"ބްރޯ"ގެ ލަގަބު ދިން ފަހުން ގުޅާ މީހުން ގިނަވެއްޖެ: ފައްޔާޒު

މި ސަރުކާރުގެ "ބްރޯ"ގެ ލަގަބު އޭނާ އަށް ދިނުމާ އެކު، އެކި ކަންކަމުގައި ގުޅާ މީހުން އިތުރު ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.


މި ސަރުކާރު ވެރިކަމަށް އައި ފަހުން ގިނަ ކުންފުނިތައް އުފައްދާފައިވާ ކަމަށާއި އެއީ ފައްޔާޒަށް އެހެން މިނިސްޓްރީތަކުގެ ބާރުތައް ދޭން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެ ތުހުމަތު ކުރެއްވި އެވެ. އެ ތުހުމަތަށް ރައްދު ދެއްވަމުން ސަންގު ޓީވީގައި ފައްޔާޒު ވިދާޅުވީ، ކުރިމަގުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޭނާ ބަސް ވިދާޅުވާނެ ކަމަށެވެ.

އެކަން އެގޮތަށް ކުރައްވަނީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވެގެންނެވެ.

"މީގައި މިވާ ގޮތަކީ އަޅުގަނޑު ބްރޯއަކަށް ހައްދަވަނީ އެހެން [މި ސަރުކާރުގެ ބްރޯއޭ] ވިދާޅުވާ ބޭފުޅުން. އެހެންވީމާ މިހާރު އަޅުގަނޑު އެބަވޭ ބްރޯއަކަށް. އެ ލަގަބު ދިން ފަހުން އެކި އެކި ކަންތައްތަކުގައި، އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް ކަންކަމުގައި ވެސް އެބަ ގުޅާ. އަޅުގަނޑަކީ އަބަދުވެސް ވަރަށް ގިނަ މީހުންނަށް ޖަވާބުދޭ މީހެއް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކި މީހުންގެ ކޯލްތަކުގައި އެދޭ ކަންކަން އެކަމަކާ ގުޅޭ ވަޒީރުންނާ ހަމައަށް ގެންގޮސް ދެއްވަ އެވެ. އެކަމުގައި ވަޒީރުންގެ އެއްވެސް ހިތްހަމަނުޖެހުމެއް، ޝަކުވާއެއް މިހާތަަނށް ކުރައްވާފައި ނެތް ކަމަށް ވިދާޅުވި އެވެ.

ފައްޔާޒަށް "ބްރޯ"ގެ ތުހުމަތު ކުރެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރައްވަން ކުރެއްވި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބްރޯ ނިސްބަތް ކުރެވުނީ ކުރު މުއްދަތަކުން ސިޔާސީ ބާރުވެރިކަން ހޯއްދަވައި ކޮރަޕްޝަނާއި ރިޝްވަތުން ނިޒާމުތަކަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނައިބު ރައީސަކަށް ހުންނަވައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތް ހިންގަވައި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި އެހެން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރިޝްވަތުގެ ގޮތުގައި ދެއްވައި މުޅި ނިޒާމު ކޮންޓްރޯލް ކުރެއްވި ކަމުގެ ތުހުމަތު ތަހުގީގީ އިދާރާތަކުން އޭނާގެ މައްޗަށް ކުރެ އެވެ.

މަޖިލީހުގެ ވޯޓުތައް ވެސް ކުރިއަށް ގެންދެވީ އަދީބު ބޭނުންވާ ގޮތަކަށް ކަމުގެ ތުހުމަތު ކުރެވުނެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތީ ވައްކަމެއް، ޚިޔާނާތެއް ހިންގަވާކަށް ނޫނެވެ. އެކަން ކުރައްވާ ނަމަ "މޮޅަށް ކުރެއްވިދާނެ" ކަމަށާއި އެކަމަކު މަގާމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރައްވަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

އޭނާއާ ހަވާލުވެފައި ވަނީ އިގުތިސާދީ ދާއިރާ ކަމަށް ވުމުން، އެކަމާ ގުޅޭ ކަންކަމަށް "އަޅުގަނޑު އަތްބާނާނަން" ކަމަށް ވިދާޅުވި އެވެ. ކުންފުނިތަކުގެ ސިޔާސަތު ކަނޑައެޅުމުގައި އެހީވުމަކީ އޭނާ ވިދާޅުވާ ގޮތެއް ކުންފުނިތަކުން ހެދުމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"އެގްރޯނެޓަކަސް އަޅުގަނޑު ބަސް ކިޔާނެ، އަޅުގަނޑަށް ހީވަނީ އެ ބޭފުޅާ [އާޒިމް[އަށް ފަހުމްވެވަޑައިނުގެންނެވީހެން ކަންތައްތައް ހިނގާ ގޮތް،" ފައްޔާޒް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދަނީ ކެބިނެޓުގައި މަޝްވަރާކޮށް ވަކި ކަމެއް ހާސިލްކުރުމަށް އަމާޒުތަކެއް ކަނޑައަޅައިގެންނެވެ. އެހެންކަމުން އެ ކަންކަމުގައި ކުރިއަށް އޮތް ތަނުގައި ވެސް އޭނާ އަށް ފެނިވަޑައިގަންނަވާ ލަފައެއް ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ބްރޯއަކަށް ހެދިގެން އެމްޑީޕީ ތެރޭގައި ނޫޅުއްވަން އެދިވަޑައިގެން ނަޝީދު ކުރިން ވަނީ ފައްޔާޒް މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ ފައްޔާޒް މަގާމުން ވަކިކުރައްވުމުގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ކުރެއްވި ކަމަކީ، އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.