ވިޔަފާރި / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓުން ދުވަހަކު ވެސް ނުފެންނަ މަންޒަރުތަކެއް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޭތުވެދިޔަ ދެ ތިން ހަތަރު ދުވަހުގެ ތެރޭގައި ފެނިފައިވާ ބައެއް މަންޒަރުތައް މީގެ ކުރިން އެ ތަނުން ނުފެނިދާނެ އެވެ. ހާއްސަކޮށް އެރައިވަލް އާއި ޑިޕާޗާ ޓާމިނަލްތަކުގައި މީހުން ތޮއްޖެހި، މުޅި ޓާމިނަލް ފުރި ބާރު އޮތީބޮޑުވެފަ އެވެ. އިންޑިއާ އިން އައި ގިނަ އަދަދެއްގެ ޓޫރިސްޓުން ޓާމިނަލް ތެރޭގައި އިށީނދެ ތިބެ ކައި ބޮއި، ނިދައި ހަދައި އެކަން އާންމު އުނދަގުލަކަށް ވެސް ވި އެވެ.

ބައެއް އޮޕަރޭޓަރުން މީގައި ކުށްވެރި ކުރަނީ ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އެވެ. އެކަމަކު އެ ކުންފުނީގެ ވާހަކައަކީ ޓޫރިސްޓުން ގެނައި މީހުން އެ މީހުން ބަލާ ނައުމުން ތޮއްޖެހެނީ ކަމަށެވެ.

ވެލާނާ އެއާޕޯޓަކީ އަބަދު ވެސް ވަރަށް ހިމޭންކޮށް، ސާފުތާހިރުކޮށް އޮންނަ މާހައުލެކެވެ. އެކަމަކު، ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެނުނު މަންޒަރުތަކަށް ފަހު ބައެއް މީހުން އެތަން ސިފަކޮށްފައި ވަނީ އިންޑިއާގެ ރެއިލްވޭ ސްޓޭޝަނެއްގެ ގޮތުގަ އެވެ. އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މީހުން ބުނި ގޮތުގައި ދަބަސްތައް ބިންމަތީގައި ބަހައްޓާފައި އޭގެ މަތީގައި ނިދައި ހަދައި، ފާހާނާ އިން ފެންވަރައި ހަދައިގެން ވެސް ބައެއް މީހުން އުޅުނެވެ. ޗެކިން ކައުންޓަރުތަކުގައި މީހުން މަދުވެގެން، ފުރަން ގޮސް ބައެއް މީހުން ނުފުރި ބޯޓު ޑިލޭވެފައި ވެސް އެބަހުއްޓެވެ.

"ހަދާނެ ގޮތެއް ނޭނގި ހާސްކަމުގެ ތެރޭގައި މުވައްޒަފުން ތިބެން ޖެހުނު ދުވަސްކޮޅެއް އެއީ،" އެއާޕޯޓްގެ ޓާމިނަލްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

"މި އަށް ވުރެ ރަނގަޅު އިންތިޒާމުތަކެއް އެމްއޭސީއެލް އަށް ހަމަޖެއްސެން ވާނެ. މީގެ ކުރިން ވެސް މީހުން ގިނަވާ ފަހަރުތަކުގައި އެކަން ހުރީ ހަމަޖައްސައިފައި."

ޔޫއޭއީ އާއި ސައުދީގައި މަސައްކަތްކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މީހުން މި ދުވަސްވަރު ރާއްޖެ އަށް އެބަ އާދެ އެވެ. އެ މީހުން ރާއްޖޭގައި މަޑުކުރަނީ ރާއްޖެއިން ދާ މީހުން އެ ގައުމުތަކުގައި ކަރަންޓީނު ވާން ނުޖެހޭތީ އެވެ. އެތައް ބަޔަކު އެއްފަހަރާ އައުމުން އިށީންނާނެ ގޮނޑި ނެތި، ބައެއް މީހުން ކުނާ ފަތުރައިގެން ތިބޭ މަންޒަރުތައް ވެސް ވަނީ އާންމުވެފަ އެވެ.

ޓޫރިސްޓުންތަކެއް އެއާޕޯޓު ބިންމަތީގައި ކާން ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް--

ބޭސް ފަރުވާ އަށް ފަހު ރާއްޖެ އަށް އައި މީހަކު "މިހާރު"އާ ވާހަކަ އްދައްކަމުން ބުނީ މިއީ މިހާތަނަށް އެއާޕޯޓުން ދުވަހަކު ވެސް ފެނިފައި ނުވާ މަންޒަރެއް ކަމަށެވެ. އަދި މިއީ އެވަރަށް އެއާޕޯޓު ތޮއްޖެހިފައި އޮއްވައި އޭނާ އަށް ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު މި ހުންނަނީ ބޭސްކުރަން އަބަދު ބޭރަށް ގޮސްގޮސް، އެކަމަކު މިހާ ވަރަށް ތޮއްޖެހިފައި އޮއްވައި ނުދެކެން. ހިނގާލައިފައި ދެވޭނެ ޖާގައެއް ވެސް ނެތީ. ކޮންމެ ދިމާލަކުން ވެސް ގައިގައި ޖެހެނީ ޓްރޯލީއެއް. މި އަށް ވުރެ ފަސޭހައިން އަޅުގަނޑުމެންނަށް ހިދުމަތް ލިބެން ޖެހޭ،" އޭނާ ބުންޏެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް އޮތީ ބޮއްސުންލާފައި

ރާއްޖެ އައި އިންޑިއާ ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި، މި ދުވަސްވަރު އެއާޕޯޓުގައި ތޮއްޖެހުން އިތުރުވަނީ އެމްއޭސީއެލްގެ ހިންގުން ހަރުދަނާ ނުކުރެވޭތީ އެވެ. އެގޮތުން، އެއާޕޯޓަށް އިތުރު މުވައްޒަފުން ބޭނުންވެފައިވާއިރު މުވައްޒަފުން ނުނަގާ ކަމަށާއި އެހެންކަމުން އެއާޕޯޓަށް އަންނަ ފަސިންޖަރުންނަށް ކޭޓާ ކުރެވޭ ވަރަށް މިހާރު މުވައްޒަފުން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އެއާޕޯޓުގައި މުވައްޒަފުން މަދުކަމުގެ ޝަކުވާ ބައެއް ފަސިންޖަރުން ވެސް ކުރެ އެވެ. އެގޮތުން، ޗެކިން ކައުންޓަރުގައި މުވައްޒަފުން މަދުވުމުގެ ސަބަބުން ޗެކިން ލަސްވެ، ފްލައިޓު ޑިލޭވާ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

"ދުއިސައްތައެއްހާ މީހުން ފުރާ ފްލައިޓެއްގެ ޗެކިން ކައުންޓަރުގައި މި ތިބެނީ އެންމެ ތިން ސްޓާފުން. ޗެކިން ބަންދުކުރަން ޖެހޭ ފުރުމުގެ އެއް ގަޑިއިރު ކުރިން. އެކަމަކު މިހާރު ގިނަ ފަހަރު ޗެކިން ނިމެނީ ފުރަން 15 މިނެޓަށް ވެފައި އޮއްވައި. މީގެ ސަބަބުން ފްލައިޓުތައް ޑިލޭ ވަނީ،" އޭނާ ބުންޏެވެ.

"މައިގަނޑު މައްސަލައަކީ ގްރައުންޑް އޮޕަރޭޝަންތަކުގައި އެކަށީގެންވާ އަދަދަކަށް ސްޓާފުން ނެތުން. އެއް ފަހަރާ އެތައް ސްލޮޓެއް މަތިންދާބޯޓަށް ދޫކޮށްލާއިރު، މުވައްޒަފުން އިތުރުކުރަން ސަމާލުކަން ދޭ ތަނެއް ނުފެނޭ. އޭގެ ބަދަލުގައި އެމްއޭސީއެލްގެ މަތިފަޑި އަށް ބޭރު މީހުން ގެނެސް ފުރައިލަން މި އުޅެނީ."

