމެއް ނޫން. މިކަން ކުރިމަތިވާނީ އަންނަން އޮތް ޖީލުތަކަށް،" އޭނާ ވިދާޅުވި އެވެ.

އެ ނުރައްކާ ކުޑަކުރެވޭނެ ގޮތަކީ، ޔޯބެލް ވިދާޅުވި ގޮތުގައި، ކުނީގެ ބާވަތްތައް ވަރަށް ފުރިހަމަ އަށް ވަކިކޮށްގެން، އަންދަން ރައްކާތެރި އަދި ހޫނު ގަދަކޮށް އަނދާނެ ބާވަތްތައް އެކަނި އެންދުމެވެ. ހޫނު މަޑުކޮށް އަންދާ ނަމަ ވިހަ މާއްދާތައް ބޭރުވާލެއް އިތުރުވެ، އަޅި އުފެދޭ މިންވަރު ވެސް ގިނަވާނެ އެވެ. ޔޯބެލް ފާހަގަކުރެއްވި ގޮތުގައި މި ހުރިހާ ކަމެއް ރެގިއުލޭޓްކުރަން އިންސިނެރޭޝަނާ ބެހޭ ހަރުދަނާ މިންގަނޑެއް ކަނޑައަޅައި ވަރަށް ރަނގަޅަށް ތަންފީޒުކުރަން ޖެހެ އެވެ.

ރާއްޖެއަކު އެފަދަ މިންގަނޑެއް އަދި ނެތެވެ. ގައުމީ މިންގަނޑެއް ނެތް ހާލަތުގައި ބައިނަލްއަގުވާމީ މިންގަނޑަކަށް ރިއާޔަތްކުރަންވާނެ ކަމަށް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދު ބުނެ އެވެ. އަފްރާހު ދެކެވަޑައިގަންނަވާ ގޮތުގައި ކުނީގެ ގާނޫނެއްގެ ދަށުން ވަރުގަދަ ގަވާއިދެއްގައި ލިމިޓްތަކަކާއި ޖޫރިމަނާތަކެއް ކަނޑައަޅާފައި ހުންނަން ޖެހެ އެވެ. އެކަން ނުކޮށް "މިހާ ބޮޑު ލޫޕްހޯލްއެއް ބާއްވައިގެން މި އުޅެނީ ބޭރުގެ ފަރާތްތައް މި ކަމަށް ޝައުގުވެރިކުރުވަން" ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ. އަފްރާހު ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެހެން ގައުމުތަކުގައި ކުރަން ޖެހޭ ފަދަ އިންވެސްޓްމެންޓްތަކެއް ކުރަން ނުޖެހޭތީ ރާއްޖެއަކީ އިންސިނެރޭޝަން ޕްރޮޖެކްޓުތައް ނަގަން "އެޓްރެކްޓިވް" ތަނެއް ކަމަށެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ބުނިގޮތުގައި އާ ޕްރޮޖެކްޓްތަކާ އެކު އިންސިނެރޭޝަނަށް މިންގަނޑެއް މިހާރު ވަނީ ޑްރާފްޓްކޮށްފަ އެވެ. މުރުތަޟާ ވިދާޅުވީ ބައިނަލްއަގުވާމީ އުސޫލުތައް ރާއްޖެ އަށް ފައްތައިގެން ފަރުމާކޮށްފައިވާ އެ މިންގަނޑު ތަންފީޒުކުރާނީ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަމަށެވެ.

"އޮޕަރޭޓްކުރާ ފަރާތުން ހުށަހަޅާ މޮނިޓަރިން ރިޕޯޓުތަކަށް ބަރޯސާވެގެނެއް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. މިނިވަން ތިން ވަނަ ފަރާތަކުންތާ މޮނިޓަކުރަން ޖެހޭނީ؟ އެހެންވީމާ އީޕީއޭ ނުވަތަ އީޕީއޭ އިން ކަނޑައަޅާ ފަރާތަކުން އެ ދައުރު އަދާކުރާނީ،" އޭނާ ވިދާޅުވި އެވެ.

ޔޯބެލް ވިދާޅުވި ގޮތުގައި މިންގަނޑެއް އޮތަސް ގިނަ ފަހަރު މައްސަލަ ދިމާވަނީ މޮނިޓަކުރުން ދޯހަޅިވީމަ އެވެ.

ރާއްޖޭގެ އެހެނިހެން ތަޖުރިބާތަކާއި އީޕީއޭގެ ވަސީލަތްތައް ހުރި ގޮތަށް ބަލާ އިރު ރަނގަޅަށް ބެލިދާނެ ކަމަކަށް އަފްރާހު ގަބޫލެއް ނުކުރައްވަ އެވެ.

