ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި ފައުޒާން.--
11 ޖެނުއަރީ 2021 - 17:44
ފުވައްމުލަކުގައި އޮޔާދަމައިގަތް ދެ އަންހެން ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި އަހުމަދު ފައުޒާންގެ ހަނދާނުގައި ރާއްޖޭގެ ސްކޫލުތަކުގައި ހިތާމައިގެ ސުކޫތެއް މިއަދު ގެނެސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެއް މިނެޓުގެ ސުކޫތެއް ގެނައީ، ފުވައްމުލަކު ސްކޫލުގެ ދަރިވަރު އެންމެ ފަހު ވަގުތު ވެސް ދެއްކި ހިތްވަރުގެ ހަނދާން އާ ކުރުމަށް ކަމަށެވެ. އުމުރުން 17 އަހަރުގެ އެ ދަރިވަރަކީ ސްކޫލަށް ވެސް މުހިއްމު އަދި އެންމެންނާ ގުޅިގެން އުޅުނު ކުއްޖެއް ކަމަށް ބުންޏެވެ.
ފައުޒާން މިދިޔަ ހޮނިހިރު ދުވަހު ވަކިވެގެން ދިޔައީ ތިމާގެ އަމިއްލަ ފުރާނައަށްވުރެ އެހެން މީހުންނަށް އެހީތެރިވުމާއި ހިތާމަތައް ފިލުވައިދިނުމަށް އަބަދު ވެސް އިސްކަންދިނުން މުހިއްމުކަން އަމަލުން ދައްކަމުންކަން ފާހަގަކުރި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒަންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު 1 މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނައުން. pic.twitter.com/MrrQHfR8Al
— Ministry of Education (@MoEdumv) January 11, 2021
ފައުޒާންގެ މަރާމެދު ހިތާމަފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވަކިވެ އެ ދިޔައީ، ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކައި އެ ގުރުބާނީން ގައުމު ރޮއްވާލާފައި ކަމަށެވެ.
"އޭނާ (މަރުވީ) އެ ގުރުބާނީން ގައުމު ރޮއްވައިލާފައި. އަޅުގަނޑުގެ ދުއާ އަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން،" އިއްޔެ ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
މޫދުގައި ފައުޒާން އުޅުނު ގޮތުގެ މައުލޫމާތު ހުރި އޭނާގެ ރައްޓެއްސަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ގަދަ އޮޔާއެކު އަންހެން ކުއްޖަކު ލޮނުގަނޑުން މައްޗަށް އުފުއްލާލައިގެން ނޭވާ ހިފަހައްޓާލައިގެން ފައުޒާން އަޑީގައި އޮތެވެ. ފަރުމައްޗާ ހަމައަށް އަންހެން ކުއްޖާ ގެންދެވޭތޯ އޭނާ ވަރަށް މަސައްކަތްކުރި އެވެ. ނޭވާ ހާސްވަމުން ދިޔަސް، އެއްގަމާ ދިމާއަށް އަންހެން ކުއްޖާ ޖައްސަމުން، އެންމެ ފަހުން އަންހެން ކުއްޖާއަށް ފަރުމަތީގައި ފައި ޖެއްސޭ ވަރަށް ކޮއްޕާލި ކަމަށް، ރަހުމަތްތެރިޔާ ކިޔައިދިނެވެ.
ސްކައުޓާއި އެތްލެޓިކްސްގައި އުޅޭ ދަރިވަރު އެ ވަގުތު ވެސް ދިޔައީ ހާސްނުވުމަށާއި ސަލާމަތްކުރާނެ ކަމަށް ގޮވަމުން ކަމަށް އޭނާގެ ރަހުމަތްތެރިޔާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
12 January 2021
ތި ސުކޫތަކީ މީނިންގ ލެސް ކަމެއް. ނިކަން ސްކޫލް ތަކުގައި ހެޔޮ ދުއާ ކުރުން މާރަނގަޅުވާނެ.