07 ސެޕްޓެމްބަރ 2021 - 13:19
މުޅި އިޒްރޭލުގައި ވެސް، ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އަށް އަޅާފައި ހުރި ޖަލުގައި ހައްޔަރުކޮށްފައި ތިބި ގައިދީންގެ ތެރެއިން، ފަލަސްތީނުގެ ހަ ގައިދީއަކު އިއްޔެ ފިލައިފި އެވެ.
އިޒްރޭލުގެ އުތުރުގައި ހުންނަ، ޖިލްބޫއު ޖަލުން ފިލި ގައިދީން ހޯދުމުގެ މަސައްކަތް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން މިހާރު ފަށާފައިވާ އިރު، އެމީހުންނަށް ޖަލުން ފިލުނު ގޮތެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ޖަލުން ފިލި ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ، ފުލުހުންނާއި ސިފައިންގެ އިތުރުން، ޖާސޫސީ އިދާރާ ޝިން ބޭތުގެ އޭޖެންޓުންނެވެ.
އިޒްރޭލު ފުލުހުން ބުނި ގޮތުގައި ޖަލުން ބަޔަކު ފިލިކަން އެނގުނީ، ޖަލު ހުންނަ ސަރަހައްދާ ކައިރީގައި އޮންނަ ދަނޑުވެރިކަން ކުރާ ސަރަހައްދަކުން، ޝައްކުކުރެވޭ ފަދަ ބަޔަކު ފެނުނު ކަމަށް އާންމުންގެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން، ޖަލުގެ ގޮޅިތައް ބަލައި ފާސްކުރުމުންނެވެ. އެހެންކަމުން، ޖަލުން ފިލި ހަ ގައިދީން ހޯދުމަށް، ވަސްބަލާ ކުއްތާއާ އެކު ގިނަ އަދަދެއްގެ ސިފައިން މިހާރު އަންނަނީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުންނެވެ.
އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޖަލުން ފިލި ހަ ގައިދީންނަކީ ވެސް އެއް ގޮޅިއެއްގައި ތިބި ބައެކެވެ. އެމީހުން ޖަލުން ފިލީ، އެމީހުން ތިބި ގޮޅީގެ ފާހާނާ ތެރެއިން ބިންގަރާސް ކޮނެގެން، ޖަލުގެ ބޭރު ފާރުގެ އަޑިން ޖަލުގެ ބޭރަށް ބިންގަރާސް ފޫދުއްވާލައިގެން، އެތަނުން ނުކުމެގެންނެވެ. އަދި އެމީހުން ޖަލުން ފިލުވުމުގައި، ޖަލު ބޭރުން ވެސް ބަޔަކު އެހީވެފައިވާ ކަމަށް ބެލެވެ އެވެ.
މިހާތަނަށް ކުރި ތަހުގީގުތަކަށް ފަހު، އިޒްރޭލު ފުލުހުން ބުނި ގޮތުގައި ގައިދީންތަކަށް ބިންގަރާހުން ނުކުމެގެން ފިލައިގެން ދެވުނީ، ސީސީޓީވީ ކެމެރާތަކުން ޖަލު ސަރަހައްދު ބަލަހައްޓަން ތިބި ފުލުހުން އެވަގުތު ނިދިޖެހިފައި ތިބުމުންނެވެ. ޖަލުގެ ބިމު އަޑިން ކޮނުނު ބިންގަރާހުގެ ތެރެއިން، ޖަލުގެ ބޭރަށް ގައިދީންތައް މައްޗަށް އަރާ މަންޒަރު ހުރީ ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވިފަ އެވެ.
ނަމަވެސް ކޮންޓްރޯލް ރޫމްގައި ޓީވީން ސަރަހައްދު ބަލަން އިން އަންހެން އޮފިސަރަށް ނިދިޖެހިފައި އިނުމުން އެ މަންޒަރު ނުފެނުމުން، އެ ވަގުތު ކުއްލި ނުރައްކަލުގެ ރަނގަބީލު ވެސް ނޭޅުނީ އެވެ.
