ޓްރަމްޕް.
07 ޖެނުއަރީ 2021 - 08:10
ވެރިކަމުގެ އެންމެ ފަހު ދުވަސްތައް މިހާރު ގުނަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ އަށް އެޕެއް މަނާކުރަން ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.
ޓްރަމްޕް ވަނީ ކުރިން ވެސް ޗައިނާގެ ޓިކްޓޮކާއި ވީޗެޓް އެމެރިކާގައި މަނާކުރަން މަސައްކަތްކުރައްވައިފަ އެވެ. އެކަމަކު ކޯޓުން ވަނީ ޓްރަމްޕްގެ އެ ނިންމެވުންތައް ފަސްކުރަން އަމުރުކޮށްފަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޗައިނާއާ އަބަދުވެސް ދެކޮޅު ރައީީސް މި ފަހަރު ރިޔާސީ ގަރާރެއްގެ ދަށުން މަނާކުރަން ނިންމި އެޕްތަކަކީ މަހުޖަނު ޖެކް މާގެ އޭންޓް ގްރޫޕްގެ އަލީޕޭ އާއި ޓެންސެންޓް ކިއުކިއު އާއި ވީޗެޓް ޕޭ އާއި ކިއުކިއު ވޮލެޓާއި ކޭމްސްކޭނާ އާއި ވީމޭޓް އާއި ޑަބްލިއުޕީއެސް އޮފީސް އެވެ. މި އެޕްތަކީ ފައިސާގެ މުއާމަލާތް ވެސް ކުރެވޭ އެޕްތަކެވެ.
Executive Order Addressing the Threat Posed By Applications and Other Software Developed or Controlled By Chinese Companies https://t.co/ecHLwUlTMs via @whitehouse
— Adhushan (@Adhushan1) January 6, 2021
ޗައިނާގެ އެޕްތައް މަނާކުރަން ނިންމީ 45 ދުވަހުގެ މުއްދަތަކަށް ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި އެ އެޕްތައް މަނާކުރަން ނިންމީ އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާޒް އެކްޓާއި ނެޝަނަލް އިމަޖެންސީ އެކްޓްގެ ދަށުންނެވެ.
މި ނިންމުމާ ގުޅޭ ގަރާރުގައިވާ ގޮތުން ޗައިނާގެ އެޕްތަކެއް މަނާކުރީ އެމެރިކާ އިން ކުރިން ޓިކްޓޮކާ މެދު ވެސް އެންމެ ބޮޑަށް ތުހުމަތުކުރި ގޮތަށް އެ ގައުމަށް ޖާސޫސުކޮށް، ގައުމީ ސަލާމަތަށް ނުރައްކާކުރާތީ އެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ޗައިނާ އިން ދަނީ އެ ގައުމުގެ އެޕްތައް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާކޮށް، އޭގެ ބޭނުން ނަހަމަގޮތުގައި ހިފަމުންނެވެ.
ޓްރަމްޕްގެ ގަރާރާ ގުޅިގެން ކޮމާސް ޑިޕާޓްމަންޓްގެ ކޮމާސް ސެކްރެޓަރީ ވިލްބާ ރޮސް ވިދާޅުވީ މަނާކުރަން ނިންމި އެޕްތަކުން ހިންގާފައިވާ މުއާމަލާތްތައް ދިރާސާކޮށް، އެ އެއްޗެހީގައި ހިންގާފައިވާ ކަމަށް އެމެރިކާ އިން ދެކޭ މަނާ މުއާމަލާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެ އެވެ. އަދި އެކަން ޓްރަމްޕް ވައިޓް ހައުސް ދޫކުރައްވައި މި މަހުގެ 20 ގައި ވަޑައިގެންނެވުމުގެ ކުރިން ނިންމާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy