ބިސް ރިހަ
25 ޖޫން 2016 - 09:05
6 ކުކުޅުބިސް (ކައްކާފައި ނޮޅާފައި)
100 ގުރާމު ވަޅޯމަސް ނުވަތަ ހިކިމަސް (ކޮށާފައި)
3 މޭޒުމަތީސަމުސާ ހަނާކުރި ހުނި ހަވާދު ނުވަތަ އައްޑޫ ހަވާދު (ހިމުންކޮށް ފުނޑާފައި)
2 ޖޯޑު ކާށިކިރު
1 ސައިސަމުސާ ލޮނުމެދު (ގާނާފައި ނުވަތަ ޗިސްކޮށްފައި)
½ ސައިސަމުސާ އިނގުރު (ގާނާފައި)
⅓ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)
1 ފިޔާ (ބޮޑު، ކޮށާފައި)
1 ޗިކަން ކިއުބު
1 ޓޮމާޓޯ (ކޮށާފައި)
½ ސައިސަމުސާ ދިރި (މުގުރާފައި)
½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި)
ރޯމިރުހެއް ނުވަތަ ގިތެޔޮމިރުސް (ކުޅި ކުރަން ބޭނުން ވަރަކަށް)
ހިކަނދިފަތް، ރާނބާފަތް، ތެޔޮ، ލޮނު
ލޮނުމެދާއި އިނގުރު ލައިގެން ފިޔާ މީރުކޮށްފައި، އޭގެ ދެބައިކުޅަ އެއްބައި ނެގުން. ތެލީގައި ހުރި ބައިގެ ތެރެއަށް ހަވާދުކޮޅު (އެއް ޖޯޑު ފެނުގައި ގިރާލުމަށް ފަހު) އަޅާލުން. އިތުރު ފެންޖޯޑަކާއި، އެއް ޖޯޑު ކާށިކިރު އަޅައިގެން ހަވާދުކޮޅު ކައްކާލުން. ރަނގަޅަށް ބޮކިޖަހައި ކެކެން ފެށީމައި މަސްކޮޅު އަޅާފައި، ފަސް މިނެޓު ވަންދެން ކައްކާލުން. ވަކިން ނެގި ފިޔާކޮޅުގެ ތެރެއަށް އަސޭމިރުސް، ދިރި، ފޮނިތޮށިކާފޫރުތޮޅި، ޓޮމާޓޯ، މިރުސް އަޅާފައި، ކިރުޖޯޑު ވެސް އެ އަށް އެއްކޮށްލާފައި މަތިޖަހަފައި ބެހެއްޓުން. ފަސް މިނެޓު ވަންދެން ކެއްކުމަށް ފަހު، ޗިކަން ކިއުބު (ހޫނު ފެންފޮދެއްގައި ގިރައިލައިފައި) އަޅައިފައި ބިސްތައް އެޅުން. ރިހައިގެ ދިޔަ ބަހައްޓަން ވާނީ، ބިސްތައް އެޅީމައި ބިސްތައް ފޮރުވޭ ވަރަށް. ރަނގަޅަށް ކެކިގަތީމައި ތައްޔާރު ކުރި ކިރުޖޯޑު އަޅައިލުން. ބޮކިޖަހައި ކެކެން ފެށުމުން، ލޮނު ހެޔޮވަރު ކޮށްފައި، ހިކަނދިފަތާއި ރާނބާފަތް އަޅާފައި އުނދުން ނިއްވާލުން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy