ދުނިޔެ / އަފްޣާނިސްތާން

އދ.ގައި އަފްގާން ތަމްސީލު ކުރާނީ ކާކު؟

22 ސެޕްޓެމްބަރ 2021 - 10:37

2 comments

ދުނިޔޭގެ ގައުމުތަކުގެ ރައީސުންނާއި އަމީރުންނާއި ބޮޑުވަޒީރުންނާއި ހާރިޖީ ވަޒީރުންގެ ބަހުސްތައް، ކުރިއަށް އޮތް ދުވަސްތަކަށް ތާވަލުކޮށްގެން، އދ،ގެ 76 ވަން އާންމު ބައްދަލުވުމުގެ، ވެރިންގެ ބަހުސްތައް އިއްޔެ ފެށިއިރު، އެންމެ ބޮޑު ސުވާލެއް އުފެދުނީ އަފްގާނިސްތާނާ މެދުގަ އެވެ.

އިއްޔެގެ ހެނދުނުގެ ދަންފަޅި އާއި މެންދުރު ފަހުގެ ދަންފަޅީގައި، ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ވެރިން ވާހަކަދެއްކެވި އިރު، މައިގަނޑު ގޮތެއްގައި ހުރިހާ ބޭފުޅުންގެ ވެސް އަމާޒު ހުރީ ތިން ދާއިރާއަކަށެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް ވަބާގެ އިތުރުން، ސަލާމަތީ މައްސަލަތަކެވެ.

ނަމަވެސް އދ. އަށް ކުރިމަތިވީ އެހެން މައްސަލައެކެވެ. މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ތާލިބާންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ އަފްގާނިސްތާނު، އދ.ގެ 76 ވަނަ އާންމު ބައްދަލުވުމުގައި ތަމްސީލުކުރާނެ ބޭފުޅަކާ މެދު ގޮތެއް ނިންމުމުގެ މައްސަލަ އެވެ.

އދ.ގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިޗް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދާ އާންމު ބައްދަލުވުމުގައި އަފްގާނިސްތާނުގެ ފަރާތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި، އެ ގައުމުގައި ތާލިބާނުން އެކުލަވައިލި ސަރުކާރުގެ ހާރިޖީ ވަޒީރުގެ ފަރާތުން އދ. އަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. އޭގެ އިތުރުން، ތާލިބާނުން ވައްޓައިލި ސަރުކާރުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވެސް ވަނީ، އދ.ގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުން އެދި ސިޓީއެއް ފޮނުއްވައިފަ އެވެ.

ނަމަވެސް މިހާރު ހިނގަމުންދާ 76 ވަނަ އާންމު ބައްދަލުވުމުގައި، އަފްގާނިސްތާނު ތަމްސީލުކުރާނެ ބޭފުޅަކާ މެދު، އދ. އިން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް، ތަރުޖަމާނު ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ މިހާރުގެ ރައީސް މުހައްމަދު ހަސަން އަޚުންދް (ވ)

އަފްގާނިސްތާނުގެ ކުރީގެ ސަފީރު، މިމަހުގެ 15 ވަނަ ދުވަހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ފޮނުއްވި ސިޓީގައި، މިހާރު ހިނގަމުންދާ އާންމު ބައްދަލުވުމުގައި، އަފްގާނިސްތާނުގެ ފަރާތުން ބައިވެރިވާނެ ވަފްދުގައި ހިމެނޭ ބޭފުޅުންގެ ލިސްޓެއް ވެސް ހިމަނުއްވާފައިވެ އެވެ.

ތާލިބާން ސަރުކާރުގެ ފަރާތުން، އެ ގައުމުގެ ހާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ، އދ.ގެ މަތީ ފެންވަރުގެ ބަހުސްގައި އަފްގާނިސްތާނު ތަމްސީލުކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވީ، މިހާރު ހިނގަމުންދާ ބަހުސްތައް ފެށުމުގެ އެއް ދުވަސް ކުރިން، ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ.

އަމީރު ޚާން މުއްތަގީ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ ފަރާތުން އދ. އަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޣުލާމް އިސްހާގްޒާއީ އަކީ، މިހާރު އަފްގާނިސްތާނު ތަމްސީލުކުރެއްވުމުގެ ހައިސިއްތު އޮތް ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި ތާލިބާނުން އެކުލަވައިލި ސަރުކާރުގެ ފަރާތުން، އދ. އަށް ކަނޑައެޅި ސަފީރަކީ، ދޯހާގައި ހުރި ތާލިބާންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނެވި ސުހައިލް ޝާހީން ކަމަށް ވެސް އެ ސިޓީގައި އޮތެވެ.

