ނީލް ވޭން ބިޔާ އޭނާގެ ބައިވެރިޔާއާ އެކު އަނަންތާރާ ރިސޯޓުގައި--
04 މާޗް 2021 - 15:18
ރާއްޖެއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެންމެ އަވަހަށް ބޯޑަރު ހުޅުވާލައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ޓޫރިސްޓުންނަށް ލިބުނު އެއް ގައުމެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ޗުއްޓީ ހޭދަކުރުމުގެ ސަގާފަތް އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުރު ޗުއްޓީތަކުގެ ބަދަލުގައި ދިގު މުއްދަތަކަށް ޗުއްޓީގައި ތިބުމަކީ އެގޮތުން އައި އެންމެ ބޮޑު އެއް ބަދަލެވެ.
ކެނެޑާގައި ރެސްޓޯރެންޓް ވިޔަފާރިކުރާ ނީލް ވޭން ބިއާސް އާއި އޭނާގެ ބައިވެރިޔާ ޝާމެއިން ސަންޗޭޒް މިދިޔަ އަހަރުން ފެށިގެން އަންނަނީ ރާއްޖޭގެ ހިމޭންކަމާއި ރީތީކަމުގެ ތެރޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަނަންތާރާ ވެލި ރިސޯޓުގެ ދިގު ޗުއްޓީ ޕެކޭޖު "އަންލިމިޑެޓް ސްޓޭސް އިން ޕެރެޑައިސް" ނަގައިގެން އެ ރިސޯޓުގައި ތިބި އިރު އަހަރަކަށް ހޭދަވާނީ 30،000 ޑޮލަރު (460،000ރ.) އެވެ. މީގެ ތެރޭގައި ހެނދުނުގެ ނާސްތާ އާއި ދަތުރުތަކުގެ ހަރަދު ވެސް ހިމެނެ އެވެ.
އަނަންތާރާ ވެލި ރިސޯޓުގެ ކޮޓަރިއެއް. މި ރިސޯޓުގެ ވިލާތައް ހުންނަނީ މޫދުގައި
އަނަންތާރާ ވެލި ރިސޯޓުގައި 67 ވޯޓާ ވިލާ އާއި އޯޝަން ބަންގްލޯ ހުރެ އެވެ. މާލެ އަތޮޅުގައި އޮންނަ އެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި 30 މިނެޓުން ދެވޭނެ އެވެ. މި ރިސޯޓުގައި ދެމަފިރިންނަށް ހާއްސަ ސްޕާ އާއި އޯޕަން އެއާ ސިނަމާގެ އިތުރުން ޕްރައިވެޓްކޮށް ހާއްސަ ސަރަހައްދުތަކުގައި ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދެ އެވެ.
މި ދަތުރުގައި ހިތްހަމަޖައްސައިލުމުގެ އިތުރުން މަސައްކަތުގައި ވެސް މި ދެމަފިރިން ވަގުތު ހޭދަކުރި އެވެ. ވިޔަފާރީގެ ވާޗުއަލްކޮށް ބައްދަލުވުންތަކުގައި ބައިވެރިވަމުން ރިސޯޓުގެ މޫދަށް އެރިލައި ސްނޯކްލީން އަށް ގޮސް ވެސް އުޅުނެވެ.
އަނަންތާރާ ވެލި ރިސޯޓުގެ ޕޫލް ސަރަހައްދު
"އިންސައިޑާ" ނޫހަށް ނީލް ބުނީ، މިގޮތަށް އެއް އަހަރު ހޭދަކޮށްލުމަކީ މުޅި ހަޔާތުގައި ވެސް އެއް ފަހަރު ކޮށްލެވޭނެ ތަޖުރިބާއެއް ކަމަށެވެ. އެ ދެމަފިރިން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެހެންވެ މިއަހަރުގެ ޑިސެމްބަރު މަހާ ހަމަޔަށް ތިބޭނީ ރާއްޖޭގެ އަނަންތާރާ ވެލި ރިސޯޓުގަ އެވެ.
ނީލް ބުނީ އަނަންތާރާއަށް އައީ ދިގު ޗުއްޓީއެއް ހޭދަކުރުމުގެ ބޭނުމުގައި ކަމަށާއި އެކަމަކު އެޔަށް ވުރެ ވެސް ދިގު ޗުއްޓީއަކަށް ބޭނުންވީ އަނަންތަރާގެ އިންތިޒާމްތައް ރަނގަޅުވުމުން ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމަށް ޑަބްލިއުއެޗްއޯގެ އުސޫލުތަކާ އެއްގޮތަށް އެ ރިސޯޓުގެ ރައްކާތެރިކަމުގެ ޕްރޮޓޮކޯލަށް އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް ދަތުރު ފެށުމުގެ 24 ގަޑި އިރު ކުރިން ހެލްތް ފޯމެއް ފުރަން ޖެހެ އެވެ. އަދި 96 ގަޑި އިރަށް ވުރެ ގިނަ ވަގުތު ހޭދަވެފައި ނެތް ކޮވިޑް ޓެސްޓް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ.
އަނަންތާރާ ވެލި
ޓޫރިސްޓުން ރިސޯޓަށް އެރުމުގެ ކުރިން އެ މީހުންގެ ހުރިހާ ލަގޭޖްތަކެއް ވެސް ޑިސްއިންފެކްޓް ކުރެ އެވެ. އަދި ރެސްޓޯރެންޓްތަކާއި ސިނަމާގައި ވެސް ގޮޑިތައް ހުންނަނީ ގައިދުރު ކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެ ރިސޯޓުން ރޫމް ސާވިސްތަކާއި ޕޭމަންޓް ދެއްކުމަށް އަދި ރެސްޓޯރެންޓުން ބޭނުންވާ މޭޒު ބުކްކުރުމަށް ވެސް ހާއްސަ އެޕްލިކޭޝަނެއް ހަމަޖައްސާފައި ވުމުން މި ދުވަސްވަރު އެއީ ބޮޑު ރައްކާތެރިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
"ރިސޯޓުން އަޅާ ފިޔަވަޅުތަކުން ވަރަށް ބޮޑަށް ރައްކާތެރިކަން އިހްސާސް ކުރެވިއްޖެ،" އޭނާ ބުނެފައިވެ އެވެ.
ނީލް ބުނީ ރާއްޖޭގެ ރިސޯޓެއްގައި ހުރެ ވިޔަފާރީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ހަމަ އެކަނި ދަތި ކަމަކީ ކެނެޑާ އާއި ރާއްޖެއާ ދެމެދު އޮންނަ 12 ގަޑި އިރުގެ ތަފާތު ކަމަށެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު ނީލް ކޮފީ އަކާ އެކު ދުވަހުގެ މަސައްކަތް ފަށާ އިރު ލެޕްޓޮޕުން މެއިލް ބަލައި ވާޗުއަލް މީޓިންތައް ކުރިއަށް ގެންދަނީ ކަނޑުން އަރައިގެން އަންނަ ފިނި ވައި ވަދެގެން އަންނަ ކުޑަ ދޮރު ކައިރީ އިނދެ އެވެ. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
އަނަންތާރާ ވެލީގެ ސްޕާ
ނީލް އެންމެ ފުރަތަމަ ރާއްޖެއަށް ޗުއްޓީއަށް އައީ މާޗް މަހު އެނބުރި ކެނެޑާއަށް ދާ ގޮތަށެވެ. ނަމަވެސް ރިސޯޓުގެ ހިތްގައިމު މާހައުލާއި މެހެމާންދާރީ ފެނި އެ ރިސޯޓުގައި ހުންނަން ނިންމީ އެވެ. މިހާރު ނިންމައިގެން ހުރީ ކެނެޑާގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެނބުރި ދާ ގޮތަށެވެ.
އަނަންތަރާ ވެލީގެ އިތުރުން އެހެން ބައެއް ރިސޯޓުތަކުން ވެސް ދިގު މުއްދަތުގެ ޗުއްޓީ ޕްލޭންތައް ވަނީ ތައާރަފްކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުބެއްޔާ
04 March 2021
000'30 ޑޮލަރު އަހަރަކަށް ދުވާލަކު 82 ޑޮލަރު، އެއީ މާލޭގެ އާދައިގެ ގެސްޓް ހައުސް އެއްގަވެސް ނުހުރެވޭނެ އަގު، ހިޔެއްނުވޭ ރަގަޅު އަގެއްހެން.
ާމިހާރު
04 March 2021
މި ލިއުމުގައި ދެކޮޅުނުޖެހޭ ބެއް މައުލޫމާތު އެބަހުރި.
ކިހިނެއް
04 March 2021
އެކަމަކު ރާއްޖެއިން ޓުރިސްޓް ވިސާ ދެނީ 90 ދުވަހަށް. އެއްއަހަރު ތިބެވުނީ ކިހިނެއް
ހޭވިހަޑި
04 March 2021
ތީ ވަރަށް ކުޑަކުއްޔެއް. ހިތަށްއަރަނީ އަހަރަކަށް 30000 ޑޮލަރޭ ލިޔެވިފާ އެއޮތީ އޮޅިގެންބާއޭ. ހަގީގަތުގާ ތިޔަވަރުގެ ރެސޯޓެއްގާ ހުރެލަން ތީކީ ބޮޑުއަދަދެއްނޫން.
އަހުމަދުބޭ
04 March 2021
ވިސާކަންކަން ހަމަ ޖައްސަނީ ކިހިނެތްބައި؟ އެންގިފައި އޮންނަ ގޮތުގައި ޓޫރިސްޓަކަށް އެންމެ ގިނަދުވަހު ހުރެވޭނީ 90 ދުވަސް ވިސާ އެކްސްޓެންޑް ކޮއްގެންވެސް، މިފަދަ 1 އަހަރުގެ ވިސާ ޕެކެޖެއް އޮންނަނީތޯ؟ ނޭގޭތީ އަހައިލީ
ކަލޯގެޔާ1
05 March 2021
ޓިކެޓެއް ނަގައިގެން ލަންކާއަށް ގޮސްއައިމަ ވިސާ އިތުރު ކުރެވޭނެ.
ކަކުނިބޯ
26 March 2021
1 އަހަރަށް ވެސް ވިސާ ލިބޭ ނެ ފްރީ ވިސާ ނުލިބޭ ނީ