06 ޑިސެމްބަރ 2020 - 09:29
ޓިއުރިން (ޑިސެމްބަރު 6) – އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ 3-1 އިން ބަލިކޮށް އިންޓަ މިލާނުން ތާވަލުގެ ދެ ވަނަ އަށް އަދި ޓޮރިނޯ 2-1 އިން ބަލިކޮށް ޔުވެންޓަސް އިން ތިން ވަނަ އަށް ޖެހިލައިފި އެވެ.
ތާވަލުގެ އެއް ވަނައިގައި އެއް މެޗު މަދުން ކުޅެގެން 23 ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ. އިންޓަ 21 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ޔުވެންޓަސް ތިން ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ. މިރޭ ސަމްޕްޑޯރިއާ އަތުން މޮޅުވެގެން މިލާނަށް އަނެއްކާ ވެސް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. ހާފުގެ ފަހު މިނެޓުގައި ލީޑު ފުޅާކޮށްދިނީ ފުލްބެކް އަޝްރަފް ހަކީމީ އެވެ. އޭގެ ފަހުން ބޮލޯނިއާ އިން ލަނޑެއް ޖަހައި ތަފާތު ކުޑަކޮށްފައިވަނިކޮށް އިންޓަ އަށް އަލުން ތަފާތު ބޮޑުކޮށްދިނީ ވެސް ހަކީމީ އެވެ.
ޓިއުރިން ޑާބީގައި ޔުވެންޓަސް އާއި ޓޮރިނޯ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ޓޮރިނޯގެ ނިކޮލަސް އެން ކޫލޫ ލީޑު ނެގި އެވެ. ޔުވެންޓަސް އަށް 77 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އެމެރިކާގެ ވެސްޓަން މެކެނީ އެވެ. ޔުވެންޓަސް މޮޅުވީ ފަހު މިނެޓުގައި ލިއޮނާޑޯ ބޮނޫޗީ ޖެހި ގޯލުންނެވެ.
"ޓޮރިނޯ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން އެކަމަކު އެ ޓީމަށް ފުރަތަމަ ހާފުގައި ކުރި ލިބުނީ އަހަރެމެން ބައި ސްޕީޑުގައި ކުޅުމުން،" ބޮނޫޗީ ބުންޏެވެ. ޔުވެންޓަސް އަށް ދެން އޮތީ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. ދެ ޓީމު ވެސް ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ލާޒިއޯ އިން ވަނީ ސްޕީޒިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ލާޒިއޯ އަށް ގޯލްތައް ޖަހައިދިނީ ކެޕްޓަން ޗީރޯ އިމޮބިލޭ އާއި ސާޖެއީ މިލިންކޮވިޗް-ސަވިޗް އެވެ. ލާޒިއޯ އޮތީ 17 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
06 December 2020
މަރުހަބާ ހަމްދޫން.ހަމްދޫންގެ ކްލަބް މިލާން 1 ވަނައިގަ އޮތީމަ ވަރަށް އުފަލުން ދޯ ތި ހުންނަނީ.މަމެންގެ ކްލަބް ޔުވޭ އަދި އަރާނެ 1 ވަނައަށް.އެހެން ހުރިހާ ކްލަބްތައް ގިއްގަޅުވާފަ 1 ވަނައަށް އަރާނެ.އިންޝާﷲ.#ފޯޒާޔުވޭ #ފޯޒާޔުވޭ