ރިޕޯޓް / މީހުން

މިއަދުގެ ފިލާވަޅު: "ކަރުނައާ ނުލައި ކެއްކުން"

މުހައްމަދު އަމީން (ކ) އަދި އެމަނިކުފާނު ލިޔުއްވި "ކަރުނަޔާ ނުލައި ކެއްކުން" ފޮތުގެ ބޭރުގަނޑު.

އެމަނިކުފާނަށް ރޭދުވާ 24 ގަޑިއިރަށް ވުރެ އިތުރީ ކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އުމުރުފުޅުން އެންމެ 43 އަހަރުގައި އަވަހާރަވީއިރު ލިޔުންތެރިކަމުގެ ރޮނގުން ހަޒާނާއެއް ދޫކުރައްވާފައިވާކަމެވެ. ކޮންމެ މައުލޫއެއް ނަމަވެސް އެމަނިކުފާނުގެ ސިކުނޑިފުޅުން ގަލަންކޮޅާ ހަމަޔަށް ސިގްނަލްތައް ފޮނުވާލަނީ އެހާމެ ބާރުމިނެއްގަ އެވެ. އަދަބީ ރޮނގުން އެމަނިކުފާނު ކުރެއްވި މަތިވެރި ހިދުމަތްތައް ބަޔާންކުރުމެކޭ މެންދުރުގެ އިރުގެ އަލިކަން ހާމަކޮށްދޭން މަސައްކަތްކުރުމެކޭ ތަފާތެއް ނެތް ކަމަށް "ދިވެހި އަދީބުން ފޮތުގައި" އެވަނީ އެހެންވެ އެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސްގެ ގޮތުގައި އަލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅު ތާރީހުގައި ލިޔެވިފައިވަނީ ކޮންމެ ކުލައެއްގެ ދެއްޔަކުން ކަމުގައިވީ ނަމަވެސް ކަށަވަރުކަމަކީ، ލިޔުންތެރިކަމަށް، އަދަބަށް އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތައް ފަވާލެވިފައިވަނީ ރަނުން ކަމެވެ.

ކެއްކުމަކީ ސައްތައިން ސައްތަ އަންހެނުންނަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮތް ޒަމާނެއްގައި، އެކަން އިލްމެއްގެ ގޮތުގައި ދިވެހި އަންހެން ދަރިންނަށް އުނގަންނަވައިދެއްވުމަށްޓަކައި މީގެ 69 އަހަރު ކުރިން ލިޔުއްވި "ކަރުނައާ ނުލާ ކެއްކުން" މިއީ އެކަމުގެ ހެއްކެކެވެ. އޭރު މަދަރަސުލްސަނިއްޔާގެ މަތީ ކިލާސްތަކުގެ ތާލިބާއިން (އަންހެން ދަރިވަރުން) ކެއްކުމަކީ މަޖުބޫރު މާއްދާއެކެވެ. އިމްތިހާނު އޮންނާނީ ސްކޫލް ގޯތިތެރޭގައި ހަދާ ބަދިގެތަކެއްގަ އެވެ. އެކަމަކު އެ ފޮތުން ދަރިވަރު ވެގެން، ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ނީރާނުލައި ކެއްކީ މަދަރަސުލް ސަނިއްޔާގެ އަންހެން ދަރިވަރުން އެކަންޏެއް ނޫނެވެ. އެތައް ދިވެހިންނެކެވެ.

އަމީނަކީ އެކަމިކުފާނު ކޮންމެ ފަސްގަނޑެއްގައި ހުންނެވި ނަމަވެސް، އުފަން ގައުމަށް ހިދުމަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެ ލަވައެއްގެ އަޑުއިވުމުން ގައުމީ ޖޯޝް ހިތުގައި އުތުރިއަރައިގަންނަ "ވަތަނުގެ ދަރީންނަށް ގޮވައިލުމެއް،" މިއީ އިންޑިއާގެ އަލީގަޅުގައި ކިޔަވަން ހުންނެވި އިރު ގައުމަށް ދޫކުރެއްވި ހަދިޔާއެކެވެ. އެފަދަ އެތައް ޅެންތަކެކެވެ. "ހަސީނާގެ ހިތާމަ"، އާއި "ލޯބި އެންމެ ލޯބީ ކަރުނައިގެ ތެރޭގައި" ފަދަ ހިއްސުތަކާ ކުޅެލި ވާހަކަތަކެވެ. އިލްމީ މަޒުމޫނުތަކެވެ. ދިވެހި ބަހާއި ޖޯގްރަފީ އާއި ސިއްހަތާއި ތާރީހާއި ދަނޑުވެރިކަމާއި ދިވެހި ބޭހުގެ ފޮތްތަކެވެ.

"ކަރުނަޔާ ނުލައި ކެއްކުން" މިއީ ސްރީ ލަންކާގައި ހުންނެވި ދުވަސްވަރެއްގައި އުފަންކުރުވި ފޮތެކެވެ. ސަނިއްޔާގެ ދަރިވަރުންނަށް ކައްކަން ދަސްކޮށްދޭނެ މަގެއް އިންތިހާ ދަރަޖައަކަށް ބޭނުންވެ އެކަމަށް، އެމަނިކުފާނުގެ ކޮއްކޯފުޅެއް ކަމަށްވާ އައް ނަބީލާ ފާތިމަތު އިބްރާހިމް ދީދީގެ އެދިވަޑައިގަތުމުން ލިޔުއްވި ފޮތެކެވެ. އެމަނިކުފާނު 1949 ވަނަ އަހަރު ލިޔުއްވި މި ފޮތް ތަހުސީސްކުރައްވާވަނީ ވެސް ކުރީގެ ބޮޑުވަޒީރު އަހުމަދު ޒަކީގެ އަނބިކަނބަލުން ފާތިމަތު ދީދީ އަށެވެ.

އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި ދަރިވަރުންގެ ހިތްތައް ކެއްކުމުގެ މައްޗަށް ހުއްޓުން އަރުވާލެވޭނީ ފަސޭހަ އިބާރާތްތަކަކުން ލިއެވިފައިވާ ފޮތެއްގެ އެހީތެރިކަމާ އެކު ކަމުގަ އެވެ. އެކަމަކު ސުވާލެއް އުފެއްދެވި އެވެ.

"އެފަދަ ފޮތެއް ލިޔުމަށް އެކަށީގެންވަނީ ކާކުގެ ގަލަމަކުންތޯ އެވެ؟ ޝައްކެއް ނެތެވެ. ކެއްކުމުގެ ފޮތެއް ލިއެވޭނީ، ކައްކަން ދަންނަ މީހަކަށެވެ. އެހެންކަމުން. އަޅުގަނޑަކީ، އެއްގޮތަކަށް ވެސް ތިޔަ ވިދާޅުވި ފަދަ ފޮތެެއް ލިޔެވޭނެ ފަދަ ލިިޔާގަތެއް ނުވަތަ މައުލޫމާތުތަކެއް ލިބިފައިވާ މީހެއް ނޫނެވެ،"

އެކަމަކު އެމަނިކުފާނަކީ ކަމެއްގެ ތެރެއަށް ވެންނެވިފައި ނެތަތީވެ އެކަމެއް ދޫކޮށްލުމުގެ ބަދަލުގައި އެކަމެއްގެ އާޖުފާޖު އޮޅުންފިލުއްވައިގެން ކަންކުރެއްވި ބޭފުޅެކެވެ. އެކަމިކުފާނު ވިދާޅުވެފައިވާ ގޮތުގައި "އަޅުގަނޑަކީ، އަޅުގަނޑެވެ." އާދެ "ނުވާނޭ ކަމެއް ނޯންނާނެ ކަމުގައި، ހީކުރާހިތްވާ އަޅުގަނޑެ"ވެ.

ފޮތް ލިއުއްވުމުގައި އެމަނިކުފާނު ތިން ބޭފުޅެއްގެ އެހީތެރިކަން ހޯއްދެވި އެވެ. އެއީ އައްސައްޔިދާ ސައްޔިދު ކަލޭފާނުގެ ތުއްތު ސިއްތި އާއި ހެންވޭރުގޭ ޅަދީދީ އަދި އައިޝަތު އަހުމަދު ދީދީގެ ފަރާތްޕުޅުންނެވެ.

"އެ ތިން ބޭފުޅުންނަށް އަޅުގަނޑަށް ކުރެވުނު އުނދަގޫފުޅުތައް ގިނަގުނަ އެވެ."

މުހައްމަދު އަމީން (މަތީގައި ކޮޅަށް) އެމަނިކުފާނުގެ އަނބިކަނބަލުން ބަގީޗާގޭ ފާތިމަތު ސައީދު (ވ-2) އާއި އެހެން ބައެއް ކަނބަލަތުންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ސަނިއްޔާގެ ނާޒިރާ އައްނަބީލާ އައިމިނަތު ހުސެއިނާއި އެ މަދަރަސާގެ ކެއްކުމުގެ އެއް މުދައްރިސް ކަމަށްވާ އައްނަބީލާ އައިޝަތު ނުޒެއިރު އަށް ވެސް އެމަނިކުފާނު ދަރަނިވެރިވެޑައިގެން ހުންނެވި ފަދަ އިހުސާސެއްކުރެވޭ މިންވަރަށް އެހީތެރިވެވަޑައިގަތެވެ.

"މި ފޮތަށް ލިބެންވީ ތައުރީފެއްގެ ހައްގުވެރިންނަކީ ތިޔަ ދެ ބޭފުޅުންނެވެ. އަދި ނުލިބިނުދާނެ މަލާމާތުގެ ރައްދުވެރިންނަކީ ވެސް އެ ދެ ބޭފުޅުންނާއި އަޅުގަނޑެވެ،" ލިޔުއްވާފައިވެ އެވެ. "މި ކުޑަކުޑަ ފޮތަކީ ތިޔަ ބޭފުޅުންގެ އަރިއަހުގައި ގަބޫލުކުރެއްވެވޭ ފޮތެއް ކަމުގައި ވެއްޖެ ނަމަ އަޅުގަނޑުގެ އެދުން ފުދުނީ އެވެ. މި ފޮތުން އަޅުގަނޑުމެންގެ ތާލިބާއިންނަށް ކިތަންމެ ކުޑަ ނަމަވެސް، ފައިދާއެއް ހާސިލްވެއްޖެ ނަމަ އަޅުގަނޑުގެ މަގުސަދު ހާސިލްވީ އެވެ."

އެކަން ހާސިލްވި އެވެ. ދަރިވަރުންގެ ފޮތެއް ނަމަވެސް އެފަދަ މައުލޫތަކަށް ދިވެހި ބަހުން ފޮތެއް ލިޔެފައި ނެތް އެ ޒަމާނެއްގައި އެ ފޮތް ވެގެންދިޔައީ ރަނެއް މަލެއް ފަދަ އެއްޗަކަށެވެ. ދިވެހި އެތައް ރަހަތަކެއް މަރު ބަލީގައި އޮއްވާ މި ފޮތް ފަރުވާއަކަށްވި އެވެ. ބަލިއެނދުގައި ނަމަވެސް ބައެއް ރަހަތައް މިއަދު ދިރި ދެމިއޮތީ އޮތީ އަމީންގެ މި އެކުލަވާލެއްވުމުގެ ސަބަބުންނެވެ.

ކެއްކުމުގެ ފޮތެއް ނަމަވެސް މިއީ ދިވެހި ބަހުގެ ލިޔުންތެރިކަމާއި ސިފަކުރުންތަކުގެ ފިލާވަޅަކަށް ވެސް ފުދޭ ފޮތެކެވެ. ކައްކާނެ ގޮތް އެމަނިކުފާނު ސިފަކުރައްވާފައިވަނީ ފޮތް ކިޔަން އެނދުމަތީގައި އޮށޯވެގެން އޮންނަ މީހާ ވެސް ނަގާ ކޮޅަށް ޖަހާފާނެ ފަދަ ޖޯޝް ގެނެސްދެއްވަމުންނެވެ. އިބާރާތްކުރައްވާފައިވާ ގޮތުން ހީވަނީ އެމީހަކާ އެކު އެމަނިކުފާނު ވެސް ކައްކަވަމުން ގެންދަވާހެންނެވެ. "ހަނޑޫނާޅިޔެއްގެ ފެންބަތް ކައްކަމާ ހިންގަވާށޭ،" ލިޔުއްވަފާނެ އެވެ. ނުވަތަ "ގިނަ ވާހަކަތަކެއް ނުދައްކާ، ހިކި ރިހަ ފޮދެއް ކެކޭތޯ ފަށައިގަންނަމާ ހިންގަވާށޭ" މިހެން ވެސް އޮވެދާނެ އެވެ.

"ފެން ބަތަކީ އާދެ! ހަމަ ފެން ބަތެވެ. އިތުރު ތައާރަފަކަށް ބޭނުމެއް ނުވާ، ފެން ބަތެވެ. ކޮންމެ އެއްޗަކާ އެކު ވެސް ކެވޭ ފެންބަތެވެ. ދުވަހަކު ވެސް ދެ ގޮތެއް ނުވާ ފެންބަތެވެ،" ދެ ވަނަ ފިލާވަޅުގައި ފެން ބަތް ތައާރަފްކުރައްވާފައިވެ އެވެ. ސާދާވެފައި ސީދަލެވެ.

އެ ބަތް ކައްކާނެ ގޮތް ވެސް ލިޔުއްވާފައިވަނީ ފަސޭހައިން ހިތަށް ވަންނާނެހާ ތިލަކޮށެވެ. "މިއަށް ވުރެ ހަމަޖެހިގެން ތިބެ، ކެކޭނެ އެއްވެސް އެއްޗެއް އެބަ އޮތްތޯ؟" މިހެން އައްސަވައި ލިޔުއްވާފައިވަނީ "އަޅާނެ އެއްޗެހީގެ އަަދަދު ހޯދަންވެގެން ސިކުނޑި ހަލާކުކުރާކަށް ނުޖެހޭ" ކަމަށެވެ. އެއީ ތެދެކެވެ.

"ފެންބަތް ކެއްކުމުގައި، ދެ ގޮތް އޮންނަ ކަމަށް އަޅުގަނޑު އެއްބަހެވެ. އެއީ، ލުހެގެން ކެއްކުމާއި ނުލެހު ކެއްކުމެވެ. ޖެހިލުމެއް ނެތި އަޅުގަނޑު ތަރުހީބު ދެނީ ނުލުހެ ކެއްކުމަށެވެ. ސަބަބަކީ، ލުހެގެން ކެއްކުމުން، ހަނޑުލުގައި ހުންނަހާ ވިޓަމިންތައް މުޅިން ގެއްލިގެންދާ ކަމެވެ." މި ގޮތަށް ލިއުއްވުމުން އެނގެނީ މީގެ 70 އަހަރު ކުރިން ވެސް ސިއްހީ މައުލޫމާތަކަށް ވެސް ހުންނެވީ ރޯފިލާފައިކަމެވެ.

މި ފޮތުން ދިވެހި ސަގާފަތާއި އިހުގެ އާދަކާދަތައް ވެސް އެނގިގެންދެ އެވެ. ޕިލާފް (ފޮލާ) ނުވަތަ ކަލިޔާ ބިރިންޖީ ސިފަކޮށްދެއްވަމުން އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި އިހުޒަމާނުގައި ދިވެހީންގެ އެންމެ ގަދަހުރި ކާނައަކީ، ކަލިޔާ ބިރިންޖީ އާއި މިރުހުލީ ކުޅުޅު ކަމަށެވެ. ގޭގައި ކައްކާފައި ހުރި އެއްޗަކާ މެދު ޝަކުވާކުރުމުން ދެން ކައްކަންވީ "ފޮލާ" ހޭ ބުނެ މައިންބަފައިން ސުވާލުކުރާ ސަބަބު އެނގިއްޖެ ނޫން ހެއްޔެވެ؟

"ކޮންމެ މޮޅު ގެއެއްގައި ވެސް އީދުގެ އުފާވެރި ކެއުމަކަށް ވަނީ އެކެއުމެވެ. އެކި ފުއް ވަކިވަކީން ހުންނާނެހެން ކައްކާލާފައި ހުންނަ، "މުސްކުޅި" ކަލިޔާ ބިރިންޖީ، އޭގެ މީރުކަމާއި މެދު، ވަކީން ދަންނަވާނީ ވެސް ކީކޭތޯ އެވެ. ރަހަ އެނގިވަޑައިގަންނަވާނީ، ހަމަ ފަރިއްކުޅުވުމުންނެވެ."

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން (ކ) އަސްކަރީ ރަސްމިއްޔާތެއްގައި.

މަސްބަތަކީ ދަތުރު މަތީގެ ހާއްސަ ކާނާއި ކަމަށާއި މަސްބަތާއި، ތެލުލި ރިހާކުރާއި އެއްކޮށް މޮޑެލީމާ ދުވާ ވަހާއި ލާ ރަހަ ގަބޫލުކުރުމަކީ ހަމަ ފެނުން ކަމަށް ލިޔުއްވާފައި އިބާރާތްކޮޅު ކިޔާލުމުން، ބަނޑުފުރިފައި ހުންނަ މީހާ ވެސް ކުޅުދިޔާވާނެ އެވެ.

"ލިބިވަޑައިގަތް އެންމެ އަވަސް ފުރުސަތެއްގައި މަސްބަތް ކައްކަވައިގެން ރަހަ ބައްލަވާލައްވާށެވެ. ދުވަސް ދުވަސްކޮޅުން ފަރިއްކުޅުއްވާ ހިތްޕުޅު ނުވަނީ ނަމަ، އާދެ! އަޅުގަނޑަކީ އެއްވެސް ރަހައެއް ދަންނަ މީހެއް ނޫނެވެ." އަދި ލިޔުއްވަ އެވެ؛ "ހަނާކުރި މަހުގެ ވަސް ޖެހުމުން ވެސް ބައެއް މީހުންގެ ބަނޑު ފުރޭހެން ހީވާނެހެން ޔަގީނެވެ."

މުގުބަތަކީ "ބަނޑަށް ނުލާހިކު ރަނގަޅު، އަނގަޔަށް އެހާމެ މީރު ކާނާ" އެއް ކަމަށް ވިދާޅުވެ ލިޔުއްވާފައިވަނީ އެއީ "މީރު ބަތްތަކުގެ ތެރެއިން އެންމެ މީރު ބަތް" ކަމަށެވެ. އަދި ބައެއް ބަތްގަނޑުގަނޑާ އެކު ލައިގެންކާން ބޭނުންކުރެވިދާނެ ކެއުން ވެސް ވިދާޅުވެދެއްވަ އެވެ. މުގުބަތާ އެކު އަލުވި ރިހަ އާއި ފުނޑި ސަޓަންޏެވެ. އާދަވެގެން ކައި އުޅޭ އެއްޗެއް މަތީން ފޫހިވާ ވަގުތެއްގައި ބަދަލެއްގެ ގޮތުން ވަޅޯމަހު ހިކި ރިހަ ކެއުމަށް ލަފާދެއްވާފައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މޭހެޔޮ ކުރާ ގޮތް ހުންނަ ރިހައެއް ކަމަށެވެ. އެކަމަކު ބިރިޔާނީ ތަފްސީލްކުރުމުގައި ވަގުތުތަކެއް ނަގާލުމަކަށް ގަސްދެއް ނުކުރެއްވި އެވެ. ލިޔުއްވީ "ބިރިޔާނީ އަކީ ބިރިޔާނީ" ކަމަށެވެ. އެއީ "ބަތްތަކުގެ ތެރެއިން ރަސްގެފާނު" ކަމަށެވެ.