އެއާޕޯޓަށް ފުރަން ގޮސް ތިބި ޓޫރިސްޓުންތަކެއް ކިޔޫގައި ތޮއްޖެހިގެން ތިބި މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ--

އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފަކު "މިހާރު" އަށް ބުނީ މުވައްޒަފުން މަދުވުމުގެ ސަބަބުން ހިދުމަތްތައް ލަސްވެ ބޭރުން އަންނަ ފަސިންޖަރުން ވެސް ޝަކުވާ ކުރާ ކަމަށެވެ. އެގޮތުން، ހުސްވެފައި ހުންނަ ޓްރޯލީތައް ނުލިބުމާއި ގިނަ ވަގުތު ކިޔޫގައި މަޑުކުރަން ޖެހުން ފަދަ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ޑިޕާޗާ ޓާމިނަލަށް ޗެކިން އަށް ވަންނަ މީހުން ދޫކޮށްލާ ޓްރޯލީތައް އެއްކޮށް، އެ ބަލަހައްޓާނެ މީހުން ނެތް ގަޑިތައް ވެސް އެއާޕޯޓުން މިހާރު ފެންނަނީ މަދެއް ކޮށެއް ނޫނެވެ. ހަމަ އެގޮތަށް ޓެކްސީ ކިއޫ ކައިރީގައި ހުންނަ ޓްރޯލީތައް ވެސް ބަލަހައްޓާނެ މުވައްޒަފުން ނެތި ބައެއް ހާލަތުތަކުގައި ޓެކްސީ ޑްރައިވަރުންނާއި އާންމުން ވެސް ޓްރޯލީތައް ދަމައި އެ އެއްޗެހި ބަހައްޓާ ތަންތަނަށް ގެންދާ ތަން ވެސް ފެނެ އެވެ. މިހާ ކުޑަކުޑަ ކަމެއް ހައްލު ނުކުރެވި އުޅުމަކީ ބޮޑު މައްސަލައެކެވެ. މިއީ އެއާޕޯޓް އިތުރަށް ބާރު ބޮޑުވެ، ތަން މެނޭޖު ނުކުރެވުމުގެ ރަނގަޅު މިސާލެކެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް އަންޑަ ސްޓާފް ކަން. ހާއްސަކޮށް މި ދުވަސްވަރު. ގިނަ ސްޓާފުން ތިބޭ ނަމަ ކިޔޫގައި އެހާ ގިނަ އިރު ތިބޭކަށް ނުޖެހޭނެ. އޭރަށް ފަސިންޖަރުންނަށް ދަތި ނުވާ ގޮތަށް އަވަހަށް ހިދުމަތް ވެސް ދެވޭނެ،" އެމްއޭސީއެލްގެ މުވައްޒަފަކު ބުންޏެވެ.

އެއާޕޯޓަށް ފައލިޓުތައް ނުޖައްސާ ގިނަ އިރު މަތީގައި ހޭދަ ކުރަން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ޓްވީޓެއް---

އެއާޕޯޓުގެ ހިދުމަތްތައް ލަސްވުމުގެ ސަބަބުން ފްލައިޓުތަކަށް އެއާޕޯޓަށް ނުޖެއްސި އެތައް އިރެއް ވަންދެން މަތީގައި އޮންނަން ވެސް ޖެހެ އެވެ. ބައެއް ފްލައިޓުތައް މަތީގައި އޮންނަން ޖެހޭ ވަގުތު ގިނަ ވުމުގެ ސަބަބުން އެނބުރި ގައުމަށް ވެސް މި ދުވަސް ވަރު ދާން ޖެހިފައި އެބަހުއްޓެވެ.

