ރިޕޯޓް / ނުކުޅެދުންތެރިކަން ހުންނަ މީހުން

ރައިޝަން ކިޔަވަން ކުރަމުން އަންނަ ހިތްވަރަށް ހުއްޓުމެއް ނެތް

ވަރަށް ކުޑައިރުއްސުރެ ހިނގާބިނގާވެ އުޅެން އުނދަގޫވެ، އަމިއްލައަށް ކަންކަން ނުކުރެވޭ ހާލަތަށް ދިޔަސް ރައިޝަން އަކީ ހިތްވަރު ގަދަ ކުއްޖެއްކަން އަދި މިހާރު އެފަދަ ޒުވާނެއްކަން އަންނަނީ ސާބިތުކޮށްދެމުން

ރައިޝަން ގޭގައި ހުރެގެން، އޮންލައިން ކްލާހެއްގައި އިއްޔެ ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އާއިލާ އާއި ރައްޓެހިންނަށް ބަރޯސާވާން ޖެހި އަދި އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުވުމަކީ މާޔޫސްވެ، ދެރަވާން ޖެހޭ ކަމެއް ނަމަ މުހައްމަދު ރައިޝާން މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. ރަނގަޅު ތައުލީމެއް ނުލިބި ކުރިމަގު ބަނަވެފަ އެވެ. އެކަމަކު އާމިނަތު އިބްރާހިމް، އޭނާގެ ހަގު ދަރިފުޅު އެންމެ ޅައިރުއްސުރެ "ކޮޓަރި ތެރޭގައި ފޮރުވައިގެން" ނުގެންގުޅެ މީހުންގެ ތެރެއަށް ނެރުނެވެ؛ ކަންކަމުގައި ބައިވެރިކުރި އެވެ.

އޭނާގެ ނަތީޖާ ފޮންޏެވެ. އެތައް ބަޔަކަށް އެތައް ފިލާވަޅެއް ދަސްވާހާވެ އެވެ.

ފުރޮޅުލީ ގޮނޑީގައި އިނދެގެން އޯ ލެވެލްގެ ގައުމީ ގަދަ 10ގެ 10 ވަނަ އަދި 2019 ގައި ހެދި އޭ ލެވެލް އިމްތިހާނުގައި ވެސް ރައިޝާން، 19، ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި އެވެ. އެ ހިސާބުން އަދި ނިމުނީކީ ނޫނެވެ. މިހާރު އޭނާ އަންނަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑިގްރީއަށް ކިޔަވަމުންނެވެ.

މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝާން މަތީ ތައުލީމަށް ދިއުމުގެ ކުރިން ނިިއުރޮލޮޖިސްޓް ޑރ. ސަސީ ކުމާރުއާ ވާހަކަދެއްކި އެވެ. ހަރަކާތްތެރިވެ އުޅުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވުމުން ޑޮކްޓަރު ވެސް އިރުޝާދު ދެއްވީ އަނގަބަހުން ކުރެވޭ މަސައްކަތައިގެން ކުރިއަށް ދާށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޔުނިސެފްގެ އޮފިޝަލުންނާ އެކު ރައިޝަން، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރަން ތައްޔާރުވެގެން.

އެހެންވެ ޝައުގުވެރިކަން ވެސް ހުރުމާއި ރާއްޖެއަށް މި ވަގުތު މުހިއްމު ދާއިރާއަކަށް ވާތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އަޑުއުފުލަމުން އަންނަ ރައިޝަން އިހުތިޔާރުކުރީ ސައިކޮލޮޖީ އެވެ.

"ވާބަލީގެ ކުދިންނަށް ކުރިއަށް ދެވޭނެ ބައިވަރު ފުރުސަތުތައް އެބަހުރި ސައިކޮލޮޖީ ކިޔަވައިގެން،" ރައިޝާން ބުންޏެވެ.

އޭނާ ކުރިން ނިންމައިގެން ހުރީ މަތީ ތައުލީމް ހާސިލްކުރަން ރާއްޖެއިން ބޭރަށް ދާށެވެ. އެކަމަކު ފަންޑިން ނުލިބުމުން އެ ވިސްނުން ބަދަލުކުރީ އެވެ.

"ދިރިއުޅުން ނުހުއްޓޭ، އަދިވެސް ކިޔަވާނަން"

ބޯދާ ވިސްނުންތައް ގަބޫލުކުރާ މީހުން ދެކެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބެން ޖެހޭނީ ގޭގެ ހަތަރު ފާރުގެ އެތެރޭގައި ކަމެވެ. އެ ކުދިންނަށް އުފާވެރި ދިރިއުޅުމެއް ނުފެންނާނެ ކަމެވެ. އޭގެ ޖަވާބަކަށް ރައިޝަން ވެސް ކުރީ ސުވާލެކެވެ.

"ރައިޝަންގެ ދިރިއުޅުން ހުއްޓިފައި ހެއްޔޭ މިހުރީ. ކުރިއަށް ދަނީ ނޫންހޭ. މިހާރު މި ޑިގްރީއަށް ވެެސް ކިޔަވަނީ ނޫންހޭ. ކޮބައި ހެއްޔޭ ހުއްޓިފައި.؟ އަދި ވެސް ކިޔެވޭނެ. ހިތްވަރު އެބަހުއްޓޭ، ސަޕޯޓު ވެސް އެބަ ހުއްޓޭ. ދެން ކީއްވެގެން ހެއްޔޭ ނުކިޔެވެންވީ؟ ކޮންމެ މީހަކަށް ވެސް ކިޔެވޭނެ ސަޕޯޓާ އެއްޗެހި ލިބެންޏާ،" ސައިކޮލޮޖީގެ ދާއިރާއިން މާސްޓަސް ޑިގްރީއާ ހިސާބަށް ވެސް ދާން ނިންމައިގެން ހުރި ރައިޝަން ބުންޏެވެ.

ރައިޝަން ގޭގައި ހުރެގެން، އޮންލައިން ކްލާހެއްގައި ބައިވެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ރައިޝަން މިހާތަނަށް ވެސް އުޅެމުން ދިޔައީ އޭނާ ކިޔަވާ ސްކޫލަކާ ކައިރީގަ އެވެ. ގްރޭޑު 1-10 އަށް ކަލާފާން ސްކޫލުގައި ކިޔެވިއިރު އުޅުނީ އެ ތަނާ ކައިރި ގެއެއްގަ އެވެ. އޭ ލެވެލް ހަދަން ސީއެޗްއެސްއީއަށް ވަނުމުން ރައިޝަންގެ ކުޑަކުޑަ އާއިލާ ވެސް ބަދަލުވީ އެ ތަނާ ކައިރި ގެއަކަށެވެ.

އައިޖީއެމްއެޗާ ކައިރީގައި ހުންނަ ހެލްތު ފެކަލްޓީއަށް ފުރަތަމަ ދުވަހު ދިޔައީ ޕިކަޕެއްގަ އެވެ. ދެވަނަ ދުވަހު ވޭނެއްގަ އެވެ. ކޮވިޑު-19ގެ ހާލަތު ގޯސްވުމުން އަނެއްކާވެސް ކޮލެޖު/ޔުނިވާސިޓީތައް ބަންދުކޮށް މިހާރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ޔުނިވާސިޓީގައި ހަވީރު 4:00-8:00 އަށް ކިޔެވުން އޮންނާތީ އެ ގަޑި ދިމާވަނީ ރައިޝަންގެ ރޭގަނޑުގެ ކާ ވަގުތާ އެވެ. ވަރުގަދަ ބޭސްތަކެއް ވެސް ކާން ޖެހޭތީ، ލުއި ގޮތެއް ހޯދައިދިނުމަށް އެދި ފެކަލްޓީގެ އިސް ވެރިންނާ އައިންތު ބައްދަލުކުރި އެވެ. ފެކަލްޓީން ވަނީ 10-15 މިނެޓުގެ ބްރޭކް 45 މިނެޓަށް އިތުރުކޮށްދީފަ އެވެ.

