ޚިޔާލު / ޤުރުއާން

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4

ކީރިތި ޤުރްއާންގެ ޞަފްހާއެއް.

ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމް

03 ނޮވެމްބަރ 2016 - 06:27

2 comments

(އޮކްޓޫބަރު 27، 2016ގެ އަދަދާ ގުޅޭ)

އިސްވެދިޔަ ހަފްތާގައި ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސް ބަޔަށް ބަހާލެވުނެވެ. މިފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މި ހަލަގާގައި ލިޔަން ފަށަން ގަސްދުކުރަމެވެ. މިބައިގައި ހިމެނެނީ އެއް ވަނަ އާޔަތުން ފެށިގެން އަށާވީސް ވަނަ އާޔަތުގެ ނިޔަލަށް ވާ އަށާވީސް އާޔަތެވެ.

ކުރިން ވެސް ނަންގަނެވި ދިޔަ ފަދައިން، މިބައިގައި މިސޫރަތުގެއާއި އަދި ކީރިތި ޤުރްއާނުގެ ވެސް މައިގަނޑު މައުޟޫއު އަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައި ލެވިފައިވެ އެވެ. އަދި އެއަށްފަހު، މިބައިގައި، މީސްތަކުން، މި ހިދާޔަތް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ތިންބަޔަށް ބަހާލެވިފައިވެ އެވެ. އެއްމެ ފުރަތަމަ އެކަން ބަލައިގަންނަ މީހުން، އާދެ، މުއިނުނުންނެވެ. ދެން، އެކަމަށް އިންކާރުކުރާ މީހުން، އާދެ، ކާފިރުންނެވެ. ދެން، އެކަން ބަލައިގަތުމާއި އިންކާރުކުރުމާއި ދެގޮތުން ކުރެ އެމީހުންގެ ގޮތަކީ ކޮބައިން ސާފުކޮށް ނޭނގޭ މީހުންނެވެ. އާދެ، ދެފުށް ދެގޮތް މުނާފިގުންނެވެ.

މީގެ ތެރެއިން މުއުމިނުންނާ ބެހޭ ވާހަކަކޮޅު، އެއްވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވެއެވެ. މުއުމިނުންނާ ބެހޭ ގޮތުން، އެއްމެ ފުރަތަމަ، ބަޔާން ކުރެވިފައިވަނީ، އެމީހުންނަކީ 'ތަގުވާވެރިން' ކަމުގައެވެ. މާތްﷲއަށް އީމާންވެ، އެމީހުންގެ ހަށިގަނޑު ތެރޭގައި މި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، ދަމަހައްޓުވައި، އޭގެ އަލީގައި އެމީހުންގެ އަމަލުތައް ބަހައްޓަން މަސައްކަތް ކުރާ މީހުންނެވެ. ހެޔޮއަމަލު ކޮށް، އެމީހުންގެ އީމާންވާ އީމާންވުމާ ތައާރުޒުވެ، ފުށުއަރާ ނުބައި ކަންކަމުން ދުރުހެލިވެ ތިބޭ މީހުންނެވެ.

މީގެ އިތުރުން، އެމީހުންގެ ސިފަތަކުގެ ތެރޭގައި ޣައިބަށް އީމާންވުމާއި ނަމާދު ގާއިމުކުރުމާއި، އެމީހުންނަށް މާތްﷲ ދެއްވި އެއްޗެތީން އެހެންމީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރްއާނަށާއި އަދި އެހެނިހެންވެސް އިލާހީ ފޮތްތަކަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމާމެދު ޔަގީންކޮށް ކަށަވަރުކުރުން، ހިމެނެއެވެ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ މިފަސް އާޔަތުގެ މައްޗަށް ތަފްސީލުކޮށް ބަލައިލަމާތޯއެވެ. އެއްމެ ފުރަތަމަ މިފަސް އާޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ދެން އެއަށް ފަހު، މިއާޔަތްތަކުގެ އިތުރު ތަފްސީލު ހުށަހަޅާލެވޭނެ އެވެ.

.

ތަރުޖަމާ

بسم الله الرحمن الرحيم ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ (މާތް)ﷲގެ އިސްމުފުޅު ނަންގަނެ (ބަރަކާތް ލިބުން އެދި ފަށަމެވެ)

1 ألم އަލިފް، ލާމް، މީމް. (މިއަކުރުތަކުގެ މާނައާ މެދު، ތިރީގައި، 'އިތުރު ތަފްސީލު'، މިސުރުޚީގެ ދަށުގައި ލިޔެވިފައިވާނެއެވެ.)

2 ذلك الكتاب لا ريب فيه هدى މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި އޮތް للمتقين (އެބަހީ، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށްޓަކައި އޮތް) މަގުދެއްކުމެވެ. (އެބަހީ، ތެދުމަގު ބަޔާންކޮށް، ދެއްކިފައިވާ ފޮތެވެ.)

3 الذين يؤمنون بالغيب ويقيمون الصلوة ومما رزقناهم ينفقون ތަޤުވާވެރިންނަކީ ޣައިބަށް އީމާންވެ، ނަމާދު ޤާއިމު ކޮށް، ތިމަން ރަސްކަލާނގެ، އެމީހުންނަށް، ދެއްވި ރިޒުގުން (އެއްޗެހީން ނުވަތަ ކަންކަމުން، އެހެންމީހުންނަށް ޓަކައި ހެޔޮގޮތުގައި،) ހޭދަކުރާ މީހުންނެވެ.

4 والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون އަދި އެމީހުންނަކީ ކަލޭގެފާނު (އެބަހީ، މުހައްމަދުގެފާނު) މައްޗަށް ބާވާލެއްވުނު ފޮތަށާއި (އެބަހީ ކީރިތި ޤުރްއާނަށާއި) އަދި ކަލޭގެފާނުގެ ކުރީގެ (ރަސޫލު ބޭކަލުންގެ މައްޗަށް) ބާވާލެއްވުނު ފޮތްތަކަށް ވެސް (އެބަހީ އެބޭބޭކަލުންގެ މައްޗަށް ބާވާލެއްވުނު ޒަބޫރު، ތައުރާތު އަދި އިންޖީލު ފަދަ، ފޮތްތަކަށް ވެސް) އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް، (އެއީ އަންނާނޭ ދުވަހެއްކަމާއި މެދު)، ހަމަ އެމީހުން ޔަގީންކޮށް، ކަށަވަރު ކުރެއެވެ.

5 أولئك على هدى من ربهم وأولئك هم المفلحون އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ (ދެއްކެވި) ތެދުމަގުގައިވާ މީހުންނަކީ އެމީހުންނެވެ. އަދި (އާޚިރަތް ދުވަހުން) ދިންނެވުން ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ.

އިތުރު ތަފްސީލު

މިސޫރަތް ފެށިފައިވަނީ އަލިފް، ލާމް، މީމް. މިތިން އަކުރުންނެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ މިފަދަ އަކުރުތަކަށް 'އަލްޙުރޫފު އަލްމުޤައްޠަޢާ'، ވަކިކުރެވިފައިވާ އަކުރުތައް'، މިނަމުންނާއި އަދި 'އަލްފަވާތިޙު'، 'ފެށުންތައް'، މިނަމުންވެސް ނަންދެވިފައި ވެއެވެ. މިއަކުރުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާ ތޯއެވެ. އެއްމެ ފުރަތަމަ، ކީރިތި ޤުރްއާނުގައި ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވާ ގޮތުގެ މައްޗަށާއި އަދި އެއަކުރުތައް ހިމެނޭ ސޫރަތްތަކުގެ މައްޗަށް، މަތިމަތީން، ބަލާލާނަމެވެ. ދެން، މިއަކުރުތަކުގެ މާނައާއި ބެހޭ ގޮތުން މުފައްސިރުން ދައްކަވާފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލެވޭތޯ ވެސް ބަލާލާނަމެވެ.

އަރަބި ބަހުގެ އަލިފުބާގައި އަށާވީސް އަކުރު ހިމެނެ އެވެ. (މިއަދަދު ކަނޑައަޅާ ލެވެނީ 'ހަމްޒާ'، އަޅުގަނޑުމެން ދިވެހިން ކިޔާ ގޮތުން ނަމަ 'ކުރުއަލިފު' ހިމަނައި އަދި 'އަލިފު' އަކީ އަކުރެއް ކަމުގައި ނުހިމަނަ އެވެ. އަރަބި ބަހުގައި އަލިފު ހިމެނެނީ ދެމޭ ފިއްޔެއްގެ ގޮތުގަ އެވެ. ދިވެހި ބަހުގެ (އާބާ) ފިއްޔާ ދާދި އެއްގޮތެވެ. ތަފާތަކީ ކިޔުމުގެ ތަފާތެވެ. އަރަބި ބަހުގައި އާއްމު ގޮތެއްގައި 'އާ' ކިޔާއިރު ތުންފަތް ހަރަކާތް ކުރަނީ ދިވެހި ބަހުން 'އޭބޭ ފިލި' ކިޔާއިރު ދެތުންފަތް ހަރަކާތް ކުރާ ގޮތަށެވެ.) އަރަބި ބަހުގެ އަލިފުބާގެ އަށާވީސް އަކުރުގެ ތެރެއިން، ދެބައިކުޅަ އެއްބައި އަކުރު، އާދެ، ސާދަ އަކުރު، 'ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ. އެއީ أ، ح، ر، ص، ط، ع، ف، ق، ك، ل، م، ن، هـ، ي މިއަކުރު ތަކެވެ.

.

ވަކިކުރެވިފައިވާ އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައިވާ ސޫރަތްތަކާއި އަދި އައިސްފައިވާ ގޮތް ލިޔެލާނަމެވެ. މިއަކުރުތައް ކީރިތި ޤުރްއާނުގެ އޮނަތިރީސް ސޫރަތެއްގެ، އާދެ، ގާތްގަނޑަކަށް، ކީރިތި ޤުރްއާނުގެ ހަތަރުބައި ކުޅަ އެއްބައި ސޫރަތުގެ، ފެށުމުގައި އައިސްފައި ވެއެވެ. ބައެއް ސޫރަތްތަކުގައި، ބޭނުންކުރެވިފައިވަނީ މީގެ ތެރެއިން، އެއްމެ އަކުރެވެ. އެއީ ޞާދު ސޫރަތުގައި ص އާއި ޤާފު ސޫރަތުގައި ق އާއި އަލްޤަލަމު ސޫރަތުގައި ن އެވެ. އަދި ދިހަ ސޫރަތެއްގައި އެއަކުރުތަކުގެ ތެރެއިން ދެއަކުރު އައިސްފައި ވެއެވެ. އެއީ ޠާހާ ސޫރަތުގައި طه އާއި އައްނަމްލު ސޫރަތުގައި طس އާއި ޔާސީނު ސޫރަތުގައި يس އާއި އަދި ހަތް ސޫރަތެއްގައި حم އެވެ.

އެ ހަތްސޫރަތަކީ ޣާފިރު ސޫރަތާއި ފުއްޞިލަތު ސޫރަތާއި އައްޝޫރާ ސޫރަތާއި އައްޒުޚްރުފު ސޫރަތާއި އައްދުޚާނު ސޫރަތާއި އަލްޖާޘިޔާ ސޫރަތާއި އަލްއަޙްޤާފު ސޫރަތެވެ. އަދި ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ތިން އަކުރެއް ތޭރަ ސޫރަތުގައި ބޭނުން ކުރެވިފައި ވެއެވެ. އެއި ألم މިތިން އަކުރު ހަ ސޫރަތެއްގައެވެ. އަލްބަޤަރާ ސޫރަތާއި އާލު ޢިމްރާނު ސޫރަތާއި އަލްޢަންކަބޫތު ސޫރަތާއި އައްރޫމު ސޫރަތާއި ލުޤްމާނު ސޫރަތާއި އައްސަޖިދާ ސޫރަތުގައެވެ. އަދި ألر ފަސް ސޫރަތެއްގައި އައިސްފައިވެ އެވެ.

އެއީ ޔޫނުސު ސޫރަތާއި ހޫދު ސޫރަތާއި ޔޫސުފު ސޫރަތާއި އިބްރާހީމު ސޫރަތާއި އަދި އަލްޙިޖްރު ސޫރަތުގައެވެ. އަދި މީގެ އިތުރުން طسم ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ އައްޝުޢަރާއު ސޫރަތާއި އަދި އަލްގަޞަޞު ސޫރަތުގައެވެ. އަދި ހަތަރު އަކުރެއް ދެ ސޫރަތުގައި އައިސްފައި ވެއެވެ. އެއީ އަލްއަޢްރާފު ސޫރަތުގައި ألمص އާއި އައްރަޢްދު ސޫރަތުގައި ألمر އެވެ. އަދި ފަސްއަކުރެއް ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ މަރްޔަމް ސޫރަތުގައި كهيعص އާއި އައްޝޫރާ ސޫރަތުގައި حم عسق އެވެ.

(ނުނިމޭ)

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީނާ

03 November 2016

މިކޮލަމްގައި ހިމެނޭ ލިޔުންތައް ފޮތެއްގެ ސިފައިގައި issuu.com/ ގައިވާ 'މިހާރު' ގެ އެކައުންޓުން ކިޔުންތެރިންނަށް ލިބޭނެގޮތް ހައްދަވައިދެއްވުން އެދެން. ޕްރޮފެސަރު އުގެއިލްގެ ސިއްހީ ހަދިޔާވެސް 'މިހާރު'ން ވަނީ މިފަދައިން ގެނެސްދީފައި. ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މިއީ އަގު ނުކުރެވޭ ފަދަ މައުލޫމާތުތަކެއް. މުޅި ޤުރުއާން އެއްކޮށް ނިމެންދެން މި ކޮލަމް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

އިބުނި ޢަލީ!

03 November 2016

ޝުކުރިއްޔާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454