މެންދުރު · 11:56

އޮޑިފަހަރަށް މުދާ ބަރުކުރުން ލަސްވެ، މާލޭގެ ފަޅުތެރެ ތޮއްޖެހިފައި

މި ހަފުތާގައި ފަށާ މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ރަށްރަށަށް ގެންދާ މުދާ އެތައް ގުނައެއް އިތުރުވެފައިވާ އިރު، އޮޑިދޯނިފަހަރަށް މުދާ ބަރުނުކުރެވިގެން މާލެ އިން ނުފުރި މާލޭގެ އުތުރު ފަރާތުު ފަޅުތެރެ ތޮއްޖެހިއްޖެ އެވެ.


އޮޑިވެރިން ބުނާ ގޮތުގައި ރޯދަ މަސް ފެށެން ދެތިން ދުވަހަށް ވެފައިވާ އިރު، މި ފަހަރު މި މައްސަލަ ކުރިމަތިވީ ދުވާލު ވަގުތުތަކުގައި މާލެތެރޭގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާ ކުރުމާ ގުޅިގެން އޮޑިދޯނިފަހަރަށް މުދާ ބަރު ނުކުރެވިގެންނެވެ. ދުވާލު ވަގުތުތަކުގައި މާލެތެރޭގައި މުދާ އުފުލުން މަނާ ކުރުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި އަދި ރޯދަ އަށް ރަށްރަށަށް ގެންދަންޖެހޭ މުދާ އިތުރުވުމުން އިންތިހާ އަށް ދަތިތަކާ ކުރިމަތިވަމުން ދާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް ބޯޓުތަކުގެ ކައްޕިން ބުނެ އެވެ.

"ބޯޓު ބަރުކުރަން ކުރިން ނަގަނީ ހަފުތާއެއްހާ ދުވަސް. މިހާރު ބައެއް ފަހަރު އެބަ ނަގާ ތިން ހަފުތާ. ދުވާލު އެބަ އާދޭ ކުދި ފޮށިގަނޑުތައް ކަހަލަ އެއްޗެހި. އެހެންވެ އަނެއްކޮޅުން އެބަ ޖެހޭ ދުވާލު ވެސް މަސައްކަތުގަ އުޅެން،" އައްޑު އަށް މުދާ އުފުލާ ނަޒާ އެކްސްޕްރެސް ބޯޓުގެ ހުސައިން ޒައިދު ބުންޏެވެ.

ނޯތު ހާބަރުގައި ބޯޓަކަށް އަރުވަން ބަހައްޓާފައި ހުރި މުދާތަކެއް.-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނ. މިލަދޫ މަންޒިލް ބޯޓުގެ ކެޕްޓަން ގާބިލް އަހުމަދު ބުނީ، ދުވާލު މުދާ އުފުލުން މަނާ ކުރުމުން ދިމާވާ ދަތިތަކަކީ އޭނާ ބޯޓު ދަތުރު ކުރަން ފެށިތާ ހަ އަހަރު ވީއިރު، ކުރިމަތިވި އެންމެ ބޮޑު އުނދަގޫ ކަަމަށެވެ.

"ރޯދަ އަށް މުދާ ގެންދަަން މިތަން މި އޮންނަނީ ތޮއްޖެހިފަ. މުދާ ހިފައިގެން އަންނަ ޕިކަޕަށް، ކިއުގަ އޮވެގެން މިތަނަށް ވަދެވޭ އިރު ބައެއް ފަހަރު މި އޮންނަނީ ފަތިސްވާން ކައިރިވެފަަ،" ނޯތު ހާބަރުގައި އަޅާފައި އޮތް ބޯޓުގެ ކެޕްޓަން ބުންޏެވެ.

ބޯޓަށް މުދާ އެރުވުން މަޑުޖެހުމުން، އެހެން ބޯޓުތައް ބަނދަރާ ކައިރި ކުރަން ޖާގަ ނުލިބި، އެ ބޯޓުތަކަށް އަރުވަން ޖެހޭ މުދާތައް ބަނދަރުމަތީގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ބައެއް ކައްޕިން ބުންޏެވެ. އެގޮތަށް ބަނދަރުމަތީގައި މުދާ ބަހައްޓަން ޖެހުމުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

ނޯތު ހާބަރުގައި އޮތް ބޯޓަކަށް މުދާ އަރުވަނީ.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

ބޯޓުތަކަށް ކާޑު އެރުވުމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ހަވީރު ހައެއް ޖެހުމާ އެކު އެއްފަހަރާ މުދާ އުފުލަން އުޅަނދުތައް ނުކުތުމުން، ފަހަކަށް އައިސް މާލޭގެ މަގުތައް ރޭގަނޑު ވަގުތުތަކުގައި ވަރަށް ބޮޑަށް ތާށިވެ އެވެ.

ރަށްރަށަށް ފޮނުވަން ބޯޓުތަކަށް ކާޑު ޑެލިވަރީ ކުރާ މީހަކު ބުނީ، ޓްރެފިކް ބާރު ބޮޑުވުމުން ބައެއް އޯޑަރުތައް ކެންސަލް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ބައެއް ބޯޓުތައް ކާޑު ނާރުވައި ފުރަންޖެހޭ ހާލަތްތައް ވެސް އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިހާރު މި އޮންނަނީ 700-800 ވަރަކަށް ބަސްތާގެ އޯޑަރެއް އަޔަސް ޑެލިވަރީ ނުވެފަ. ބައެއް ފަހަރު ޑެލިވަރީ ލަސްވެގެން ދޯނިތަކުން ކާޑު ނުނަގާ ފުރައިގެން އެބަދޭ. އަނެއްކާ ބައެއް އޯޑަރުތައް އަހަރެމެންނަށް ޑެލިވަރީ ނުކުރެވޭތީ ދޫކޮށްލަން ވެސް ޖެހޭ،" އޭނާ ބުންޏެވެ.

ބައެއް އޮޑިވެރިން ބުނި ގޮތުގައި މާލޭ ބަނދަރުގައި މި ދުވަސްވަރު ބޯޓުތައް ތޮއްޖެހިފައި އޮތުމުން، ތޮށިގަނޑާ ކައިރި ނުކުރެވި ދެތިން ބޯޓުގެ ބޭރުގައި ބޯޓު އަޅައިގެން ތިން ހަތަރު ދުވަހު ވެސް ތިބެންޖެހެ އެވެ. އެހެންކަމުން ރަށްރަށަށް މުދާ ގެންދިއުމުގައި މި ދުވަސްވަރު ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވާ ކަމަށް އޮޑިވެރިން ބުނެ އެވެ.