ޖަލުން ގައިދީންގެ ބަޔަކު ފިލުމާ ގުޅިގެން، އެ ޖަލުގައި އިތުރު ބިންގަރާސްތަކެއް ކޮނެފައި ހުރިތޯ ބަލައި ކަށަވަރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެފަދަ ކަމެއް ހިންގަފާނެ ކަމަށް ބެލެވޭ 90 ގައިދީއަކު އެހެން ޖަލުތަކަށް ބަދަލުކޮށް، އެމީހުން ތިބި ގޮޅިތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މި ޖަލުން ގައިދީން ފިލުމުގެ ހަރަކާތްތަކެއް 2014 ވަނަ އަހަރު ވެސް ހިންގާފައިވެ އެވެ. އެއަހަރުގެ ތެރޭގައި ގައިދީން ފިލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. ނަމަވެސް ގައިދީންނަށް އެކަން ކާމިޔާބު ނުވަނީސް، އިޒްރޭލު ފުލުހުންނަށް ވަނީ އެކަން ފަޅާއަރައިފަ އެވެ.
ޖަލުން ފިލި ގައިދީންގެ ތެރޭގައި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަތަހް ޖަމާއަތުގެ ޖެނީން ގޮފީގެ ކުރީގެ ލީޑަރު ޒަކަރިއްޔާ ޒުބައިދީ، 46، އާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ފަސް މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ، 2000 ވަނަ އަހަރުގެ ކުރީކޮޅު ފަލަސްތީނުގެ ބިންތަކުގައި، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ހިންގި ހަށިފޮޅައިލުމުގެ ހަރަކާތް (އިންތިފާޟާ) ގައި، އިޒްރޭލު ސިފައިންނަށް ހަމަލާ ދިނުމުގެ ކުށުގައި، އުމުރަށް ޖަލަށްލުމަށް އިޒްރޭލުގެ ކޯޓުތަކުން ހުކުމް ކޮށްފައި ތިބި މީހުންނެވެ.
އިޒްރޭލުން ބުނާ ގޮތުގައި ޖަލުން ފިލި ހަ މީހުން ދަތުރުކުރާނެ ކަމަށް ބެލެވެނީ، ހުޅަނގު އައްސޭރީގެ ޖެނީން އަށެވެ.
ފަލަސްތީނުގެ ގައިދީންގެ ކްލަބުގެ ވެރިޔާ ގަދޫރާ ފާރިސް ބުނި ގޮތުގައި، އިޒްރޭލުގެ އެންމެ ވަރުގަދަ ޖަލުން ހަ މީހުން ފިލުމަކީ، އިޒްރޭލުގެ ސަލާމަތީ ނިޒާމާ ދެކޮޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
"މިކަމާ އަހަރެމެން ވަރަށް އުފާވޭ. އެއްވެސް ކުށަކާ ނުލައި އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނު މީހުން މިނިވަންކުރުމަށް އަހަރެމެން ކިތަންމެ ފަހަރަކު ގޮވާލައިފިން. ގައިދީންނަށް އަމިއްލަ އަށް ފިލޭ ކަމަށްވަންޏާ އެއީ ވަރަށް ރަނގަޅު ކަމެއް،" އިޒްރޭލުގެ ޖަލެއްގައި 18 އަހަރު ވަންދެން ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ހުރި، ފާރިސް ބުންޏެވެ.
އިޒްރޭލުގެ ފުލުހުންނާ ހަވާލާ ދީ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ޖަލުން ބަޔަކު ފިލިކަން އިޒްރޭލު ފުލުހުންނަށް އެނގުނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 3:30 ވަނިކޮށެވެ. އެކަން އެނގުމާ އެކު، ފުލުހުންވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފަ އެވެ. އެ ގޮތުން އިޒްރޭލާއި ޖޯޑަން ގުޅޭ ސަރަހައްދީ ރޮނގު ކައިރި އާއި ހުޅަނގު އައްސޭރީގެ އުތުރު ސަރަހައްދު ބަލައި ފާސްކޮށްފައިވެ އެވެ.
އިޒްރޭލުގެ އިދާރާތަކުން ލަފާކުރާ ގޮތުގައި، ގައިދީން މިހާރު ވާނީ ހުޅަނގު އައްސޭރީގެ ޖެނީން އަށް ނުވަތަ އަވައްޓެރި ޖޯޑަން އަށް އެތެރެވެފަ އެވެ. ނުވަތަ ޖަލާ ކައިރީގައި އޮތް ދަނޑުބިންތަކުގެ ތެރޭގައި ފިލައި ތިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ.
ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ބުނި ގޮތުގައި، ޖަލުން ގައިދީންތަކެއް ފިލުމަކީ، އިޒްރޭލުގެ ސަލާމަތީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
"މިއީ ވަރަށް ދިގު މުއްދަތަކަށް އަދި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުން އަންނަ ބުރަ މަސައްކަތެއް. އަހަރެމެންގެ ރައްޔިތުން ދުވަހަކު ވެސް އަމާން ނުދޭނެކަން ގަބޫލުކޮށް، އިސްތިއުމާރީ ބާރުން މިހާރު މިކަމުން ވެސް އިބްރަތް ހާސިލްކުރަން ވެއްޖެ،" ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އަހަރެމެންގެ ރައްޔިތުންގެ އަޒުމް ނައްތައިލުމުގައި، އިޒްރޭލުގެ ޓެރަރިޒަމަށް ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ."
އިޒްރޭލުގެ އެކި ޖަލުގައި މިހާރު ވެސް ފަލަސްތީނުގެ 4،750 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި 42 އަންހެނުންނާއި 200 ކުޑަކުދިންނާއި، އިދާރީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ހައްޔަރުކޮށްފައި ތިބި 550 މީހަކު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯރަބޭ
07 September 2021
ވަރުގަދައެއް ނުވިއެއްނު
އަހުމަދު ނަދީމް
07 September 2021
މެކްސިކަމް ސެކިއުރިޓީ ޕްރިޒަންއޭ ކިޔާ އަދިވެސް. ބަލަ ތިޔަ ބުނާ މޮސާޑު ކޮބާ ؟ މެކްސިމަމް ޖަލު ބަލަހައްޓަން މަންޖެއެއް ލާފަ އެހުރީ. ތޮޔަ ތަނަށްވުރެ މަނެންގެ މާފުށި ޖަލުވެސް ވަރުގަދަ. އަދި ދުވަހަކު ވެސް ފަޅާލާފަ ނުނިކުމެވޭ
ރަދީފްއޮފިޝިއަލް
07 September 2021
ބިންގަރާސް ކޮންނަން ކެރޭ ލެވެލްގެ އެންމެ ގައިދީއެއްވެސް މާފުށީ ޖަލުގަ ނުހުންނާނެ.
ސީޒަން ޖެކްޝަން
07 September 2021
އިޒްރޭލު ދަންނަންޖެހޭނެ އެންމެމޮޅެތި ބިންގާރާސްހެދުންތެރިން އުޅޭނީ ފަލަސްތީނުގާ. އެމީހުންނަކާ ނުކުޅެވޭނެ.
ނިރު
07 September 2021
މަރުހަބާ ޖަލުން ފިލި މީހުންނަން ... ގަދަބާރުން ފަލަސްތީން ބިންތަކަށް ވެރިވެ ގަނެގެން އުޅޭ ޔަހޫދިންގެ ކޮންމެ ތަނެއްވެސް ފޫއަޅުވާލެވިދާނެ ކަމުގެ ހެކި އެފެނިގެން ދިޔައީ