ގަވަރުނަރު އަލީ ހަޝީމް (ކ) އާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަޖިލީހުގެ ކޮމިޓީއެއްގައި ކުރިން ވާހަކަދައްކަވަނީ: އިތުރަށް ޗާޕުކުރާ ފައިސާ އަނބުރާ ދެއްކޭނެ ޕްލޭނެއް ހޯދަން މަޖިލީހަށް މިއަދު އިލްތިމާސްކުރެއްވި.
21 އެޕްރީލް 2021 - 17:40
އޯވާޑްރާފްޓް (އޯޑީ) ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ފާސް ކުރި ނަމަވެސް އެ އަދަދު ބޮޑު ނުކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ ބަލާ މަޖިލީހުގެ ވަގުތީ ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ އެ އިދާރާ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އަދަދު ބޮޑުކޮށްފި ނަމަ އިގްތިސާދީގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމަށް އެކަން ނުކުރެވޭނެ ކަމަށް ފާހަގަކުރަން. ދައުލަތުގެ ހަރަދު ހޯދުމުގައި ވެސް އަގުބޮޑުވެގެން ދިއުމަކީ ވެސް މީގެ ސަބަބުން ދިމާވާނެ ކަމެއް،" އިމާދު ވިދާޅުވި އެވެ.
އޯޑީ ފެސިލިޓީގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން ފާސްކުރީ 4.4 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ސަރުކާރުން ވަނީ މި ފެސިލިޓީގެ ދަށުން 3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްފަ އެވެ. މި އަދަދު ދާނީ ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން ސެޓްލްވަމުންނެވެ. ނަމަވެސް އިތުރަށް ބޭނުންވާ ނަމަ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ސަރުކާރަށް ފައިސާ ނެގޭނެ އެވެ.
އެމްއެމްއޭ އިން ވަނީ އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ފާސް ކުރުމުގެ ކުރިން އެ މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކޭނެ ޕްލޭނެއް ހޯދުމަށް މަޖިލީހަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ކަންކަން ބެލޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުރިތޯ ބަލަން ޖެހޭނެ ކަމަށް އިމާދު ވިދާޅުވި އެވެ.
ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ފައިސާ އަނބުރާ ނުދައްކާ ހުރެ މުއްދަތު ހަމަވާ އިރު ބޮޑު އަދަދެއް ބާކީ ހުރި ނަމަ އެ އަދަދު ދައްކަން އުނދަގޫވާނެ ކަމަށެވެ.
"މިސާލަކަށް އެންމެ ފަހު ކުއާޓަރާ ހަމައަށް އަންނައިރު އޯޑީ ފެސިލިޓީ ފުލްކޮށް އިނިއްޔާ ރީޕޭއެއް ނުކުރެވޭނެ. އެހެންކަމުން އަހަރުގެ މެދުތެރެއިން ރިވިއު ކުރެވި ރީޕޭ ކުރާ ޕްލޭނެއް ހެދިފައި އޮތުން މުހިންމު،" ހާޝިމް ވިދާޅުވި އެވެ. އިމާދު ވިދާޅުވީ، މުއްދަތު އިތުރުކުރުމުގައި، ރާއްޖޭގެ އިގްތިސާދު މެދު ރާސްތާގައި އޮންނާނެ ގޮތާއި ދައުލަތުގެ ކޭޝް ފްލޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.
މިދިޔަ އަހަރު ފާސްކުރި މި ފެސިލިޓީގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހު ހަމަވާނެ އެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭތީ އެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި އެދުނީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
21 April 2021
ރިސޯޓްތައް ކަރަންޓީނަށް ނަގައި، ކޮވިޑް ފެސިލިޓީއެއް އަޅާފަ ޖެހިގެން ހުރި ޓްރީޓޮޕް ހޮސްޕިޓަލަށް އެތައް ހަރަދެއްކޮށް އަލީ ވަހީދު ބޭނުންގޮތަކަށް ނާޗަރަންގީ ކުޅެން ދޫކޮށްލިއިރު ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވާނެކަން ނޭގެނީތަ!
ހުސްނުހީނާ ވަލީދު
21 April 2021
އަސްލު ސަރުކާރުން ޚަރަދުގެ ތަންފުކެއްވެސް ކުޑަނުކޮށް މިކަހަލަ ކްރައިސިސްއެއް މެނޭޖްކުރުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން. އެމްއެމްއޭ ފަދަ ތަންތަނުން ބަސް ބުނާނީ މޫނަކަށް ކަނދުރާއަކަށް ބަލާފައެއް ނޫންކަމަށް ފެންނަނީ. ތަނެއްގައި ލާރި ހުއްޓަސް ބޭނުން ކޮންމެ އިރަކު ބޭނުން ގޮތަކަށް ނެގުމުގެ ނަތީޖާ މާލީ ވަޒީރަށް މިހާރު ދެން އިނގޭވަރުވެއްޖެހެން ހީވަނީ. އެހެން ނޫނީ މެމްބަރު އަފީފު ވިދާޅުވާހެން ޒިއްމާ އަދާނުކުރެވޭ
މައިސަން
21 April 2021
ހެޔޮނުވާނެ އަމީރުއާއި ފައްޔާޒު ހިތުހުރިގޮތަށް ހަދަން ދައުލަތުގެ މާލީއްޔާ ދޫކޮށް ނުލައްވާ! އަމިއްލަ ޕާރޓީ މެމްބަރުންނަށް ބިރުދައްކާ ރިޝްވަތުދޭން އުޅޭ ސަރުކާރެއް މިނޫނިއްޔާ މަ ނުދެކެމެވެ.
ހަސަނު
21 April 2021
ސަރުކާރުން ހަރަދު ކުޑަކޮށް، ލިބޭ އެއްޗަކުން ފުއްދޭނެ މިންވަރަށް ބަހައްޓަމާ..