ރައިޝަން ކުޑައިރުގެ ފޮޓޯއެއް.

ބްރޭކް ގަޑީގައި ރައިޝަންގެ ކާ އެއްޗެހި ހިފައިގެން އައިންތު ދަނީ ސީދާ ފެކަލްޓީއަށެވެ. އެ ތަނުގެ ސައި ކޮޓަރީގައި ކާން ދީ ނިންމުމަށް ފަހު އަނެއްކާވެސް ކްލާސްރޫމް ތެރެއަށެވެ. އައިންތު އަނބުރާ ދަނީ މޭޒު މައްޗަށް އަތް ލައިދީ، ލިޔަން ތައްޔާރު ކޮށްދިނުމަށް ފަހުގަ އެވެ.

ރައިޝަން ބުނިގޮތުގައި މިދިޔަ އަހަރު އެއްވެސް ކަމެއް ނުކޮށް ގޭގައި ހުރުމުން މީހާ އިތުރަށް ވީ ބަލިކަށްޓެވެ. ކުރީގައި ބޮލާއި ކަރު ހިފަހައްޓާލައިގެން އެކަނި އުޅެވެ އެވެ. އެކަމަކު މިހާރު ތެދުވީމަ ވެސް ކަރު ހިފަހައްޓަން ވަރަށް އުނދަގޫވާކަމަށް ބުންޏެވެ.

"މިހާރު މަގުމަތިން ދާއިރު ވެސް އިންނަން ޖެހެނީ ކަރުގައި ކުޑަ ވަރެއްގެ ސަޕޯޓެއް ހިފަހައްޓައިގެން. މަންމަ ޖެހޭނެ ހިފަހައްޓަން،" ރައިޝަން ބުންޏެވެ.

އޭނާގެ މުޅި ހަޔާތުން ފެންނަނީ، ބައެއް ފަހަރަށް މާޔޫސްވުމުން ކަރުނަ ފޮހެލައިގެން ވެސް، ކުރިއަށް ދިއުމުގެ ފޮނި ނަތީޖާ އެވެ. މަންމަ އާއި ދޮންބެ އަދި އާއިލާ އާއި ރައްޓެހިންގެ ފަރާތުން ރައިޝަނަށް ލިބެމުން ދިޔައީ ލޯތްބާއި އެހީތެރިކަމެވެ. އެ ހިތްވަރާ އެކު، ކިޔަވައިގެން ގައުމަށް ހިދުމަތްކުރުމަށް އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

9 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނުމީހާ

08 April 2021

ރައިޝަންގެ އިންޓަވިއުތަކުން މުހިންމު ފަރާތެއްގެ ވާހަކަތައް އުނިވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް އެކަމުގައިވެސް ފޮރިވިފައިވާ ހަޤީގަތެއް އޮވެދާނެކަމަށްފެނޭ. މުޖުތަމާއުގައި ބައްޕައިންނަށްވުރެ، މަންމައިން ކުދިންގެ ކަންކަމުގައި އިސްދައުރެއް އަދާކުރޭ. އެއްވައްތަރު ބައްޕައިންނަކީ ކަންނުވެ ނަންވާ ބައްޕައިން. އަނެއްވައްތަރުގެ ބައްޕައިންނަކީ ކަންކަންކޮށްދީ ނަންވެސް ހޯދާ ބައްޕައިން. ހަމަ މިފަދަ މަންމައިންވެސް ދުނިޔޭގައި އުޅޭނެކަން ޔަގީން.

The name is already taken The name is available. Register?

ވޭކަޕް ކޯލް

07 April 2021

ރައިޝަންވެސް ރަނގަޅު ކުރެވޭނެ. އެކަމަށް ބޭނުންވަނީ އޯޕަން މައިންޑެއް. ރާއްޖޭގެ މީހުންގެ ވިސްނުން ބަދަލުކުރަން ޖެހޭނީ. އޭރުން ރައިޝަން ރަނގަޅުކުރެވޭނެ ޑޮކްޓަރެއް ފެންނާނީ.