"އެކަން ރަނގަޅަށް ވާނެއޭ ބުންޏަސް އެ ވާނީ ހަމަ ދޮގަކަށް. ވާނެ އެއްގޮތެއް ވެސް ނޯންނާނެ،" ކުރިން އީޕީއޭގައި ކޮންޓްރެކްޓަށް މަސައްކަތްކުރައްވާފައިވާ އަފްރާހު ވިދާޅުވި އެވެ.

ވަންދޫ މަޝްރޫއު

ޝަމީމް މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވި އެވެ. އޭނާ އެދުނީ "ބޯޓުދެލިން ހަކަތަ އުފައްދާ ޖަނަރޭޓަރަކުން ބޭރުކުރާ ވަރަށް ވުރެ އިތުރަށް ގެދަބުޅި ބޭރުކޮށް"ގެން ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫއުތަކަށް ބަޖެޓުން ފައިސާ ނުދޭށެވެ. ވަންދޫ މަޝްރޫއު ފެއިލްވެފައި އޮތް ގޮތް ސިޓީގައި އޭނާ ސިފަކޮށްދިނެވެ.

މިހާރު ފަށައިގެން އުޅޭ ދެކުނާއި މެދު ސަރަހައްދުގެ ކުނީގެ ޕްރޮޖެކްޓްތަކުގައި އޯގެނިކް ކުންޏާއި ރީސައިކަލް ކުރެވޭ ބާވަތްތަކުގެ ބޭނުންހިފާނެ ކަމަށް މިނިސްޓްރީން ބުންޏަސް އެ ގޮތަށް ކަން ހިނގާނެ ކަމަކަށް ޝަމީމް ގަބޫލެއް ނުކުރެ އެވެ. އެއީ ވަންދޫ މަޝްރޫއު ވެސް ހަމަ އެއްގޮތަކަށް ރާވާފައި އޮވެ ކަން ހިނގާ ގޮތް ތަފާތުވީމަ އެވެ.

"މި ޕްރޮޖެކްޓުގެ ނަތީޖާ ރަނގަޅިއްޔާ މި ހުރިހާ ރަށެއްގައި ވަރަށް ރަނގަޅަށް މިކަން ހިނގަން ޖެހޭނެތާ. އެއްވެސް ރަށެއްގައި ރަނގަޅަކަށެއް ނުހިނގާ،" ޝަމީމް ބުންޏެވެ.

ވަންދޫ މަޝްރޫއުއަކީ ނ، ރ، ބ، އަދި ޅ އަތޮޅުގެ ކުނި މެނޭޖުކުރަން ސަރުކާރުން މީގެ 13 އަހަރު ކުރިން ފަރުމާކޮށްގެން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި 2007 އިން 2016 އަށް ހިންގި މޯލްޑިވްސް އެންވަޔަރްމެންޓަލް މެނޭޖްމެންޓް ޕްރޮޖެކްޓު (މެމްޕް) އެވެ. އެ މަޝްރޫއު ވެސް ރޭވީ މި އާ މަޝްރޫއުތަކާ އެއްގޮތަކަށެވެ. ގޭގެ އިން ޑަސްބިނަށް އަޅާނީ އެކި ބާވަތްތަކުގެ ކުނި ވަކިވެފައި ހުންނާނެ ގޮތަށެވެ. ރަށުގެ ކުނި މެނޭޖުކުރާ ސެންޓަރަށް ކުނި ގެންދާނެ އެވެ. ގުދުރަތީގޮތުން ފަނާވާ ކުނިން ކާދު ހަދާނީ އެވެ. ދެން ހުންނަ ކުނި ސަރަހައްދީ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީ އަށް އުފުލައި އޭގެ ތެރެއިން ރީސައިކަލްކުރެވޭނެ ކުނި ވިއްކާނީ އެވެ. އެ ފެސިލިޓީގައި އަންދާނީ އެ ދެގޮތުން ކުރެ ގޮތެއް ނެހެދޭނެ، ބާކީ ކުންޏެވެ.

