މީރާ ބިލްޑިން: މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައި--ފޮޓޯ/މިހާރު
11 މެއި 2021 - 12:25
ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އިގްތިސާދު ހުއްޓުމަކަށް އައިސް ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވުމަށް ފަހު މިދިޔަ އޭޕްރީލް މަހު ދައުލަތުގެ އާމްދަނީ އަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާ ނަމަ 173.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މީރާ އިން ބުނީ މި ލިބުނު އާމްދަނީ އަކީ ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ 82،6 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ ލޮކްޑައުން ކުރުމުން، ޓޫރިޒަމުން ރާއްޖެއަށް ލިބެމުން އައި ބޮޑު އާމްދަނީއެއް ހުއްޓުމުންނެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހު ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އާއި ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖާއި އާމްދަނީން ނަގާ ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ ބޮޑު ބައެއް ވެސް މިދިޔަ މަހު ލިބުނު ކަމަށް އެ މީރާ އިން ބުންޏެވެ. އެގޮތުން، މުޅި އާމްދަނީގެ 20 ޕަސެންޓަކީ ނުލިބި ހުރި ފައިސާގެ ބައެއް ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައި ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 849.61 މިލިއަން ރުފިޔާ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ ޖުމްލަ އާމްދަނީގެ 9.8 ޕަސެންޓް ނުވަތަ 139.12 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ ލިބިފައި ވާއިރު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 75.58 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 214.56 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.
މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދުލީބެއްޔާ ތެދުބަސް
11 May 2021
ދެން ތީތިކޮލުގާ ނުޖެހި ކުރިއަށްދެވޭތޯބަލާތި.