މީރާ--ފޮޓޯ/މިހާރު
10 މާޗް 2021 - 12:02
މިދިޔަ މަހު އާމްދަނީގެ ގޮތުގައި 994.12 މިލިއަން ރުފިޔާ މީރާ އިން ބަލައިގެންފި އެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 30.9 ޕަސެންޓުގެ ދަށްވުމެއް ނަމަވެސް މިއީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުވެފައި ވުމުން ލަފާކުރި ވަރަށް ބޮޑު އާމްދަނީއެކެވެ.
މި އަހަރު އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ގްރީން ޓެކްސް އާއި ބީ.ޕީ.ޓީ އަދި އެއާޕޯޓް ޓެކްސް އާއި ފީގެ އާމްދަނީ ދަށްވުމުން ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބުނު ނަމަވެސް މި އަހަރު އެ ފީ ނުލިބުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެކެވެ.
މީރާ އިން ބުނީ މި ލިބުނު އަދަދަކީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ 41.2 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް އަދި ޖީޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އެއީ މީރާ އިން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާގެ އިގްތިސާދު މިހާރު ރަނގަޅުވަމުން އަންނާތީ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 672.79 މިލިއަން ރުފިޔާ އެވެ. އަދި އާމްދަނީން ނަގާ ޓެކުހުން 107.47 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 34.08 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy