ޚަބަރު / ނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭތީ މަސްދަރުގެ މާއްދާ އަނބުރާ ގެންދަން ގޮވާލައިފި

ނޫސްވެރިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީޑިއާތަކުން މީގެ ކުރިން ބޭއްވި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

28 ސެޕްޓެމްބަރ 2021 - 11:10

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެންދާތީ، މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާ އަނބުރާ ގެންދަން ޖަމިއްޔާތަކަކުން މިއަދު ގޮވާލައިފި އެވެ.

ރާއްޖެ އާއި ބޭރުގެ ފަސް ޖަމިއްޔާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުށަހެޅި ހެއްކާ ބެހޭ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ތަސްދީގުކޮށްފި ނަމަ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައި ވެ އެވެ. ބިލު މިހާރު އޮތްގޮތުން އެ ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ.

ބިލުގައި ހާމަކޮށްފައިވާ ދެ ހާލަތަކީ މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަކަމަށް ކޯޓަށް ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދާ، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަކަމަށް ކޯޓަށް ފެނުމެވެ.

ނަމަވެސް، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި "ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ" ކަމަށް ބުނާއިރު، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފުކަމެއްކަމަށް ބަޔާނުގައި ބުންޏެވެ.

"މި ދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓް މިންގަނޑަކުން ވަޒަންކުރުން ނާދިރު ދެ ހާލަތް ކަމަށްވެފައި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން، މިކަމުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ އެވެ،" މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، އިންޓަނޭޝަނަލް ފެޑެރޭޝަން އޮގް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑު، އެމިނެސްޓީ އިންޓަނޭޝަނަލް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.

"ހަމައެއާ އެކު، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާ އަށް ފަހަތަށް ޖެހިގެންދާނެ އެވެ. ހަމައެއާއެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެން ދިއުމަކީ ވެސް އޮތް ނުރައްކަލެކެވެ،"

ބަޔާނުގައި ބުނީ އެ ބިލު ގާނޫނަކަށް ވެގެން ހިނގައްޖެ ނަމަ ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް މަސްދަރުތަކުން މައުލޫމާތު ނުދިނުން ފަދަ މައްސަލަތައް ދިމާވެ، ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454