ސްރީލަންކާގެ ވެރިރަށް ކޮޮލަމްބޯގެ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ގައުމުގައި ދެ ދިވެއްސަކު މަރުވި ކަމަށް ބުނި ނަމަވެސް އަދިވެސް އެކަން ޔަގީނެއް ނުވޭ
24 ނޮވެމްބަރ 2016 - 10:52
ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު އެކްސިޑެންޓުވެގެން މަރުވެފައިވާ ކަމަށް ބުނިތާ ދެ ހަފުތާ ވާން ގާތްވި އިރު ވެސް އެއީ ހިނގި ކަމެއްކަން ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ކަށަވަރެއް ނުވެ އެވެ.
ރާއްޖޭން ބޭރުގައި ހިނގާ މި ފަދަ ހާދިސާތައް، ގިނަވެގެން ދެތިން ދުވަހުގެ ތެރޭގައި އެ ގައުމެއްގެ ފުލުހުން ކަމާ ބެހޭ ފަރާތްތަކަށް އަންގަމުން އައި ނަމަވެސް، ލަންކާގައި ހިނގި ކަމަށް ބުނާ މިހާދިސާއާ ބެހޭ މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާތީ މިއީ ހިނގި ކަމެއް ކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
"މިހާރު"ން ބެލި ބެލުމުން ލަންކާގައި ހިނގި ކަމަށް ބުނާ މި އެކްސިޑެންޓުގެ މައުލޫމާތު އެ ގައުމުގެ ފުލުހުންނަށް ވެސް އަދި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވެސް އެނގިފައެއް ނުވެ އެވެ. ފޮރިން މިނިސްޓްރީން އިއްޔެ ބުނީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
"މި ކަހަލަ ބޮޑު އެކްސިޑެންޓެއް ހިނގުމުން އެ ގައުމުގެ ފުލުހުން ކަމާ ބެހޭ ފަރާތްތަކަށް އަންގާނެ. އެކަމަކު މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ހަބަރެއް ނުވޭ،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މަރުވި ކަމަށް ބުނާ ކުޅުދުއްފުށީ ބަބޫގޭ ހަސަން އަލީ، 29، އާ މެދު އެ ރަށުގައި ވެސް ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން އެއް ބަޔަކު ބުނާ ގޮތުގައި އޭނާ ވީ ސީރިޔާ އަށް ހަނގުރާމަ އަށް ގޮސްފަ އެވެ. "މިހާރު"ން ބެލިބެލުމުން، އއ. ހިމަންދޫގައި ދީނީ ހަރުކަށި ބަޔަކާއި ސިފައިންނާ ދެމެދު 2007 ހިނގި ބޮޑު ހަމަނުޖެހުމާ ގުޅިގެން ވެސް އޭނާ ހައްޔަރުކުރި އެވެ. މީގެ ތިން އަހަރު ކުރިން އޭނާ ސީރިޔާ އަށް ދިޔަ ކަމަށް ބައެއް މީހުން ބުނާ އިރު، އޭގެ ފަހުން ލަންކާ އަށް ދިޔަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ. އާއިލާގެ ބައެއް މީހުން ބުނަނީ އޭނާ ލަންކާގައި ދިރިއުޅެމުން ގެންދާ ކަމަށެވެ. ހަސަން އަލީގެ އާއިލާގެ މީހަކު މިދިޔަ ހަފުތާގައި ބުނީ އެ އެކްސިޑެންޓް ހިނގީ އޭނާގެ ދެ ކުދިންނާއި އަންހެނުންނާ އެކު ޕިކަޕުގައި ދުއްވާލަން ނިކުމެ އުޅެނިކޮށް ކަމަށެވެ. އަދި ހަސަނާއި އޭނާގެ ދަރިފުޅު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށާއި އެކަމަކު އާއިލާގެ ދެން ތިބި މީހުންނަށް ލިބުނު ގެއްލުން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. ހަސަންގެ މަރުގެ މައުލޫމާތު ކުޅުދުއްފުށީގައި ތިބި އާއިލާގެ މީހުންނަށް ލިބުނީ އާދިއްތަ ދުވަހު މެންދުރު ފަހު ހަސަންގެ އަނބިމީހާގެ ފަރާތުން ކަމަށްވެ އެވެ. އަދި އޭގެ ފަހުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެ އެވެ. ހަސަން ދިޔައީ ސީރިޔާއަށްތޯ މިއަދު ސުވާލު ކުރުމުން، އާއިލާގެ މީހާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ ކުޅުދުއްފުށީ ބައެއް މީހުން ދައްކާ ދޮގު ވާހަކައެއް ކަމަށް ވެސް އޭނާ ބުންޏެވެ. "އެއީ ވަރަށް ދީނަށް ލޯބި ކުރާ، ރަނގަޅު މީހެއް. އެހެންވެ، އެކަމާ ހަސަދަވެރިވެގެން ދައްކާ ވާހަކައެއް އެއީ،" އާއިލާގެ މީހާ ބުންޏެވެ. މި ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަތަކަށް ހިއްސާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން، ހަސަންގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނީ އޭނާ "ގަބޫލުކުރާ ސަރުކާރެއް އަދި އެމްބަސީއެއް ނުހުންނާނެ" ކަމަށެވެ. އެހެންވެ، "ހަށިގަނޑު ހިފައިގެން އެމްބަސީތަކަށް ދުވަން ބޭނުން ނުވާ ކަމަށް" އޭނާ ބުންޏެވެ. އާއިލާ އިން ބުނަނީ ހަސަން އާއި ދަރިފުޅުގެ ހަށިގަނޑު މިހާރު ވަޅުލާފައިވާ ކަމަށެވެ. އެކަމަކު އެ މީހުން ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް އަދި ވަޅުލީ ކޮން ތަނެއްގައި ކަމެއް ވެސް، ކުޅުދުއްފުށީގައި ތިބި އާއިލާގެ މީހުންނަކަށް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރީގެހަވީރު
24 November 2016
ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ހުރިހާ ކަމެއްގެ ހަގީގަތް ނުހޯދޭނެ އަމިއްލަ ގައުމުގައިވެސް ހިނގާ ހުރހާ ކަމެއްގެ ހަގީގަތެއް ހާމަވެފައެއް ނެތެވެ.
ރަންދެލި
24 November 2016
ތިޔައީ ސީރިޔާ ގައި މަރުވި ބައެއް ހެން ވަރަށް ހީވޭ! ހަސަނު ދާން އުޅުނު ތަނަށް ދެވުނުކަމަށް ބަލަމާ!!!!
އަވަސް
24 November 2016
ދެން ސަރުކާރު އަދިއެމްބަސީ ގަބޫލުނުކުރިއަސް އެކަންކަން ވީގޮތް ބެލުމުގައި މެދުވެރިވާނީ، އެމްބަސީ. ފޮރިން މިނިސްޓްރީ. އޭނަ ގަބޫލު ނުކުރިއަސް ދެސަރުކާރު ދެމެދުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް. އެކަން ހިނގިގޮތް ގަބޫލު ނުކުރާ ސަރުކާރުން ބަލާނީވެސް. ތިގޮތުގަ ހިފަހައްޓާލާ. ދޫނުދޭތީ. ވާނެކަމެއް ހަރާން.
ބޮލި މުލައް
24 November 2016
ލަންކާގައި މަރުވެފައިވަނީ 2 ދިވެހިންނެއްނޫން މިހާތަނަށްއައިއިރުމާގިނަ ދިވެހިން މަރުވެފާވާނެ.
އިދުރީސް
24 November 2016
ކުރިންވެސް ހަމަ މިހަބަރު ލިޔުނު. 2 ވަނަފަހަރު ލިޔުމުން ހިތައްއަރަނީ......
ރަދީފް
24 November 2016
ކަލޯ އިދުރީސް.ބައެއް ފަހަރު ބީބީސިގަ ފެނޭ 2 ވަނަ ބޮޑު ހަނގުރާމައާ ގުޅޭ ހަބަރުވެސް ، ދެން ބުނަންވީ އެ ހަނގުރާމަނިމުނުތާ ކޮންދުވަހެއްހޭތަ؟؟ ކީކޭބާ މިހާލަތުގަ ހިތަށް އަރާނީ....