ޖޮހަންސަނާއި އިވަންސް.
31 އޯގަސްޓް 2021 - 06:45
ކެޕްޓަން އެމެރިކާ އާއި ބްލެކް ވިޑޯ މިހާރު ތައްޔާރުވަނީ އެޑްވެންޗަ ފިލްމަކަށެވެ. މާވެލްގެ މަގުބޫލު އެ ދެ ކެރެކްޓާ ކުޅުނު ތަރިން ކަމަށްވާ ކްރިސް އިވަންސް އާއި ސްކާލެޓް ޖޮހަންސަންގެ އާ އެޑްވެޗެން ފިލްމަކީ އެޕަލް ޕްލަސް އާއި ސްކައިޑާންސް ގުޅިގެން ހަދަން ނިންމާފައިވާ "ގޯސްޓެޑް" އެވެ.
މީގެ ޑައިރެކްޓަރަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްޓަން ޖޯންގެ ވާހަކަ ކިޔައިދިން 2019 ގެ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްމޭން" ގެ ޑައިރެކްޓަރު ޑެކްސްޓާ ފްލެޗާ އެވެ.
ފިލްމުގެ ޕްލޮޓް އަދި ސިއްރެއްގެ ގޮތުގައި އޮތް "ގޯސްޓެޑް" އަކީ ބޮޑު ބަޖެޓަކުން، ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި މިއީ މައިކަލް ޑަގްލަސް އާއި ކެތުލީން ޓާނާގެ 1984 ގެ އެޑްވެންޗަ ފިލްމު "ރޮމޭންސިން ދަ ސްޓޯން" ކަހަލަ ރޮމޭންޓިކް އެކްޝަން އެޑްވެންޗަ ފިލްމެކެވެ.
މީގެ ލީޑް އެކްޓަރުގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް އިވަންސް ހިއްސާވާނެ އެވެ.
"ގޯސްޓެޑް" ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ "ޑެޑްޕޫލް" އާއި "ޒޮމްބީލޭންޑް" ފަދަ ފިލްމުތައް ލިޔުނު ދެ ރައިޓަރުން ކަމަށްވާ ރިޓް ރީޒާއި ޕޯލް ވާނިކެވެ.
ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން ދިޔަ ނަމަވެސް މީގެ ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. ޖޮހަންސަން ދާދި ފަހުން ދެވަނަ ދަރިއަކު ވިހާފައިވާތީ އޭނާ އަދި އުޅެނީ ފިލްމީ މަސައްކަތުން މެޓާނިޓީ ލީވެއްގަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޖޮހަސަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ސުލަހީރޯ ފިލްމު "ބްލެކް ވިޑޯ" އެވެ. އޭނާ މިހާރު އިނީ މި މަހުގެ ތެރޭގައި ދެވަނަ ދަރިޔަކު ލިބުމާ ގުޅިގެން މެޓާނިޓީ ލީވެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޖުނާ
31 August 2021
މި ބުލެކު ވިޑޯ ކުއްޖާ ހާދަ ދިވެހިވައްތަރު ޖަހައޭ. ލޯބި ކުއްޖެއް.