އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ހަދާނީ ޓާޓާ އިން

އިންޑިއާ ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތުގެ މަޝްރޫއު ޓާޓާ ޕްރޮޖެކްޓްސް ލިމިޓެޑުން ކާމިޔާބުކޮށްފި އެވެ.


އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިމާރާތްކުރާ ޕާލިމަންޓްގެ އާ އިމާރާތަކީ 2022 ގައި ނިންމަން ޖެހޭ ގޮތަށް 861.9 ކްރޯޑް ރުޕީސް (117 މިލިއަން ޑޮލަރު) ހޭދަކުރާ މަޝްރޫއެކެވެ. އާ އިމާރާތް ފަރުމާކޮށްފައި ވަނީ ގްރައުންޑް ފްލޯއާ އާ އެކު ތިން ބުރިއަށެވެ. އަދި އިމާރާތް ހުންނާނީ ތިނެސްކަން ބައްޓަމަށެވެ.

ޕާލިމަންޓްގެ އާ އިމާރާތުގެ މަޝްރޫއަށް ފަސް ކުންފުންޏަކުން ބިޑްކުރި ނަމަވެސް އެންމެ ކުޑަ އަގެއް ހުށަަހަޅައިގެން ޝޯޓްލިސްޓްވީ ދެ ކުންފުންޏެކެވެ. އެގޮތުން ޓާޓާއާ ވާދަކުރި އަނެއް ކުންފުންޏަކީ ލާސަން އެންޑް ޓޯބްރޯ އެވެ. ސެންޓްރަލް ޕަބްލިކް ވޯކްސް ޑިޕާޓްމަންޓް (ސީޕީޑަބްލިއުޑީ) އިން ބުނިގޮތުގައި އާ އިމާރާތަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ޖުމްލަ 889 ކްރޯޑް ރުޕީސް (121 މިލިއަން ޑޮލަރު) އެވެ.

ކޮވިޑް-19 އިންޑިއާގައި ކޮންޓްރޯލް ނުވެ ބަލި ޖެހޭ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އުނދަގޫ ވަގުތު ޕާލިމަންޓް އިމާރާތް ހަދަން ބޮޑު ހޭދައެއް ކުރަން ނިންމާފައިވާތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ބުނާގޮތުގައި މިހާރު ޕާލިމަންޓް އިމާރާތް ވަރަށް ބޮޑަށް ބާވުމުގެ އިތުރަށް ޖާގައިގެ ދަތިކަން ވެސް ކުރިމަތިވެފައިވާތީ އާ އިމާރާތް ވަރަށް މުހިއްމެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އަދަދު ވެސް އިތުރުވަމުންދާތީ އާއި ޕާލިމަންޓް މުވައްޒަފުންގެ އަދަދު ވެސް އިތުރުވަމުމުން ދިއުމާ އެކު އާ އިމާރާތުގެ މުހިއްކަން ވަރަށް ބޮޑެވެ.

އާ އިމާރާތަކީ 1،400 އެއްހާ އެމްޕީންނަށް ޖާގަ އޮންނާނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިހާރު ބޭނުންކުރާ ޕާލިމަންޓް އިމާރާތަކީ 1947 ގައި އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ވެސް މާ ކުރިން 1921 ހިސާބުގައި އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި އެތަނަކީ މިހާރު ދުވަސްވެ، ބާވުމުގެ ސަބަބުން އެހާ ރައްކާތެރި ތަނެއް ނޫން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

މިހާރު ބޭނުންކުރާ އިންޑިއާފެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ ގައުމުގެ ޕާލިމަންޓްގެ އާ އިމާރާތް ޓާޓާ ގްރޫޕާ ހަވާލުކުރި އިރު، ސަރުކާރުން ވަނީ ދިއްލީގައި ހުރި ސަރުކާރުގެ ދުވަސްވީ ބާ އިމާރާތްތައް އާ ކުރަން 2.7 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ކަނޑައަޅައިފަ އެވެ.

ޕާލިމަންޓްގެ އާ އިމާރާތުގެ މަޝްރޫއު ޓާޓާ އިން ކާމިޔާބުކުރި އިރު އިންޑިއާގެ އަމާޒަކީ އެ ގައުމުގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުތައް ރަސްމީކޮށް އާ އިމާރާތުގައި ފެށުމެވެ. އިންޑިއާގެ މިނިވަން ދުވަހަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.