ޖޯ އާއި ސޯފީ.
15 ޖެނުއަރީ 2021 - 08:02
ކާމިޔާބު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު މަޝްހޫރު ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ މިއުޒިޝަން ޖޯ ޖޯނަސް އެކްޓިން އަށް ނުކުންނަން ނިންމައި، ބޮޑު ބަޖެޓަކުން ހަދާ ހަނގުރާމަ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ، ޖޯ ސޮއިކުރީ "ޑިވޯޝަން" ކިޔާ ފިލްމަކަށެވެ. މީގައި އޭނާ ކުޅޭނީ ފައިޓަރު ޖެޓް ޕައިލެޓެއް ކަމަށްވާ މާޓީ ގޫޑް ކިޔާ ކެރެކްޓާއެކެވެ.
އަންނަ މަހު ޖޯޖިއާގައި ޝޫޓިން ފަށާ މި ފިލްމަކީ އެމެރިކާގެ ނޭވީ ފައިޓަރު ޕައިލެޓުންތަކެއްގެ ވާހަކަ ކިޔައިދޭ ހަނގުރާމަ ފިލްމެކެވެ. ޖޭޑީ ޑިލާޑް ޑައިރެކްޓްކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖޭކް ކްރޭނާއި ޖޮނަތަން އޭ ސްޓިއުވާޓެވެ.
ޑިލާޑަކީ 2019 ގެ "ސްވީޓްހާޓް" އާއި 2016 ގެ "ސްލީޓް" ގެނެސްދިން ޑައިރެކްޓަރެވެ.
ޖޯއާ އެކު "ޑިވޯޝަން" ގައި ހިމެނޭ ކާސްޓުންގެ ތެރޭގައި ކްރިސްޓީނާ ޖެކްސަން، ތޯމަސް ސެޑޯސްކީ، ޖޮނަތަން މޭޖާޒް އަދި ގްލެން ޕަވެލް ހިމެނެ އެވެ،
ފީޗާ ފިލްމަކުން އެކްޓިން އަށް ޖޯ، 31، ނުކުންނަ އިރު، އޭނާ އަކީ ކުރިން ވީޑިއޯ ލަވަތަކުން ފެނިފައިވާ ފަންނާނެކެވެ. އެގޮތުން ތިން ބެއިންގެ ބޭންޑް "ޖޯނަސް ބްރަދާޒް" ގެ ވީޑިއޯ ލަވަތަކުން ޖޯ އާއި ނިކް އާއި ކެވިން ޖޯނަސް ފެނިފައިވެ އެވެ. ޖޯ އާއި ސޯފީ 2019 ގައި ކުރި ކައިވެންޏަށް މިދިޔަ އަހަރު ދަރިއަކު ވެސް ލިބިފައިވެ އެވެ.
ޖޯ ޖޯނަސް.
ޖޯގެ ކޮއްކޮ ނިކް އަކީ ވެސް މިއުޒިޝަނެއްގެ އިތުރުން އެކްޓަރެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2017 ގެ "ޖުމާންޖީ: ވެލްކަމް ޓު ދަ ޖަންގަލް" އާއި 2019 ގެ "މިޑްވޭ" އަދި 2015 ގެ "ކެއާފުލް ވަޓް ޔޫ ވިޝް ފޯ" ހިމެނެ އެވެ.
ނިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކެއޯސް ވޯކިން" އާއި ޕްރިޔަންކާގެ "ޓެކްސްޓް ފޯ ޔޫ" ހިމެނެ އެވެ. އަންހެނުންގެ ފިލްމުން ނިކް ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy