ފުވައްމުލަކު ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ ޕޫލްގައި ބަޔަކު ޑައިވްކުރަން ތައްޔާރުވަނީ. މިއީ ރާއްޖޭގެ އެންމެ ފުން ޕޫލް. ފޮޓޯ: ޑައިވްކްލަބް އޮލިގެ
14 ފެބުރުއަރީ 2021 - 11:57
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފުން ޕޫލް ފުވައްމުލަކުގައި ހަދައި، އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޕޫލް ހަދާފައިވާ ޑައިވްކްލަބް އޮލިގެ ހިންގާ އެކްސްޓްރީމް މޯލްޑިވްސްގެ ފަރާތުން "މިހާރު" އާ ވާހަކަދެއްކި އެތަނުގެ ބިޒްނަސް މެނޭޖަރު ޒަފަރު އަލީ މިއަދު ވިދާޅުވީ އެ ކުންފުނިން ހެދި ޕޫލުގެ މައިގަނޑު ބޭނުމަކީ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރު ވަމުން އަންނަ ފުވައްމުލަކުގައި ޑައިވަރުން ތަމްރީނު ކުރުން ކަމަށެވެ. ނަމަވެސް ފެތުމަށާއި ފަރުވާއެއްގެ ގޮތުގައި މޫދު ކަސްރަތުކުރަންޖެހޭ، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންކުރެވޭނެ ބައެއް ވެސް އެ ޕޫލްގައި ހަދާފައިވެ އެވެ.
އެކްސްޓްރީމް މޯލްޑިވްސް އަކީ ޝެރަޓަން މޯލްޑިވްސް އާއި އެހެން ބައެއް ތަންތަނުގައި ވެސް ޑައިވް ކްލަބް ހިންގާ ބައެކެވެ.
"ޕޫލް މިއޮންނަނީ ދެބަޔަކަށް. އެއީ ޝެލޯ [ތިލަ] ބަޔަކާއި ޑީޕް [ފުން] ބައެއް. ޑީޕް ބައި މީ ޑައިވިނުގައި ބައެއް ސްކިލްތައް ހަދަން ތަންކޮޅެއް ފުނަށް ދާން ޖެހޭ ބަޔަށް. އެބައިގައި މިހުންނަނީ 4.6 މީޓަރު. ޝެލޯކޮށް މިއޮންނަ ބައިގައި މި އޮންނީ 1.2 މީޓަރު،" ސިލްވަލޭކް ކިޔާ ކުންފުންޏަކުން ޑިޒައިންކޮށް ހެދި ޕޫލާ ބެހޭ ގޮތުން ޒަފަރު ވިދާޅުވި އެވެ.
ފުވައްމުލަކު ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ ޕޫލްގައި ބަޔަކު ޑައިވްކުރަނީ. މިއީ ރާއްޖޭގެ އެންމެ ފުން ޕޫލް. ފޮޓޯ: ޑައިވްކްލަބް އޮލިގެ
ޒަފަރު ވިދާޅުވީ ގޮތުގައި ކޮވިޑް ކޭސްތަކެއް ފެނި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި މަސައްކަތް މަޑުޖައްސާލަން ޖެހުނީ ޕޫލް ހުޅުވަން ތައްޔާރުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވީ އޭރު ދިޔައީ ޕޫލަށް ފެން އަޅައި، އެޑްވަޓައިޒިން މެޓީރިއަލް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
ފުވައްމުލަކު ފުނާޑުއަވަށުގައި ހުންނަ ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ އެ ޕޫލުގައި ތަމްރީނުވާން މިހާރު ވެސް ބައެއް ބުކިންތައް ހަަދާފައިވާ ކަަމަށް ޒަަފަރު ބުންޏެވެ. އެހެންވެ އޮލިގެ ޑައިވް ކްލަބަށް ޕޫލާ އެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެކްސްޓްރީމް މޯލްޑިވްސް އިން އުއްމީދުކުރެ އެވެ.
ފުވައްމުލަކު ޑައިވްކްލަބް އޮލިގޭގައި ހަދާފައިވާ ޕޫލް. މިއީ ރާއްޖޭގެ އެންމެ ފުން ޕޫލް. ފޮޓޯ: ޑައިވްކްލަބް އޮލިގެ
ފުވައްމުލަކަކީ ވަށައިގެން ބޮޑެތި ރާޅު ނަގާ، އެ ރާޅުތަކުގެ ތެރެއަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައިވާ ރަށެކެވެ. އެހެންވެ، ޑައިވަރުން ތަމްރީނުކުރުމާއި މޫދުގައި ކުރަންޖެހޭ އެ ނޫން ގިނަ ކަންތައް ދަސްކުރަން ވެސް ޕޫލެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެކްސްޓްރީމް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ފާޟިލް އަބްދުﷲ ވަނީ ޕަބްލިކް ޕޫލެއް އެޅުމުގެ ކޮންސެޕްޓެެއް ސަރުކާރާ ވެސް ހިއްސާކޮށްފަ އެވެ. އެކަން ހަގީގަތަކަށް ނުވުމުން ކޮމާޝަލް އިންވެސްޓްމެންޓެއްގެ ގޮތުގައި ޕޫލެއް ހަދަން ނިންމީ އެވެ.
"މީގެ މީގެ އަށެއްކަ އަހަރު ކުރިން ފެށިގެން މި ކުންފުނިން ވިސްނަމުން އައި ކަމެއް. މިހާރު މިކަން ހަގީގަތަކަށް މި ވީ،" ފާޟިލްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޒަފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާ ވިޔަފާރިވެރިން ކުރި މަސައްކަތުން، އެރަށް މިހާރު ވަނީ ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރުވާން ފަށައިފަ އެވެ. އެއީ ރާއްޖޭން މިހާރު މަދުން ފެންނަ ބާވަތެއް ކަމަށްވާ ފެމުނު މިޔަރު ފަދަ ބާވަތްތައް ފުވައްމުލަކު ބޭރުން ފެންނާތީ އެވެ. އެހެންވެ ޕޫލް އެޅުމުގެ މައިގަނޑު މަގުސަދަކީ ދަސްކޮށްލައިގެން ފުވައްމުލަކު ބޭރަށް ފީނާލަން ބޭނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ފަހިކޮށްދިނުމާ އެކު ލޯކަލް ޓޫރިޒަމް ކުރިއެރުވުމެވެ.
ޑައިވް ކްލަބް އޮލިގެ އިން އުއްމީދުކުރަނީ ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްވުމަށް ފަހު، ޑައިވްކުރަން ދަސްކުރަން ގިނަ ބަޔަކު އަންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށިމީހާ
15 February 2021
އޮލިގެ-ވަރަހަ ރިވެތި ނަމެއް
ނުފުޕައްޗޭ
14 February 2021
ކަލޯ އައް ނޭނގޭނެއެވެ
ޒިންދަގީހ
14 February 2021
އެއްވެސް ފުނެއްނޫން، ތި ދެން ކޯޗެއް، ދިވެހިންނަށް ކޮންމެ ކަމެއް އުޅޭނެ މާ އާކަމަކަށް ވެގެން. ދޮންނަ މެޝިންވެސް އަދިވެސް އާ އެއްޗަކަށް ވެދާނެ ފުއަށްމުލަކު މީހުންނަށް
އޮނަރަބްލް އަފީފު ދީދީ
14 February 2021
ތިފަދަ ކަންކަން ކާމިޔާބުވާނީ ތިޔަ ބުރުގެ (ސާކަލްގަ) ތެރޭގައި ރަށަށް އާމްދަނީވަންނާނެ އިޤްތިސޯދީ ހަރަކާތް ތަކެއް ހިންގައިގެން. # މުލަކަކީ ދަނޑުވެރިކަމުގެ ހުނަރު ހުރި މީހުން ގިނަ ރަށެއް ކަމުގައިވާތީ ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމަށް ތިތަނުގެ ދަނޑުވެރިކަން ބަދަލު ކުރެވޭތޯ މިފަދަ އެހެން ފަރާތަކުން ނުވަތަ ކައުންސިލުން އިސްނަގައިގެން އެކަން ކޮށްފިނަމަ މުޅި ރާއްޖެއަށް ބޭނުންވާނެ ތަރުކާރީގެ އެތައްބާވަތެއް ފަސޭހަކަމާއިއެކު އުފެއްދިދާނެ. ޓަރައިކޮށްލައްވާ.
ދަނޑުވެރިޔާ.
14 February 2021
ފުވައްމުލަކަކީ ވަރަށް ފަސޭހައިން ހައިޑްރޮޕޮނިކްސް ދަނޑުވެރިކަން ކުރެވިދާނެ ރަށެއް. އަދި ރަށުގެ އަންހެންވެރިންނަށް މިކަން ކުރެވޭނެ ގޮތް ހަދާދީ ކުދިކުދި ވަކިވަކި މީހުން މިކަން ކުރުމުގެ ބަދަލުގައި އަވަށު ދަނޑު ހަދައިގެން މިކަން ކުރުން ރަނގަޅު.
ފޫގޮސާނެ
14 February 2021
ކޮމެމީހަކަސް ކޮނެވޭނެތަ އެންވައިރަމަޓް އެސެސްމަންޓް ހަދާކަނުޖެހެތަ. ދާންވީ ފެންވަޅުފުންކުރަން
އުދުހޭ
14 February 2021
ކޮނެފައެއްނޫނޭ އެހެރީ ބިމުން މައްޗަށް ހިއްލާފަ. ފޮޓޯއިން އެބަފެނޭ.
1828
14 February 2021
ޑައިވް ކުރުމަކީ ސަޅިކަމެއް.
ހަސަނު1
14 February 2021
ސަޅީ. އެކަމަކު ޝަންގްރިއްލާގައިވެސް 5 މީޓަރގެ ޕޫލެއް ހުރޭ.
ޖަންބުބޭ
14 February 2021
މިދުވަސްކޮޅު މާގިނައިން ޕޫލަށް ނޭރޭތި.