ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

އޭލެވެލްގައި ވެސް ރައިޝަން ވިދާލައިފި

ރައިޝަން: ކިޔެވުމުގެ 12 އަހަރު ނިންމާލީ ފުރޮޅުލީ ގޮނޑީގައި އިނދެގެން.-

ހިނގައިބިނގާވެ ނޫޅެވޭތީ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް މުހައްމަދު ރައިޝަން އަހުމަދު އޭނާގެ އުންމީދުތައް ހާސިލްކުރަން ކެނޑިނޭޅި މަސައްކަތްކުރެ އެވެ. ބަލީގެ ހާލަތު ގޯސްވިޔަ ނުދޭން ރާއްޖޭން ބޭރަށް ގޮސް ފަރުވާ ހޯދައި ދުވާލަކު އެތައް ބައިވަރު ބޭހެއް ކަމުން ސްކޫލަށް ބަރާބަރަށް ހާޒިރުވަމުން، އިތުރު ހަރަކާތްތަކުގައި ނަމޫނާ ދައްކަމުން ރައިޝަން ތައުލީމީ ހަޔާތުގެ ފުރަތަމަ 12 އަހަރު ނިންމާލީ ފޮނި ނަތީޖާއާ އެކުގަ އެވެ؛ އެހެން ކުދިންނަށް ހިތްވަރު ދެމުން، ނަމޫނާ ދައްކަމުންނެވެ.

ކަލާފާން ސްކޫލުން 2017 ވަނަ އަހަރު އޯ ލެވެލް ނިންމީ އޭ ސްޓާ އަކާއި ހަ މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ ހޯދައި ގައުމީ ގަދަ 10ގެ 10 ވަނަ ހޯދައިގެންނެވެ. އެއަށްވުރެ އުނދަގޫ އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީ އާއި ބަޔޮލޮޖިން ބީ އަދި ސީޕީއީ އާއި ފިޒިކްސް އިން ސީ އެއް ލިބިފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ރައިޝަން މިދިޔަ އަހަރުގެ އޭ ލެވެލްގައި ގައުމީ ގަދަ 10 ގައި 10 ވަނަ ހޯދައިފަ އެވެ. މިއީ އޭނާ ބުނިގޮތުގައި ލިބުނު ބޮޑު ސަޕްރައިޒެކެވެ؛ އެއްގޮތަކަށް ވެސް އުއްމީދުކުރި ނަތީޖާއެއް ނޫނެވެ.

"ވަރަށް ބޮޑު ސަޕްރައިޒަކަށް ވީ ނަތީޖާ ލިބުނީމަ. ހިއެއް ނުކުރަން ގައުމީ ގަދަ ދިހެއްގައި ހިމެނޭނެ ކަމަކަށް. އެކަމަކު ވަރަށް އުފާވެއްޖެ ނަތީޖާ ލިބުނުގޮތުން،" ރައިޝަން، 18، ބުންޏެވެ.

ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ސަބަބުން، ހިނގުމުން މަހުރޫމުވެފައިވާ ރައިޝަން ބުނީ އޯ ލެވެލްގައި ކިޔެވި ގޮތަށް އޭ ލެވެލްގައި ވެސް ކިޔެވޭނެ ކަމަށް ފުރަތަމަ އުއްމީދުކުރެވުނު ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް އޭ ލެވެލް ވީ އެއަށްވުރެ މާ އުނދަގޫ އެއްޗަކަށެވެ. އެހެންވެ ފަހަރަކު ޓާމެއްގައި ނަތީޖާ ރަނގަޅުކުރަމުން، ގްރޭޑު 12 ނިންމާލީ އާއިލާއަށް އުފާވެރިކަން ގެނެސްދެމުންނެވެ.

އެގާރައިގެ ފުރަތަމަ ޓާމުގައި ތިން ސީ އަދި ތިން ބީ ހޯދިއިރު ދެ ވަނަ ޓާމުގައި ލިބުނު ނަތީޖާ އެއަށްވުރެ ރަނގަޅެވެ. ގްރޭޑޫ 12ގެ ފުރަތަމަ ޓާމުގައި ދެ އޭ އާއި ތިން ބީ އާއި ސީ އެއް ލިބުނެވެ. މޮކް އިމްތިހާނުން އެއަށްވުރެ ރަނގަޅު ކުރިއެރުމެއް ހޯދާފައިވެ އެވެ.

އެޑެކްސެލްގައި އެދިގެން ހޯދި ފުރުސަތުގައި، ރައިޝަން ޖަވާބު ކިޔައިދިނުމުން ޕޭޕަރުގައި ލިޔެދީފައިވަނީ އިންވިޖިލޭޓަރުންނެވެ. ޖަވާބު ލިޔެ ނިމުމުން ޕޭޕަރުގައި ލިޔެފައި ހުރި ޖަވާބުތައް ރައިޝަން ބަލާނެ އެވެ. ޓެސްޓަށް އިތުރު ވަގުތު ވެސް ލިބުނެވެ.

ރިވެލި އެވޯޯޑާއި ރާއްޖެ އަށް ރީތި ނަން ހޯދައިދިން އެވޯޑު ހާސިލްކޮށްފައިވާ ރައިޝަން އެއްގޮޮތަކަށް ވެސް ޓިއުޝަން ނުނަގަ އެވެ. އޭގެ ބަދަލުގައި އޭނާ އަށް ކިޔަވައިދިން ޓީޗަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބުނެވެ.

ރައިޝަން، ސްކޫލު ކުދިންތަކަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން

އެންމެން ރައިޝަނާ އެކީ

އޭ ލެވެލް އަށް ސީއެޗްއެސްއީއަށް ވަނުމުގެ ކުރިން ރައިޝަންގެ މަންމަ ވަނީ އެ ސްކޫލުގެ ވެރިންނާ ބައްދަލުކޮށް ރައިޝަންގެ ހާލަތު ކިޔައިދީފަ އެވެ. އެއާއެކު، ފުރޮޅު ގޮނޑީގައި އޭނާ އަށް ސްކޫލަށާއި ކްލާސް އަދި ހޯލަށް ވަދެވޭގޮތަށް ރޭމްޕް ހެދި އެވެ.

އޭނާ ކުރިން އުޅުނީ ކަލާފާން ސްކޫލު ކައިރީގައި ކަމަށް ވުމުން، ސީއެޗްއެސްއީ އަށް ފުރަތަމަ ދުވަހު ދިޔައީ ވޭނެއްގަ އެވެ. ނަމަވެސް އެއީ އުނދަގޫ ކަމަކަށް ވުމުން ފަހުން ވަނީ ސީއެޗްއެސްއީ ކައިރީގައި ހުރި ގެއަކަށް ބަދަލުވެފަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް ރައިޝަން ގޮވައިގެން ސްކޫލަށް ގޮސް، ގެނެސް ހަދަނީ މަންމަ އެވެ.

ސީއެޗްއެސްއީގެ ލެބޯޓްރީ ހުންނަނީ މަތީ ފްލޯތަކުގައި ކަމަށް ވުމުން، އެ ތަންތަނަށް އެރުން ރައިޝަނަށް ފަސޭހައެއް ނޫނެވެ. އެހެންވެ ކެމިސްޓްރީ ލެބޯޓްރީގެ އެކްސްޕެރިމެންޓްސް އެންމެ ފުރަތަމަ ހެދީ، ކްލާސް ރޫމުގައި ރައިޝަން އިނދެ، ވީޑިއޯ ކޯލް ހަދައިގެންނެވެ. އެކަމަކު ޓީޗަރު ކިޔައިދޭ އެއްޗެހި ރަނގަޅަށް އަޑު ނީވޭތީ ފަހުން ކުރަހައިގެންނާއި ވީޑިއޯ ދައްކައިގެން އޭނާއަށް ވަކިން ކިޔަވައިދިނެވެ.

ފިޒިކްސް އަދި ބަޔޮލޮޖީގައި އެކްސްޕެރިމެންޓް ހެދީ ތިރިއަށް ގެންދެވޭ އެއްޗެހި ގެންގޮސްގެންނެވެ.

