މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓެއް: ގެއްލިފައިވާ އެމްއެޗް370 ގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވަނީ ފެނިފައި
11 މެއި 2016 - 23:54
ދެކުނު އެފްރިކާ އާއި މޮރިޝަސް އަށް ލެއްގި މަތިންދާ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބައިތަކެއްކަން ގާތްގަނޑަކަށް ޔަގީން ކުރެވިފައިވާ ކަމަށް މެލޭޝިއާ އާއި އޮސްޓްރޭލިއާގެ އޮފިޝަލުން ބުނެފި އެވެ.
ކުއާލަ ލަމްޕޫރުން ފުރައިގެން 239 މީހުންނާ އެކު ބެއިޖިން އަށް ދަތުރުކުރި ފްލައިޓް އެމްއެޗް370 ގެއްލުނީ މާޗް 2014 ގަ އެވެ. ގިނަ ބަޔަކު ބުނަނީ އެ ބޯޓު ކަނޑަށް ވެއްޓިފައިވާނެ ކަމަށެވެ. ގެއްލުނު ބޯޓު ހޯދުމަށް ކަނޑު އަޑި ބަލަމުންދާ ތިން ބޯޓުން ދަނީ އިންޑިއާ ކަނޑުގެ ދެކުނުން 120،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަމުންނެވެ. މީގެ ތެރޭން ބޮޑު ބަޔަކީ ދުވަހަކު ވެސް ބަޔަކު ބަލާފައި ނުވާ ސަރަހައްދެކެވެ.
އެމްއެޗް370 ގެ ބައިތައް ކަމަށް ބެލެވޭ ފަސް އެތިކޮޅެއް މިހާތަނަށް ވަނީ ފެނިފަ އެވެ. މި ބައިތައް ފެނިފައި ވަނީ ބޯޓު ހޯދަން މިހާރު ބަލަމުންދާ ސަރަހައްދާ ވަރަށް ދުރުންނެވެ. ކަނޑުގެ އޮއިވަރު ހުންނަ ގޮތުން ބޯޓުގެ ބައިތައް ދުރު ހިސާބުތަކަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ލައްގާފައި ވަނިކޮށް ފެނުނު މަތިންދާ ބޯޓުގެ ބައިތައް ތަހްލީލު ކުރަމުންދަނީ އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް ސޭފްޓީ ބިއުރޯ (އޭޓީއެސްބީ) އާއި އެހެނިހެން ތަޖްރިބާކާރުންނެވެ.
އެފްރިކާގެ ބައެއް ގައުމުތަކަށް ލައްވެފައި ވަނިކޮށް ފެނުނު ބައިތަކަކީ ގެއްލިފައިވާ އެމްއެޗް370 ގެ ބައިތަކެއް ކަމަށް ގާތްގަނޑަކަށް ޔަގީން ކަމަށް އޮފިޝަލުން ބުނޭ. --ފޮޓޯ:ބީބީސީ
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވީ ދެކުނު އެފްރިކާ އާއި މޮރިޝަސް އިން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ އެމްއެޗް370 ގެ ބައިތައް ކަމަށް ތަހްލީލު ޓީމަށް ގާތްގަނޑަކަށް ޔަގީން ކުރެވިފައިވާ ކަމަށެވެ. އޭޓީއެސްބީން ވެސް ބުނެފައި ވަނީ ފެނުނު ބައިތަކަކީ އެމްއެޗް370ގެ ބައިތަކެއްކަން "ގާތްގަނޑަކަށް ޔަގީން" ކަމަށެވެ.
ބޯއިން 777 ގެ ބޯޓެއް ދެކުނު ހެމިސްފިއާ އަށް ވެއްޓިފައިވާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy