ޕީއެސްއެމުން ޕީޕީއެމަށް 3 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދިން: އަލީ

މިދިޔަ އަހަރު ޕީޕީއެމްގެ އެކި ހަރަކާތްތައް ގެނެސް ދިނުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން 3.1 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މިއަދު ވިދާޅުވެއްޖެ އެވެ.


އަލީ "މިހާރު" އަށް ވިދާޅުވީ އެހެން ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދީ، ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްތަކާއި އެ ޕާޓީން ބޭއްވި ރެލީތައް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދީފައިވަނީ ހިލޭ ކަމަށެވެ. އެ ވަގުތުތައް އަގުކުރުމުން ޕީޕީއެމަށް ދީފައިވާ އޮންއެއާ ޓައިމްގެ އަގު 3.1 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް ކަމަށް ބުނެ ރަސްމީ ނޫން [ސިޔާސީ] ކަންކަން ގެނެސްދީފައި އެބަހުރި. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަން އެއީ ރަސްމީ ކަންކަމެއް ނޫން ދެއްތޯ. ޕީޕީއެމްގެ އެފަދަ އިވެންޓްތައް ގެނެސްދީފައި ހުރީ،" ޓީވީއެމްގެ ސީއީއޯކަން ކުރިން ވެސް ކުރެއްވި އަލީ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮމޯޝަނަށް އޭރު ބޭނުންކުރި ޕީއެސްއެމުން އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެސް ފުރުސަތު ދީފައެއް ނުވެ އެވެ. މިނިވަންކަން މަތީ، ވަކި ފަރާތަކަށް ނުޖެހި ހިންގަން ޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުންނެވި މުހައްމަދު އިކްރާމް ގެންދެވީ ޕީޕީއެމްގެ ރެލީތަކުގައި ވެސް ބައިވެރިވެ ފާޅުގައި ސިޔާސީ މަސައްކަތް ކުރަައްވަމުންނެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަލީ ވިދާޅުވެފައި ވަނީ ނުފޫޒުން އެއްކިބާވެ ދައުލަތުގެ މީޑިއާ ހިންގަން ޖެހޭ އުސޫލުގެ މަތިން ޕީއެސްއެމް ހިންގަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ފަރާތަކުން ނުފޫޒެއް އޭނާއަކަށް ނުފޯރަ އެވެ. އަދި މިނިވަންކަމާ އެކު ޕީއެސްއެމް ހިންގުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"ބެލެންސްކޮށް ހަބަރު ގެނެސްދޭ، އަދި ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކަންކަން ގެނެސްދޭ ޗެނަލެއްގެ ގޮތަށް އަދި އަޅުގަނޑުމެންގެ ތެރޭގައި ދެން މި ހިނގާ އެހެން ޗެނަލްތަކަކީ ވެސް ރައްޔިތުންގެ މަގުބޫލުކަން ހޯދޭ ޗެނަލްތަކަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އަލީ ވިދާޅުވި އެވެ.

"އެކި މައުލޫމާތު ބޭނުންވާ ބޭފުޅުން އުޅުއްވާނެ. އެހެންވީމަ ވަކި ޕަސެންޓެއް ސިޔާސީ ކަންކަމަށް. ވަކި ޕަސެންޓެއް މުނިފޫހިފިލުވުމަށް. ވަކި ޕަސެންޓެއް ކުޅިވަރަށް. އެ ކަހަލަ ގޮތަކަށް ބެހިގެން ދާނީ."