ރާއްޖޭގައި މީހުންގެ ލަފާކުރެވޭ އުމުރު މިހާރު ވަނީ 82 އަހަރަށް އަރާފައި --. ފޮޓޯ: ނިޝާން އަލީ/މިހާރު
26 ނޮވެމްބަރ 2020 - 13:08
ރާއްޖޭގައި އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ގާތްގަނޑަކަށް ހަތް އަހަރު ކުރު ކަމަށް އެންމެ ފަހުގެ ލަފާކުރުންތަކުން ދައްކައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އިން އިއްޔެ އާއްމުކުރި، އުފަންވާ އިރު ދިރިހުންނާނެ ކަމަށް ބެލެވޭ އުމުރުގެ މައުލޫމާތުން އެނގޭގޮތުގައި، އަންހެނުންގެ އުމުރު 85.7 އަހަރަށް ދިގުވެފައިވާ އިރު ފިރިހެނުންގެ އުމުރު ދިގުވެފައި ވަނީ 79 އަހަރަށެވެ. އެއީ 6.7 އަހަރުގެ ފަރަގެކެވެ. އެ ފަރަގު ވަނީ 2005-2007އާ އަޅާބަލާ އިރު ދެ ގުނަ ބޮޑުވެފަ އެވެ.
"ލައިފްސްޓައިލް ދުޅަހެޔޮ ނޫން ވީމަ ޒުވާން އިރުން ފެށިގެން ފިރިހެނުން ބޮޑުވަމުން އަންނަނީ ބަލިކޮށް. އެހެންވީމާ ގައިން ގަޔަށް ނާރާ ބަލިތައް ފިރިހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވޭ މާ ކުރިން."
ރާއްޖޭގައި މީހުންގެ ލަފާކުރެވޭ އުމުރު މިހާރު (2013-2015ގައި) ވަނީ 82 އަށް މަތިވެފަ އެވެ. މިއީ ދެހާހުގެ އަހަރުތަކުގެ މެދު ތެރޭ ހުރި އުމުރު ކަމަށްވާ 76.5 އަހަރާ އަޅާބަލާ އިރު ބޮޑު ކުރިއެރުމެކެވެ.
އެންބީއެސް އިން ކުރި ޓްވީޓެއްގައި ފާހަގަކުރި ގޮތުގައި ލަފާކުރެވޭ އުމުރު ދިގުވުން ގުޅިފައިވަނީ ރާއްޖޭގެ ސިއްހީ ޕްރޮގްރާމްތަކުގެ ކާމިޔާބީއާ އެވެ.
އޭގެ އަނެއްކޮޅަށް ބަލާ އިރު، އުމުރު ދިގަސް ގިނަ ބަޔަކު އުޅެނީ ބަލިކޮށެވެ.
ލަފާކުރެވޭ އުމުރުގެ ދިރާސާގައި އެންބީއެސްއާ ބައިވެރިވި ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބްރާހީމް ވިދާޅުވީ މުހިއްމީ "ވީހާ ވެސް ގިނަ ބަޔަކު ވީހާ ވެސް ލަހުން ބަލިވާނެ ގޮތް ހެދުން" ކަމަށެވެ. ބޮޑެތި ބަލިތަކުން ރައްކާތެރިވެގެން ގިނަ ދުވަހު ދިރިއުޅެވޭނެ މަގު ފަހިކޮށްދޭ ސިޔާސަތުތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު ސިއްހީ ކަންކަން ފުޅާކުރަމުން މި ދަނީ ބަލިކޮށް އުމުރު ދިގުކޮށް މީހުން ބަހައްޓާ ކަހަލަ ގޮތަކަށް. މީހުންގެ އުމުރު ދިގުވާ އިރު ބަލިކޮށް ހުންނަ އުމުރު ދިގުވަންޏާ މީހާ އަށް އެ އުފުލަން ޖެހޭ ބޮޑު ތަކުލީފުގެ އިތުރުން ސަރުކާރަށް ވެސް އެ އަންނަނީ މާލީ ވަރަށް ބޮޑު ބުރައެއް،" ޝާދިޔާ ވިދާޅުވި އެވެ.
"ބަލިވާން ފަށާ އުމުރަކީ 60 އަހަރު ކަމަށް ވަންޏާ މިސާލަކަށް އެ އުމުރުގައި ހަކުރުބަލި ޖެހުނީމާ އެ ހިސާބުން ފެށިގެން 80 އަހަރަށް ދަންދެން އޭނާ އެ އުޅެނީ ބަލިކޮށް. އުމުރު ދިގުވުމަކީ ކާމިޔާބީއެއް. އެހެން ނަމަވެސް މަގްސަދަކަށް ވާންވީ ރަނގަޅު ސިއްހަތެއްގައި އުމުރު ދިގުކުރުން."
ޝާދިޔާ ވިދާޅުވީ ބޮޑެތި ބަލިތައް ޖެހެން މެދުވެރިވަނީ ނުރަނގަޅު ކާބޯތަކެތި ބޭނުންކުރުމާއި ހެލިފެލިވުން ކުޑަވުމާއި ހާސްކަން ބޮޑުވުން ފަދަ ސަބަބުތަކުން ކަމަށްވާ އިރު ކުޑައިރުންސުރެ އެފަދަ ކަންކަމާ ދުރުގައި އުޅެވޭނެ ގޮތް ހޯދައިދޭން ޖެހިފައިވާ ކަމަށެވެ.
"އަތްފޯރާ އަގުގައި ރަނގަޅު ކާނާ ކާން ލިބިފައި މާހައުލުގައި މީހުންނަށް ހެލިފެލިވެ އުޅޭނެ ގޮތް ފަހިވެފައި ސްޓްރެސްއާ ދުރު ދިރިއުޅުމެއްގައި އުޅެވުނީމާ މީހާ ބަލިވާ އުމުރު ފަސްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
NBS launched the improved life expectancy for Maldives today. A success story of health programmes in the country.
— Statistics Maldives (@statsmaldives) November 25, 2020
Read more on https://t.co/1tr5Fif6X2 pic.twitter.com/I9XCoW3yNY
ލަފާކުރެވޭ އުމުރުގެ މައުލޫމާތު ނެރުމާ ބެހޭގޮތުން އެންބީއެސް އިން ކުރި ޓްވީޓެއް
ނުވަދިހައިގެ އަހަރުތަކަށް އަޅައިގަތް އިރު، ރާއްޖޭގައި، ދިރިހުންނާނެ ކަމަށް ލަފާކުރެވުނު އުމުރަކީ 64 އަހަރެވެ. އޭރު އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ދިގެވެ. އެކަމަކު ނުވަދިހައިގެ އަހަރުތަކުގެ މެދު ތެރޭ އަންހެނުންނާއި ފިރިހެނުންގެ އުމުރު ދާދި އެއްވަރުވުމަށް ފަހު އަންހެނުންގެ އުމުރު އަންނަނީ ފިރިހެނުންގެ އުމުރަށް ވުރެ ދިގުވަމުންނެވެ. އަދި އެ ފަރަގު ހައްތަހާ ބޮޑުވަމުން ދާކަން އިއްޔެ އާއްމުކުރި މައުލޫމާތުން އެނގެ އެވެ.
ރާއްޖޭގައި މީހުން މަރުވާން މެދުވެރިވާ ބޮޑެތި ބަލިތަކުގެ ތެރެއިން ގިނަ ބަލިތަކުގައި އުޅޭ ފިރިހެނުން އަންހެނުންނަށް ވުރެ ގިނަ އެވެ.
ޝާދިޔާ ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ، ބޮޑެތި ބަލިތަކަށް ހުށަހެޅޭ ބައެއް އާދަތައް އަންހެނުންނަށް ވުރެ ފިރިހެނުންގެ ތެރޭގައި އާއްމުވުން މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
"ލައިފްސްޓައިލް ދުޅަހެޔޮ ނޫން ވީމަ ޒުވާން އިރުން ފެށިގެން ފިރިހެނުން ބޮޑުވަމުން އަންނަނީ ބަލިކޮށް. އެހެންވީމާ ގައިން ގަޔަށް ނާރާ ބަލިތައް ފިރިހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވޭ މާ ކުރިން،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި ފިރިހެނުންގެ ސިއްހަތަށް ސަމާލުކަން ނުދީފި ނަމަ އަންހެނުންނަށް ވެސް އޭގެ އަސަރު ފޯރާނެ އެވެ. އެއީ އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ކުރުވަމުންދާ ވަރަކަށް އަންހެނުން އެކަނިވެރިވާނެތީ އެވެ.
"ފިރިމީހާ މަރުވީމާ އެކަނިވީ. މަރުވުމުގެ ކުރިން ވެސް އެތައް އަހަރަކު ފިރިމީހާ އުޅޭނީ ބަލިވެ،" ޝާދިޔާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބަލް ސައިޑަޑް ޓޭޕް
28 November 2020
2006 ވަނަ އަހަރުންފެށިގެން އެމްޑީޕީއަށް މަރުދިން އިޚްލާސްތެރި އެތަށް ސަތޭކަ މީހުންއެއްކައިރިކޮށް މީގެއިތުރުން ޕާޓީގެ ލީޑަޝިޕަށް ސަވާރުވެގެން ތިބި ޑީއާރުޕީ ވެޓެރަނުންނާ، ޖޭޕީ އާ އެމްއާރުއެމް އާ އަދާލަތުގެ މީހުންތައް ސަރުކާރުގެ މާގާމުތަކަށް ސަވާރުވެގެން ތިބެ ހިހޫތަނުން ކައިކައި ތިބި މީހުންގެ ކޮމެންތަކެއްހެން ހާދަ ހީވެއެވެ! ކުރިން މި އެންމެން ތިބީ ޔާމީނަށް ސަނާކިޔާށެވެ. ހާލުގައި ޖެހުނު ހައިރުން އަނެއްކޮޅަށް ޖެހީއެވެ! ބުނެވޭގޮތުން އިޒްރޭލުގައި ވެސް އެންމެ ނޭއްގާނީކަމަށް ވަނީ އިތިއޮޕިޔާއިން އިޒްރޭލަށް ހިޖުރަކޮށް ރަށްވެހިކަން ހޯދާ މިލިޓަރީއަށް ވަދެގެން އުޅޭ ޔަހޫދީންކަމަށް ވެއެވެ.
ދިވެހި ފިރިހެނެއް
27 November 2020
ޔޯލޯ
ބިގަރުބެ
27 November 2020
ޒުވާންފުރާގެ ބޮޑު % ފިރިހެންކުދިންނަކީ ޕާޓޭންނަށް ވުން މިކަމުގައި ދައުރެއް އޮންނާނެ!! ދިރާސާއެއް ކުރުން ރަނގަޅު.
އައްޔުބް
27 November 2020
ފިރިހެނުންނަކީ ކަންކަމުގައި މާބޮޑަށް އަޑުގަދަކޮށް ނޫޅުނަސް އާއިލާއަށްޓަކައި ހަޤީޤީ ޤުރުބާންތަކެއް ވާ ބައެކެވެ. ޑޮކްޓަރަށް ދައްކަންވެސް ފިރިހެނުންނަށް ވަގުތު ހޯދަން ދައްޗެވެ. ސްޓްރެސް ވިޔަސް ކުރަންޖެހޭ ގިނަ ކަންތައްތައް ކުރުމުގައި ގިނަ ފިރިހެނުންނަކީ ޒިންމާ ނެގުމުގައި ފަހަތަށްޖެހޭބައެއް ނޫނެވެ. އަންހެނުންނަށްވެސް މިފަދަ ހާލަތު އާދެއެވެ. ލައިފް ސްޓައިލްގެ ސަބަބުން ބޮޑެތިބަލިތަކަށް މަގުފަހިވެއެވެ. އުމުރުވެސް ކުރުވެއެވެ.
ބިލްގޭޓްސް
26 November 2020
ދެން 70 އަހަރަށް ފަހު ހުރުމުގެ މާ ބޮޑު ބޭނުމެއް ނެތް.
ކަތްދައްތަ
26 November 2020
ވަގުތުގެ ނޭވާ ހުސްވަނީއެވެ. ވަގުތު ގަންދީފައިވާއިރު ވަގުތަކީ މަޚުލޫގެކެވެ. ފަހެ އާދަމްގެފާނުގެ އިސްކޮޅުފުޅުގައި 60 ގަޒެވެ. މިއަދުގެ އިންސާނާގެ ދިގުމިން ހައެއްކަ ފޫޓެވެ. ނޫހުގެފާނުގެ ޒުވާން އުމުރުފުޅަކީ އުމުރުފުޅުން 400 އަހަރުގެ ދުވަސްތަކެވެ. މުސްކުޅިފުޅުވީއިރު ހާހަކަށް މަދީ 50 އަހަރެވެ. 50 އަހަރުގެ ދިގުމިން ގުނާނެ ދުވަހަކަށް ވަގުތު އެބަ އިންތިޒާރު ކުރެއެވެ. ޢުމުރުން ދުވަހެއް ދުނިޔޭން ދުވަހެކެވެ. ޔަޤީންކަން ކުރިމަތިލައިފުމަށް ދާދެނެވެ.
