ރޯދަ މަސް / ރެސިޕީ

މިހާރުގެ ރެސިޕީ: ނާސިގޯރެން

ނާސިގޯރެން

ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑުލުގެ ބަތް (ބާސްމަތީ ރައިސް)

200 ގުރާމު ކުކުޅުމަސް (ކުދިކޮށް ކޮށައިފައި)

200 ގުރާމު ގެރިމަސް (ކުދިކޮށް ކޮށައިފައި)

1 ޖޯޑު ކެބެޖު (ކުދިކޮށް ކޮށައިފައި)

1 ޖޯޑު ކެރެޓު (ތުނިކޮށް ކޮށައިފައި)

½ ޖޯޑު ލީކްސް (ކުދިކޮށް ކޮށައިފައި)

1 ފިޔާ (އާދައިގެ، ކުދިކޮށް ކޮށައިފައި)

4 ލޮނުމެދު (ގާނައިފައި)

¼ ސައިސަމުސާ އަސޭމިރުސް

⅓ ސައިސަމުސާ އިނގުރު (ގާނައިފައި)

3 މޭޒުމަތީސަމުސާ ތެޔޮ

2 މޭޒުމަތީސަމުސާ އޮއިސްޓާސޯސް

2 ހިކިމިރުސް (ބޮޑެތިކޮށް ބުރިކޮށްފައި)

1 މޭޒުމަތީސަމުސާ ޝްރިމްޕް ޕޭސްޓު (ބޭނުން ނަމަ)

ގިތެޔޮމިރުސް، ސޯޔާސޯސް، ލޮނު

ގެރިމަސް މަޑުކުރާ ގޮތް

އެއް މޭޒުމަތީސަމުސާ ތެޔޮ ތެއްޔަކަށް އަޅައިފައި ހޫނުކޮށްލައިފައި، ގެރިމަސްކޮޅު ތެޔޮފޮދުގެ ތެރެއަށް އަޅައިލުން. ކުޑަ ލޮނުކޮޅެއް ލައިފައި އެއްކޮށްލައިގެން މަޑު ގިނީގައި (އެއްކުރަމުން) ކައްކައިލުން. ކައްކާނީ، އެ އިން ނުކުންނަ ފެންފޮދު ހިނދެންދެން. ފެންފޮދު ހިނދުނީމައި، ލޮނުމެދުގެ ދެބައިކުޅަ އެއްބައި އޭގެތެރެއަށް އަޅައިފައި، އެއްކޮށްލައިފައި، އެއް މިނެއްޓު ވަންދެން ކައްކައިލުން. ކައްކައިލައިފައި މަސްކޮޅު ނަގައިފައި ތަށްޓަކަށް އަޅައިފައި ބެހެއްޓުން.

ކުކުޅުމަސް މަޑުކުރާ ގޮތް

ހަމަ އެ ތެއްޔަށް އެއް މޭޒުމަތީސަމުސާ ތެޔޮ އެޅުމަށް ފަހު، ފިޔާގެ ދެބައިކުޅަ އެއްބައި އަޅައިފައި، ފިޔާކޮޅު ކުޑަކޮށް ރަތްވެލީމައި އޭގެ ތެރެއަށް އިނގުރުކޮޅު އެއްކޮށްލައިފައި، ކުކުޅުމަސްކޮޅު އަޅައިލުން. ލޮނާއި އަސޭމިރުސް ލުން. މަސްކޮޅުން ނުކުންނަ ފެންފޮދު ހިނދެންދެން (އެއްކުރަމުން) ކައްކައިލުމަށް ފަހު، ފެންފޮދު ހިނދުމުން މަސްކޮޅު ނަގައިފައި ތަށްޓަކަށް އަޅައިފައި ބެހެއްޓުން.

ނާސިގޯރެން ހަދާ ގޮތް

ބާކީ ހުރި ފިޔާކޮޅު (އެއް މޭޒުމަތީސަމުސާ ތެލުގައި) މީރުކޮށްލުމަށް ފަހު، ފިޔާކޮޅަށް ރަތްކުލަ އެރީމައި ބާކީ ހުރި ލޮނުމެދުކޮޅު އަޅައިލުން. އެއްކޮށްލުމަށް ފަހު ޝްރިމްޕް ޕޭސްޓު، ހިކިމިރުސް، ގިތެޔޮމިރުސް، ކުކުޅުމަސް، ގެރިމަސް އަޅައިފައި މަޑު ގިނީގައި ބަހައްޓައިގެން، އެއް މިނެއްޓު ވަންދެން ކައްކައިލައިފައި، ކެރެޓާއި ކެބެޖު އެޅުން. ރަނގަޅަށް އެއްކޮށްލައިފައި، އެއް މިނެއްޓު ފަހުން އޮއިސްޓަސޯސް އަޅައިފައި (ރަނގަޅަށް އެއްކޮށްފައި) ބަތްކޮޅު އަޅައިލުން. އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލައިފައި (ރަހަލާ ވަރަށް) ސޯޔާސޯސް، ލީކްސް އަޅައިފައި، އެއްކޮށްލައިފައި (މަތި ޖަހައިގެން) އެއް މިނެއްޓު ވަންދެން ކައްކައިލުން.

ބިސްގަނޑަކާއި، ރުމާޗިލީޕޭސްޓާ އެކު މި ނާސިގޯރެން ވަރަށް މީރުވާނެ.

އެޑިޓަރުގެ ނޯޓް: މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާަަަަމުހަމަދު

12 June 2016

މީރު

ހަ ކުކުޅު

12 June 2016

ކޯޗެއް މީރީ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454