ރައިޝާންގެ ކާމިޔާބާ އެކު ކަލާފާނަށް ބޮޑު އުފަލެއް

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ބަރާބަރަށް ސްކޫލަށް ދެ އެވެ. ހިތްވަރާއި ބުރަ މަސައްކަތް ކޮށްގެން، މުހައްމަދު ރައިޝާން ނުވަތަ އެންމެން ދަންނަ ނަމުން ރައިއްކޮ ވަނީ، ތައުލީމީ ދާއިރާގައި ނުކުޅެދޭ ކުއްޖަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބާ ހަމައަށް ގޮސްފަ އެވެ.


ރައިޝާނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުން ރައިއްކޮ ވަނީ އޭ ސްޓާ އަކާއި ފަސް މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ އަދި ބީ އެއް ހޯދައިފަ އެވެ. މި އިމްތިހާނުގެ ތެރެއިން، އިނގިރޭސި ފިޔަވައި އެހެން މާއްދާތަކުގެ ޓެސްޓް ޕޭޕަރު ލިޔެދީފައިވަނީ އެހެން މީހެކެވެ.

ރައިއްކޮ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ކަލާފާނު ސްކޫލުގައި މިއަދު ވަނީ ހަފުލާއެއް ބާއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާގައި ރައިއްކޮ އަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެއީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމުގައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކަލާފާން ސްކޫލުގެ ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއެކު (މ) ރައިޝާނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހަފުލާގައި ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހީމް ވިދާޅުވީ އެހެން ދަރިވަރުންނާ ވެސް އެއް ހަމައެއްގައި ރައިހާން ސްކޫކު ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން އެކި މުނާސަބަތުތަކާ ގުޅުވައިގެން ވާހަކަ ދެއްކުމާއި ވާދަވެރި މުބާރާތްތަކުގައި ވެސް ބައިވެރިވުން ހިމެނެ އެވެ.

"ވަރަށް ޗެލެންޖާއެކު ރައިޝާން މިވަނީ އެތައް މަގާުމުތަކެއް ހޯދާފައި. އެހެންވެ މިއީ މުޅި ގައުމަށް ވެސް ނަމޫނާ ދަރިވަރެއް. އެގޮތުގައި ކުރިއަށް ދާނެ ކަމަށް އުއްމީދުކުރަން. ވަރަށް މަރުހަބާ ކިޔަަން،" ރަހުމާ ވިދާޅުވި އެވެ.

މިދިޔަ އަހަރު، ހައުސް ކެޕްޓަންކަން ވެސް ކުރި ރައިޝާން ސީއެޗްއެސްއީ އަށް ވަނުމަށް ތައްޔާރުވަމުން އަންނައިރު، އެ ސްކޫލަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އަދި ސްކޫލުން ވެސް ވަނީ ދީފަ އެެވެ.

ރައިއްކޮ، ނޫސްވެރިންނާ ވާހަކަދައްކަނީ: އޭނާ އަންނަނީ އިޖުތިމާއީ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައިއްކޮ ބުނީ އުއްމީދުކުރި ނަތީޖާ ނުލިބުނަސް ހިތްހަމަޖެހިއްޖެ ކަމަށެވެ. އަދި އެއާ ހަމައަށް އައުމުގައި އެހީތެރިވެދިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އެންމެންގެ އެހީތެރިކަމާއެކު މިހާ ހިސަބަށް މި އާދެވުނީ. ކްލާސް ކުދިންނާއި ޓީޗަރުންނާއި އާއިލާ އެންމެންގެ އެހީތެރިކަން ވަރަށް ލިބޭ. މަންމަ އާއި ބައްޕައާ ނުލައި އެއްވެސް ކަމެއް ނުވާނެ،" ރައިއްކޮ ބުންޏެވެ.

ރައިޝާންގެ މަންމަ އިންޓަވިއުދެނީ: އެހީތެރިވެދެނިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުކުޅެދުމެއް ހުއްޓަސް ހިތްވަރު ދެރަ ނުކޮށް ކުރިއަށް ދިއުމަށް އޭނާ ވަނީ އެދިފަ އެވެ.

ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ކުއްޖެއްކަން ރައިއްކޮގެ އާއިލާ އަށް އެނގުނީ އޭނާގެ އުމުރުް ހަތަރު ފަސް މަހެއްގެ ތެރޭގަ އެވެ. މިއީ ފަރުވާއެއް ނެތް ބައްޔެއް ނަމަވެސް ވީހާ ވެސް ރަނގަޅު ސިއްހަތެއްގައި ބަހައްޓަން އާއިލާ އިން ބުރަ މަސައްކަތެއް ކުރެ އެވެ.

ރައިޝާންގެ މަންމަ އާމިނަތު އިބްރާހިމް ވެސް ބުނީ، އެހެން ކުދިންނާ އެއް ހަމައެެއްގައި އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޯ ލެވެލް އިމްތިހާނުން ބޮޑު ކާމިޔާބީއެއް ލިބުނީ ހުރިހާ އެންމެންގެ ވެސް އެހީތެރިކަމާއެކު ކަން އޭނާ ފާހަގަކުރި އެވެ.