ކަނޑޫދޫ މިރުހަށް މި އުޅެނީ ކިހިނެއްވެގެން؟

ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު 1،200ރ. ނުވަތަ 1،300ރ. އަށް އެރި ވާހަކަ މީގެ ކުރިން އެހިން ހެއްޔެވެ؟ އެކަމަކު އިއްޔެ އާއި އޭގެ ކުރީ ދުވަހު ތ. ކަނޑޫދޫގައި ހައްދާ ކުޅި މިރުސް ކިލޯއެއްގެ އަގު ވަނީ އެ ވަރަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު، ނޫސްތަކާއި ސޯޝަލް މީޑިއާގެ ހުރިހާ ސަމާލުކަމެެއް އެ އަށް ހުއްޓުނެވެ. އެންމެންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.


ކަނޑޫދު އަކީ ފަހަކަށް އައިސް މިރުހުގެ ބާޒާރު އެންމެ ފުޅާ ރަށެވެ. އެ ރަށުގައި ހަމައެކަނި މިރުސް ހައްދައިގެން އެތައް ބަޔަކު ދިރިއުޅެމުން ދެ އެވެ. ފަހަކަށް އައިސް އެ ރަށުގައި ހައްދަމުން ދިޔަ ކުޅި ގިތެޔޮ މިރުސް ވެގެން ދިޔައީ މާލޭގެ ލޯކަލް މާރުކޭޓުގެ ހިތް އަތުލި މިރުހަށެވެ. އެއީ ބެލެވޭ ގޮތުގައި، ފަހުގެ ތާރީޚެއްގައި މާރުކޭޓަށް އައި އެންމެ ކުޅި، އެންމެ މީރު މިރުހެވެ. އެހެންވެ، އެ މިރުގެ ޑިމާންޑް އާދަޔާ ހިލާފަށް ބޮޑެވެ.

އެކަމަކު މިއީ ކަނޑޫދޫގެ ދަނޑުތަކަށް ހީނަރުކަން ލިބުނު ރޯދަ މަހެކެވެ. ފާއިތުވި ދެ ތިން މަހުގެ ތެރޭގައި މުޅި ރާއްޖެ އަށް ހޫނުގަދަވެ ކަނޑޫދޫގެ ދަނޑުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެހެންވެ ހައްދަން ބޭނުންވި ވަރަކަށް ވެސް، އަދި މާލެ ފޮނުވަން ބޭނުންވި ތާރީޚަކަށް ވެސް މިރުސް ލިބޭ ގޮތެއް ނުވި އެވެ.

ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒު ވިދާޅުވި ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން ފަހުގެ ތާރީޚުގައި ރަށުގެ ދަނޑުތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ މި އަހަރެވެ. އޭގެ ސަބަބުން ދަނޑުވެރިންނަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާއިރު ޑިމާންޑާ އެއްވަރަށް މިރުސް ނުލިބުން ވެގެން ދިޔައީ، މިރުހުގެ އަގުބޮޑުވާން ދިމާވި މައިގަނޑު ސަބަބަށެވެ.

މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް: މިރުހުގެ ރަސްކަން ކުރަމުންދިޔަ ކަނޑޫދޫގެ ދަނޑުތަކަށް މިފަހަރު ވަނީ ބޮޑު ގެއްލުމެއް ލިބިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ހަފުތާގެ ތެރޭގައި ކަނޑޫދޫން 100 ކިލޯގެ މިރުސް މާލެ އަށް ފޮނުވިއިރު، ރަނގަޅަށް މިރުސް ހެއްދޭ ފަހަރުތަކުގައި އެންމެ ދަނޑުވެރިއަކު ވެސް 100 ކިލޯގެ މިރުސް ފޮނުވަ އެވެ. އެހެންވެ، މިއީ އެ ރަށުގެ ދަނޑުވެރިންނަށް ލިބުނު ބޮޑު ގެއްލުމެއްކަން، ފުޅާ ދާއިިރާއެއްގައި މިރުހުގެ ވިޔަފާރިކުރައްވަމުން އަންނަ ނަވާޒު ވިދާޅުވި އެވެ.