އެކަމަކު ޝަމީމަށް ކަން ހިނގާ ތަން ފެންނަނީ މުޅިން ތަފާތުކޮށެވެ. ކުނިތައް މަސްހުނިވެފަ އެވެ. ކުނި ކޮށިތައް ފުރިފަ އެވެ. ގިނަ ރަށްރަށުގައި ހާމައަށް ކުނި އަންދަނީ އެވެ. ކޮންމެ މަހަކު ރަށުން ކުނި ބޭރުކުރަން ކައުންސިލާ އެކު އެއްބަސްވެފައި އޮތަސް އެކަން ކުރެވެނީ ހައެއްކަ-އަށެއްކަ މަހުން އެއްފަހަރެވެ. ކުނި ގެންދާ އިރު ވެސް ވަކިކުރުމެއް ނެތެވެ. ޝަމީމް ބުނިގޮތުގައި ފުރަތަމަކޮޅު، ކުނި ވަކިކުރަން ރަށު މީހުން ފަރުވާތެރި އެވެ. އެކަމަކު ވަންދު އަށް ކުނި ގެންދާ އިރު އެއްކޮށްލާތީ އެ ރޫހު ނެތިގެން ހިނގައްޖެ އެވެ. އާއްމުންގެ ހޭލުންތެރިކަން ބޮޑުކުރަން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އޭނާ ބުނެ އެވެ.

ތޭރަ މިލިއަން ޑޮލަރުގެ މެމްޕް މަޝްރޫއު ނިމުނީ އެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވަންދޫގައި ފެށުމުގެ ޕްލޭން ނާކާމިޔާބުވެގެންނެވެ. ސަބަބެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ބޭނުންވާ ބައެއް ސާމާނު ހޯދައި އިންފްރާސްޓްރަކްޗާ ނިންމަން ފުދޭ މިންވަރަށް ފައިސާ ނެތުމެވެ. އެކަމަކު ފަހުން އިތުރު ފައިސާ ހޯދައިގެން ވަންދޫ ފެސިލިޓީ ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ. އެ ރަށުގެ އިންސިނެރޭޓަރު، ކުނި އަންދައިގެން ކަރަންޓު އުފައްދާ ގޮތަށް ބަދަލުކުރީ އަބޫދާބީ ފަންޑުން ތިން މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. ވަންދޫ މަޝްރޫއު އަށް ކޮށްފައިވާ އަދި އިތުރަށް ކުރަން ރާވާފައިވާ އިންވެސްޓްމެންޓްގެ ޖުމްލަ 504 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

ޝަމީމް ބުނާގޮތުގައި ވަންދޫ މަޝްރޫއުގައި ހިމެނުނު ބ. މާޅޮސް ފިޔަވައި އެއްވެސް ރަށެއްގައި ކާދު ހެދުން ރަނގަޅަކަށް ނުހިނގަ އެވެ. މާޅޮހުގެ ކާމިޔާބީގެ ކްރެޑިޓް އޭނާ ދެނީ އަމިއްލަ ޝައުގުވެރިކަމުގައި އެ މަސައްކަތް ކުރިއަށް ގެންދާ އެ ރަށުގެ "ހިތްވަރުގަދަ" ކައުންސިލަރުންނަށެވެ. ކުޑަފަރީ ކުނި ކޮށީގައި ކާދު ހަދައި އެ ކާދުން ބަށްޓާއި ލެޓިއުސް ފަދަ ބާވަތްތައް ހެއްދި އިރު ޝަމީމަށް ވަނީ މަޝްރޫއުގައި އޮތް ގޮތަށް ކާދު ހެދުމުގެ ބުރަ އިހުސާސްކުރެވިފަ އެވެ.

"ހުރިހާ އެއްޗެހި އެއްވެފައި ހުންނަ ތަނެއް ތެރެއަށް އެރިގެން އެއިން އޯގެނިކް އެއްޗެހި ވަކިކޮށްގެން ފުނިފުންޏަށް ޖަހައި ފަކީރާއަކުން އޭތި އެއްކޮށް ރޫޅާލާފައި އަލުން ފުނިޖަހައި ރަތްދަކަ އަވީގައި ހޫނު ކޮންކްރީޓްގަނޑެއް މަތީ ތިބެގެން ކާދު ހަދާނެ މީހުންނެއް ރާއްޖެއަކުން ނުލިބޭ،" ޝަމީމް ބުންޏެވެ.

"ތާހިރުކޮށް ތިބެގެން ކުރެވިދާނެ މޮޑެލްސް ބައިވަރު އެބަހުރި. އެކަމަކު އެންވަޔަރްމެންޓް މިނިސްޓްރީއަކުން ނޫޅޭ އޭގެ މޮޑެލްއަކަށް ގެންދާކަށެއް. ކޮމްޕޯސްޓިން ނުހިންގިޔަސް އެ މީހުން އެހާ ކަންބޮޑެއް ނުވޭ."

