މީގެ ކުރިން ބޭއްވި މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.
31 މާޗް 2021 - 15:19
ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން މަބްރޫކް ވިދާޅުވީ، އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށެވެ. އެކަމުގައި ޔޫއޭއީ ސަރުކާރު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ދިވެއްސެއް ވިޔަސް ބޭރު މީހެއް ވިޔަސް މިކަމުގައި ޒިންމާދާރު ކުރުވާނަން،" މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ނުލިބުމުން، އެ މައްސަލައިގައި އަމަލުކުރަންވީ ގޮތުގެ ލަފާ އޭޖީ ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ. ނަމަވެސް އޭޖީން ލަފާ ދެއްވި ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.
ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެވެ.
ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ 6 ވަނަ ދުވަހު ވިދާޅުވެފައި ވަނީ އެ އެއްޗެހިތައް ލިބޭނެ ސީދާ ތާރީޚެއް އަދި ވެސް ނޭނގޭ ކަމަށެވެ. ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި ލިބޭނެހެން ހީނުވާ ކަމަށާއި އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.
އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.
މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމ
05 April 2021
އިންޓަރނޭނަޝަލް އާބިޓްރޭޝަނަށް ގޮސްގެން އެމްޑީޕީ ސަރުކާރުގެ ސޯޓް ރަނގަޅަށް ބޭލޭނެ. ނޫނީ މިކަމުންވެސް ވައްކަން ކުރަން ބޭނުންވަނީ. ސަބަބަކީ ދުބާއި ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުމުގައި ދުބާއީ ކުންފުންޏަށް އެއްކޮށް ފައިސާ ނުދައްކަނީސް ވެންޓިލޭޓަރތަށް ފޮނުވަން ނުޖެހޭކަމަށޯލަ އޮތީ.
ކްރޫބަމް
31 March 2021
ވަރަށް ތާހިރުވާނެ އާބިޓްރޭޝަން އަށް ދިޔައިމަ. ތިޔަ ވެންޓިލޭޓަރ ތަކަށް ދެއްކި ފައިސައަށްވުރެ ގިނަ ފައިސާ ޖެހޭނެ ވަކީލުންނާ އެހެން ކަންކަމަށް ދައްކަން. އެއްޗެތި ލިބުމާ ނުލިބުން އެހެން ކަމެއް ސުވަލަކީ ކީއްވެގެންހޭ އެކަމުގައި ޒިންމާވާ މީހުންގެ މައްޗަށް ފިޔަވަޅު ނޭޅިގެން އުޅެނީ. ހައެފަދަ ބޮޑު މުޢާމަލާތެއް ހިންގައިރު އެބަޔަކި އެފަދަ މަސައްކަތް ކުރަ ބަޔަކުތޯ މިޒަމާނުގައި އިންޓަރނެޓުންވެސް ބެލެން ހުންނާނެ . ތިޔައޮތީ އާއިލާގެ އަންބޮނޑިއަށް ކަޅާކޮށްލާފަ.
މަންމަން
31 March 2021
މީނާ އެންމް ހޫނުކޮށް ނިއުސްކޮންފަރެންސް ދެއްވިއިރު ނޫސްވެރިޔަކު ވެންޓިލޭޓަރާބެހޭ ސުވާލެއްކޮށްލިޔަސް ޓޯން ބަދަލުކޮށްލާފަބުނާނެ ތީ ސޯޝަލް މީޑިޔާގަ އެނބުރޭ ތޯތޯ ވާހަކައޭ. ބައެއް ފަހަރު ހުސްބުޅީގަ ގަންނަނީއޭ. މިހާރު ކީކޭބާ މިކިޔަނީ ފަހަަރަކު ރޯނު އެދުރެއް އަރުވައިގެން.
މިއަދު
31 March 2021
ތިމައްސަލަ ނިމޭއިރު ' މިހާރު ނުގެނެވިވާ 60 ވެނަޓިލޭޓަރު ކުއްވެރި ނުވެ ދާނެބާ
ޢިބޫ
31 March 2021
ކީއްވެގެންބާ މިކަން ހިންގި މީހުންގެ މައްޗަށް ސަރުކާރުން ދައުވާ ކުރަން ނުކެރިގެން މިއުޅެނީ. އަނެއްކާ ސަރުކާރުގެ ބާރުގަދަ ބަޔަކު ހިމެނެނީބާ؟ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ވެގެން މިއުޅެނީ.
ގޯތިއާދަނު
31 March 2021
ވައްކަން ކޮށްފައި އާބިޓްރޭޝަން ބާއްވާތަަ
ބޯކިބާފޮތި
31 March 2021
ތިޔަ ބުނާ އޭޖީ އެއް ލަފާ ދިނީ އެޑްވާންސަަށް 90 ޕަސަންޓް ދައްކަންވެސް އަދި އެ ކަމުގައި މާލީ ގާނޫނަށް ނުބަލަންވެސް
އަލިކޮއި
31 March 2021
މާލިއްޔަތު ޤާނޫނާއި ހިލާފަށް އެޑުވާންސައް އެގުރިމެންޓަކާއި ނުލާ ފައިސާ ބޭތުގެ ފަރާތަކަށް ދޫކުރި ދޫކުރުން މައްސަލައަކަށް ނުވެގެން އުޅެނީ ކީއްވެތޯ؟ ޢެފަދަ ޖަރީމާއެއް ހިންގި ބޭފުޅުން މަޤާމުގައި ދެ މިތިބު މަކީ ރައީސް ގެ އިހު މާލުވެސް ބޮޑުކަ މަށް ލަފާކުރެވެނީ. ރައީސަށް ނޭގި ކެބިނެޓަށް ނޭގި މިފަދަ މުއާމަޅާތެއް ހިނގާފާނެކަ މަށް ހީނުވެއެވެ. މިކަ މުގައިގައި ރައީސްވެސް ޖަވާބުދާރީ ކުރުވަންޖެހެއެވެ
ޔަގީންކަމެކޭ
31 March 2021
ތިޔާ އިންޓަރނޭޝަނަލް އާރބިޓްރޭޝަންގެ ވަކާލާތަށް ޚަރަދުވާނެ ދެން ދައުލަތުގެ ބަޖެޓުން 10 ބިލިއަން ރުފިޔާ އެއިރުން އޮންނާނީ ކިތައް ވެންޓިލޭޓަރު ގަންނަ އަގު ގޮސްފައި ނޫންތޭ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އަދި ގާނޫނާއި ޚިލާފަށް ދައުލަތުގެ ބަޖެޓުން ބަޔަކު ދުބާއީ ކުންފުންނަށް އެއްވެސް ބޭންކް ގެރެންޓީ އެއް ނެތި ފައިސާ ފީންނެއް ދޫކުރުމުން ވެސް މިޖެހުނީ ދިފާއުގައި ސަރުކާރު ނިކުތް ތަން މީގައި ފޮރިނޭގެ އަތެއް ވެސް ވާކަން އެއީ
ބަނަސްގަނޑު
31 March 2021
މަބްރޫކު މިއީ ކޮން ކަހަލަ ގަމާރެއް. ދިވެއްސެއް ވިޔަސް ބޭރު މީހެއް ވިޔަސް ޒިންމާދާރު ކުރުވާނަމޭ ބުނާއިރު އާބިޓްރޭޝަނަށް ހިފައިގެންދާ އެގްރިމެންޓުގައި ލިޔެވިފައި އޮތީ ދިވެހި ސަރުކާރާއި ޑުބާއީ ކުންފުންޏާ މެދު ވެވުނި އެއްބަސްވުމެއް ކަމަށް. ވަކި ފަރުދަކާ ކުރެވުނު އެއްބަސްވުމެކޭ ނެތް. އެހެންވީމަ ޒިންމާދާރު ކުރެވޭނީ ސަރުކާރު ނޫނީ ޑުބާއި ކުންފުނި ނޫންތަ. މިކަހަލަ މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ގެންގުޅޭތީ ވާނުވާ ނޭނގިގެން މި އުޅެނީ.