05 އޮކްޓޯބަރ 2021 - 06:51
އިންޑިއާގައި ކޮވިޑް-19 ގައި މަރުވާ ކޮންމެ މީހެއްގެ މަރުގެ ބަދަލަށް އާއިލާތަކަށް ފައިސާގެ އެހީ ދޭން ޖެހޭނެ ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ކަނޑައަޅައިފި އެވެ.
ގުދުރަތީ ކާރިސާތަކާ ގުޅޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހުށަހެޅި އެ ކޯޓު ނިންމާފައި ވަނީ ސްޓޭޓް ސަރުކާރުތަކުން ކޮވިޑްގައި އެ ސްޓޭޓެއްގައި މަރުވާ ކޮންމެ މީހެއްގެ މަރުގެ ބަދަލަށް މަދުވެގެން 50،000 ރުޕީސް (674 ޑޮލަރު) ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ.
މި މައްސަލާގައި ޝާމިލުވަޑައިގަތް ބެންޗްގެ ފަނޑިޔާރު އެމްއާރް ޝާހް ވިދާޅުވީ މަރުވާ މީހަކީ ސީދާ ކޮވިޑްގައި މަރުވި މީހެއްކަން އާއިލާތަކުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ހޯދަން ހުށަހަޅާތާ އެންމެ ލަސްވެގެން ވެސް 30 ދުވަސް ނުވަތަ މަހެއްގެ ތެރޭގައި އެ އާއިލާއަލަކަށް ބަދަލު ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.
"މަރުގެ ބަދަލަށް ދެވޭ ފައިސާ އަކީ މައި ސަރުކާރު މެދުވެރިވެގެން ސްޓޭޓްތަކުގެ އެކިއެކި ސްކީމްތަކުގެ ދަށުން ދެވޭ އެއްޗަކަށްވެގެން ދާނީ." ފަނޑިޔާރު ވިދާޅުވި އެވެ.
ކޮވިޑްގައި މަރުވާ މީހުންގެ މަރުގެ ބަދަލަށް ފައިސާގެ އެހީ ހޯދުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި އިސް ދައުރެއް އަދާކުރެއްވި ވަކީލު ގޯރަވް ކުމާރު ބަންސަލް ވިދާޅުވި ގޮތުގައި ކޮވިޑާ އެކު އިންޑިއާ އިން މިހާތަނަށް ވެސް މި ބަލިމަޑުކަން ކޮންޓްރޯލް ކުރަން ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. ނަމަވެސް ބަލީގައި މަރުވާ މީހުންގެ މަރުގެ ބަދަލަށް ފައިސާ ދިނުމަކީ ވެސް ކުރަން ޖެގޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އެގޮތުން 2005 އިން ފެށިގެން އަމަލު ކުރަމުން އަންނަ ގުދުރަތީ ކާރިސާތަކާ ގުޅޭ ގާނޫނުގެ ދަށުން ވެސް މަރުވާ މީހުންގެ މަރުގެ ބަދަލަށް 40،000 ރުޕީސް ދޭނެ ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތުމުން އެ ގާނޫނުގެ ދަށުން ކޮވިޑްގައި މަރުވާ މީހުންގެ މަރުގެ ބަދަލަށް ފައިސާ ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް ފަގީރު އާއިލާތަކުން މަރުވާ މީހުންގެ މަރުގެ ބަދަލަށް އެބަޖެހޭ މިހާރު ކަނޑައަޅާފައި އޮތް އަދަދަށް ވުރެ ބޮޑު ބަދަލެއް ދޭން." އޭނާ ވިދާޅުވި އެވެ.
ގޯރަވް ވިދާޅުވީ ސުޕްރީމް ކޯޓުން މިކަމުގައި ގޮތެއް ނިންމުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އިންޑިއާގައި މިހާތަނަށް ކޮވިޑް ބަލީގައި މަރުވި ކަމަށް ރަސްމީ އިދާރާތަކުން ރެކޯޑްކޮށްފައިވާ އަދަދަކީ 449،000 އަށް ވުރެ ގިނަ މީހުންނެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ އަދަދު އެއަށް ވުރެ 10 ގުނަ ބޮޑުވާނެ އެވެ.
އިންޑިއާ އަކި މި އަހަރުގެ ކުރީކޮޅު ކޮވިޑްގެ ހާލަތު ދުނިޔޭގައި އެންމެ ބޮޑުވި ގައުމެވެ. އެ ގައުމު މިހާރު ވެސް އޮތީ ތިން ވަނަ ރާޅެއްގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
ކޮވިޑްގެ މަރަށް ފައިސާގެ އެހީ ދޭން ހޯދަން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެންއޭ) އިން މިދިޔަ އޮގަސްޓް މަހު ބުނެފައި ވަނީ ބުނީ މަރުގެ ބަދަލަށް ފައިސާގެ އެހީ ދޭނެ މިންވަރެއް ސާފުނުވާ ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ވެސް ނާންނާތީ އެކަމަށް ހިނގާނެ ހަރަދެއް ވެސް އަންދާޒާ ކުރަން ނޭނގޭ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy