ރޯދަމަސް ފެށެން ދިހަ ދުވަހަށް ވިއިރު ބައެއް ބާވަތްތަކުގެ އަގު އުފުލި، މާލޭގެ ބާޒާރުމަތި ހަލަބޮލިވެއްޖެ އެވެ.
ރޯދައަށް އާއްމުކޮށް ބޭނުންވާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ގެނެސް ފިހާރަތައް ވަނީ ފުރާލައިފަ އެވެ. ހާއްސަކޮށް އަލުވި، ފިޔާ އަދި ބިސް ގިނަ އަދަދަކަށް އެތެރެކޮށް، އެތަކެތި މިހާރު ވަނީ ވިއްކަން ފަށައިފި އެވެ. ބައެއް ފިހާރަތަކުގެ ބޭރު ދުވާރުމަތީގައި ވެސް ގިނަ އަދަދަކަށް ބިސް ކޭހާއި ތަރުކާރީގެ ބާވަތްތައް، އެކި ތަންތަނަށް ފޮނުވަން ބަހައްޓާފައި ހުއްޓެވެ.
އާއްމުކޮށް ރޯދަ މަހު ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް މިހާރު ވަނީ އުފުލިފަ އެވެ. އެންމެ ފާހަގަކުރެވުނު އެއް ބާވަތަކީ މިދިޔަ ހަފުތާގެ ތެރޭގައި 250ރ. އަށް ވިއްކި ބިސް ކޭހެވެ. ބިސް ކޭހެއްގެ އަގު މިހާރު އުޅެނީ 300ރ. ގަ އެވެ. އެކަމަކު ފިޔާ، އަލުވި ފަދަ ބާތްތަކުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ބާޒާރުމަތީގައި ހުންނަ ރ. އަތޮޅު ފިހާރައިގެ މީހަކު ބުނީ ބިހުގެ އަގު މިހާރު މަތިވި ނަމަވެސް އިތުރަށް ދެން ބޮޑުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
"މިހާރު ހުރި ވަރަށް ވުރެ ބިހުގެ އަގު މަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ. މިފަހަރު ފުދޭ ވަރަކަށް ގިނަ ބަޔަކު އެބަ ގެނޭ ރޯދައަށް އާއްމުކޮށް ބޭނުންވާ ބާވަތްތައް،" އޭނާ ބުންޏެވެ.
ބާޒާރުމަތީގައި މިއަދު ބިސް ކޭހެއް 300ރ. އަށް ވިއްކާއިރު ފިޔާ ބަސްތާއެއް 180ރ. އަދި އަލުވި ބަސްތާއެއްގެ އަގު އުޅެނީ 230ރ. އަށެވެ. ވަކިން ވިއްކާ ނަމަ ފިޔާ ކިލޯއެއް ދިހަ ރުފިޔާ އަށް އަދި އަލުވި ކިލޯއެއް އުޅެނީ 12ރ. ގަ އެވެ.
ފިޔާ އަލުވި އަދި ބިސް ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ އެމްއެޗްއާރު ޓްރޭޑިންގެ އިން ވާހަކަދެއްކި މީހަކު ބުނީ ބިހުގެ އަގު ރޯދައިގެ ކުރިން އިތުރަށް ދެން އުފުލިގެން ނުދާނެ ކަމަށެވެ. ނަމަވެސް ރޯދަމަހުގެ ތެރޭގައި އަގުތަކަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
ރޯދައާ ދިމާކޮށް އެ ފިހާރައިން ކޮންމެ ހަފުތާއަކު 500 ކޭސް ބިސް ރާއްޖެ ގެނެސް ވިއްކަ އެވެ. މިދިޔަ ހަފުތާގައި ބިސް ކޭހެއް 240ރ. އަށް ވިއްކުމަށް ފަހު 270ރ. އަށް ބޮޑުކުރި އެވެ.
"މިހާރު ބިހުގެ އަގު އުފުލިފައި ވަނީ ތާޒާވީމަ. އެސްޓީއޯއިން ގެނެސް 270ރ. އަށް ވިއްކަން ފެށީމަ އެ އަގަށް ބަދަލުކުރި ގިނަ ފިހާރަތަކުން،" އެމްއެޗްއާރު ޓްރޭޑިން އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އަޅުގަނޑުމެން މިގެންނަ ބިސް ކޭހުގައި އެންމެ ބިހެއް ވެސް ހަލާކުވެފައި ނުހުންނާނެ. ހަފުތާއެއް ނުވާ ބިސްތައް ގެނެސް މި ވިއްކަނީ."
އޭނާ ބުނީ ރޯދަ މަހުގެ ކުރިން ބިހުގެ އިތުރު ޝިޕްމަންޓެއް ގެންނާނެ ކަމަށެވެ.
ރޯދައާ ދިމާކޮށް އެސްޓީއޯ އިން ގެނައި ފިޔާ އަލުވި އަދި ބިހުގެ ޝިޕްމަންޓެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިއްކަން ފަށައިފ އެވެ. އެސްޓީއޯ އިން ބިސް ކޭހެއް 270ރ. އަށް ވިއްކާއިރު ފިޔާ ބަސްތާއެއް 170ރ. އަށް އަދި އަލުވި ބަސްތާއެއް ވިއްކަނީ 220ރ. އަށެވެ.
އެސްޓީއޯ އިން ބުނީ ރޯދައާ ދިމާކޮށް އިތުރު ޝިޕްމަންޓެއް ގެނެސް އަތޮޅު ތެރޭގައި ހުރި އެސްޓީއޯގެ ފިހާރަތަކުގެ އިތުރުން ޑިސްޓްރިބިއުޓަރުން މެދުވެރިކޮށް ވިހާ ގިނަ ބަޔަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ރޯދައަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވެސް ވިޔަފާރިވެރިން ގިނަ އަދަދަށް ގެނެސް މާލެ އާއި ރަށްރަށުގެ ފިހާރަތަކަށް ދަނީ ސަޕްލައިކުރަމުންނެވެ. އަދި ދިވެހިންގެ ކެއުމަށް އާންމުކޮށް ބޭނުންވާ ބައެއް އެއްޗެހީގެ އަގު ދަނީ ބޮޑުވަމުންނެވެ. އޭގެ ތެރޭގައި ބައެއް މީހުން އެންމެ ބޮޑަށް ފާހަގަކުރަނީ ކާއްޓެވެ. ކާއްޓެއްގެ އަގު އުޅެނީ 10ރ އިން މަތީގަ އެވެ.
"ރޯދަމަހާ ދިމާކޮށް ގިނަ އަދަދަކަށް ކެރެޓާއި ކެބެޖާއި ޓޮމާޓޯ އަދި ތޮޅި އާއި މިރުހާއި ލުބޯ، ކެޕްސިކަމް ވެސް ގެނެސްފައިވާނެ. އެތަކެތި ތާޒާކަމާ އެކު މެދުނުކެނޑި ލިބެން ހުންނާނެ. އާއްމުކޮށް ވިއްކާ އަގަށް ވުރެ ބޮޑުނުކުރަން ނިންމާފައި ވަނީ،" ބާޒާރުމަތީ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެކަމަކު ބާޒާރުކުރާ ބައެއް އާންމުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި މިހާރަށް ވުރެ ވެސް ބައެއް އެއްޗެހީގެ އަގު މައްޗަށް ދާނެ އެވެ. އޭގެ އަސަރުތައް މިހާރު ވެސް ބާޒާރުން ފެންނަ ކަމަށް އެ މީހުން ބުނެ އެވެ.