ސަތޭކައިގެ މީހެކޭ ބުނާވަރުގެ އެކަކީ މީގެ 19 އަހަރު ކުރިން ޅ. ފެލިވަރުގެ ވަޒީފާއާ ގުޅުނު މޫސާ ހަސަން އެވެ. މަސައްކަތުގައި އެއް ވަނަ އެވެ. 

ކޮންމެ ދުވަހެއްގެ އަރާ އިރާ އެކު، ރޭގަނޑު ނިދަންވަންދެން އޭނާ އެ ހަވާލުވެ ހުންނަނީ 800 އަށް ވުރެ ގިނަ މީހުންގެ ކެއިންބުއިމާ ގުޅޭ ހުރިހާ ކަމަކާ އެވެ. ހެނދުނު ސަޔާއި މެންދުރު ކެއުމާއި ހަވީރު ސައި އަދި ރޭގަނޑުގެ ކެއުމާ ހަވާލުވެ ހުރީ އުމުރުން 37 އަހަރުގެ މޫސަ އެވެ.  އެއީ އަހަރެމެން އެންމެ ގަޔާވާ ފެލިވަރު މަސްދަޅު އުފައްދާ ކާރުހާނާގެ 862 މުވައްޒަފުންގެ ކެއުން ހަމަޖައްސާ ކެންޓީނުގެ އެންމެ އިސް މުވައްޒަފެވެ.

ފެލިވަރުގެ މަސައްކަތަށް އޮތް ޝައުގުވެރިކަމާއި ހީވާގިކަމުގައި މޫސަގެ ލޯބި ހޯދައި ދިރިއުޅުން ފެށީ ފެލިވަރުންނެވެ. އެތަނާ ގުޅިފައި އޮތީ އޭނާގެ އާދަޔާ ހިލާފު ލޯބީގެ ވާހަކަތަކެކެވެ. މޫސަ އެންމެ ލޯބިވާ މީހާ ހޯދީ ފެލިވަރުންނެވެ. އޭނާ އެންމެ ލޯބިވާ އަދި ދުވަހަކު ވެސް އެ ތަނެއް ދޫކޮށްފައި ދުރަށް ނުދެވޭނެ ތަނަކީ ވެސް ފެލިވަރެވެ. މުޅި އުމުރުގައި ވަޒީފާ އަދާކުރި ހަމައެކަނި ތަނަކީ ފެލިވަރުގެ ފެކްޓަރީ އެވެ. 

މޫސަ މިދިޔަ ހަފުތާގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ|މިހާރު
މޫސަ މިދިޔަ ހަފުތާގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ|މިހާރު

ނ. ވެލިދު އަށް އުފަން މޫސަ މީގެ 19 އަހަރު ކުރިން ފެލިވަރުގެ ކެންޓީނަށް ނުކުތީ ވެއިޓަރެއްގެ ވަޒީފާ އަށް ކަމަށް ވިޔަސް މިއަދު އެއީ އެ ކެންޓީނުގެ ސުޕަވައިޒަރެވެ. ސްޓޯރުކީޕަރެވެ. އެތައް ސަތޭކަ މުވައްޒަފުންނަށް ކާން ދޭން ބޭނުންވާ ތަކެތީގެ ހިސާބުތައް ބަލަހައްޓާ އިސް މީހާ އެވެ. ކެންޓީނުގެ ސާފުތާހިރުކަން ބަލަހައްޓާ އިސް މުވައްޒަފެވެ.

މޫސަ ބުނާ ގޮތުން ނަމަ ފެލިވަރަކީ އޭނާގެ "ހިތެވެ". ދުވަހަކު ވެސް އޭނާގެ ހިތުން ފެލިވަރުގެ ނަން ނުފޮހެވޭނެ ކަމެއް ވެސް ކޮށްފި އެވެ. އެއީ އޭނާގެ ދިރިއުޅުން އެ ރަށުން ފެށުމެވެ.

ފެލިވަރުގެ މަސްކާރުކާހާނާގެ ވަޒީފާ އަށް އައި ނޭޕާލް މީހަކާ ކައިވެނިކޮށް، އަންހެންކުއްޖަކު އެ ދެމަފިރިންނަށް ލިބިއްޖެ އެވެ. ދަރިފުޅުގެ އުމުރުން މިހާރު ހަ އަހަރެވެ.

މޫސަގެ އަންހެނުން އަދި ދަރިފުޅު ފޮޓޯއެއް ނަގަނީ: ޗުއްޓީ ދުވަސްވަރު ވެސް އަންހެނުންނާއި ދަރިފުޅު ފެލިވަރަށް މޫސަ ކައިރި އަށް ދިއުމަކީ އާންމުކަމެއް.
މޫސަގެ އަންހެނުން އަދި ދަރިފުޅު ފޮޓޯއެއް ނަގަނީ: ޗުއްޓީ ދުވަސްވަރު ވެސް އަންހެނުންނާއި ދަރިފުޅު ފެލިވަރަށް މޫސަ ކައިރި އަށް ދިއުމަކީ އާންމުކަމެއް.

"ފެލިވަރަކީ މިހާރު އަހަރެންގެ ހިތް. މިތަން ދެކެ ވަރަށް ލޯބިވޭ. ހަމަ އެއްގޮތަކަށް ވެސް އެހެން ތަނަކަށް ދާ ހިތެއް ނުވޭ. މުސާރައާ މެދު ވެސް ހިތްހަމަޖެހޭ. މީހުން އެހާ ރަނގަޅު،" މޫސަ ބުންޏެވެ. 

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދެހާސް ހަތްވަނަ އަހަރު ވެލިދޫގައި ސްކޫލް ނިންމި ގޮތަށް އުމުރުން 19 އަހަރުގައި އޭނާ ވަޒީފާ އަށް ނުކުތީ ފެލިވަރަށެވެ. އެއީ މޫސަގެ ފުރަތަމަ ވަޒީފާ އެވެ. މާ ބޮޑެތި މުސާރަތައް ވެސް ލިބެން ހުއްޓާ އަމިއްލަ ރަށާ މާ ދުރުގައި އޮތް ފެލިވަރުގެ ވަޒީފާ އަށް ނުކުމެ، ފެލިވަރާ މެދު ހިތުގައި އުފެދުނީ އާދަޔާ ހިލާފު ލޯތްބެކެވެ. މައިންބަފައިންނާއި އާއިލާގެ މީހުން ފިޔަވައި އޭނާ އެންމެ ލޯބިވާ މީހާ ހޯދީ ފެލިވަރުންނެވެ. 

"އަންހެނުން ވެސް ވަރަށް ފަހުން ދަރިފުޅާ އެކު މި ރަށަށް އައިސްފައި އެ ދިޔައީ. ޗުއްޓީގައި ވެސް ދޭތެރެދޭތެރެއިން ފެލިވަރަށް އަންހެނުން އަންނާނެ ދަރިފުޅު ގޮވައިގެން. އޭނާގެ ވެސް ރައްޓެހިން މިތާނގައި ގިނަވާނެ. އެހެންވެ، ވަރަށް އުފަލުން މިތާނގައި އަހަރެން މި އުޅެނީ،" މޫސަ ކިޔައިދިނެވެ. 

ފެލިވަރު ކޭނަރީ ކައިރީގައި މޫސަގެ ދަރިފުޅު މަޑުކޮށްލައިގެން.
ފެލިވަރު ކޭނަރީ ކައިރީގައި މޫސަގެ ދަރިފުޅު މަޑުކޮށްލައިގެން.

ކުއްޖަކު ލިބެންދެން މޫސަގެ އަންހެނުން ފެލިވަރު މަސްކާރުހާނާގައި މަސައްކަތް ކުރި ނަމަވެސް ވިހެއުމާ އެކު، މޫސަގެ ރަށް ވެލިދު އަށް ބަދަލުވީ އެވެ.  

ފެލިވަރުގެ ވަޒީފާ އިން ލިބޭ އެއްޗަކުން ހަރަދު ކޮށްގެން މޫސަ މިހާރު ވަނީ މީގެ ދެ އަހަރު ކުރިން ވެލިދޫގައި އަމިއްލަ ރެސްޓޯރަންޓެއް ވެސް ހުޅުވައިފަ އެވެ. އެ ރެސްޓޯރަންޓު ހިންގަން ހަވާލުކުރީ އަންހެނުންނާ އެވެ.  

މޫސަ އޭނާގެ ދަރިފުޅާ އެކު ސެލްފީއެއް ނަގަނީ.
މޫސަ އޭނާގެ ދަރިފުޅާ އެކު ސެލްފީއެއް ނަގަނީ.

މޫސަ ބުނާ ގޮތުން ނަމަ އެއީ ވެލިދޫގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރަންޓެވެ. އޭނާ އެ ރެސްޓޯރަންޓަށް ނަން ދިނީ ވެލިދޫގެ މަޝްހޫރު "ލޯންލީ ޓްރީ" އާ ގުޅުވައިގެންނެވެ. 

"ލޯންލީ ކެފޭ އަޅުގަނޑުގެ ރެސްޓޯރަންޓަށް ކިޔާނީ. އެކަނިވެރިކޮށް މީހުން ގޮސް ތިބެލަން ހަމަ ރަނގަޅު ރެސްޓޯރަންޓެއް އެއީ." މޫސަ ބުންޏެވެ.

"ކާންދޭން މި ދާއިރާގައި މިހާ ދުވަސް ވަންދެން އުޅެވުނީމާ ވަރަށް އިންޓަރެސްޓު ހުރޭ އަބަދުވެސް ކާތަނެއް ހުޅުވައިގެން މަސައްކަތެއް ކުރަން،"  

މޫސަ، ފެލިވަރުގެ ކެންޓީނުގެ ސްޓޯރުގައި ހުރި ސާމާނުތައް ގުނަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މޫސަ، ފެލިވަރުގެ ކެންޓީނުގެ ސްޓޯރުގައި ހުރި ސާމާނުތައް ގުނަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޫސަ 2007 ގައި ފެލިވަރުގެ ކެންޓީނުގެ ވެއިޓަރެއްގެ ވަޒީފާ އަށް ނުކުތް އިރު އަދި މާ ގިނަ މީހުންނަށް ކާންދޭން ޖެހުނެވެ. އޭރު ހާހަކަށް ވުރެ ގިނަ މީހުން ފެލިވަރުގައި ވަޒީފާ އަދާކުރި އެވެ. އޭރު ވެސް އެއީ މާ ބުރަ ކަމެއްގެ ގޮތުގައި މޫސަ ނުބަލަ އެވެ. މިހާރު އަދި މާ ބުރަވެފައި، ޒިންމާ ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ. 

"މިހާރު އަޅުގަނޑު ކުރާ ކަމަކީ ފުޑް ސްޓޯރާ ހަވާލުވެ ހުރެ، ގެންނަ މުދާތައް ބެލެހެއްޓުމާއި އެ މުދާތައް މިތަނުން ނެރޭ ވަރާއި ކައްކަން ބޭނުންކުރާ އަދަދުތަކާއި އެ ހުރިހާ އެއްޗެއްގެ ހިސާބުތައް ބެލެހެއްޓުމާއި ވެއިޓަރުންގެ ޑިއުޓީތައް ބެލެހެއްޓުން. ބަދިގެއާ ހަވާލުވެ ހުރި މީހާ ޗުއްޓީއަކަށް ދިޔަސް މެނޫ ހެދުމާއި ބަދިގެ ތަރުތީބު ކުރަނީ އަޅުގަނޑު،" މޫސަ ކިޔައިދިނެވެ. 

"މެނޫ ވެސް ހަދަން މިހާރު އަޅުގަނޑަށް އެނގޭނެ."

ފެލިވަރުގެ މަސައްކަތަށް މުވައްޒަފުން ވަރަށް ހެނދުނާ ނުކުންނާތީ ހެނދުނު ހައެއް ޖަހާއިރަށް އެ އެންމެންނަށް ސައި ތައްޔާރު ކުރަން ޖެހެ އެވެ. މެންދުރު ކެއުމާއި ނުވަގަޑި ސަޔާއި ހަވީރު ސައި އަދި ރޭގަނޑުގެ ކެއުމަށް ވެސް ވަކި ވަގުތެއް ކަނޑައަޅާފައި ވާތީ އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އެކަން ކުރޭތޯ ބެލުމަކީ މޫސަގެ ސީދާ ޒިންމާއެވެ. މިހާތަނަށް އޭނާ އެ ކަމުން ވެސް ހޯދީ އެއްވަނަ އެވެ. 

މޫސަގެ ބެލުމުގެ ދަށުގައިވާ ފެލިވަރު ކެންޓީނުގައި މުވައްޒަފުންތަކެއް ކެއުމުގައި: މިއީ މިފްކޯގެ އެންމެ ސާފުތާހިރު ސައިޓުކަން ފާހަގަކުރެވޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މޫސަގެ ބެލުމުގެ ދަށުގައިވާ ފެލިވަރު ކެންޓީނުގައި މުވައްޒަފުންތަކެއް ކެއުމުގައި: މިއީ މިފްކޯގެ އެންމެ ސާފުތާހިރު ސައިޓުކަން ފާހަގަކުރެވޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ދެން އޮތީ އެ ބޮޑު ކެންޓީނުގެ ސާފުތާހިރުކަމެވެ. މޫސަ ބުނާ ގޮތުން މިހާތަނަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަރަށް ފަހުން ފެލިވަރަށް ވަޑައިގެން މޫސަ އަށް އަމާޒު ކުރައްވައި ވިދާޅުވި ވާހަކަ އެވެ. 

"ސީއީއޯ ވިދާޅުވީ، ފެލިވަރު ކެންޓީނަކީ މުޅި މިފްކޯގައި ވެސް ހުރި އެންމެ ސާފުތާހިރު ސައިޓޭ. ކެންޓީނަށް ހަމަ ސީދާ އެއްވަނަ ދީފައި ދިޔައީ. ކާ އެއްޗިއްސާއި ސާފުތާހިރުކަމަށް ދެއްވީ އެއްވަނަ،" ސީއީއޯ ފަރުހަތުގެ އެ ޖުމުލަ ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބުނަމުން މޫސަ ކިޔައިދިނެވެ.

ފެލިވަރު ކެންޓީނުހާ ސާފުތާހިރު ތަނެއް ނުފެންނަ ކަމަށް މޫސަ އެހެން ބުނުމާ އެކު، އަހަރެމެންނަށް ވެސް ބުނެވުނީ ހަމަ އެހެން އެކަން އޮތީމަ އެވެ. މުވައްޒަފުން ކާން ތިބޭ ސަރަހައްދުގެ ތަރުތީބުކަމާއި ވަގުތުން ސާފުކުރުން ފަދަ އެތައް ކަމެއް އެ ކެންޓީނުން ފާހަގަވި އެވެ. ކެންޓީނުގެ ތަޅުންގަނޑުމަތިން އެންމެ ކުނިކޮޅެއް ވެސް އަހަރެމެން ފެލިވަރުގައި ހޭދަކުރި ތިން ދުވަހު ވެސް ނުފެނެ އެވެ. 

