މުނިފޫހިފިލުވުން / ބޮލީވުޑް

ޑައިރެކްޓަރު ރަވައިލްގެ ލޯބީގެ ފަސް ފިލްމެއް

ޑައިރެކްޓަރު ރާހުލް ރަވައިލް.

07 ސެޕްޓެމްބަރ 2021 - 07:13

ބޮލީވުޑްގެ ޑައިރެކްޓަރު ރާހުލް ރަވައިލް އަކީ ވަރަށް ރީތި ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. މިހާރު އުމުރުން 70 އަހަރުގެ ރަވައިލްގެ ގެނެސްދިން ބައެއް ފިލްމުތަކަކީ ހިންދީ ސިނަމާގެ އެންމެ ރީތި ލޯބީގެ ފިލްމުތަކެވެ. އޭނާ އަދި ފާހަގަކުރެވެނީ ބޮލީވުޑަށް ތަރިންތަކެއް ވެސް ނެރެދިން ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ރަވައިލް ބޮލީވުޑަށް ނެރުނު ތަރިންގެ ތެރޭގައި ކުމާރު ގޯރަވް އާއި ވިޖޭތާ ޕަންޑިތާއި ސަނީ ޑިއޯލް އާއި އަމްރިތާ ސިންގް އާއި ކާޖޮލް އަދި އައިޝްވާރިއާ ރާއީ ހިމެނެ އެވެ.

ކެރިއަރުގައި މިހާތަނަށް މާ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައި ނެތަސް، ރަވައިލް އަކީ ބެލުންތެރިންގެ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން ބެލުންތެރިންގެ ތެރޭގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލޯބީގެ ފަސް ފިލްމެއްގެ މަތިން ހަނދާން އާކޮށްލާނީ އެވެ.

1. ލަވް ސްޓޯރީ (1981)

"ލަވް ސްޓޯރީ" އަކީ އޭގެ ޖާދޫގައި އެތައް ބަޔަކު ޖައްސުވައި އެ ފިލްމުން ތައާރަފުކުރި އާ ތަރިން ކުއްލި ސްޓާރުންނަށް ބަދަލުކޮށްލި ފިލްމެކެވެ. އެއީ ކުމާރު ގޯރަވް އާއި ވިޖޭތާ ޕަންޑިތެވެ. "ލަވް ސްޓޯރީ" އަކީ ދެ ލޯބިވެރިއެއްގެ އާއިލާ ތެރޭގައި އޮތް މައްސަލައަކާ ހެދި އެ މީހުންނަށް ގުޅުމަށް ދިމާވާ ހުރަސްތަކާއި އެންމެ ފަހުން އެ ގުޅުމަށް އުފާވެރި ނިންމުމެއް އަންނަ ގޮތުގެ ވާހަކަ ކިޔައިދިން ހިންދީ ސިނަމާގެ އައިކޮނިކް ލޯބީގެ އެހާމެ އަސަރު ގަދަ ފިލްމެކެވެ.

"ލަވް ސްޓޯރީ" އަކީ އެ ފިލްމުގެ ލަވަތައް ވެސް އެހާމެ މަޝްހޫރުވި އަދި މިހާރު ވެސް ފަނޑުުމެއް ނެތް ފިލްމެކެވެ. މި ފިލްމުން ތައަރަފުކުރި ކުމާރަކީ ހިންދީ ސިނަމާގެ ރަންޒަމާނުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނެނު ރަޖެންދުރަ ކުމާރުގެ ދަރިއެކެވެ. "ލަވް ސްޓޯރީ" ގައި ކުމާރުގެ ބައްޕަގެ ރޯލު ކުޅުނީ ވެސް ރަޖެންދުރަ އެވެ.

"ލަވް ސްޓޯރީ" އަކީ ރަވައިލްގެ ދެވަނަ ޑައިރެކްޝަނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 1980 ގެ "ގުނާގާރް" އެވެ.

2. ބޭތާބު (1983)

"ބޭތާބު" އަކީ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދޮށީ ފިރިހެން ދަރިފުޅު ސަނީ ޑިއޯލް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އަދި މި ފިލްމަކީ މިހާރުގެ ބަތަލާ ސާރާ އަލީ ޚާންގެ މަންމަ އަމްރިތާ ސިންގްގެ ވެސް ފުރަތަމަ ފިލްމެވެ. "ލަވް ސްޓޯރީ" އާ އެއްގޮތަށް "ބޭތާބު" އަކީ ވެސް އާއިލީ ދުޝްމަންކަމަކާ ހެދި ދެ ލޯބިވެރިންގެ ލޯތްބަށް ހުރަސް އެޅި، އެކަމަކު އެކަން ކާމިޔާބުކުރާ ގޮތް ދައްކުވައިދިން ވަރަށް ރީތި އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

"ބޭތާބު" އާ އެކު ސަނީ ގެ ވިދުން ވަރަށް ގަދަވެގެން ދިޔަ އެވެ. އަދި މި ފިލްމުގެ ލަވަތައް ވެސް އެހާމެ މަޝްހޫރުވެގެން ދިޔަ އެވެ.

