މީޑިއާގެ މިނިވަން ކަމާ ގުޅޭ މުޒާހަރާއެއްގައި ނޫސްވެރިއަކު ބޯޑެއް ހިފައިގެން -- ފައިލް ފޮޓޯ
17 އޮކްޓޯބަރ 2021 - 16:20
ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް މާއްދާއެއް ހިމަނާފައި ވާތީ، މަޖިލީހުގެ ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ އެ މާއްދާ އަނބުރާ ގެންދަންވެސް ގޮވާލި އެވެ.
އެކަމަކު އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މިހާރު ވަނީ ކޮމިޓީން ދިރާސާކުރުމަށް ފޮނުވައިފަ އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރަމުންދާ ހެއްކާބެހޭ ބިލަށް ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެހެންވެ އެ ބިލަށް އެއްވެސް އިސްލާހެއް އޮތް ނަމަ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ކުރިން ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 31 އެވެ.
މި ދެ ބިލުގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ހެއްކާ ބެހޭ ބިލާ މެދުގަ އެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މަސްދަރު ހާމަކުރަން ނޫސްވެެރިޔާއަަށާއި އޭނާ މަސައްކަތްކުރާ މީޑިއާ އަށް މަޖުބޫރު ކުރުމުގެ ބާރު ވެެސް އެ މާއްދާ އިން ފަނޑިޔާރުންނަށް ލިބިދެ އެވެ.
މަސްދަރު ހާމަނުކުރުމުގެ ހައްގަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގެކެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި، މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ އެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ. މަޖިލީހުގައި މިހާރު އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ބިލު ފާސްކުރުުމުން އެ ދެ ގާނޫނު އުވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އރ
18 October 2021
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުން އަސާސީ ޙައްޤުތަކާއި މިނިވަންކަމަކީވެސް ޑިމޮކްރެޓިކް މުޖުތަމަޢުތަކުން ޤަބޫލުކުރާ ހަމައަށް ހަނިކުރެވިދާނެ ނުވަތަ ހިފެހެއްޓިދާނެ ކަންކަން ކަމަށްވީހިނދު، ނޫސްވެރިޔާ އެކަން ހާމަކޮށްދެއްވިނަމަ ކިޔުންތެރިންނަށް ކަން އޮތްގޮތް އިތުރަށް ސާފުވާނެ. ހައްޤުތަކާއި މިނިވަންކަން އޮތީ ޒިންމާއާއެކު ނޫންތޯ!
ބޮޑުމީހާ
17 October 2021
ކިތަންމެ ވަރަކަށް ގާނޫނު ހެދިޔަސް ތަންފީޒުކުރާނެ ބަޔަކުނެތި ކިހިނެއް އެކަންކުރާނީ! ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިޔާނާތް ޒިނޭކުރުން ނުހުައްޓެނީ ގާނޫނު ނެތިގެން ނޫން
ކަންފިއުޝަންއޮފްހައިއެސްޓްއޯޑާ
17 October 2021
ވަރަށް ރީއްޗޭނުން މި ކަމުގައި މީހުންގެ ހިޔާލު ހޯދަނީ އެކަމަކު ރައްޔިތުންނަށް ޖާސޫސް ކުރާ ގަވައިދެއް ހަދާފައި ހޭ ވެސް އަހައި ނުލައި މިއީ ހަމަ ކަން ދެއްކުމުގެ އެއްވަނަ އިންޓަރނޭޝަނަލް ނޫނީ ވޯރލްޑުކުލާސް ފެންވަރުގެ ދެއްކުންތެރިކަން
ރަޔާން
17 October 2021
ގައުމު އިންޑިއާ އަށް ވިއްކާލިއިރު އާންމުންގެ ޚިޔާލު ނުހޯދި ބަޔަކު މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިިޔާލު ހޯދަން އުޅުމުން ތިވަނީ ޓޮމް އެންޑް ޖެރީ އަށްވުރެންވެސް މަޖާ ހެއްވާ ކަމަކަށް.
މުންޑުބުރި
17 October 2021
މަސްދަރު ހާމަކުރަން އިދާރާތަކުން އެންގުމަކީ ކުށްވެރިންނަށް ކުށްކޮށްފައި ފިލައި ތިބެން ދޭ ލައިސަންސެއް. އަދި ކުށްކުރުމަށް ދެވޭ ލައިސަންސެއް.
ގާނޫނު ކުއްޔަށްދޭންވީ
17 October 2021
ތިހުންނަނީ މިހުން ހާރުވާން ކުރެވޭ ކަންކަމެވެ މަޖިލީހުގެ ރައީސަށް ނުލިބެނީ ކޮން އިނާޔަތެއް ތޯ އެވެ ދާންބޭނުންވާ ދިމާއްކަށް އިނގިލި ދިމާ ކޮށްލާއިރަށް އެރަށަކަށް ސިފައިންގެ ބޭކަލުން އުފުލާނެ އެވެ ބައިތުލްމާލުން ވެރިންނަށް ހެސްކިޔާފަ ޚަރަދުތައްކުރާއިރު ހާލަތު ހުރި ގޮތުގެ މައްޗަށް ބަލާއިރު މަޖިލީހުގެ ރައީސް އުޅެނީ ނިޒާމް ބަދަލްކުރުމުގަ އަވަދި ނެތި އެވެ އޮތް ނިޒާމްގައި ޚިދުމަތް ކުރާކަށް ނޫނެވެ ގާނޫނަތައް ހަދަހަދާފަ މަތާރަން ފިލާގަ ހިރަފުސް އަރުވާލަން
ޛުލްފިޤާރު
17 October 2021
މިއީ މިގައުމުގެ މައްސަލައަކީ ގާނޫނު އަސާސީ އާއި ޚިލާފް ވިނަމަވެސް ހަމަ ބިލު ފާސްކުރަންޖެހޭ އެހެންވެއްޖެނަމަ ޕޮލިހުންގެ އިންޓެލް ރިޕޯޓުތަކުގެ މަސްދަރުވެސް ހާމަ ކުރެވެންޖެހޭނެ ނޫންތޯ ސާބަހޭ މިތިބަ ބައިގަނޑު ދެކޭގޮތުގަ ޤާނޫނު އަސާސީގަ ކޮންމެ ގޮތަކަށް އޮތަސް ވަރިހަމަ ހަމަ ފާސް ކުރަންވީ ގުރުއާނާ ގާނޫނު އަސާސީއަށް އިހުތިރާމް ކުރޭ މަސްދަރު ހާމަ ކުރާނަމަ އެކަކުވެސް މައުލޫމާތެއް ނުދޭނެ ދެން މަރުކޮމިށަންވެސް ފެއިލް ވިފަދައިން ހުރިހާ އެއްޗެއް ފެއިލްވާނީ