ސީއެޗްއެސްއީ ޕްރިންސިޕަލް ސޮފޫރާ، ރައިޝަނާއެކު.--

އިތުރު ހަރަކާތްތަކުގައި ވެސް ރައިޝަނަށް ބައިވެރިވެވޭ ހުރިހާ ކަމެއްގައި އޭނާ އުޅެ އެވެ. ދަނޑަށް ކުޅެން ނޭރުނަސް ޓީމަށް ތަރުހީބު ދޭން ރައިޝަން ހުންނާނެ އެވެ. އެހެންވެ ސްކޫލާއި ކްލާސް ކުދިން ވެސް ރައިޝަނާ ދޭތެރޭ ހާއްސަ ގުޅުމެއް ބާއްވަ އެވެ. ފުރިހަމަ އެހީތެރިކަން ދިނެވެ.

އޮންލައިންކޮށް އެހެން ދަރިވަރުންނަށް ކިޔަވައިދޭ

ސައިކޮލޮޖީގެ ދާއިރާ އިން އިނގިރޭސިވިލާތުގައި ކިޔެވުމަށް ސްކޮލަޝިޕެއް ހޯދަން މަސައްކަތްކުރަމުން އަންނަ ރައިޝަން އޮންލައިންކޮށް އެހެން ކުދިންނަށް ކިޔަވައި ވެސް ދެ އެވެ. ސްކޫލުގައި ދޭ ދިވެހި ޕްރޮޖެކްޓުގެ މަސައްކަތްތަކަށް ފެށި ޓެލެގްރާމް ޗެނަލް ފުޅާވެ، ރާއްޖޭގެ އެކި ހިސާބުތަކުން މިހާރު ވެސް ހާހަކަށް ވުރެ ގިނަ ދަރިވަރުން އެ ޗެނެލަށް ސަބްސްކްރައިބްކޮށްފައި ވެ އެވެ.

އެކަމުގައި ރައިޝަނަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ މިިދިޔަ އަހަރު އޭނާ ކިޔަވައިދިން ފިރިހެން ކުއްޖަކު، ގައުމީ ގަދަ 10ގައި ހަތް ވަނަ ހާސިލްކުރުމުންނެވެ. ތ. ގުރައިދޫ ސްކޫލުގެ އެ ދަރިވަރު ސައިންސްގެ ހުރިހާ މާއްދާއަކުން ރައިޝަން ކައިރިން ޓިއުޝަން ނެގި އެވެ.

ރައިޝަން

މިހާރު ވެސް ސައިންސްގެ މާއްދާތަކުން ރައިޝަން ސާޅީހަކަށް ދަރިވަރުންނަށް ޓިއުޝަން ދެ އެވެ.

އޭނާ އިނގިރޭސިވިލާތަށް ދާން ބޭނުންވަނީ ވެސް، އެ ބައްޔަށް ހާއްސަ ފަރުވާއެއް ހޯދުމާއެކުގަ އެވެ. އެހެން ހިސާބުތަކުން އެ ބައްޔަށް ހާއްސަ އިންޖެކްޝަންގެ އަގު އުޅެނީ 750،000 ޑޮލަރަށެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ކިޔަވާ ނަމަ ހިލޭ އިންޖެކްޝަން ޖެހެ އެވެ. އޭރުން ބަލިން ރަނގަޅުވުމުގެ ބޮޑު ފުރުސަތެއް ތަނަވެސްވެ އެވެ.

ކިޔަވައިގެން ގައުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި އަޑު އުފުލަން ރައިޝަން ހުރީ ތައްޔާރުވެގެންނެވެ.

29 ކޮމެންޓް, 370 ރިއެކްޝަންސް

icon happy icon happy 98%
icon sad icon sad 2%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

25 January 2020

މާޝާ ﷲ.މަރުހަބާ ރައިޝަން.ތިއުފަލުގަ ބައިވެރިވަން.ގުޑް ލަކް.

The name is already taken The name is available. Register?

މީހެއްކަން

25 January 2020

ރައިޝަން ހާދަ މޮޅޭ.. މާޝާ ﷲ.. އެކަމަކު ނޭނގޭތީ އަހާލީ..އޯލެވެލްގަ 1 އޭ ސްޓާ، 5 އޭ އެއް ބީ އަދި އެއް ސީ ހޯދއގެން ގަދަ ދިހައެއްގަ ހިމެނޭތަ..އެއީ އަހަރެންގ ރައްޓެއްސެއްގެ ދަރިއަކަށް ހަމަ އެނަތީޖާ ލިބި ޓޮޕްޓެން އަށް ނޭރީމަ..އެއީ 2019 ގއި...މިވީގޮތެއް ބުނެބަލަ ކޮންމެސް މީހެއް...

The name is already taken The name is available. Register?

މީހެއް2

25 January 2020

2017 ވަނަ އަހަރުން ފެށިގެން އޯލެވެލްގެ ޓޮޕްޓެން ކްރައިޓީރިއާ އަށް ވަނީ ބަދަލުގެނެވިފަ.

The name is already taken The name is available. Register?

އާނަ

25 January 2020

2017ވަނަ އެޑިއުކޭޝަން އިން ކްރައިޓީރިއާ ބަދަލުކުރި ކަމުގައިވިޔަސް، ރީޗެކް ކުރުމުގެ ފުރުޞަތު ބަދަލެއް ނުކުރައްވާ. ރީޗެކްއަށް ލައިގެން ބީ ވަނީ އޭ އަކަށް ބަދަލުވެފައި. އެކަން މީޑިއާތަކަށް އެނގިފައިނުވަނީ ކަމަށްވާނީ. ވަރަށް ވެދުން

The name is already taken The name is available. Register?

ހަކީމް

25 January 2020

މިހާރަކަށް އައިސް ވަރަށް ގިނަ ކުދިން އޭ ލެވެލް ބައިޕާސް ކޮއްފަ ޑިގްރީ ހަދާތަން އެބަފެނޭ. ބެލެނިވެރިން މިގޮތަށް ރުހެނީ ކީއްވެބާ ، މީގެ ނަތީޖާއަކީ ކޮބާބާ.

The name is already taken The name is available. Register?

އަލިފުތު

25 January 2020

މިއި ދިވެހިރާއްޖޭގެ ސްޓީވަން ހޯކިންގްސް

The name is already taken The name is available. Register?

ބައުކަލޯ

25 January 2020

ވަރައްއުފާކޮށްފިން! ކޮއްކޮ އަށާއި ކޮއްކޮގެ އާއިލާއަށް ހެޔޮ ތައުފީގަށް އެދެން!

The name is already taken The name is available. Register?

ޔެސް

24 January 2020

މާޝާ ﷲ.

The name is already taken The name is available. Register?

މެސީ

24 January 2020

މާތް ﷲ ރައިޝަމް އަށް ހެޔޮ ރަހްމަތް ލައްވާށި.

The name is already taken The name is available. Register?

ސާޖީ

24 January 2020

ވ ވ ވ މޮޅު ކުއްޖެއް... ހަބަރު ކިޔާފަ އުފަލުން ވ ބާރަށްވެސް ރޮވިއްޖެ.. ﷲ ގެ ހެޔޮ ރަހުމަތުން ރައީ ތި ބޭނުންވާ ލަނޑު ދަނޑި ރައީ އަށް ހާސިލްވާނެ... އަޅުގަނޑަކީ މީ ރައީއާ އާއިލީގޮތުން އެއްވެސް ގުޅުމެއް ހުރި މީހެއްނޫން... އެކަމް ރައީ އަށް ހެޔޮ އެދޭ ދައްތައެއް.... ވ ބަސްއަހާން ކިޔަވާތި އިނގޭ ދޫނީ.....

The name is already taken The name is available. Register?

ކަނީރު

24 January 2020

ސާބަހޜ ދަރިފުޅާ ތިކާމިޔާބީގައި މަންމައާއި ބައްޕަގެ ހިއްސާ ވަރަށްބޮޑު. ޚުރިމަގު އުޖާލާކަމަށް ފެނޭ

The name is already taken The name is available. Register?

ތުނބުޅި

24 January 2020

ލަވަ މުބާރާތް ތަކުން ވަނަ ގެންނަ ކުދިން ނަށް ބޮޑެތި ވިޔަފާރި ވެރިން ސްޕޮންސަރ ދީގެން ކިޔަވައިދޭ. އަޅެ މި ދަރިއަށް އަޅާލާނެ ވިޔަފާރި ވެރިއެއްނެތްތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454