"މިފަހަރު ނެތީ ހަމަ ޑިމާންޑާ އެއްވަރަށް މިރުސް ފޮނުވެން. މިދިޔަ ދެތިން މަސް މާ ބޮޑަށް ހޫނުގަދަވެގެން ގަސްތައް ހަލާކުވެފައި ހުރީ،" ތިން ދަނޑެއްގައި މިރުސް ހެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ނަވާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މާރުކޭޓުގައި ތިބޭ މީހުންނަށް ކަނޑޫދޫން މިރުސް ކިލޯއެއް ވިއްކަނީ 750ރ. އަށެވެ. ނަމަވެސް ލޯކަލް މާރުކޭޓުގައި މިރުސް ވިއްކަނީ ކިލޯއަކަށް 450ރ. ގެ ފައިދާއެއް ލައިފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު މިރުސް ކިލޯއެއް 600-700ރ. އާ ދެމެދުގެ އަގެއްގައި ކަނޑޫދޫން ވިއްކި އެވެ. އަދި އޭރު ހަފުތާއަކު ތިން ޓަނެއްހާ މިރުސް މާލެއަށް ފޮނުވިކަން ނަވާޒު ފާހަގަކުރެއްވި އެވެ. މިދިޔަ އަހަރު އެ ރަށުގެ ބައެއް ދަނޑުވެރިންނަށް ރޯދަ މަހު 50،000-60،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބުނު ކަމަށް ވިދާޅުވި އެވެ.

މާރުކޭޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރުސް ތިޔާގިވުމުގެ ސަބަބުން މިދިޔަ އަހަރުގެ ރޯދަ މަސް ނިމުނުފަހުން ކަނޑޫދޫން މިރުސް ކިލޯއެއް 25ރ. އަށް ވެސް ވިއްކި އެވެ. އެހެންވެ މިހާރު މިރުސް ލިބެން ހުރި އަގާމެދު އެ ރަށުގެ ބައެއް ދަނޑުވެރިން ވެސް ތިބީ އުފަލަކުން ނޫނެވެ.

"ގަބޫލެއް ނުކުރެވޭ އެހާ އަގުބޮޑުކޮށް މިރުސް ވިއްކަންޖެހޭނެ ކަމަކަށް. އެކަމަކު ނެތް އެހެން ގޮތެއް. މިފަހަރު ވަރަށް ދަށްކޮށް ވިޔަފާރި މި ދަނީ،" އެ ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ އިލްޔާސް މަހުމޫދު ބުންޏެވެ.

ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް

މިރުސް ހެއްދުމުގެ މަސައްކަތުގައި 13 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިލްޔާސް ބުނިގޮތުގައި މިއީ އެ މަސައްކަތުގައި އޭނާ އަށް އެންމެ ގެއްލުން ލިބުނު ފަހަރެވެ. ގެއްލުން ލިބެން ފެށުމުގެ ސަބަބުން ރޯދައަށް އިންދި ގަސްތަކުގެ ތެރެއިން 300 ގަސް އޭނާ ވަނީ ކަނޑާލައިފަ އެވެ.

އިލްޔާސް ބުނީ ގަހަށް ބޭނުންވާ ކާނާއި ބޭހުގެ އަގު ބޮޑުވެފައިވާއިރު، ދަނޑު ހެއްދުމަކީ ވަރަށް ބުރަ އަދި ޚަރަދު ވެސް ބޮޑު މަސައްކަތެއް ކަމަށެވެ. ކަނޑޫދޫގެ ގިނަ މީހުން އެ މަސައްކަތް ކުރަނީ ބޭރު މީހުން ގޮވައިގެން ކަމަށް ވާއިރު އެ މީހުންގެ މުސާރަ އާއި ގަހަށް ބޭނުންވާ ކާނާގެ އިތުރުން ބޭހަށް ދުވާލެއްގެ މައްޗަށް 1،000-2،000ރ. ޚަރަދުވާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

"ރޯދައަށް އިންދި ގަސްތަކުން މިރުސް ނުލިބޭތީ، އިތުރު ގޮތެއް ނެތިގެން 300 ގަސް ކަނޑާލައިފިން ރޯދަ ފެށެން 10 ދުވަހަށް އޮއްވައި. މިހާރު ދަނޑުން އެއްޗެއް ނުލިބޭތާ ދެތިން ހަތަރު މަސް ވެއްޖެ،" ތިން ދަނޑުގައި މިރުސް ހައްދާ އިލްޔާސް ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދަނޑުތަކަށް ބޭނުންވާ އެއްޗެހިން ޑިއުޓީ ކަނޑާލިއަސް ދަނޑުވެރިޔާ އަށް އެކަމުގެ ފައިދާއެއް ނުކުރޭ. ވިޔަފާރިވެރިޔާ ހަމަ އަގުބޮޑުކޮށް ވިއްކަނީ. އެހެންވެ ދަނޑުތަކުން މިރުސް ނުލިބޭއިރު، އިތުރު ގޮތެއް ނެތް އެ އަަގުގައި ވިއްކުން ނޫނީ."