"އެހެން އެ ވަނީ ބެލުމެއް ނެތި ސްލޮޓްތައް ދޫކޮށްލާތީ. ގްރައުންޑް ސްޓާފުންނަށް މެނޭޖު ނުކުރެވޭ ވަރަށް ފްލައިޓް ސްލޮޓް ދޫކޮށްލީމާ ވާނެ ހުރިހާ ކަމެއް ވަމުން މިދަނީ. ކައުންޓަރުތަކަށް ބާރު ބޮޑުވެ، ޗެކިން ނިންމުން ޑިލޭވާ ވަރަކަށް ފްލައިޓްތައް ގަޑިއަށް ނައްޓާ ނުލެވި، ހުރިހާ އޮޕަރޭޝަންތައް ޑިލޭވާނެ،" ބައިނަލްއަގްވާމީ އެއާލައިނެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ބުންޏެވެ.

ތޮއްޖެހެނީ ޓޫރިސްޓުން ގެންނަ މީހުންގެ ފަރުވާ ކުޑަކަމުން: އެމްއޭސީއެލް

އެއާޕޯޓުގެ ތޮއްޖެހުމާ ގުޅޭގޮތުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ޓޫރިސްޓުންނާ ހަވާލުވާ މީހުން ބަލައި ނައިސްގެން ގިނަ ބަޔަކު އެއާޕޯޓުގައި މަޑުކުރާ ކަމަށެވެ. އެހެންކަމުން އެއާޕޯޓުގައި ތޮއްޖެހި ހިދުމަތްތައް ދިނުމުގައި ދަތިތަކާ ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނައިން މި ތިބެނީ އެ މީހުންނާ ހަވާލުވެގެން ތިބޭ މީހުން ނައިސްގެން އެއާޕޯޓު ތެރޭގައި މަޑުކޮށްގެން. އެހެން ތިބޭތީ ތޮއްޖެހެނީ. މިގޮތަށް ފްލަޑް ކުރަންޏާ އެއާޕޯޓުގެ ކެޕޭސިޓީ އަށް ވެސް ބުރޫ އަރާނެ،" ހަސަން ވިދާޅުވި އެވެ.

އެއާޕޯޓު ތޮއްޖެހުމާ ގުޅޭގޮތުން އެމްއޭސީއެލް ބޯޑުގެ ކުރީގެ މެމްބަރު އަދި އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ފިރާގު ކުރެއްވި ޓްވީޓެއް--

އެމްއޭސީއެލް އިން ވަނީ ޓޫރިސްޓުން ބަލާ އަންނަ މީހުން ވީހާ ވެސް އަވަހަށް ޓޫރިސްޓުން އެއާޕޯޓުން ގެންދިއުމަށް އެދިފަ އެވެ.

ވެލާނާ އެއާޕޯޓުގެ ކެޕޭސިޓީ ބޮޑުކުރުމަށް އާ އިންޓަނޭޝަނަލް ޓާމިނަލަކާއި އާ ސީޕްލޭން ޓާމިނަލެއް މިހާރު ވަނީ ތަރައްގީ ކޮށްފަ އެވެ. ނަމަވެސް މި ތަންތަން ހުޅުވައި، ހިދުމަތް ދޭނެ ދުވަހެއް އެމްއޭސީއެލް އިން އިއުލާން ނުކުރެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއާޕޯޓުގެ ތޮއްޖެހުމަށް އޮތް ހައްލަކީ އާ ޓާމިނަލްތަކުން ހިދުމަތް ދޭން ފެށުމުވެ.

38 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 10%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވާރޭވުން

26 August 2021

ވަކިމަގުސަދެއްގައި ދުރާލާ ރާވަމުންދާރޭވުމެއްކަމަށް ބުނެވޭނެ ޖާގައެބައޮތް. އަންޑަރސްޓާފްވީމައޭ ކިޔާފައި އިސާހިތަކު ގެނެސް އަޅާލާނީ އަވަށްޓެރިގައުމުތަކުގައި ވަޒީފާނެތިފައި ތިބި މީހުންތައް. އޭރުން ކައުންޓަރުތަކަށް މީހުންހަމަވެފައި އިތުރުން ކައުންޓަރުމައްޗަށް އަރާތިބޭނެ މީހުންވެސްވާނެ. ދިވެހިންގެ ބުރަމަސައްކަތުން ހަދައި އަމިއްލައަށް ހިންގަމުންއައި އެއަރޕޯޓުގެ އިސްމަގާމުތަކުން ފެށިގެން އެންމެއާދައިގެ މަގާމުތަކުގައިވެސް ތިބޭތަން ދެންފެންނާނީ ބިދޭސީން.