ކޮރަޕް
26 November 2020
ފައިނޭންޝަން ސްޓްރެސް ނޫނީ މާލީ ކަންކަމާ ގުޅިގެން ދިމާވާ ހާސްކަމާ ފިކުރަކީ ފިރިހެނުންގެ ޢުމުރު ކުރުވުމުގެ އެއް ސަބަބު. މީގެ އިތުރުން ދުންފަތުގެ ބޭނުން ކުރުން. ދުންފަތް ބޭނުންކުރާ މިންވަރު 40 ޕަސެންޓާ ކާރި.
ޚަބީބޫ ދިރިއުޅުމުގެ ވައްޓަފާޅި
26 November 2020
ގިނައަންހެނުން ރަސްމީވަޒީފާ އަދާނުކުރިޔަސް އަބަދުވެސް ގޭތެރޭގެ މަސައްކަތްކުރަމުން އާމްދަނީހޯދަން މަސައްކަތްކުރޭ. ދިވެހި ފިރެހެނުންނާ ޚިލާފަށް ލިބެންހުންނަ ތަރުކާރީ ކައިހަދާ. ފިރެހެނުން ގޭގައިކެވެންހުއްޓާ ކެފޭތަކުން ސިއްހަތައް ގެއްލުންވާ ތަކެތިކެއުން އެއީ އާންމުކަމެއް. ތަރުކާރީ ނުކަނީ ރަހަނުބައިވީމަޔޯ. ތެލުލިފަތް، ތެލުލިމަސް، ރިޔަ ނެތިއްޔާ ނުކެވޭނެ. އެވަރަށް ސިގިރެޓްބޯނެ. މަދުބަޔަކު ނޫނީ ކަސްރަތެއްނުކޮށް ފޮނިކަނޑަންދިބޭނީ ކެފޭ/ހޮޅޮއަށިތަކުގަ.
އަބޫބަކުރުބެ
26 November 2020
މިކަމާދެރަވެގެން ކަންބޮޑުވެގެންއުޅޭމީހެއް މިއުޑުދަށުގައިނޫޅޭނެ.
ޙަބީބު
26 November 2020
ތީގެންވެސް އެނގެނީ ފިރިހެނުންވާ ގުރުބާން އެމީހުންގެ ލޯބިވާ އަނބިންނައް މީރުކާނާ ލިއްބައިދިނުމައް ފައިސާ ފޯރުކޮއްދީފަ އުޅެނީ ރިސޯޓުތަކުގަ މަސްވެރިކަމުގަ ދަތުރުކުރަން ވެލިނަގަން ދަނޑުހައްދަން ވަޅުކޮންނަން ފީނަން ގެދޮރުހަދަން އުވަގަށަން ރިސޯޓު މުވައްޒަފުންގެ ތެރެއިން ދުރުރައްރަށު މީހުން ތިބެނީ ހާސްކަމުގަ މުސާރަ ނުލިބި ސާވިސްޗާޖައްވުރެ ދައުލަތައްނަގާ ޓީޖީއެސްޓީބޮޑު އެކަމުގެ ހާސްކަން އޮވޭ މަސްވެރިން މަސްކިރަނީ ނުއަގުގަ ލާރިނުލިބި 3 މަހު ތިބޭ ހާސްކަމުގަ
ޙުސެންފުޅު
26 November 2020
މި ޒަމާނުގަ ވަޒީފާ އަދާކުރޭ އަންހެނުންވެސް. ނުވީތާކަށް ގޭގެ ހުރިހާކަމެއްހެންވެސް ކުރާނީ އެމީހުން. ދެން ވެދާނެ އަންހެނުންނަށްވުރެ ފިރެހެނުން ސްޓްރެސް ލެވެލް މަތިވަނީ ދެ އަންބަށް މީހުނާ އިނުމާ ވަގަށް ރައްޓެހިވެގެން އުޅޭ އަންހެނުންނާއި ސެޓު ނުވެ ކްރަޝް ވެގެން އުޅޭ އަންހެނުންގެ ކަންތަކާ ވިސްނަން ހަދައިގެން ކަމަށް.