ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮގަނޑުތަކެއްގައި މީހަކު މަޑުކޮށްލައިގެން: ދޮންކެޔޮގަނޑެއްގެ އަގު ވަނީ 600ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
22 މެއި 2017 - 16:08
ރޯދަމަހަށް މާލޭ ލޯކަލް މާރުކޭޓުގައި ދިވެހި އުފެއްދުންތައް ތިޔާގިވި ނަމަވެސް ބައެއް ބާވަތްތަކުގެ އަގު އުފުލެން ފަށައިފި އެވެ.
ރޯދަމަހު އާއްމުކޮށް ކެއުމަށް ބޭނުންކުރާ ކަރާ، ދޮންކެޔޮ އަދި ފަޅޯ ފަދަ ބާވަތްތައް އެކި ރަށްރަށުން ގިނަ އަދަދަކަށް ގެނެސްފައިވެ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުން އެއްޗެހި ގެނައުމަށް ވަނީ ހުރަސްއެޅިފަ އެވެ.
ބާޒާރުގައި ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ކުރިން 10ރ. އަށް ހުރި ކާޓެއްގެ އަގު މިހާރު ވަނީ 25ރ. އަށް އުފުލިފަ އެވެ. އާއްމުކޮށް ކާއްޓެއް އަގު އުޅެނީ 10ރ، 15ރ. އަދި 25ރ. އަށެވެ.
ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ކާށިތަކެއް: ކާއްޓެއްގެ އަގު މިހާރު 25ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
"މިދުވަސްވަރު ކާށި ލިބުން ވަރަށް މަދު. ކުރިޔަށް އޮތީ ރޯދަމަސް ކަމަށް ވުމުން ކާށީގެ ޑިމާންޑް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ. އެހެންވެ ވީހާވެސް ގިނަ ރަށްރަށުން ކާށި ގެނެވޭތޯ މިދަނީ މަސައްކަތްކުރަމުން،" މާރުކޭޓުގައި ކާށި ވިއްކަން ހުރި މީހަކު ބުންޏެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ބުނީ ރޯދަމަސް ފެށުމާއެކު ބައެއް ބާވަތްތަކުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހާއްސަކޮށް ކަރާ، ދޮންކެޔޮ، މިރުސް ފަދަ ބާވަތްތަކުގެ އަގު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މޫސުން ގޯސްވެގެން، މިހާރު ވެސް ގެންނަން ބޭނުންވި އަދަދަށް ބައެއް ތަކެތި ނުގެނެވޭ. މިގޮތަށް މޫސުން ދިގުލައިގެން ގޮސްފި ނަމަ މިހާރަށް ވުރެ އަގު މައްޗަށް ހިނގައިދާނެ،" މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ބުންޏެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ތަކެތި ވިއްކަން ހުރި މީހަކު މަޑުކޮށްލައިގެން: ދިވެހި އުފެއްދުންތަކުން މާރުކޭޓު ވަނީ ތިޔާގިވެފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
ލޯކަލް މާރުކޭޓުގައި އެންމެ ގިނަ އަދަދަށް ގެނެސްފައި ހުރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަރާ ކިލޯއެއްގެ އަގު އުޅެނީ 15ރ. އަށެވެ. އަދި ދޮންކެޔޮ ކިލޯއެއްގެ އަގު އުޅެނީ 45ރ. އަށެވެ. އެވްރެޖްކޮށް، ދޮންކެޔޮގަނޑެއް އަގު ވަނީ 400ރ. އާއި 600ރ. އާ ދެމެދުގެ އަގެއްގަ އެވެ. ފަޅޯ ކިލޯއެއްގެ އަގު އުޅެނީ 8ރ. އާއި 20ރ. އާ ދެމެދު އަގެއްގަ އެވެ. ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 35ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މިރުހުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. ޔުގެންޑާ މިރުހުގެ 100 ގްރާމް 20ރ. އަށް ވިއްކާއިރު ކަނޑޫދޫ މިރުސް ވިއްކަނީ 100 ގްރާމް 60ރ. އަށެވެ. އަދި އާދައިގެ ގިތެޔޮ މިރުސް ކިލޯއެއް ވިއްކަނީ 35ރ. އަށެވެ.
ލޯކަލް މާރުކޭޓުގެ ބޭރުގައި ހުރި ފަޅޯތަކެއް: ފަޅޯ ކިލޯއެއްގެ އަގު ވަނީ 20ރ. އަށް އުފުލިފައި. ފޮޓޯ: ނިޝާން އަލީ /މިހާރު
ކަރާ އާއި މިރުސް ފަދަ ބާވަތްތަކުގެ އަގު ބޮޑުވިޔަ ނުދިނުމަށް ގިނައިން ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު މިދުވަސްކޮޅު މޫސުން ގޯސްވުމުން އެކަމަށް ދަތިވެފައިވާ ކަމަށް، މާރުކޭޓުގައި ހުރި މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާ
23 May 2017
އަޅުގަނޑަށް ފެނުނީ،،%100 މުސްލިމުން ނޫޅޭ ގައުމު ތަކުގައި، ހިންދޫންނާއި، ބުޑިސްޓުން އަދި ނަސާރާ ދީނުގެ މީހުން ހިންގާ ފިހާރަ ތަކުންވެސް ރަމަޒާން މަހު ވަރަށް ބޮޑުތަން އަގުހެޔޮކޮށް ގެން ހުރިހާ މުދަލެއްވެސް ވިއްކާތަނެވެ.އަކަމަކު މި ދޫނި ރާއްޖޭގައި......................
ހަސަން
22 May 2017
ބަޔެއްތަކެތި ލިބުމުގެ ދަތިކަން ހުރުމުން އަގުތައް އުފުލޭ .. ނަމަވެސް ބަޔެއް ފަހަރު ވިޔަފާރިވެރިން ހެޔޮއަގުގައި ލިބޭ އެތިކޮޅުވެސް ރޯދަޔާ ކައިރިވުމުން އެބަ އަގުބޮޑު ކޮއްލާފަ ވިއްކާލާ...