އޮޑިޓަ ޖެނެރަލްކަމުގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނިޔާޒީއާ މިއަދު ހަވާލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ޖުލައި 2021 - 11:22
އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ހުސައިން ނިޔާޒީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.
އެންމެ ފަހުން ހުންނެވި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ނިޔާޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހަސަން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އިސްތިއުފާގެ ސިޓީގައި ހަސަން ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ.
ހަސަންގެ އިސްތިއުފާ އަށް ފަހު، އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ނިޔާޒީގެ ނަން އެކަންޏެވެ. އޮޑިޓާ ޖެނެރަލްކަމަށް ނިޔާޒީ އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ރުހުން ދިނީ ބުރާސްފަތި ދުވަހުގެ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
ނިޔާޒީ، އޮޑިޓަ ޖެނެރަލްކަމުގެ މަގާމުގެ ހުވާ މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އޮޑިޓާ ޖެނެރަލަކަށް ނިޔާޒީގެ ހުރިހާ ޝަރުތެއް ހަމަވޭތޯ މަޖިލީހުގެ ސެކްރެޓޭރިއަޓުން ބެލި އިރު އެ ކަންކަން ވެސް ހަމަވާ ކަމަށެވެ. ނިޔާޒީއާ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު ރުހުން ދޭން ފާސްކުރީ ކޮމިޓީގެ 12 މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާ ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.
އޮޑިޓް އޮފީހުގައި 15 އަހަރު ދުވަހަށް ވުރެ ދިގުު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ނިޔާޒީ އަކީ މިހާތަނަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ލައިސަންސިން އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ވެސް ޗެއާ އެވެ. އެ ކޮމިޓީގެ މެންޑޭޓަކީ ޕްރައިވެޓް ސެކްޓާ އޮޑިޓިންގެ ކަންތައްތައް ރެގިއުލޭޓް ކުރުމެވެ. އޭނާއަކީ ޗާޓާޑް މެނޭޖްމެންޓް އެކައުންޓެންޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 July 2021
ހުސައިން ނިޔާޒީއަށް އިތުބާރު ކުރަން. އުއްމީދަކީ ނިޔާޒީ އޮފީހުގައި ހުންނަވާ މުއްދަތުގައި އޮޑިޓިންގ އާއި ބެހޭ ގިނަ ކަންކަމަށް ހަރުދަނާ ރަނގަޅު ބަދަލު ތަކެއް ގެނެސް މިންގަނޑު ތަކެއްގެ ތެރެއަށް ފައްތާ ދައުލަތުން ވައްކަން ކުރާން ހުރި މަގުތަކަށް ހުރަސް އެޅޭނެ ކަންކަން ކުރައްވާނެ ކަމަށް.
ފޭކު
13 July 2021
ވަރުވަރުން މީހުންލާނެ ކަމެއް ނެތް. ތި އޮޑިޓަކާއި އޭސީސީއަކާއި ދެންވެސްނަންު ހުސްކޮށް ކިޔާނެ ކަމެއްނެތް އެއްވެސް ބޭނުން ހުރިތަންތަނެއް ނޫން. ތިތަން ނެތަސް ރައްޔިތުން އަމިއްލަޔަށްވެސް ކޮރަޕްޝަނާއި ފަސާދަ މިހާރު މިއޮތް ލެވެލް އަށް ވުރެ މައްޗަށް ދަންޏާ މަގުމައްޗަށް ނުކުމެގެން ވެސް ހުއްޓުވާނެ. ބަޔަކު އަންތަރީސް ވެދާނެ ކަލޭމެންތީ ގޮނޑި ހޫނުކުރަން މުސާރަ ދޭބައެއް. ކޮރަޕްޓުވެރިން ގުޅިގެން ރައްޔިތުންނަށް ޑްރާމާ ކުޅެދީ ޤައުމު ދަވަން އެހީ ވަނީ
ކޮރަޕްޝިނަސްޓާން
13 July 2021
ބޭކާރު މަޤާމެއް. ދުނިޔޭގެ އެންމެ ކޮރަޕްޓު ޤައުމުގަ ވަރުވަރުން މުސާރަދީ ފާރަވެރި ވާނެ ބަޔަކު ބޭތިއްބުމުގެ މާނައެއްނެތް. އޮޑިޓަރުން މިޤައުމުގައި ހަދަނީ ހަދާނެއެއްޗެއް ވިޔަފާރިވެރިންނާއި ގުޅިގެން. ވިޔަފާރި ފައިދާއިން ޓެކްސްދައްކާ ރިޒޯޓެއް މަދުވާނެ. އޮޑިޓްތައް ކްލީން. ގިނަ ތަންތަން ހިންގަނީ ލޮސްގައި. ލައިސަންސް ދޫކުރާ އޮޑިޓް އޮފީހުން މިހާތަނަށް އެއްވެސް އޮޑިޓަރަކާއި މެދު ފިޔަވަޅެއްނާޅާ. އެކަމަކު ކަނޑައެޅިގެން އިނގޭ މިއޮޑިޓުތައް ރަނގަޅުނޫންކަން
ރައުހަތު
13 July 2021
ވަރަށް ބޮޑަށް މަރްޙަބާ! ވަރަށް އުފާ ކޮށްފިން
ހަސަނު
13 July 2021
ތިޔައީ މުޅި ގައުމުގާ ވެސް ހުރި ތިޔަ ކަމަށް އެންމެ ގާބިލް އެންމެ އެކަށޭނެ މީހާ..
ޔައުގޫބު
13 July 2021
އަހަރެން ދިން ލިސްޓުގަ ހުރި ނަންތަކަށް ބަލާތި. އެ ގްރޫޕްގެ މީހުނާމެދު ވިސްނާލަންވާނެ.
އޮއްޕޮ
13 July 2021
އަޅުގަނޑު މިހުރީ ހަމަ ތައްޔާރުވެގެން. މިބުނި އެއްޗެއް ގެޓްވާނެ ކަމަށް ގަބޫލުކުރަން. މިވީހާތަނަށް އެންމެ އިހުލާސްތެރިކޮށް އެންމެ ބުރަކޮށް މަސައްކަތްކުރީ އަޅުގަނޑު. މުވައްޒަފުންގެ ކައިރީގައިވެސް އެންމެ ޕޮޕިއުލަރ ޑައިރެކްޓަރ އަކީ އަޅުގަނޑު.
ވަތަނަބެ
13 July 2021
މަރުހަބާ ނިޔާޒީ