މުރުތަޟާ ވިދާޅުވީ ރަށު ފެންވަރުގައި އޯގެނިކް ކުނި މެނޭޖުކުރަން މެނުއަލް ކޮމްޕޯސްޓިން އިޚްތިޔާރުކޮށްފައި ވަނީ ބޮޑެތި ޓެކްނޮލޮޖީތަކަކަށް ދިޔުމަކީ ދެމެހެއްޓެނިވި ގޮތަކަށް ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި މެޝިންތައް ހިންގައި މަރާމާތުކުރުމުގެ ގާބިލްކަން ނެތުމުން މައްސަލަތައް ދިމާވެ މަސައްކަތް ހުއްޓެ އެވެ.

ވަންދޫ މަޝްރޫއުގައި "ބައެއް ކަހަލަ ޝޯޓޭޖެސް" ހުރި ކަމަށް މުރުތަޟާ ގަބޫލުކުރައްވަ އެވެ. އޭނާ ވިދާޅުވީ ވެމްކޯއަކީ އާ ކުންފުންޏަކަށް ވެފައި އެ އޮޕަރޭޝަނާ ވެމްކޯ އިން ހަވާލުވީ ދާދި ފަހުން ކަމަށް ވާތީ ކެޕޭސިޓީ ބިނާކުރަން ވަގުތު އެބަ ނަގާ ކަމަށެވެ. ކަންކަން ރަނގަޅުކުރަން މަސައްކަތްކުރަމުންދާ ކަމަށް ވެސް މުރުތަޟާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، ކުނި އުފުލަން އެންމެ ދެ އުޅަނދު އޮންނާތީ ދިމާވާ ލަސްވުމާއި މެމްޕް މަޝްރޫއުގައި ބަން އުޅަނދުފަހަރުގައި ކުނި ވަކިން ބެހެއްޓޭނެ ގޮތެއް ނެތް މައްސަލަ ހައްލުކުރަން އިތުރު އުޅަނދުފަހަރު ބަނުން ހިމެނެ އެވެ. ވެމްކޯ އިން ކުނި ބަލާދިޔުން ލަސްވާތީ ނ. އަތޮޅުގެ ތިން ރަށަކަށް ދިމާވެފައި އޮތް ކުނީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމީޓީ އަށް ޑިސެމްބަރު 2019ގައި ހުށަހެޅުމުން އެ ކޮމިޓީން އެކަން ބަލާފައި ވެސް ވެ އެވެ.

އޭނާގެ ބެއްލެވުމުގެ ދަށުން ހިންގި ވަންދޫ މަޝްރޫއު ފެއިލްވެފައި އޮތް ކަމަކަށް މުރުތަޟާ ގަބޫލެއް ނުކުރައްވަ އެވެ.

"ސަބަބަކީ ވަންދޫ [ފެސިލިޓީ] އޭނދީ ފަންކްޝަނަލްކޮށް. ދެން ހިންގަން ތިބޭ މީހުންނަށް ނުހިންގުން އެއީ އަދި އެހެން މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

މުރުތަޟާ ވިދާޅުވީ މިނިސްޓްރީގެ ޒިންމާއަކީ ކުނި މެނޭޖުކުރަން ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން ރަށްރަށަށް އެހީތެރިވެދިނުން ކަމަށެވެ. އެކަން ކޮށްދީފައި ހުރި ރަށްރަށުގައި ނަތީޖާ ނުފެންނަ މައިގަނޑު ސަބަބަކީ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، "ލީޑަޝިޕްގެ މައްސަލަ" އެވެ. ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ. އެކަމަކު ކައުންސިލްތަކަށް ބޮޑެތި ދަތިތައް ހުރެ އެވެ. ގިނަ ރަށްތަކެއްގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރުތަކެއް އަޅައިދީފައި ހުއްޓަސް، ރަނގަޅަށް ކުނި މެނޭޖުކުރަން ބޭނުންވާ އަސާސީ އިކުއިޕްމެންޓާއި މެޝިނަރީ އާއި މަސައްކަތްކުރާނެ މީހުންނާއި އެކަމުގެ ފަންނީ މައުލޫމާތު އެ ތަންތަނަށް ލިބިފައި ނެތް ކަމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ވެސް ބުނެ އެވެ.

