އުރީދޫ އާއި ޕީއެސްޖީ ގުޅިގެން ކުރިއަށްގެންދާ ކޯޗިން ކްލިނިކުގެ ބައިވެރިން. --ފޮޓޯ: އުރީދޫ
04 ޖޫން 2016 - 08:57
މުވާސަލާތީ ކުންފުނި އުރީދޫ އާއި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ގުޅިގެން އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކް އިއްޔެ މާލޭގައި ފަށައިފި އެވެ.
މިދިޔަ އަހަރު ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި މި އަހަރު 200 ކުދިންނަށް ފުރުސަތު ދީފައިވާއިރު ފުޓްބޯޅައިގެ ތަމްރީނުގެ އިތުރުން ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އެކަމުގެ މައުލޫމާތު ދޭނެ އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްގެންދާ މި ކްލިނިކުގައި ތަމްރީން ދެނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުން ކަމަށްވާ ބެންޔަމިން ހޫރީ އަދި މެތިއު ޔީން-ބެޕްޓިސްޓެވެ.
އެ ދެ ކޯޗުން ވަނީ ރާއްޖޭގެ ޔޫތު ޑިވެލޮޕްމަންޓުގައި މަސައްކަތްކުރާ ކޯޗުންނާ ބައްދަލުކޮށް ޕީއެސްޖީގެ އެކަޑަމީން ގެންއުޅޭ އުސޫލުތަކާއި ތަމްރީން ދެމުން އަންނަ ގޮތްތައް ވެސް ކިޔައިދީފަ އެވެ.
ޕީއެސްޖީގެ ސްޕޮންސަރެއް ކަމަށްވާ އުރީދޫއާ އެކު އެ ކްލަބުން 2013 ވަނަ އަހަރު ހެދި އެއްބަސްވުުގެ ދަށުން ޕީއެސްޖީން އަންނަނީ އުރީދޫ އިން ހިދުމަތްދެމުން އަންނަ ގައުމުތަކުގައި މި ޕްރޮގްރާމް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy