ރާއްޖެމަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް -- ފޮޓޯ: މެޓް
20 ޑިސެމްބަރ 2020 - 14:19
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން، ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސް ވާނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަނޑުގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވާރޭ ވެހި ގުގުރާނެ ކަމަށާއި ހއ. އަތޮޅާއި އދ. އަތޮޅާ ދެމެދަށް ވައި ގަދަވެ، ކަނޑުގަދަވާނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ 13-23 މޭލުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5-15 މޭލުގެ ބާރުމިނުގައި ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާ އިން ލަފާކުރެ އެވެ.
Alert White for heavy rain, thunderstorms and gusts of 40 mph. pic.twitter.com/bEMc58t4w6
— Maldives Meteorology (@MetMaldives) December 20, 2020
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިއަދު މެންދުރު 4:30 އާ ހަމަ އަށް ހއ. އާއި ތ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ވެސް މެޓް އޮފީހުން ނެރެފަ އެވެ.
އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮފަ އެވެ. އުތުރާއި މެދުތެރޭ އަތޮޅުތަކުގައި މިކަމަށް ބޮޑަށް ސަމާލުވާން އެދިފައިވެ އެވެ.
މީގެ އިތުރުން، ފެންބޮޑުވާ ރަށްރަށުން އެކަމަށް ސަމާލުވާން ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ. އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ރާޅުގެ އުސްމިނުގައި 3-6 ފޫޓު ހުންނަ އިރު ދެކުނުގެ އަތޮޅުތަކަށް 2-5 ފޫޓުގެ އުސްމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy