މި ބަލަނީ ގައުމަށް ކަމެއް ކޮށްދެވޭތޯ: އުއްޗު

އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމަށް ކަމެއް ކޮށްދެއްވޭތޯ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އިއްޔެ ވިދާޅުވެއްޖެ އެވެ.


ޅ. މަޑިވަރުގައި ސިޓީ ހޮޓަލަކާ އެކު 11 މިލިއަން ޑޮލަރުގެ ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ސަރުކާރުން ވަނީ އުއްޗުގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްފަ އެވެ. އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމައި، ހިދުމަތް ފެށޭވަރު ކުރުމެވެ. ސަރުކާރުން މަޑިވަރު އެއާޕޯޓު އަޅަން ކުރެއްދުއާ ހަވާލުކުރީ އަމިއްލަ އަށް އިންވެސްޓްކޮށްގެން އެއާޕޯޓު އަޅައި ހިންގާ ގޮތަށެވެ.

މަޑިވަރު އެއާޕޯޓު އެޅުމުގެ އެއްބަސްވުން އުއްޗު އާއި ޒަމީރު ބަދަލު ކުރައްވަނީ. -

ކަނޑު އަޑީގެ، ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ހުންނަ ހުރަވަޅީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އުއްޗު ވިދާޅުވީ މަޑިވަރުގައި އެއާޕޯޓެއް އަޅަން ޝައުގުވެރިވީ ގައުމުގެ ކުރިއެރުމާ ގުޅުން ހުރި ކަމަކަށް ވީމާ ކަމަށެވެ. ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވީ ގައުމަށް ކަމެއް ކޮށްދެވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑިވަރުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އިތުރުން "މިކަހަލަ ކިތަންމެ ޕްރޮޖެކްޓެއް" ވެސް ރާއްޖޭގައި ފެށިގެންދާނެ ކަމަށް އުއްޗު ވިދާޅުވި އެވެ.

"[ރައީސް] ޔާމީން އަބަދުވެސް ވިދާޅުވާނެ ފުރަތަމަ ގައުމޭ. އެހެންވީމަ ގައުމާ ގުޅުން ހުރި ކަމެއް ވީމަ އަޅުގަނޑު ހިތަށްއެރީ ކުރަން. އެއީ ޝައުގުވެރިވި ގޮތަކީ،" އުއްޗު ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވާހެން، އަޅުގަނޑުގެ އުންމީދަކީ ވެސް ފުރަތަމަ ގައުމު."

މަޑިވަރުގައި އެއާޕޯޓު އަޅައި ހިދުމަތް ފެށި ނަމަވެސް، ޓޫރިޒަމަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ ކަމަށް އުއްޗު ވިދާޅުވި އެވެ. އެކަމަކު މި ސަރަހައްދުގެ ވަސީލަތްތައް އިތުރުވެ، ޒުވާނުންނަށް ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށް، ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އުއްޗު ވިދާޅުވި އެވެ.

ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީންގެ ޅެން ބައިތެއް ކަމުގައިވާ "ހުއްބުލް ވަތަންގެ ސިފަތަކުން ހިތް ފުރާނަމޭ، ލައްބައިކައޭ ބުނެ ޖަވާބުދީ ގުރުބާން ވެދާނަމޭ،" ވިދާޅުވުމަށް ފަހު، އުއްޗު ވިދާޅުވީ "ހިތް ފުރުމުގެ ބަދަލުގައި ބަނޑުފުރަން" މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އުއްޗުއަކީ ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ހާއްސަކޮށް، މާލެ އަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން އުއްޗުގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގދ. އަތޮޅު މާވަރުލުގައި އަޅާ އެއާޕޯޓަށް ފައިނޭންސް ކުރުމަށް އެއްވެސް އިންޓްރަސްޓަކާ ނުލައި އުއްޗު، ސަރުކާރަށް ލޯނެއް ދެއްވަން ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.