ހުޅުމާލޭ ޖަލުގެ ކޮޓަރިއެއް: ކަސްޓޯޑިއަލް ޖަލުތަކާ ބެހޭ ގަވާއިދުގެ ޑްރާފްޓަށް އެޗްއާރުސީއެމުން އިސްލާހު ހުށަހަޅާފައިވޭ.-- ފައިލް ފޮޓޯ: މިހާރު
17 ޖޫން 2021 - 23:47
ކަސްޓޯޑިއަލް ޖަލުތަކާބެހޭ ގަވާއިދުގެ ޑްރާފްޓަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމު) އިން 88 އިސްލާހެއް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން ތައްޔާރުކޮށް އިއްޔެ ފާސްކުރި އިސްލާހުތަކުގެ ތެރޭގައި، ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަސާސީ ހިދުމަތާއި އިނާޔަތްތައް ތައާރުޒް ނުވާނެހެން ވަކި ހިދުމަތްތަކެއްގެ ގޮތުގައި ބަޔާންކުރުމާއި އެއްވެސް ހާލަތެއްގައި ގާނޫނު އަސާސީ އާއި ގާނޫނާއި ގަވައިދުތަކުން ލިބިދޭ އަސާސީ އެއްވެސް ހައްގެއް އުނި ނުކުރުމާއި މެދުކަނޑާނުލަން ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ ނަމަވެސް އެކި ސަބަބުތަކާހުރެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނަށް ގާނޫނާ ގަވާއިދުތަކުން ކަށަވަރުކޮށްދީފައިވާ ބަންދު މީހުންނަށް ރިމާންޑް ޖަލުން ލިބިދޭންޖެހޭ އަސާސީ ހައްގުތަކާ އިނާޔަތްތައް ލިބިދެވޭކަން ކަށަވަރުކުރުމާއި ވީހާވެސް އަވަހަށް އެ އެފަދަ މީހުން ރިމާންޑް ޖަލަކަށް ބަދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެޗްއާރުސީއެމުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ މީހަކު ކުރާ ކުށުގެ ކުޑަބޮޑުމިނާއި ކުށުގެ ބާވަތަށް ބަލައި ގިންތިކޮށް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ވީހާ ވެސް ބޮޑަށް އެއްބަޔަކު އަނެއް ބައެއްގެ އަޑާއި ހަރަކާތްތައް ނުފެންނާނެ އަދި އެ މީހުންގެ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ކަސްޓޯޑިއަލްގައި ބޭތިއްބުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ ކޮމިޝަނުން އެދެ އެވެ.
އެޗްއާރުސީއެމުން ބުނީ ކަސްޓޯޑިއަލް ޖަލުގައި ބަންދުގައި ހުންނަ ހަމަ ކޮންމެ މީހަކަށް ވެސް ތަފާތުކުރުމެއްނެތި ލިބިދޭންޖެހޭ ހައްގުތަކާއި ހިމާޔަތާއި ރައްކާތެރިކަން އަދި އިނާޔަތް ލިބިދެވޭކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މާބަނޑު މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުން، އެޗްއާރުސީއެމުން ހުށަހެޅި އިސްލާހުތަކުގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
21 June 2021
ހެޑްލައިންތަކަށް އަރަން މޮޅު ވާހަކަ ދައްކަނީ. ކުރާ ކަމެއް ހަރާން.
އުސްމާނުބެ
18 June 2021
ހަމަ ހުރެފަކާނޫން ދޯ ތިތަންތަނައް ލަނީ ، ނިމޭއިރު އާއްމު ރައްޔިތުންތައް ވުރެ ތިތާގަ ބަންދުކުރަން ޖެހޭ މީހުންގެ ހައްގުތައް ގިނަވާނެކަންނޭގެ.
އަންމާރު
18 June 2021
ޖަލުތަކަކީ ޒަމާނީ ފެންވަރުގެ ޖަލުތަކަށްވާނީ ކޮން ދުވަހަކުންބާ؟ ކުށްވެރިންނަށް އަސާސީ ޚިދުމަތްދޭން ވަކާލާތުކުރާގޮތަށް އޮފިސަރުންނާމެދު ޤައްދާރުވަނީ ކޮންޒާތެއްގެ އުސޫލަކުންބާ؟ އޮފިސަރުންނަށްވެސް ޤާނޫނުގައި ބުނާ އަސާސީ ޚިދުމަތްތަކެއް ނުލިބެޔޭ. އެކަންކަންވެސް ފަހިކޮށްދެއްވަންވީނޫންތޯ؟ ޤައިދީންނަށް އަސާސީ ޚިދުމަތްތައް ލިބެންޖެހޭ. އޮފިސަރުންނަށްވެސް ލިބެންޖެހޭ. އަދި ޖަލުތައް ޒަމާނީ ފެންވަރަށްވެސް ހެދެން ޖެހޭ. ހައްތާވެސް ކުރަން ޖެހޭ ކަންކަން.
1828
18 June 2021
މިނިވަން ރައްޔިތުންނަަށް ނުލިބޭހާ ގިނަ ހައްޤުތައް ބަންދު މީހުން އަދި ކުށްވެރިންނަށް ލިބިދޭ. ދައުލަތުން އެތައް ޚަރަދެއް އެމީހުންނަށް ކުރޭ. ޖަލުތަށް ވާންވާނީ އުޅެން އުނދަގޫ އަދި ތަކްލީފް ބޮޑުތަނަކަށް. އެހެންނަމަވެސް އެންމެ އަސާސީ ހައްޤުތަކުން އެމީހުންވެސް މަހްރޫމްކޮށްގެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
17 June 2021
ތެދެއް. ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވޭ ބަޔަކަށް ނުޙައްޤު އަނިޔާކޮށް އަސާސީ ހިދުމަތް ތަކުން މަޙްރޫމް ކުރުމަކީ ރަނގަޅު ގޮތެއްނޫން. # އެހެން ނަމަވެސް ޤއ އިން ބާރުލިބިގެން އުފައްދާފައިވާ މިނިވަން މުއައްސަސާ ހިއުމަންސް ރައިޓް ކޮމިޝަން އަށް ނޭގެނީތޯ ޤއ ބުނެ އަމުރުކޮށްފައިވާ އަސާސީ ހިދުމަތް ތަކުގެ ތެރެއިން އެންމެ އަސާސީ ހިދުމަތްކަމުގައިވާ ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތުން ރާއްޖޭގެ ދެވަނައަށް އެންމެބޮޑު އާބާދީ މަޙްރޫމްކޮށްފައިވާކަން!!؟؟