ޢަޞުރު · 15:10

ހުޅުމާލޭގައި މިފަހަރު ވެސް އީދު ފެން ކުޅި އޮންނާނެ

ހުޅުމާލޭގައި ކޮންމެ އަހަރަކު ވެސް އީދު ކުޅިވަރުތައް ބާއްވާ ލަޔާ ކެފޭ އިން މި އަހަރު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރާނެ ކަމަށް އެތަނުން ބުނެފި އެވެ.


ލަޔާ އިން އުރީދޫއާ ގުޅިގެން އީދަށް ރާވާފައިވާ ކުޅިވަރުތަކުގެ ތެރެއިން މިފަހަރު ވެސް އެންމެ ހާއްސަ ކަމަކީ ފެންކުޅި އެވެ. ލަޔާގެ އެކައުންޓެންޓް ޝައުޒަބް އާދަމް ވިދާޅުވީ މިފަހަރު ވެސް ފެންކުޅި ކުޅުން އޮންނާނީ ފައިގަ ތަޅާ ކުޅޭ ގޮތަށް ކަމަށެވެ.

އީދު ނަމާދަށް ފަހު ކުޅިވަރުތައް ފަށާ ގޮތަށް ހަވީރު ވަންދެން ހުޅުމާލޭގެ ރެޑްބުލް ޕާކް ސަރަހައްދުގައި ފެން ކުޅި ކުރިއަށް ގެންދާނެ އެވެ. ފެންކުޅި ކުޅުމަށް 16 ޓީމެއް ނަގާނެ އެވެ. ޗެމްޕިއަން ޓީމަށް 12،000ރ. ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 6،000ރ. ފައިސާގެ އިނާމެއް ދޭނެ އެވެ.

ފެން ކުޅީގެ އިތުރުން ވާދެމުން ވެސް މިފަހަރު އެބައޮތެވެ. ވާދެމުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ސެލްފީ ޗެލެންޖެއް ވެސް އޮންނާނެ އެވެ.

"އެ ޗެލެންޖުގައި މިކޮޅުން ދޭ ލިސްޓުގައި ހުރި ތަންތަނަށް ގޮސްފައި ސެލްފީ ނަގާފަ ހޭޝްޓެގް ޖަހާފަ ފޭސްބުކަށް އަޕްލޯޑް ކުރަން ޖެހޭނީ. އެންމެ ފުރަތަމަ ލިސްޓު ފުރިހަމަކުރާ ފަރާތަކަށް މޯލްޑިވިއަން އިން ވަނީ އިންޓަނޭޝަނަލް އެއް ޑެސްޓިނޭޝަނަށް ރިޓާން ޓިކެޓް ދޭން ނިންމާފަ،" ޝައުޒަބް ވިދާޅުވި އެވެ.

މި ކަންކަމުގެ އިތުރުން ވެސް މޫދު ކުޅިވަރުތަކާއި ޑީޖޭ އާއި އެހެން ބައެއް ހަރަކާތްތައް ވެސް ވަނީ ރާވާފަ އެވެ. މިއީ ލަޔާ އިން އިސްނަގައިގެން ފިތުރު އީދު ފާހަގަކުރާ ތިން ވަނަ އަހަރެވެ.