އެޓާނީ ޖެނެރަލް ރިފްއަތު: އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް ކުރި ހުކުމް ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
08 އެޕްރީލް 2021 - 12:19
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ އެވެ. އެކަމަކު ދާދިފަހުން އެ ކޯޓުން ހުކުމްކުރީ ގާނޫނު އޮތްގޮތުން އެފަދަ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ހައި ކޯޓުގެ އެ ނިންމުމަކީ ގާނޫނު އަސާސީން ލިބިދޭ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލޭ ނިންމުމެއް ކަމަށާއި އިންފޮމޭޝަން ކޮޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ބެލޭނެ ކަމަށެވެ. އަދި ގާނޫނަކުން ހައި ކޯޓަށް އިހްތިސާސް ދޭ ނަމަ އެ މައްސަލަައެއް އެ ކޯޓަށް ބަލަން ޖެހޭނެ ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކަމުގައި އޮޅުމެއް ނެތް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު އިސްތިއުނާފް ކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ޤާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު ގެއްލޭ ގޮތަށް @mvhighcourt އިން ނަންބަރު 2020/HC-A/149 (މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕވޓ ލޓޑ ވ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް) މައްސަލަ ނިންމަވާފައިވާތީ، އެ ނިންމުން @SCMaldives ގައި އިސްތިއުނާފުކޮށްފިން. pic.twitter.com/l2QeKoepcw
— AG Office Maldives (@AGOmv) April 7, 2021
އޭޖީ އޮފީހުގެ ޓްވީޓް
ހައި ކޯޓުން ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އޮތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފް ކުރުމުގެ ވާހަކަ ކަމަށެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރަކީ މުއައްސަސާއެއް ނޫން ކަމަށްވާތީ ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފް ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy