ކަންބޮޑުނުވޭ، މި ޕާޓީ ބައިބައި ނުވާނެ: ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތުގައި ޕާޓީ ތެރޭގައި "ފިނި ހަނގުރާމައެއް" ފެށިފައި އޮއްވައި، އެ ޕާޓީ ބައިބައި ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްވައިފި އެވެ.


އެމްޑީޕީގެ ގްރޫޕެއްގައި ސަޕޯޓަރުންނަށް ދެއްވި މެސެއްގައި ވިދާޅުވީ "ކަންބޮޑުނުވޭ، މި ޕާޓީ ބައިބައި ނުވާނެ" ކަމަށެވެ. ދެން ވިދާޅުވީ "އަބަދުވެސް ހިޔާލުތަފާތުވާނެ" ކަމަށެވެ.

ސިޔާސީ މަސައްކަތުގައި ހިޔާލުތަފާތުވުން ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު، ފައްޔާޒް މަގާމުން ދުރުކުރުމަށް އެމަނިކުފާނު އިސްވެ ފެށި މަސައްކަތާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކޮޅެވެ. ކެބިނެޓުގައި އެމަނިކުފާނު އެންމެ އިތުބާރުކުރައްވާ އެއް ވަޒީރުގެ ދިފާއުގައި ނުކުންނަވައި ވިދާޅުވީ މަގާމުން ވަކިކުރަން ޖެހޭ ވަރުގެ ކަމެއް ފައްޔާޒް ނުކުރައްވާ ކަމަށެވެ.

އެކަމަކު ފައްޔާޒަށް ނަޝީދު ތުހުމަތުތަކެއް ކުރައްވަ އެވެ. އެއް ކަމަކަށް ވިދާޅުވަނީ، އެމްޑީޕީގެ ތެރޭގައި ފައްޔާޒް އުޅުއްވަނީ "ބްރޯ ހެދިގެން" ކަމަށެވެ. ސިޔާސީ ގޮތުން އެ ނުފޫޒާ ނަޝީދު ގުޅުވަނީ ކޮރަޕްޝަންގެ ތުހުމަތެވެ.

އެމްޑީޕީއަށް ފައިދާ ހުރި ގޮތަކީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގެން ހުންނެވުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އޭނާ މަގާމުން ދުރުކުރުމުގެ މައްސަލައިގައި ގައުމީ މަޖިލީހުގެ ރުހުން ހޯދަން ވެސް ނަޝީދު ވަނީ ނިންމަވައިފަ އެވެ.

ފައްޔާޒް މަގާމުން ދުރުކުރުމާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވެސް ދެކޮޅެވެ. ނަޝީދާ އެއްކޮށް ބައެއް މެމްބަރުން ތިއްބެވިއިރު، ރައީސްގެ ވާހަކަފުޅަށް އެއްބަސްވެ ފައްޔާޒްގެ ދިފާއުގައި އުޅުއްވާ މެމްބަރުންތަކެއް ވެސް އެބަތިއްބެވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުންގެ ސޮއި ހޯދުން ކުރިއަށް ދަނިކޮށް ރައީސް ގެންދަވަނީ މަޖިލީހުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވަމުންނެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ އެމަނިކުފާނުގެ ވައުދުތައް ފުއްދަވަން ބައެއް ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން އުއްމީދުކުރެއްވި ވަރަށް ލިބިވަޑައިނުގަންނަވާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދުމަކީ މޮޅެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު، ފައްޔާޒް ގަބޫލުކުރައްވަނީ ނަޝީދު ކުރައްވަނީ ސިޔާސީ މަސައްކަތް ކަމަށެވެ. އޭނާ އިންކާރުކުރެއްވީ، ނަޝީދު އެދިވަޑައިގަތް ގޮތަށް މަގާމުން އެކަހެރިވެވަޑައިގަތުމަށެވެ. ސަަބަބެއް ކަމަށް ދެއްކެވީ އެގޮތަށް އެންގެވުމުގެ ބާރު އޮތީ، ރައީސަށް ވުމެވެ.