The name is already taken The name is available. Register?

އަނބުރޭ

26 August 2021

ކިޔާއަޑުއިވޭ ބޭރުމީހުންނޭ އަނބުރުކުރަން ބޮޑުންނައްލާފައިތިބީ ދެންވާނެ ހައއތި ތިވަނީ އަދިވެސް ވަނޭ ކިޔާފަ ރައްޔިތުންދެ ބޮލައްޗިޕްޖަހައިގެން ވޯޓްހޯދަސއިގެން ހަވާލްވާތި

The name is already taken The name is available. Register?

ބޯގޯސް އަދުރޭ

26 August 2021

ތިޔައީ އިންޓަނޭޝަނަލް ކިޔަކަސް ޑޮމެސްޓިކް ފެންވަރުގެ އެއާޕޯޓެއް!

The name is already taken The name is available. Register?

އަސްރަފް

26 August 2021

މިނާގިބިލު ސަރުކާރުގެ އުރަތްޕެއް ނެއްކަން އިނގިގެން މިދަނީ

The name is already taken The name is available. Register?

ވަހުތާން

26 August 2021

އަދިވެސް ތިތަނުގެ ވެރިކަން ފަރަންޖީއަކަށް ދެވޭތޯ ބަލަމާހިނގާ! މިގައުމުގެ ދަރިންގެ ބުރަމަސައްކަތުން ތިތަން ތިވަރުކުރީމާ މި މީހުންނަށް ފަރަންޖީންނުލައި އެއްކަމެއްވެސް ނުކުރެވޭ! ހުތުރު

The name is already taken The name is available. Register?

ސަނަމް

25 August 2021

ނުރާވާ ޕޮލިޓިސަނުން ރުއްސަން އުޅުނީމަ ވާގޮތް. މިފަހަރު، ހިއުމަން ޓުރެފިކްކުރުމުން ކުރި އަރާނެ.

The name is already taken The name is available. Register?

އާދު

25 August 2021

ކޮންމެވެސް ދޮނާ ކިޔާ މީހަކާ މުސަތާގަކާ ޕޮލިހުން މީހުން ގިނަވީމަ ފިލާތިބެފަ ހަމަ މަދުވެލާ އިރައް ނުކުމެ ހަށިފޮޅަމުން ދެކޮޅައް ހިނގާނެ އެތާތިބޭ ބަޔަކައް ދެއްކެން މީހުން ގިނަވާއިރައް ކަނބިލި ފިލާހެން ރައްކާވާނެ

The name is already taken The name is available. Register?

ފެންނާނީ

25 August 2021

ވެރިންނާއި ގާނޫނު ހަދާބައެއްގެ ފެންވަރުތާ ގައުމުން ފެންނާނީ.

The name is already taken The name is available. Register?

ފްރައިޑޭ

25 August 2021

ދޮންމީހާ ބޮޑު މުސާރަ ނަގައިގެން ހުންނަނީ އިނގިރޭސި ވިލާތުގައި. އޭނައަށް އޮންނަނީ ޒޫމް މެދުވެރިކޮށް ތަން ހިންގުން. ޓާރމިނަލް އޮތްގޮތެއްވެސް އޮތް ހާލެއްވެސް އިނގޭނީ ރާއްޖޭގައި ހުންނަނަމަ އެންނު. ވަރޗުއަލުކޮށް އޮފީސް ހިންގާތީ އެހެން އެވަނީ! ފަހުން ރަގަޅުވާނެ!

The name is already taken The name is available. Register?

މަހުދީ

25 August 2021

ގައިމު ތިތަން ހިގަން ލާފައިހުރީ ދޮންމީހެއް. އޭނާއަކަށް ތިޔަކަމެއް ނުވިތާ. އޭނާ އިސްތިޔުފާދިނުން އައުލާކަނބޮޑޮ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454