3. ސަމަންދަރު (1986)

މި ފިލްމަކިީ ސަނީއާ އެކު ރަވައިލް ހެދި ތިން ވަނަ ފިލްމެވެ. ދިވެހި ރާއްޖޭގައި ވެސް ވަރަށް ގިނަ މަންޒަރުތަކެއް ނެގި "ސަމަންދަރު" އަކީ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. ވަރަށް ރީތި ލަވަތަކެއް ހިމެނުނު ފިލްމުގެ ބަތަލާ އަކީ ޕޫނަމް ދިލަން އެވެ.

އަމްރިޝް ޕޫރީ އާއި އަނޫޕަމް ކޭރް ވެސް މުހިއްމު ރޯލުތަކެއް ކުޅުނު "ސަމަންދަރު" ގައި ކޯމަހެއްގެ ވަރަށް "ލޯބި" ރޯލެއް ވެސް ވެސް ހިމެނެ އެވެ.

4. ބޭޚުދީ (1992)

"ބޭޚުދީ" އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކާޖޮލް ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. މި ފިލްމަކީ ވެސް "ލަވް ސްޓޯރީ" އާއި "ބޭތާބު" ފަދައިން ދެ އާއިލާގެ މެދުގައި އޮންނަ ރުޅިވެރިކަމަކާ ދެ ލޯބިވެރިންނަށް ކުރިމަތިވާން ގުރުބާނީތަކެއް ފެންނަ ފިލްމެކެވެ.

ކާޖޮލްއާ އެކު "ބޭޚުދީ" ގެ ބަތަލުގެ ރޯލު ކުޅުނީ ކަމަލް ސާދަނާ އެވެ. މި ފިލްމަށް އެންމެ ފުރަތަމަ ނެގީ ސައިފް އަލީ ޚާނެވެ. އެކަމަކު ފަހުން ޖެހުނީ ބަތަލު ބަދަލުކުރާށެވެ.

"ބޭޚުދީ" އަކީ ވެސް ވަރަށް މަޝްހޫރުވި ލަވަތަކެއް ހިމެނުނު ފިލްމެކެވެ. އަދި މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ކާޖޮލްގެ މަންމަގެ ރޯލު އޭނާގެ އަސްލު މަންމަ ކުރީގެ މަޝްހޫރު ބަތަލާ ތަނޫޖާ ކުޅެފައިވުމެވެ.

5. އޯރް ޕިޔާރު ހޯ ގަޔާ (1997)

މި ފިލްމަކީ 1994 ގެ މިސް ވޯލްޑްގެ ތާޖު ހާސިލުކުރި އައިޝްވާރިއާ ރާއި ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. އެކަމަކު މިއީ އޭނާގެ ފުރަތަމަ ފިލްމެއް ނޫނެވެ. އައިޝްވާރިއާ އެކްޓިން އަށް ނުކުތީ ޑައިރެކްޓަރު މަނީ ރަތުނަަމްގެ 1997 ގެ ތަމަޅަ ފިލްމު "އިރުވަރު" އިންނެވެ.

ރަވައިލް ކުރިން ގެނެސްދިން ފިލްމުތަކަށް ލިބުނު ވަރުގެ މަަގުބޫލުކަމެއް "އޯރް ޕިޔާރު ހޯ ގަޔާ" އަށް ނުލިބުނަސް މި ފިލްމަކީ ބެލުންތެރިންގެ ސަމާލުކަން އައިޝްވާރިއާ އަށް ހުއްޓުނު ފިލްމެކެވެ. ފިލްމުގެ ބަތަލަކީ ސަނީގެ ކޮއްކޮ ބޮބީ ޑިއޯލް އެވެ.

ދެހާސް ހަތެއްގެ ފަހުން ޑައިރެކްޝަނާ ދުރުގައި ހުރި ރަވައިލްގެ އެންމެ ފަހުގެ ފިލްމަކީ އެ އަހަރުގެ "ބުއްޑާ މަރުގަޔާ" އެވެ. އޭނާ ގެނެސްދިން އިތުރު ފިލްމުތަކުގެ ތެރޭގައި ޖޯ ބޯލޭ ސޯ ނިހާލު (2005)، ކުޗް ކައްޓީ ކުޗް މީޓީ (2001)، އަރުޖުން ޕަންޑިތު (1999) އަދި އަންޖާމް (1994) ހިމެނެ އެވެ.

ރަވައިލްގެ ދަރިއަކު މިހާރު އަންނަނީ ފިލްމު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ ޝިވް ރަވައިލް އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ މިހާރުގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ ކަޒިން އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުކުރާނެ ފިލްމެވެ. އަދި މީގެ ބަތަލާ އަކީ 2018 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454