އިލްޔާސް ބުނީ މާ ބޮޑަށް ހޫނުގަދަވުމުގެ ސަބަބުން ދަނޑުތަކުގައި އަޅާފައި ހުރި ދާތައް ވެސް ބަދަލުކުރި ކަމަށެވެ. އެކަމަކު އެއިން ވެސް މާބޮޑު އަސަރެއް ނުކުރި ކަމަށް ބުންޏެވެ.

ރޯދަ ނޫން މަސްތަކުގައި ރަނގަޅަށް މިރުސް ހެއްދޭ ނަމަ 15،000-20،000ރ. އާ ދެމެދުގެ އާމްދަނީއެއް އެ ރަށުގެ ދަނޑުވެރިންނަށް ލިބެ އެވެ. އެކަމަކު މިފަހަރު ބޮޑު އަގުގައި މިރުސް ވިއްކިއަސް ދަނޑުވެރިންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ހުރި މިރުުސްތަކެއް.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ކަނޑޫދޫގެ ގިނަ މީހުންނަކީ ދެ ތިން ދަނޑުގައި މިރުސް ހައްދައިގެން އާމްދަނީ ހޯދަމުން އަންނަ ބަޔަކަށް ވާއިރު އެތަނުން ކޮންމެ ވެސް އެއް ދަނޑެއް އެ މީހުން ރޯދައަށް ފައްކާކުރެ އެވެ. މިފަހަރު ބޮޑު ގެއްލުމެއް ލިބުނީ އެއިން އެއްވެސް ދަނޑަކުން ވެސް އެކަށީގެންވާ ވަރަށް މިރުސް ނުލިބުމުން ކަމަށް އިލްޔާސް ބުންޏެވެ.

އެގޮތުން ރޯދަ ފެށެން ގާތްގަނޑަކަށް ހަ މަސް ކުރިން އެ މީހުން ތައްޔާރުވާން ފަށާނެ އެވެ. ހަތަރު މަސް ކުރިން ޕޮޓުގައި އޮށް އިންދާނެ އެވެ. އެއް ރޯދަ އަށް ފަހު ކަނޑޫދޫގެ ދަނޑުވެރިން ފަށާނީ ކުރިއަށް އޮތް ރޯދަ މަހަށް ދަނޑުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ދަނޑުތަކަށް ދިރުން އަންނަން ފަށައިފި، ރޯދައިގެ ފަހުކޮޅު ލިބޭނެ

ގަސްތައް ރަނގަޅަށް ހެދި މިރުސް އަޅަން ފަށާފައިވާއިރު، އެ ދަނޑުތަކުން ރޯދައިގެ ފަހު ދިހެއްގެ ތެރޭގައި މިރުސް ބިނދެވޭވަރުވާނެ ކަމަށް އެ މީހުން ލަފާކުރެ އެވެ. އޭރުން މާރުކޭޓުގައި މިހާރު މިރުސް ލިބެން ހުރި އަގު ހެޔޮވާނެ ކަމަށް ދަނޑުވެރިން ބުންޏެވެ.

"ރޯދައިގެ ފަހުކޮޅަށް އެޅީމަ މިރުސް ތިޔާގިވާން ފަށާނެ ކަމަށް ބެލެވެނީ. މިހާރު ދަނޑުތަކުގައި އެބަހުރި މިރުސް އަޅަން ފަށައި ރަނގަޅަށް ރީތިކޮށް ގަސްތައް ހެދިފައި،" އިލްޔާސް ބުންޏެވެ.

އާބާދީގައި 670 މީހުން ހިމެނޭ ކަނޑޫދޫގެ އާބާދީގެ 90 ޕަސެންޓް މީހުންނަކީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ. އެ ރަށަށް މިހާރު މައިގަނޑު ގޮތެއްގައި ލިބޭ އާމްދަނީ އަކީ ވެސް މިރުހުގެ އާމްދަނީ އެވެ. އެކަމަކު މިއީ އެ ރަށުގެ ދަނޑުވެރިންނަށް އެހާ ބޮޑު ހިނިތުންވުމެއް ގެނައި ރޯދަ މަހެއް ނޫނެވެ. ދަނޑުވެރިން އުންމީދުކުރި ގޮތަކަށް ކަންތައްތަކެއް ނުދިޔަ އެވެ. އޭގެ ނަތީޖާ އަކީ މިރުހުގެ އަގު މިހާރު އަތްނުފޯރާ ފަށަށް ދިއުމެވެ.