އެންމެ މަތީ ކެއުންތަކުން ފެށިގެން އަތްމަތީ ކެއުންތައް ވެސް ލިޔެފައިވެ އެވެ. ދިވެހީން ވަރުޖެހި އުފާ ވަނީ ގަރުދިޔަ އާއި ބަތްކާން ލިބުނީމާ ކަމަށް ވިދާޅުވެ އެ ކައްކާނެ ގޮތުގެ ފިލާވަޅެއް ވެސް ދެއްވާފައިވެ އެވެ. ޒަމާނީ ކެއުންތަކަށް ބަލާއިރު ގްރީންޕީސް ރިހަ "ފެށި އޮށު ރިހަ" ގެ ގޮތުގައި ތައާރަފްކުރައްވަމުން ލިޔުއްވާފައިވަނީ އެއީ ހަށިގަނޑަށް ރަނގަޅު އަދި އަނގަޔަށް މީރު އޮށެއް ކަމަށެވެ. ބައެއް ކެއުންތަކަށް އެނަން ދެވުނު ސަބަބު ވެސް ފޮތުގައި ލިޔުއްވާފައިވެ އެވެ. "ކަނޑު ކުޅުޅަ"ށް އެ ނަން ދެވުނީ، ކުކުޅު ރިހައަކީ މަޝްހޫރު ރިހައަކަށް ވާތީވެ، ކަނޑުމަހުގައި ކައްކާ އެންމެ މީރު އެއްޗަށް "ކަނޑުކުކުޅުގެ" ނަން ދިނުމުގެ ގޮތުންނެވެ.

ހަގީގަތުގައި މިފޮތުގައި ވަނީ ކެއްކުމުގެ ފިލާވަޅުތައް އެކަންޏެއް ނޫނެވެ. މިއީ ކެއިންބުއިމުގެ ތަޖުރިބާތަކުގެ އެމުނިއެކުލެވުމެވެ. ދިވެހި ކައްކާ ރިހަތަކުގެ ތެރެއިން އެންމެ މީރު، އެންމެ މަޖާ އެއް ރިހައަކީ ކުޅި ރިހަ ކަމަށް ސިފަކުރައްވާފައިވަނީ އެކަން ހަމަ ކޮންމެ މީހަކަށް ވެސް ތަޖުރިބާކުރެވިފައިވާ އަދި ކުރެވޭނެ ގޮތަށެވެ. އެމަނިކުފާނު ލިޔުއްވަނީ "ރަނގަޅަށް ކައްކާލާފައި ހުންނަ އެ ކުޅި ރިހަޔާއި ބަތް، ކާން ފެށުމުން، ޗޫސް ދަމަމުން އެ ނުކުންނަމުންދާ ނަތީޖާ އަކީ ވެސް ހިތްގައިމު ނަތީޖާއެއް" ކަމަށެވެ. ކަންވަނީ ވެސް އެހެންނެވެ.

ކުޅި ރިހައިގެ މީރުކަމާއި މަޖާކަން ކިތަންމެ ބޮޑަސް އެމަނިކުފާނުގެ އެއް ނަމްބަރު ރިހައަކީ ދޮން ރިހަ އެވެ. އަދި އެމަނިކުފާނުގެ "ހުކުމަ"ކީ ރިހާކުރުގަރުދިޔަ ނުދަންނަ ދިވެއްސަކަށް ދިވެއްސެކޭ ކިއުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމެވެ. މިހާރަކަށް އައިސް ތައްޔާރުކުރެވޭ ކޮންމެ ކެއުންގަނޑެއްގައި ކުކުޅު ރިހަ ނެތް ނެތް ނަމަ އެއީ އުނި ކެއުންގަނޑެއް ކަމަށް ލިޔުއްވާފައިވާ ލިޔުއްވުމަކީ ތެދެއްކަން ސާބިތުވަނީ ހުކުރަކަސް، އީދަކަސް އަދި ފާތިހާއަކަސް ދިވެހިންގެ އެއް ވަނަ ހޮވުމަކީ އަދިވެސް އެ ރިހަ ކަމަށް ވާތީ އެވެ.

ބަތްގަނޑުގަނޑާއި ރިހަތަކަށް ފަހު ފޮތުގެ ފަހުބައި ހާއްސަކުރައްވަނީ ސަޓަންޏަށެވެ. ބޮޑުފިޔާ ސަޓަންޏާއި ހެލެބެނލި ހުތު ސަޓަންޏާއި ފުނޑި ސަޓަންޏާއި ކުކުޅުބިހު ސަޓަނިން، ފޮތުގެ ރަހަ މީރުކޮށްދެ އެވެ. ހެދިކާ ހަދާނެ ގޮތް ވެސް އެ ފޮތުގައި ލިޔުއްވަން ބޭނުންފުޅުވި ނަމަވެސް ވަގުތު ތަންނުދިނުމުން ފަހުން އެހެން ފޮތެއް އެކަމަށް ހާއްސަކުރި އެވެ. ހަނޑުލު ބޮނޑިބަތުން ފެށިގެން މުގުބޮނޑިބަތް އަދި ނަންހުސްކުރި އެކި ވައްތަރުގެ ބޮނޑިބަތް ކައްކާނެ ގޮތް އެ ފޮތުގައިވެ އެވެ. އެކި ވައްތަރުގެ ބޯކިބަލާއި ފޮޅި އާއި ހަލުވާތަކާއި މުރުއްބަތާކާއި ފަންޏާއި ސުުވާ އަދި ޕުޑިން އާއި ކޭކުތަކެވެ. އާއްމު އެއްޗެއްސާއި ތަދު އެއްޗެއްސާއި އެއެއްޗެއްގެ ހިޔާލު ކުރެވިފައިނުވާ ލުއި ކާނާތަކެވެ. އަތުފަތު ނުޖެހި ވިކި ހުސްވި ނާއިލާ އިބްރާހިމް ކަލޭފާނުގެ ކައްކާ ފޮތަކަށް އަލްމަރުހޫމް މުހައްމަދު ޖަމީލް ދީދީ ދެއްވި "ޒީނާރު" އެ ނަން ނިސްބަތްވާ ފޮނި ހެދިކާގެ ނަން މަޝްހޫރުވީ ވެސް މި ފޮތުންނެވެ.

ކެއްކުމަކީ ޖޯޝާއި ފޯރިން ފުރިގެންވާ ކަމެއް

އެކަމަކު އެއްވެސް މީހަކު މި ފޮތުން އެދުރުވާކަށް އަމީން ބޭނުންފުޅެއް ނުވި އެވެ. ކެއްކުމަކީ ވަރުގަދަ އިލްމަކަސް، އުނދަގޫ ސައިންސަކަށް ވެސް މީރުކޮށް ކެއްކުމުގެ ސިއްރަކީ "ފޮތް އެދުރުވުމެއް" ނޫން ކަމަށް އެމަނިކުފާނު ދެކެވަޑައިގަތެވެ.

"މީރަކީ ވަރަށް ވެސް ތަފާތު އެއްޗެކެވެ. އެހެންކަމުން، ކާއެއްޗެއްގެ ރަހައަކީ އެއްގޮތެއްގެ މައްޗަށް ހުއްޓިގެން ހުރެގެން ފުރިހަމަވެވޭނެ އެއްޗެއް ނޫނެވެ. އެކި މީހުންގެ މީރާއި، އެއްގޮތްވާ ގޮތުގެ މަތިން ތަފާތުވަމުން ދާން ޖެހޭނެ އެއްޗެކެވެ،" ލިޔުއްވާފައިވެ އެވެ.

އެހެންވެ އެ މީހެއްގެ ނުވަތަ އެ ބައެއްގެ ރަހައަކާ އެއްގޮތްވާ ގޮތެއްގެ މަތިން، ކައްކާއިރު އަޅާ ތަކެތީގެ މިންވަރު ތަފާތުކުރަން ޖެހެ އެވެ. އަމިއްލަ ދޫ ބުނާ ގޮތެއް އަހައިގެން އެކި އެއްޗެހި އަޅައި ބަދަލުކުރަންވީ އެވެ. އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެކަމަށް ހުއްޓުމެއް އަރުވަން ޖެހޭނީ އަމިއްލަ އަށް ހެޔޮވަރު މިންވަރުތަކެއް "އަތުލައްވައި ގެންނެވުނީމަ" އެވެ.

އަދި ކިތަންމެ ރަނގަޅު ފޮތަކުން ކިޔަވައި ދެމުންގެންދާއިރު ވެސް ދަރިވަރުންގެ ސަމާލުކަން ދަމައިގަތުމަކީ ކިޔަވައިދޭ މީހެއްގެ މައްޗަށް ހުއްޓިފައި އޮންނާނެ ކަމެއް ކަމަށާއި އެހެންވެ ފޮތުން ދަސްކޮށްދެއްވަމުން ގެންދަވައިރު ކުދިން ލައްވައި ކައްކަވަމުން ގެންދެވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ވިދާޅުވެ އެވެ.

"އާދޭހެވެ. އެއްޗަކީ ބަހެއް ނޫނެވެ. އެއްޗަކީ ކަމެވެ،" ނިންމަވާލެއްވީ އަގުހުރި ނަސޭހަތްކޮޅަކުންނެވެ.

6 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޮޗްޑޯގް

29 May 2018

އަ މޭން އަ ހެޑް އޮފް ހިސް ޓައިމް. ރާއްޖެ ދެކުނު އެންމެ ވަރުގަދަ އެއް ޝަހުސީއްޔަތު.

The name is already taken The name is available. Register?

ނަގުދު

29 May 2018

މި ފޮތް ލިބެން ހުރި ތަނެއް ކިޔުންތެރިއަކަށް އިނގޭ ކަމުގައިވާނަމަ އަންގާލަދެއްވުން އެދެމެވެ.

The name is already taken The name is available. Register?

ބުކްވޯރމް

29 May 2018

ނާސަރީ ބުކްޝޮޕް (މާފަންނު) ފޯން: 3007900

The name is already taken The name is available. Register?

އައިޝާ

29 May 2018

މި ލިޔުން ކިޔާފަ ކުޅުދިޔާވި ވަރުން ރޯދަ ނުގެއްލުނީ ހަމަ ކިރިޔާ.. ހިހިހހހ... މި ފޮތް ބޭނުންވެއްޖެ.. އަސްލު ދިވެހިގޮތސާ ކައްކަން ދަސްކުރަން..

The name is already taken The name is available. Register?

ވަގުތު

29 May 2018

އަހަރެމެންގެ ރައީސަށް އެގެނީހަމައެކަނި ޓެރަރިސްޓުގެވާހަކަފޮތެއްލިޔަން

The name is already taken The name is available. Register?

މަރޭ

29 May 2018

ވަ ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454