މި މައްސަލައިގައި އދ.ގެ ފަރާތުން ވަކި ގޮތެއް ނިންމާނީ، މިފަދަ މައްސަލަތަކުގައި ގޮތް ނިންމުމަށް އެކުލަވާލާފައި އޮންނަ، ނުވަ މެމްބަރުންގެ ކޮމިޓީން މި މައްސަލަ މުރާޖައާ ކުރުމަށް ފަހު އެވެ. އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާ ވެސް ހިމެނޭ އެ ކޮމިޓީގައި ބަހުސްކުރުމަށް ފަހު، މިހާރު ކުރިއަށް ދާ ބަހުސްގައި އަފްގާނިސްތާނުގެ ފަރާތުން ވާހަކަ ނުދައްކާ ގޮތަށް ހަމަޖެއްސުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިހާރު ބައްދަލުވުންތައް ތާވަލުކުރެވިފައި ހުރި ގޮތަށް ބަލާއިރު، މިމަހުގެ 27 ވާ ހޯމަ ދުވަހުގެ ކުރިން، ނުވަ މެމްބަރުންގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަކީ ދުރު ކަމެކެވެ. ގައުމުތަކުގެ ވެރިން އދ.ގައި ތަގުރީރުކުރެއްވުމަށް ތާވަލުކޮށްފައި އޮތް ގޮތުން، އަފްގާނިސްތާނުގެ ފުރުސަތު އޮތީ، 27 ވާ ހޯމަ ދުވަހުގެ މެންދުރު ފަހުގެ ދަންފަޅީގަ އެވެ. އެންމެ ފަހުން ވާހަކަ ދައްކާ ގައުމުތައް ހިމެނޭ އެ ދަންފަޅީގައި ވާހަކަ ދެއްކުމަށް ތާވަލުކޮށްފައިވާ ގައުމުތަކަކީ، އުތުރު ކޮރެއާ، މިޔަންމާ، ގިނީ އަދި އަފްގާނިސްތާނެވެ.

އދ.ގެ އާންމު މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި އޮންނަ ގޮތުން، އަފްގާނު މައްސަލައިގައި ނުވަ މެމްބަރުންގެ ކޮމިޓީން ވަކި ގޮތެއް ނިންމަންދެން، އަފްގާނިސްތާނަށް ހާއްސަ ގޮނޑީގައި އިންނަވާނީ، ކުރީގެ ސަރުކާރުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޣުލާމް އިސްހާގްޒާއީ އެވެ. އަދި މިހާރު ހަމަޖެހިފައި އޮތް ގޮތުން، އަފްގާނިސްތާނުގެ ފަރާތުން އދ.ގައި ތަގުރީރު ކުރައްވާނީ ވެސް އޭނާ އެވެ.

ނަމަވެސް ތާލިބާނުން ހުށަހަޅާފައިވާ ގޮތަށް އަފްގާނިސްތާނުގެ މައްސަލަ ކުރިއަށް ގެންދަން، އެއްވެސް ގައުމަކުން ދެކޮޅު ހަދާނެ ކަމަކަށް ނުބެލެވެ އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމާ ގުޅިގެން، އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި ތާލިބާނުން އެ ގައުމު ހިފީ، ހުސްވި އޮގަސްޓް 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ ކުރީކޮޅު ތާލިބާނުން ވަނީ އަފްގާނުގައި އާ ސަރުކާރެއް އެކުލަވާލައި ސަރުކާރުގެ އެކި މަގާމުތަކަށް ބޭފުޅުން ވެސް ހަމަޖައްސައިފަ އެވެ.

ދުނިޔޭގެ އެއްވެސް ގައުމަކުން، ތާލިބާނުން އެކުލަވައިލި އާ ސަރުކާރު، މިހާތަނަށް ބަލައިގެންފައެއް ނުވެ އެވެ. އަފްގާނުގެ އާ ސަރުކާރާ އެކު އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަނީ ގަތަރާއި ޗައިނާ އެވެ. ނަމަވެސް އެއިން ގައުމަކުން ވެސް ތާލިބާނުންގެ ސަރުކާރު އަދި ބަލައެއްނުގަނެ އެވެ.

އާ ސަރުކާރު އެކުލަވައިލުމަށް ފަހު ތާލިބާނުން ބުނެފައިވަނީ، ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކުގައި ވެސް ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި އަފްގާނިސްތާނަކީ ދުނިޔޭގެ އެއްވެސް ގައުމަކާ ދެކޮޅަށް ހަމަލާ ދޭން ބޭނުންކުރާ ބިމަކަށް އަފްގާނިސްތާނު ނުވާނެ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ދުނިޔޭގެ ގައުމުތަކުން ބުނަމުން އަންނަނީ، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމާއި ނުގަތުމާ މެދު ގޮތެއް ނިންމާނީ ތާލިބާނުން ދައްކާ ވާހަކައިގެ މައްޗަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ތާލިބާނުންގެ އަމަލުތައް ހުރި ގޮތެއްގެ މައްޗަށް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ބުނެ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑިސްއޮނަރަބަލް ޑީޑީ

22 September 2021

އަފްގާނިސްތާނުނޫޅޭ މާބޮޑަށް ތަމްސީލުވާކަށް. އެމީހުން ތަމްސީލުނުކުރިޔަސް ތަމްސީލުވޭވޭ އެހުންނަނީ. އެންމެންވެސް އެދައްކަނީ އެމީހުންވާހަކަ. އިބޫވެސް.

The name is already taken The name is available. Register?

ބޭނުމެއްނޫނޭ

22 September 2021

އދ. ގައި އަފްއާން ތަމްސީލް ކުރަން ނުޖެހެއޭ އެއީ ބޭނުން ތަނެއް ނޫނޭ އެއީ އެމެރިކާ މުއްސަނދި ކުރަން ހުންނަ ތަނެކޭ އެއީ އެއްގޮތަކަށް ވެސް ބޭނުން ތަނެއް ނޫނޭ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454