ފެލިވަރުގެ ކެންޓީނުގެ ސުޕަވައިޒަރު އަދި ސްޓޯރުކީޕަރު މޫސަ: އޭނާ އެންމެ ލޯބިވާ ތަނަކީ ވެސް ފެލިވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ ކެންޓީނުގެ ސުޕަވައިޒަރު އަދި ސްޓޯރުކީޕަރު މޫސަ: އޭނާ އެންމެ ލޯބިވާ ތަނަކީ ވެސް ފެލިވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޫސަ ބުނި ގޮތުގައި، ފެލިވަރު ކެންޓީނުގެ ސުވަޕައިޒަރުކަމާ އޭނާ ހަވާލުވީ އެ ތަނުގެ ސާފުތާހިރުކަން ދަށަށް ގޮސް އެކަން ރަނގަޅު ކުރަން ބާރު އެޅި ދުވަސްވަރެެއްގަ އެވެ. 

"އޭގެ ފަހުން ކެންޓީނަކީ މުޅި ފެލިވަރުގައި އެންމެ ރަނގަޅު ތަން. ސާފުތާހިރުކަން ވަރަށް ރަނގަޅުވާނެ. އަޅުގަނޑަށް މިހާތަނަށް މީހެއްގެ ފަރާތުން ލިބުނު އެންމެ އުފާވެރި ސްޓޭޓްމަންޓަކީ ސީއީއޯ އެ ވިދާޅުވި ބަސް. ކާކުހޭ މިހާރު ކެންޓީނު ބަލަހައްޓަނީ ސީއީއޯ އެހީމާ އަޅުގަނޑު ބުނިން އަޅުގަނޑޭ،" މޫސަ ކިޔައިދިނެވެ. 

"ފަރުހަތު އެ ބުނި ބަހަކީ ހަމަ ސެޓްފިކެޓެއް އަޅުގަނޑަށް ދިނުން ފަދަ ކަމެއް."

ފެލިވަރުގެ މުވައްޒަފުންނަށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި މާހެފުން އިންތިޒާމު ކުރުމުގައި މޫސަ ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މުވައްޒަފުންނަށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި މާހެފުން އިންތިޒާމު ކުރުމުގައި މޫސަ ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގައި އުޅޭ ނ. އާއި ރ. އަތޮޅުގެ މުވައްޒަފުންނަށް ހަފުތާއަކު އެއް ދުވަހު ފެރީ ދަތުރު ހަމަޖައްސާފައިވާތީ މޫސަ ވެސް ބޭނުން ނަމަ ހަފުތާ ބަންދުގައި ރަށަށް އާއިލާ އަށް ކައިރިއަށް ދެވެ އެވެ. ޗުއްޓީ ވެސް ބޭނުންވާ އިރަށް ފަސޭހައިން ލިބޭތީ ފެލިވަރަކީ ރިސޯޓަކަށް ވުރެ މާ ރަނގަޅު ތަނެއް ކަމަށް މޫސަ ދެކެ އެވެ. 

"ރޭގަނޑު މަސައްކަތް ނިންމާފައި އަންހެނުންނަށް ގުޅައިގެން އޮވެފައި، ނިދާފައި އަނެއް ދުވަހު ފަތިހު އަނެއްކާ މަސައްކަތަށް. މިއީ އަހަރެންގެ އަމިއްލަ ރަށް ފަދަ ލޯބި ރަށެކޭ ބުނެވޭނީ،" މޫސަ ބުންޏެވެ.

ފަތިހު ފަހެއް ޖަހާއިރު ކެންޓީނަށް ވަންނަ ގޮތަށް ރޭގަނޑު އެންމެ ފަހު މީހަކަށް އެ ތަނުން ނުކުންނަނީ މޫސަ އެވެ. އޭނާ ކެންޓީނުގެ ދޮރު ރޭގަނޑު 10 ޖަހާއިރު އެ ލައްޕަނީ ކޮންމެ ދުވަހަކު ވެސް 800 އަށް ވުރެ ގިނަ މުވައްޒަފުންނަށް ހިތްހަމަޖެހުން ހޯދައިދީފަ އެވެ. ޝަކުވާއެއް ނެތި އެވެ. ފެލިވަރާ މެދު އޭނާގެ އޮތީ އާދަޔާހިލާފު ލޯތްބެކެވެ. އެ ލޯތްބަށް ނިމުމެއް ނެތް ފަދަ އެވެ.