ޝަމީމަށް ފެންނަނީ އެންވަޔަރްމެންޓް މިނިސްޓްރީން ނާކާމިޔާބު ގޮތްތަކެއް ރަށްރަށަށް ހޯދައިދިނުމާއި އަޅާނުލުމުގެ ސަބަބުން ކުނި މެނޭޖުކުރުން ގޯހުން ގޯހަށް ގޮސްފައި އޮތް މަންޒަރެވެ. އޭނާ ދެކޭގޮތުގައި ދެން ހުރި މަޝްރޫއުތަކުގައި ވެސް ވާނީ އެހެންނެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސައިން

15 November 2020

މި އަރޓިކަލް ކިޔާލުމުން ކުއްލިއަކަށް ހަދާނަށް އައީ ދާދިފަހުން ގަރޑިއަން ނޫހުގައި ޝާއިޢުކޮށްފަ އިން އަރޓިކަލް އެއް. އޭގައި ބުނާގޮތުން، ޕްލާސްޓިކް ރިސައިކަލް ކުރުމަކީ ވަރަށްބޮޑު ސްކޭމެއް. އެއީ ބައެއް ކުންފުނިތަކުން ތިމާވެށީގެ މެޑަލް ޖަހަން ދައްކާ ވަހަކަ. ހަޤީޤަތަކީ ޕްލާސްޓިކް ރިސައިކަލް ކުރުމަކީ އިކްނޮމިކަލީ ވައިބަލް ކަމެއް ނޫންކަން. ރިސައިކަލް ވާހަކަ ކިތައްމެ ވަރަކަށް ދެއްކިޔަސް ޕްލާސްޓިކްގެ ޕްރޮޑަކްޝަން މަދު ނުވާކަން.

The name is already taken The name is available. Register?

ލިވާ

16 November 2020

ތިއީ ރަނގަޅު ވާހަކައެއް

The name is already taken The name is available. Register?

ޒަން

15 November 2020

މީގަ އަސްލު ސަރކިއުލާ އިކޮނަމީ އާއި ޒީރޯ ވޭސްޓޭ ކިޔާފަ ރާއްޖޭގެ 'މާހިރުން' މިކިޔާ ވާހަަ ރާއްޖޭގެ ކޮންޓެކްސްޓްގަ ވިސްނާފަ ބުނެދީބަލަ. ރާއްޖޭގެ އިކޮނަމިގެ ސްކޭލްއާއި ރާއްޖޭގެ ޖިއޮގްރަފީ އަދި އާބާދީ ބެހިފަ ހުރި ގޮތަށް ވިސްނާފަ ތިކިޔާބަލަ. އަސްލު ބޭނުންވަނީ 'މާހިރު' ވެގެން ޕްރޮޖެކްޓުތަކުން ލާރި ހޯދާލަ ހޯދާލަ ތިބެން. ޓްވީޓުކޮށްލަ ކޮށްލަ ތިބެން. ހިޔާލީ ފޮލާގާ. މިހާރު އަމަލު ކުރާގޮތް ގޯސްވާއިރު ރަނގަޅު ގޮތެއް ވެސް ބުނެ ނުދޭ.

The name is already taken The name is available. Register?

ޞެއިހް ކަނޑޫދޫ މިރުސް

15 November 2020

ހުސް ދެއުޅި އެއްނުވާ ކަންތައް ތައް ކުރަމުން ދަނީ

The name is already taken The name is available. Register?

ސުމާ

16 November 2020

☺️

The name is already taken The name is available. Register?

ޜިމްޝާ

15 November 2020

ވެމްކޯ ހިންގަނީ ގެއްލުނުގައި ކަން ޔަގީން. ރަށްރަށުގައި ވެސް މުވައްޒަފުން ނަގާފަ ހުރީ މާ ގިނައިން. މަހަކު 100 ރުފިޔާ ނަގައިގެން ދެކޮޅު ޖެއްސޭ ތަ

The name is already taken The name is available. Register?

ޟަޒްރާ1

15 November 2020

ޢެކި ނަންނަމުގައި ބޮޑުންގެ ޖީބު ބަރުކުރަން ހިންގާ ހަރަކާތް ތަކެއް

The name is already taken The name is available. Register?

އާއިޒް

15 November 2020

ޕުލާސްޓިކް ފުޅި ބޭނުން ކުރުން ވަނީ އިތުރުވެފަ. ދަތުރު ކުރާ އޮޑި ފަހަރުން މޫދަށް އަދި ކަނޑަށް ކުނި އެޅުން ނުހުއްޓުވޭ.

The name is already taken The name is available. Register?

މައިހާ

16 November 2020

ގުރޭޓަރު މާލެ ވޭސްޓު ޕްރޮޖެކްޓުން ރަށްރަށުނ ކުނި ގެންދަނީ ކޮންޓެއިނަރުގައޯ. ނުވެރޭނެއޯ މޫދަށްށާއި ކަނޑަށް. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454