ފެމިލީ ކޯޓް: އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި އެ ކޯޓުން ކައިވެނިކޮށް ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
31 ޑިސެމްބަރ 2020 - 12:49
މާދަމާ ފަށާ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށް ދޭން ނިންމައިފި އެވެ.
އެ ކޯޓުން ބުނީ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭން ނިންމިޔަސް، ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކުރަން ވަކި ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8 އިން މެންދުރު 1:45 އާ ހަމައަށް ކަމަށާއި އެކަމަކު ނުރަސްމީ ގަޑީގައި ހަވީރު 4 އިން ރޭގަނޑު 9:30 އާ ހަމައަށް ވެސް ކޯޓުގައި ކައިވެނިކޮށް ދޭނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނީ އަންނަ އަހަރު ކޯޓުން ބޭރުގައި އާންމު އުސޫލުން ކައިވެނިކޮށް ދޭނީ ހަވީރު 4 އިން ރޭގަނޑު 9:30 އާ ހަމައަށް ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން މެއި 19 ވަނަ ދުވަހުގެ ނިޔަލަށް ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނީ ރޭގަނޑު 9:45 އިން 10:45 އާ ދެމެދު ކަމަށް އެ ކޯޓުން ބުންޏެވެ. ޖުލައި، 16 ވަނަ ދުވަހުގެ ފެށިގެން ޖުލައި، 27 ވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ދޭނީ ރޭގަނޑު 8 އިން 9:30 އާ ހަމައަށް ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ރޯދަ މަހު ކައިވެނި ކޮށްދޭން ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ކައިވެނި ކޮށްދޭން ދުވަސްތައް ފެމިލީ ކޯޓުން ދުރާލާ އިއުލާން ކުރެ އެވެ. މީގެ ކުރިން ބައެއް ބަންދު ދުވަސްތަކާ ދިމާކޮށް ކައިވެނިކޮށް ނުދޭ ގޮތަށް ނިންމާފައިވެ އެވެ. އެހެންވުމުން މިއީ ފެމިލީ ކޯޓުން އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ނިންމި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުނބޯ
31 December 2020
انشاء الله އަންނަ އަހަރު ކާވެނިކުރާނެ އެކަކަށް ވާނަން..
އެހެންތަ ؟
31 December 2020
އެހެންވެއްޖިއްޔާ ވަރި ކުރެވޭނީވެސް ތިވަގުތު ތަކުގައި އެކަނިތޯ ؟