އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު (މ) އާ އެކު މިނިސްޓަރު ސައީދު (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
22 ނޮވެމްބަރ 2016 - 11:29
ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް އަންނަ އަހަރު ގަތަރުގައި ބާއްވަން ނިންމައިފި އެވެ.
އިންޑިއާގައި ބާއްވާ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ ހަވާސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ގަތަރުގެ ވެރިރަށް ދޯހާގައި އަންނަ އަހަރު އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހަތަރުވަނަ އިންވެސްޓްމަންޓް ފޯރަމް ގަތަރުގައި ބާއްވަނީ، މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މެދުއިރުމައްޗާއި އަރަބި ދުނިޔޭގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އަންގައިދިނުމަށެވެ.
މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ތާޖު ޕެލެސް ހޮޓަލުގަ އެވެ. އެ ފޯރަމް މިއަދު ހެނދުނު ރަސްމީކޮށް ފަށްޓަވައިދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އަދި މިނިސްޓަރު ސައީދު ވެސް ވަނީ އެ ފޯރަމްގައި ވާހަކަ ދައްކަވައިފަ އެވެ.
އިންޑިއާގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެން ބާއްވާ ފޯރަމްގައި ރާއްޖެ އާއި އިންޑިއާގެ 400 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ދެ ގައުމުގެ ބޮޑެތި ކުންފުނިތަކާއި އިންވެސްޓަރުން ހިމެނެ އެވެ.
މި އަހަރުގެ ފޯރަމްގައި ހުޅުވާލާ މަޝްރޫއުތައް އަމާޒު ކުރަނީ މައިގަނޑު ތިން ދާއިރާ އަކަށެވެ. އެއީ އިންފްރަސްޓްރަކްޗާ އާއި ޓޫރިޒަމް އަދި ރެކްރިއޭޝަނަލް ދާއިރާގެ މަޝްރޫއުތަކެވެ. އެ ދާއިރާތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫއުތައް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
22 November 2016
ސެޒް ފާސްކޮށްގެން އެ ހޯދަން އަންނަ އިންވެސްޓަރުންނާހެދި މަގުމަތީ ފައިއެޅޭވަރެއްނޫން! އަދިވެސް އިތުރަށް އިންވެސްޓަރުން ގެންނީތޯ؟ އަޅުގަނޑަށް ފެންނަނީ އޭގެކުރިން މާލެ ހުރިގޮތަށް 10 ބުރިއަށް ނަގަން.
އެޒަމާން.
22 November 2016
ގަތޮރެއްނޫން ނިޔުޔޯކް ގައި ބޭއްވިޔަސް ތިޔަ ފޯރަމުން ރާއްޖެ އަށް ކުރާ އެއްވެސް ފައިދާއެއް ނެތް. ސަރުކާރުގެ އެތަށް ފައިސާތަކެށް ވޭސްޓް ވުން ނޫން އެހެންކަމެއް ނުވޭ.
އަލިދީދީއައްޑޫސިޓީ
22 November 2016
"މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު" ބެއްވުމަށް އިންވެސްޓަރުން ހޯދަން ބޮޑުޚަރަދު ކޮށްގެން މިދިޔަ އަހަރު ޗައިނާގައި އޭގެކުރީ 2014 ގައި ސިންގަޕޯރގައި ބޭއްވި ފޯރަމްގެ ނަތީޖާއަކީ، މައި އެއަރޕޯރޓު ތަރައްގީ ކުރަން މިޖެހުނީ އެކިއެކި ތަންތަނުގައި ސަލާން ޖަހައިގެން ލޯނު ނަގައިގެން. ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދުލު ކުރުމަށް ޑުބާއީގެ ކުންފުންޏަކާއެކު ކަރުދާހެއްގައި ސޮއިކުރި ކުރުން ޖަމަލު ފޮޑިޔަށް. "އައިހެވަން" އަދި ވީހިސާބެއް އެނގޭ ހަމަ އެކަކުވެސް "މިސުވަރުގެ" އަކު ނެތް. އެހެންކަމުން މިއީ ދައުލަތުގެ ބަޖެޓުން ކުރެވޭ އެއްވެސް ފައިދާއެއް ނެތް ބޭކާރު ޚަރަދެއް ނޫންބާ؟
ގގ
22 November 2016
އިންވެސްޓުގެ ނަމުގައި ޤައުމު ވިއްކާ ހުސްކުރަނީ ދުވަސްކޮޅަކުން އަންދަލުސް ގޮތަސް މުސްލިމުންގެ ބާރު މިތަނުންވެސް ގެއްލޭކަށް މާގިނަ ދުވަހެއް ނެތްހެން ހީވާން ފަށައިފި!
ހޫތު
22 November 2016
ކިތައް ފޯރަމް ބޭއްވިއްޖެތޯ ވީކަމެއް ހަރާމް.......... ގައުމުގެ އަދުލު އިންސާފާއި ހަމަހަމަކަން އަދި ޑިމޮކްރަސީ ހަރުދަނާ ނުކޮށެއް މިތާކަށް ބަޔަކު ނާންނާނެ. އަޔަސް އަންނާނީ ޗައިނާ، ނޯރތުކޮރެއާ. ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރޭ!
އޮރެންޖްބެރީ
22 November 2016
އިންވެސްޓްމަންޓް ފޯރަމްތައް ބާއްވައިގެން ލިބޭ ނަތީޖާތަކުގެ މައުލޫމާތު ވަރަށް ނޭގޭ. މިއީ ސަރުކާރުން ކުރަންޖެހޭ ކަމެއްނަމަވެސް ކޮށްފައޮތްކަމެއްނޭގޭ. އެހެންކަމުން "މިހާރު" ނޫހުން، މިކަމާ ގުޅޭ ގޮތުން އާޓިކަލެއް ގެނެސްދެއްވައިފިއްޔާ ވަރަށް ރަނގަޅު.
ކޮލަމާފުށި
22 November 2016
އަންނަ އަހަރު ތިޔަ ފޯރަމް ޖައްވުގަ ބާއްވާން ސަރުކާރަށް ގޮވާލަން.....މިދިޔަ 2 އަހަރު ބޭއްވި ފޯރަމްތަކުން ކޮންކަމެއް ހާސިލްވީ....ތިޔަ ފޯރަމްތައް ބޭއްވުން ހުއްޓާފަ މިގައުމުގަ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކަރަޕްޝަނާ އަނިޔާ ވެރިކަން ހުއްޓާލުން މާމުހިންމު.