The name is already taken The name is available. Register?

ޢަޒުމް

06 April 2021

ރައިޝަން ތި ކުރާ ހިތްވަރަށް ސާބަސް ދެން. އަދި ރައިޝަން ހޯދައިފައިވާ ކާމިޔާބީތަކަށް މަރުޙަބާ ކިޔަން. ރައިޝަންގެ މައިންބަފައިންގެ ހިތްވަރަށް ތަޢުރީފް ޙައްޤު. ރައިޝަންގެ ޙަޔާތުން އެނގެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކުރިއަށް ދެވިދާނެކަން. ރަޢިޝަން އަށް އުޖާލާ މުސްތަޤްބަލެއް ދެއްވާށި. އާމީން!

The name is already taken The name is available. Register?

ފޮސްކަލޯ

05 April 2021

ހުރިހާ ޒުވާނުންނަކީވެސް މިކަހަލަ ހަރުދަނާ ބަޔަކަށް ވާނެ ވަނަ ކުރިމަގު ހާދަހާ އުޖާލާ ވާނެޔޭ

The name is already taken The name is available. Register?

ނައީމް123

05 April 2021

ކޮންފަދަ ހިތްވަރުގަދަ ދަރިއެއްތޯ؟ މާތްﷲ ތިބާއަށް ކާމިޔާބާއި ހެޔޮގޮތް މިންވަރުކުރައްވާ ފަސޭހަކަން ދެއްވާށި. އާމީން.

The name is already taken The name is available. Register?

ހެޔޮއެދޭ ފަރާތެއް

05 April 2021

ރައިޝާން އަށް އަބަދުވެސް ކާމިޔާބީއަށް އެދެން. މާތްﷲ ރަޙުމަޠްލައްވާށި. މައިންނާއި ބަފައިންނަކީ އިސްލާމްދީނުގައި ވަރަށް ބޮޑު ގަދަރެެެއް ދެއްވާފައިވާ ބައެއް. އެ ދެމީހުންގެ މުޅި ދިރިއުޅުން ޤުރުބާންކުރީ ތިބާއަށްޓަކާ. ދިރިއުޅުމުގެ މިހިސާބަށް އާދެވުނުއިރު، މީގެން އެކަކުގެ ނަން ނޭނގިނަމަވެސް ހަނދާންނެތިފައިވާކަން އިންޓަވިއު ތަކުން ފާހަގަވާތީ މިކަން ހިތާމައާއިއެކު ފާހަގަކޮށްލަން.

The name is already taken The name is available. Register?

ވޯލް

05 April 2021

? ހިތްވަރު ގަދަ ކުއްޖެއް. ދައުލަތުން މިފަދަ ކުދިންނަށް އެހީތެރިކަން އިތުރު ކުރަންޖެހޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

05 April 2021

ސާބަހޭ މުހައްމަދު ރައިޝާން.ރައިޝާންއަށް ފުރިހަމަ ކާމިޔާބީއަށް އެދެން.ރާއްޖޭގެ މުސްތަގްބަލުގެ ޕުރޮފެސަރު ''ސްޓެފެން ހޯކިންގް'' އެއްގެ ގޮތުގަ ރައިޝާން ވެގެން ދިޔުން އެއީ އަހަރެން ދެކެން ބޭނުންވާ ދުވަސް.ގުޑް ލަކް ރައިޝާން.ވ.ވެދުން

The name is already taken The name is available. Register?

ނައު778

05 April 2021

ވަރަށް ރަނގަޅު. ހަށިގަނޑުގެ ސިއްހަތު ހިފެހެއްޓުމަށް ކުރެވިދާނެ އިތުރުކަމެއް އޮތްތޯ ޑޮކްޓަރުން ގާތު އެހުން ރަނގަޅު. ފިޒިއޮތެރެޕީކަހަލަ އެއްޗިސް. ކާމިޔާބީއައް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454