ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން: އެ ކޮމިޝަނުން ބުނީ ރަައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ކަންކަން ބަަލަމުންދާ ކަމަށް -- ފޮޓޯ: އެޗްއާރްސީއެމް
18 ޖޫން 2021 - 21:41
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުށްވެރި ނުކުރާ ކަމަށް، ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން އުފައްދާފައިވާ "6 މެއި ކޮމިޓީ" އިން ބުނެފައި ވާތީ އެ ވާހަކަ އެ ކޮމިޝަނުން ދޮގުކޮށްފި އެވެ.
އެމްޑީޕީގެ "6 މެއި" ކޮމިޓީގެ ޗެއާ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ރޭ ވިދާޅުވެފައި ވަނީ މީހެއްގެ ފުރާނަ ގެއްލޭ ފަދަ ކަމެއް ހިނގި އިރު އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބަޔާނެއް ނެރުނު ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ކަމެއް ކުށްވެރި ނުކުރާ އިރު އެޗްއާރްސީއެމުން މަސައްކަތްކުރާ ކަމަށް ބަލައިގަންނާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެކަމާ ގުޅިގެން އެޗްއާރްސީއެމުން މިރޭ ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ ކޮމިޝަނުން އަމަލު ކުރި ގޮތް ހާމަކޮށް ދިފާއުގައި ބަޔާނެއް ނެރެފަ އެވެ.
އެ ކޮމިޝަނުން ބުނީ ހަމަލާ ދިން ރޭ 9:00 ގައި ރައީސް ނަޝީދުގެ ހާލުކޮޅު ބަލަން އެޗްއާރްސީއެމްގެ ޓީމެއް އޭޑީކޭ ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އޭގެ އިތުރުން، އެ ރޭ 11:30 ވަންދެން އެ ކޮމިޝަނުން ގެންދިޔައީ ހަމަލާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގި ގޮތް ބަލަމުން ކަމަށް ބުންޏެވެ.
ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލާފައި ވަނީ މެއި ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ.
ހަމަލާ ކުށްވެރިކޮށް، މި ކުށުގައި ޝާމިލުވާ ފަރާތްތަަކަށް ހައްގު އަދަބު ދިނުމަށް ގޮވާލައި އަދި ހަމަލާ މޮނިޓާ ކުރަމުންދާކަން ހާމަ ކުރުމަށް އެ ކޮމިޝަނުން ހަމަ އެ ރޭ ޓްވީޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މާލޭގައި މިރޭ އެއްޗެއް ގޮއްވާލި ހާދިސާ މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.މިހާދިސާގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޑްރައިވަރާއި އަދި ފަތުރުވެެރިއަކަށްވެސް އަނިޔާ ލިބިފައިވާތީ ކޮމިޝަނުން މިކަމާ ކަންބޮޑުވުން ފާޅުކުރަމެވެ.
— HRC of the Maldives (@hrcmv) May 6, 2021
1/2
ހަމަލާ ދިން ރޭ އެޗްއާރްސީއެމުން ކޮށްފައިވާ ޓްވީޓެއް
އޭގެ އިތުރުން ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހުގެ ރޭ ވެސް ހަމަލާ ކުށްވެރިކޮށް، އެކަން މޮނިޓާ ކުރަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިހާރު ވެސް ކޮމިޝަނުން ހަމަލާއާ ގުޅުންހުރި ކަންކަން ބަލަމުން ދާ ކަމަށް މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހަމަލާއާ ގުޅިގެން ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ މަސައްކަތް ބަލައި، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީ އަށް ވެސް ލިޔުމުން ހުށަހަޅާފައިވާ ކަމަށް އެ އެޗްއާރްސީއެމުން ބުންޏެވެ. އެޗްއާރްސީއެމުން ބުނީ ޑިފެންސް މިނިސްޓްރީ ފިޔަވައި ހުރިހާ ތަނަކުން ވެސް އެދުނު މައުލޫމާތު ދީފައިވާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ހަމަލާއާ ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނައިރު އަދި އެ ކޮމިޝަނުގެ ފަސް ވަނަ ދައުރުގައި މަސައްކަތް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކާ ނަމަ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެހެންވެ އެމްޑީޕީގެ "މެއި 6" ކޮމިޓީން އެ ކޮމިޝަނުން މައުލޫމާތު ހޯދުމެއް ނެތި އަދި ޓްވިޓާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ވެސް ބެލުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާތީ ކަންބޮޑުވާ ކަމަށް ބުންޏެވެ.
މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދިނީ އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުމެވަޑައިގެން ކާރަށް އަރަން ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާ ގުޅިގެން ލިބުނު ޒަހަމްތަކަށް އަދިވެސް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. މިހާރު ހުންނެވީ ފަރުވާ ހޯއްދަވަން ޖަރުމަނުގަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައި ވަނީ އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
19 June 2021
މިމައްސަލަ، އެމްއެމްޕީއާރުސީގެ މައްސަލަ، މަަރުތަކުގެ މައްސަލަ، މިފަދަ ހުރިހައިމައްސަލައެއްވެސް ޤިޔާމަތަށްދާންދެން އަބަދުވެސްދާނީ ބެލެމުންނެވެ. މައްސަލަބެލެވި ނިމޭތަން ފެނިދާނެކަމުގައި ޤަބޫލެއްނުކުރެވެއެވެ.
ގިނަވާ
19 June 2021
މާ ގިނަ މީހުން އެއްކަމަކާ އުޅެން ހަދައިގެން ވާއެއް ނުވާއެއް ނޭނގޭނެ. ލަބީބު މާރިޔާ ގާތު ބުނީމަ މާރިޔާ ހީކުރީ ލަބީދު ޕޮލިހަށް އަންގާނެ ކަމަށް. އެކަހަލަ ގޮތަކަށް ކޮންމެ ކަމެއް ކުރަން އޮންނަނީ އަނެކަކުކަމަށް ހީކޮށްލައިގެން އެއެއް މިއެއް ނޭނގި ބަލަންވާ ކަންކަންވެސް އެންމެ ފަހުން ނުބެލިފަ އޮންނާނީ. ހުރިހާ އެންމެން އެންމެ ކަމަކަށް ބޭނެން މިޖެހެނީ މިހާރު. އެނޫން އެހެން ކަމެއް ގައުމުގައި ނުހިނގާފަދަ.
އިބްރ
19 June 2021
އޮސްްޓްރޭލިޔާއިން ގެނައިމީހުނަށްވެސް ކަމެއްނުވީ ދޮގެއްތޯ؟
ޖޫކް
19 June 2021
ތި މައްސަލަ ވާނެ އީޕީއޭއިން ވެސް ބަލަން
އެޑްމުންޑޯ
19 June 2021
ތިކޮމިޝަނުން މިހާތަނަށް ބަލާފައި ކަންހިގާފައިވާގޮތް ރައްޔިތުންނަށް ސާފްކޮއްދީފައިވާ އެއްވެސް މައްސަލައެއް އަދި މިހާތަނަކަށް އަހަރެން ނުދެކެން ،
އަހްމަދު ޖަމީލް
19 June 2021
ހިޔުމަން ރައިޓްސް އޭ ނުކިޔަމާ! ވަކަ ބަޔަކައް، ނުވަތަ ވަކި ގަބީލާ އެއް ތާއަބަދު ވެރިކަން ކުރަން ކަނޑަ އަޅާފަ އޮންނަ މިންގަޑުން އިންސާނުން އަޅުދާސް ކުރާ ގަވާއިދޭ ކިޔަމާ!
ޖުހާބެ
19 June 2021
ކަލެ މެ ްްން ތިއީ މުވައްޒިފުންގެ ކަންކަން ހަމަނުޖެއްސުނު ބައެއް. އެހެން ކަމެއް ވަނެތަ
މަހޭބެ
19 June 2021
ތިކަން ބަލާނެކަމެއް ނެތް ވާނީ ފަޟީހަތް ތިއީ އަމިއްލައަށް ކުޅެގެން އުޅޭ ފިލްމެއް
ބައި
18 June 2021
ތިތަހުގީގު އެންމެ ފު ރިހަމަޔަށް ހިންގަން ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭ. ބޮޑުމީހަކަށް ބަހައްޓާނީ މުއިއްޒު.
ރަދުން999
18 June 2021
ޕޮލިސް އިން ތިޔަ ތަހްގީގު ކުރާނީ ރަނގަޅަށްކަމަށް ބަލާމާތޯ؟ ދައުލަތުގެ ހުރިހާ މުއައްސަސާތައް ތިކަމުގެ ތެރެއަށް ވްނަނާކަށް ނުޖެހޭ. ރިޕޯޓް ހާމަކުރަންދެން ކެތްތެރިކަމައެކު މަޑުކުރޭ. ތަހްގީގުން އައްނިއަށް އިންސާފު ހޯދާދޭވަރަށް ހެކި ހޯދާނެކަމަށް ބެލެވެނީ. ތިއަށްވުރެ ބޮޑެތި މަރުތައް މިގައުމުގައި ހިނގައިފި. އެކަންވެސް އަދި އޮތީ ޕެންޑިންގައި. ވާނުވާގައި.