ފެލިވަރުގައި އެންމެ ހިތްގައިމު އެ ސަރައްހައްދުގެ ޖޯލިފަތީގައި އޭނާ އޮށޯވެލައިގެން އޮތް އިރު ހީވަނީ މަސް ބަންދުކުރާ މި ކާރުހާނާގައި މިއީ މާ ބޮޑު ދައުރެއް އޮތް މީހެއް ނޫން ކަމަށެވެ. އެކަމަކު، އޭނާއާ ކުޑަކޮށް ވާހަަކަ ދައްކާލުމާ އެކު މިއީ އާދައިގެ މީހެއް ނޫންކަން އެނގުނެވެ.

މިއީ ޅ. އޮޅުވެލިފުއްޓަށް އުފަން އަބްދުލްޣަނީ އިބްރާހިމެވެ. 

ފެލިވަރު ކާރުހާނާއިން ކަނޑާ މަހުގެ އެންމެ އެތިކޮޅެއް ވެސް ބޭކާރުވިޔަ ނުދީ، އެ ފައިސާ އަށް ބަަދަލުކޮށްދޭ މީހާ އެވެ. ފެލިވަރުގެ "ފިޝްމީލް" ފެކްޓަރީ އެ ހިނގަނީ ޣަނީގެ ސިކުނޑިންނެވެ. 

"އެ މީހުން [ފެލިވަރު ކޭނަރީ އަށް ބޭނުންވާ މަސް ކަނޑާ މީހުން] އުކާލާ ހުރިހާ ބައިތައް މި ތަނަށް ގެނެސް އަހަރެމެން މި ހަދަނީ ލާރިއަށް. އެ މީހުން އުކާލާ ވަރަކުން ލާރި އަށް ހެދޭނެ. އަހަރެމެންނަށް ދުވާލަކު ފަސް ޓަނު ވެސް ހަ ޓަނު ވެސް ހަތް ޓަނު ވެސް ހެދޭނެ. އެ މީހުން ކޭނަރީން މަސް ކަނޑާ އަދަދަކުން މި ތަނުން ތައްޔާރު ކޮށްދޭނަން،" އުމުރުން 55 އަހަރުގެ ޣަނީ އޭނާގެ ތަޖުރިބާއިން ލިބިފައިވާ ޔަގީންކަމާ އެކު ބުންޏެވެ.

ޣަނީ ފޮޓޯއަކަށް ތައްޔާރުވެގެން: އުމުރުން 16 އަހަރުގައި ފެލިވަރާ ގުޅުނު ގޮތަށް 55 އަހަރު ފަހަނައަޅައި ދިޔައިރު ވެސް ޣަނީގެ ހުރިހާ ވެސް ތަނަކީ ފެލިވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޣަނީ ފޮޓޯއަކަށް ތައްޔާރުވެގެން: އުމުރުން 16 އަހަރުގައި ފެލިވަރާ ގުޅުނު ގޮތަށް 55 އަހަރު ފަހަނައަޅައި ދިޔައިރު ވެސް ޣަނީގެ ހުރިހާ ވެސް ތަނަކީ ފެލިވަރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

މަސްދަޅު ބަންދުކުރަން ބޭނުންވާ މަސްތައް ނެގުމަށް ފަހު ޣަނީމެންގެ ޓީމަށް ދޫކޮށްލަނީ މަހުގެ ކަށި ފަދަ ބާވަތްތަކެވެ. އެއީ މަސް ބަންދުކުރާ ކާރުހާނާ އަށް ނުނަގާ ބައިތަކެވެ. އެ ތަކެތި ހޮކަރަށް އަޅައި، މުގުރުމަށް ފަހު، ވަކި ހާއްސަ މެޝިނަކުން ހިއްކައި ދެން އެ ނިޒާމުގެ ތެރެއިން ދޫކޮށްލަނީ ގޯނިތަކަށެވެ. އޭގެ ފަހުން އެ ގޯނިތައް ބޭރުކޮށްލަނީ ރާއްޖޭގެ ބާޒާރުގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށެވެ. ފަހަކަށް އައިސް އެންމެ ގިނައިން ފިޝްމީލް ގޯނި ގެންދަނީ ބަންގްލަދޭޝް މީހުންނެވެ.

"ބަންގްލަދޭޝް މީހުން ބުނާ ގޮތުން އެ ބޭނުންކުރަނީ ގަސް ކާނާއަށާއި ގެރިބަކަރީގެ ކާނާގެ ގޮތުގައި. ރާއްޖޭގެ ބާޒާރަށް ވެސް ހަމަ އެހާ ވަރަށް ގެންދޭ."

ފެލިވަރުގެ މަސް ކާރުހާނާ އަށް ބޭނުން ނުވާ މަހުގެ ބާވަތްތައް ފިޝްމީލް ފެކްޓަރީ އަށް ގެނެސް ޕްރޮސެސް ކުރަން ތައްޔާރު ކޮށްފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ބޭނުން ނުވާ މަހުގެ ބާވަތްތައް ފިޝްމީލް ފެކްޓަރީ އަށް ގެނެސް ޕްރޮސެސް ކުރަން ތައްޔާރު ކޮށްފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގެ ވަޒީފާއާ ޣަނީ ގުޅުނީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. މި ކާރުހާނާ އަށް 48 އަހަރު ފުރިފައިވާއިރު ޣަނީ އެ މަސައްކަތުގައި އުޅޭތާ 39 އަހަރު ވެއްޖެ އެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ. އޭގެ ފަހުން ފެލިވަރާ ދުރަކަށް ނުދެވުނެވެ. އެހެން ވަޒީފާއަކަށް ދާން ހިތަށް ވެސް ނާރަނީ އެވެ. 

ފިޝްމީލް ފެކްޓަރީގެ މަސައްކަތް ކުރާ ގޮތް ޣަނީ ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފިޝްމީލް ފެކްޓަރީގެ މަސައްކަތް ކުރާ ގޮތް ޣަނީ ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑު މިތަނާ ގުޅުނުއިރު ވެސް މި ތަން ރަނގަޅު. މިހާރު ވެސް ވަރަށް ރަނގަޅު. މި ތަނަށް ޖޮއިން ކުރި ގޮތަށް ހިތަށް އެރީ ދެން އެހެން ތަނަކަށް ގޮސް ސަކަރާތް ޖެހުމަކީ މާ ރަނގަޅު ކަމެއް ނޫނޭ. އެހެންވެ އަލަށް ނުކުތް ވަޒީފާގައި އަދިވެސް މި އުޅެނީ،" ޣަނީ ކިޔައިދިނެވެ. 

ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުން ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުން ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގެ ސީނިިއާ މެކޭނިކްގެ މަގާމުގައި ހުރި ޣަނީގެ އެންމެ ބޮޑު ކުރިއެރުމަކީ "ފިޝްމީލް" ފެކްޓަރީގެ ހުރިހާ މަސައްކަތެއް އެނގުމެވެ. ކޮންމެ މެޝިނެއް ވެސް އަމިއްލަ އަށް ރޫޅާލައި، ކުރިން ހުރި ގޮތަށް ރާވައިލަ އެވެ. މެޝިނަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެ މަރާމާތު ކުރާނީ އަމިއްލައަށެވެ. ފެލިވަރު މަސް ކާރުހާނާ އިން އުކާލާ މަހުގެ ހުރިހާ ބައިތަކެއް މެޝިންތަކުގެ އެހީގައި ޕްރޮސެސް ކުރުމުގައި އަމަލީ ގޮތުން މި ހުރިހާ ދުވަހު އޭނާ އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ކައިރީގައި ޣަނީ މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ކައިރީގައި ޣަނީ މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މި ތަނުން ދަސްވި އެއްޗެއް ދަސްކޮށްގެން މި ހުރީ. ވަކި އެއްޗެއް ކިޔަވާކަށް ނުދަން. ސްކޫލް ނިންމި ގޮތަށް މި ތަނުގެ ވަޒީފާ އަށް ނުކުތީ،" ޣަނީ ބުންޏެވެ. 

"ފިޝްމީލް" ފެކްޓަރީގައި މިހާ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާތީ އޭނާ ވަނީ އެ ތަނުގެ ހުރިހާ ތަޖުރިބާއެއް ކޮށްފަ އެވެ. ފަސް މެޝިނުން މަސައްކަތްކުރި ޒަމާން ވެސް ޣަނީ ދެކެފި އެވެ. އަތުން މިކްސް ކޮށްގެން ޕްރޮސެސް ކުރި ޒަމާނުގައި ވެސް ޣަނީ އުޅުނެވެ. އެކަަމަކު، މިހާރު އެންމެ މެޝިނަކުން މުޅި ޕްރޮސެސް އެއްކޮށް ނިންމާލަ އެވެ. ޕްރޮސެސް ކުރަނީ ސްޓީމް ކޮށްގެންނެވެ. 

ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުން ޣަނީ ބަންދުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައިވާ އުފެއްދުން ޣަނީ ބަންދުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގެ ކާރުހާނާގެ ބޭކާރު ބައިތައް "ފައިސާ" އަށް ބަދަލުކޮށްދޭ ފެކްޓަރީ އަށް ޣަނީގެ ލޯބި ޖެހުނީ އެ ތަނުގައި ފިލިޕިންސް މީހުން ތިބި ދުވަސްވަރުގަ އެވެ. ފިޝްމީލް ފެކްޓަރީގައި މުވައްޒަފުން މަދުކަމުން އެ ތަން ފޫބައްދަން އެ ޒަމާނުގައި ފޮނުވި ލޭބަރުންގެ ޓީމުގައި ޣަނީ ވެސް ހިމެނުނީ އެވެ. 

"އެ ގަޮތަށް މި ތަނަށް އަންނަތާ މަހެއްހާ ދުވަސްވީއިރު މި ތަނާ އޭރު ހަވާލުވެ ހުރި ބޭރު މީހާ ބުނެފި މި ތަނަށް އެއްކޮށް އަންނަންވީ ނޫންހޭ. އެ ދުވަސްވަރު ނިސްބަތުން އެންމެ ގިނަ އޯވަޓައިމް ވެސް ލިބޭނީ މި ތަނުން. ކޮންމެ ރެއަކު ނިމޭނީ 12 ޖަހާއިރު. އެ ބޭރު މީހާ އަޅުގަނޑު އޮޕަރޭޓަރަކަށް ހަދައިދިނީ،" ޣަނީ ކިޔައިދިނެވެ. 

ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމުގައި ޣަނީ ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމުގައި ޣަނީ ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފެލިވަރުގެ ވަޒީފާގައި އުޅެމުން ޣަނީ ވަނީ ދިރިއުޅުމެއް ފަށައި އަމިއްލަ ރަށުގައި ފެންވަރު ރަނގަޅު ގެއެއް ހަދައިފަ އެވެ. މީހެއްގެ އަތުން އަދި ބޭންކަކުން ވެސް ލޯނެއް ނުނަގަ އެވެ. ހުރިހާ ވެސް ތަނަކީ ފެލިވަރެވެ. 

ގޭގެ ފެންވަރާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނީ ފޮނިކަނޑަން ބޭނުން ނުވާ ކަމަށާއި އަމިއްލަ އަށް ގޮސް ބަލާލާށެވެ. އޭނާ ބުނެދޭން އެނގުނީ ރަށެއްގެ ފެންވަރުގައި އެންމެ ތަނަވަސްކޮށް ގެ ހަދާފައިވާ ކަމަށާއި އެއީ ހަމަ ފެލިވަރުގެ މި ވަޒީފާގެ ފޮނިމީރުކަން ކަމެވެ. 

"މީހަކަށް ނުދަރާ އެކަން ނިންމާލާފައި އޮންނާނީ،" މިހާރު ބޮޑު ދެ ކުދިންގެ ބައްޕަ ފަހުރުވެރިކަމާ އެކު ބުންޏެވެ.  

އޭނާ ހުރީ ދުވަހަކު ވެސް ފެލިވަރު ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެ ވިސްނުމެއް މިދިޔަ 39 އަހަރު ވެސް ނެތް އިރު ދެން އަމުދުން އެ ކަމާ ނުވިސްނާނެ ކަމަށް ޣަނީ ބުންޏެވެ. އެކަމަކު، ފިޝްމީލް ފެކްޓަރީގެ އިންޖިނިއަރުގެ މަގާމަށް ޕްރޮމޯޓު ވުން އެއީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާ ބުނާ ގޮތުން އެ މަގާމު ހައްގު ވަރަށް ފެލިވަރަށް ހިދުމަތް ކުރެވިއްޖެ އެވެ. 

ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތައް ހިމުން ކުރުމަށް ފަހު ހިއްކަން ތައްޔާރުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފެލިވަރުގެ މަސް ކާރުހާނާ އަށް ނުނަގާ މަހުގެ ބާވަތްތައް ހިމުން ކުރުމަށް ފަހު ހިއްކަން ތައްޔާރުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މި ތަނުގައި އުޅެ ވީ ކަމެއް މިވީ. ދެން އިތުރަށް އެހެން ވަޒީފާއަކަށް ވިސްނަންޖެހޭ ސަބަބެއް ނެތް."

އެއީ ރަނގަޅު ވާހަކައެކެވެ. މި ވަޒީފާގައި ހުރެގެން ނުވާ ކަމެއް ނެތެވެ. އޭނާއަކީ މި ތަނަށް އެންމެ މުހިންމު އެއް މުވައްޒަފެވެ. ފެލިވަރަށް ފައިދާ ވައްދާ އެއް ދޮރުގެ އެންމެ އިސް އާރުކާޓީ އެވެ. އަހަރެމެން ބޭނުންކުރާ މަސްދަޅަށް އަޅަން ކަމުނުދާ ތަކެތިން ޣަނީ އެ ހޯދައިދެނީ ފައިސާ އެވެ.